[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޝައިޚް މުޙައްމަދު ޢަލީ އާދަމް އަލްއިތިޔޯޕީ – رحمه الله – 1

ފުރިހަމަ ނަން: މުޙައްމަދު ބިން ޢަލީ ބިން އާދަމް ބިން މުސާ އަލްއިތިޔޯޕީ

އުފަންވީ: ހިޖުރައިން 1366 ވަނަ އަހަރު، އިތިޔޯޕިޔާގައި

އަވަހާރަވީ: 21 ޞަފަރު 1442 – 08 އޮކްޓޯބަރ 2020 ވީ ބުރާސްފަތި ދުވަހު، މައްކާގައި

 

އުފަންވުމާއި ބޮޑުފުޅުވުން:

ޝައިޚު އުފަންވީ ހިޖުރައިން 1366 ވަނަ އަހަރު އިތިޔޯޕިޔާގައެވެ.

ޝައިޚު ބޮޑުފުޅުވެގެން އައީ ޝައިޚުގެ ބައްޕާފުޅު އަދި އުޞޫލުލް ފިޤްހަށާއި ޙަދީޘް ޢިލްމަށް އަރާހުންނެވި އައްޝައިޚު ޢަލީ އާދަމްގެ ފުރިހަމަ ބެއްލެވުމުގެ ދަށުންނެވެ. ބައްޕާފުޅު ރަނގަޅު ގޮތުގައި ޝައިޚު ތަރުބިއްޔަތު ކުރައްވާ، ޢިލްމަށް ލޯބި ޖެއްސެވިއެވެ. އެހެންކަމުން ކުޑައިރުއްސުރެ ޝައިޚުގެ ހިތުގައިވަނީ ޝަރުޢީ ޢިލްމު އުނގެނުމަށް ވަރަށް ބޮޑަށް ލޯބި އުފެދިފައެވެ. އަދި الله تعالى ގެ ވާގިފުޅާއެކު ޝައިޚު ހެޔޮގޮތުގައި ބޮޑު ކުރެވޭތޯ ޝައިޚުގެ ބައްޕާފުޅު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވިއެވެ.

 

ޢިލްމު ޙާޞިލުކުރެއްވުން:

ވަރަށް ހަގު ޢުމުރުގައި ޝައިޚުގެ ބައްޕާފުޅާއެކު ޤުރްއާން ހިތުދަސްކުރައްވަން ފެއްޓެވިއެވެ. އެއަށްފަހު އައްޝައިޚު الشيخ محمد قيّو رحمه الله ގެ އަރިހަށް ވަޑައިގެން، އެބޭފުޅާގެ އަރިހުގައި މުޅި ޤުރްއާން އެއްކޮށް ހިތުދަސްކުރެއްވިއެވެ. އެއަށްފަހު މަދްރަސާއަށް ވަޑައިގެން ޢިލްމީ ފޮތްތައް ކިޔަވާ ވިދާޅުވާން ފެއްޓެވިއެވެ. މަދްރަސާއަށް ވަޑައިގެން ތަޢުލީމު ޙާޞިލުކުރުމުގެ އިތުރުން ބައްޕާފުޅުގެ އަރިހުންނާއި ޝައިޚު އުޅުއްވި ހިސާބުގައި އުޅުއްވި ޝައިޚުންނާ އަދި އެނޫންވެސް އެހެން ޝައިޚުންގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ.

 

އުސްތާޛުން:

ޝައިޚުގެ އުސްތާޛުންގެ ތެރެއިން ފާހަގަކޮށްލެވޭ މަޝާއިޚުންގެ ތެރޭގައި:

1- ބައްޕާފުޅު علي آدم

2- الشيخ محمد قيّو بن وديّ رحمه اللّه

3- الشيخ محمد زين بن محمد الداني

4- الشيخ محمد بن رافع بصيري

5- الشيخ محمد سعيد ابن الشيخ علي الدريّ

6- الشيخ عبد الباسط بن محمد بن حسن الأثيوبي

7- الشيخ محمد ولي الدري

8- الشيخ حياة بن علي الأثيوبي

9- الشيخ إسماعيل بن عثان زين اليمني

10- الشيخ المسند محمد ياسين الفاداني

11- الشيخ محمد المنتصر الكتاني

12- الشيخ محمد بن عبداللّه الصومالي

13- الشيخ مولوي إعزاز الحق بن مولوي

14- الشيخ محمد ثاني بن حبيب الأثيوبي

15- الشيخ علي جمّي الأثيوبي

16- أحمد بن محمد الإيفاني

 

ޢިލްމު ފެތުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު:

ޝައިޚަކީ ޢިލްމުގެ މަތިވެރިކަން އެނގިވަޑައިގެން، ޢިލްމަށާއި ޢިލްމުވެރިންނަށް ލޯބިފުޅުކުރެއްވި ބޭކަލެކެވެ. ހީވާގިކަމާއެކު ހުއްޓުމެއް ނެތި މީސްތަކުންނަށް ފައިދާހުރި ލިޔުންތައް ލިޔުއްވިއެވެ. އަދި އެތަކެއް އަހަރުތަކެއް ވަންދެން ވަރުބަލިވުމެއް، ފޫހިވުމެއް ނެތި ޢިލްމު ހާޞިލުކުރެއްވުމުގައި އުޅުއްވިއެވެ. އެގޮތުން ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވި ހިސާބުން ފެށިގެން މީސްތަކުންނަށް ޢިލްމު ފޯރުކޮއްދެއްވުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތްކުރެއްވިއެވެ.

    ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގެން ޝައިޚު އެންމެ ފުރަތަމަ ގުޅިވަޑިގެންނެވީ ކިޔަވާކުއްޖެއްގެ ގޮތުގައި މައްކާގެ މަސްޖިދުލް ޙަރާމްގެ މަޢުހަދާއެވެ. އޭގެ އިތުރުން މައްކާގެ القشلة އަވަށުގައި ޚާއްޞަ ދަރުސްތަކެއް ދެއްވިއެވެ.

އެއަށްފަހު، ހިޖުރައިން 1408 ވަނަ އަހަރު ކިޔަވާވިދާޅުވުމަށްޓަކައި ދާރުލް ޙަދީޘުލް ޚައިރިއްޔާއަށް ވަޑައިގެންނެވިއެވެ. ޝައިޚުގެ ކިބައިގައިވާ ޢިލްމީ ޤާބިލުކަމާއި މަޢުލޫމާތުގެ ގިނަކަމުން ޝައިޚުއާއި އިންޓަވިޔުކުރި ޓީމުން ޙައިރާންވިއެވެ. އަދި ކިޔަވާ ކުއްޖެއްގެ އިތުރުން އެތަނުގައި ކިޔަވައިދެއްވާ ޓީޗަރެއްކަމުގައި ޝައިޚު ޢައްޔަން ކުރެއްވިއެވެ.

މައްކާގެ އަޖްޔާދުގެ ދާރުލް ޙަދީޘްގެ މިސްކިތުގައި ތަޢުލީމު ހާޞިލުކުރުމުގެ އިތުރުން ކުތުބުއްސިއްތާއާއި ޙަދީޘް ޢިލްމުގެ ފޮތްތައް ކިޔަވާއިދެއްވިއެވެ. އެތަނުގައި 15 އަހަރު ވަންދެން ކިޔަވަން މަޑުކުރެއްވުމަށް ފަހު 3 އަހަރު ދުވަހުގެ މުއްދަތަށް ކިޔަވާއިދެއްވުން މެދުކަނޑާލެއްވިއެވެ. އަދި އޭގެ ފަހުގައި މައްކާގެ المكتب التعاوني للدعوة والإرشاد وتوعية الجاليات ގެ ފަރާތުން އަލްއަބްރާރު މިސްކިތުގައި ކިޔަވައިދެއްވިއެވެ. އަދި މަސްޖިދުލް ޙަރާމުގައި ކިޔަވައިދިނުމުގެ ފުރުޞަތު ލިބުމާއި ހަމައަށް 7 އަހަރު ވަންދެން ޝައިޚު އުޅުއްވީ އެމިސްކިތުގައި ކިޔަވައިދެއްވުމުގައެވެ.

މަސްޖިދުލް ޙަރާމުގައި ޝައިޚު ކިޔަވައިދެއްވަން ފެއްޓެވީ ހިޖުރައިން 1434 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުއެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ ވިލޭރޭން ފެށިގެން ހުކުރު ވިލޭރެއާއި ހަމައަށް ޝައިޚު ކިޔަވައިދެއްވިއެވެ. ޝައިޚުގެ ޢިލްމީ ޤާބިލުކަމުންނާއި ތަޤްރީރުކުރައްވާލެއް ރީތިކަމުންނާއި މައްސަލަތައް ކިޔައިދެއްވާލެއް ފަސޭހަކަމުން އެތަކެއް ބަޔަކު އެދަރުސްތަކުން ފައިދާ ޙާޞިލުކުރިއެވެ.

 

ރިވެތި އަޚްލާޤާއި ހެޔޮކަންކަމަށް ބެހެއްޓެވި އަހަންމިއްޔަތު:

ޝައިޚާ ބައްދަލުވި ނުވަތަ ޝައިޚު ދަންނަ ކޮންމެ މީހަކަށްވެސް ޝައިޚުގެ ކިބައިގައިވާ ރިވެތި އަޚްލާޤު ފާހަގަކުރެވޭނެއެވެ. ޝައިޚު ކިޔަވައިދެއްވި އެއްވެސް ދަރިވަރެއްގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅުއްވައެވެ. އަދި ޝައިޚު ދެކިލައްވަނީ އެއީ ޝައިޚުގެ އަޚުންކަމުގައެވެ. އަދި އެކުދިންނާއެކުގައި އުޅުއްވާ، އެކުދިންނަށް ހިތްވަރު ދެއްވިއެވެ.

އަދި އޭގެ ތެރެއިން ކުއްޖަކު ބަލިވެއްޖެނަމަ އެކުއްޖަކަށް ޒިޔާރާތްކުރައްވައެވެ. އަދި އެކުދިން ކިޔަވާ ނިމިގެން ދިޔުމަށްފަހުވެސް އެކުދިންނާ ބެހޭގޮތުން ސުވާލުކުރައްވާ އުޅުއްވިއެވެ. ޝައިޚު ކިޔަވައިދެއްވާ އެއްވެސް ދަރިވަރަކާ ދޭތެރޭ ހަރުކަށި ގޮތެއް ނުބަހައްޓަވާކަމުގައި ޝައިޚާއެކު ކިޔަވަދިނުމުގައި އުޅުއްވި ބޭފުޅަކުވެސް ވިދާޅުވިއެވެ.

ޝައިޚު ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާ، ކިޔަވައިދެއްވަން ވަޑައިގަންނަވާ އިރުގައްޔާއި އެނބުރި ގެއަށް ވަޑައިގަންނަވާ ވަގުތު ހިތުދަސްކުރައްވާފައިވާ އެއްޗެހި މުރާޖަޢާ ކުރައްވައެވެ. އަދި ލިޔުންތައް ކިޔުއްވުމަށާއި ލިޔުންތެރިކަމަށް ޝައިޚު ލޯބިކުރެއްވިއެވެ. ކަންކަމުގައި ޝައިޚުގެ ދަރިވަރިންގެ މަޝްވަރާއާއި ޚިޔާލު ހޯއްދަވައެވެ. ޝައިޚުގެ ދަރިވަރަކު ބުނިގޮތުގައި ޝައިޚާ އެންމެ ފަހުން ބައްދަލުވި ފަހަރުގައި ޝައިޚުގެ ޞިއްޙީ ޙާލު ހުރިގޮތުން ޖާމިޢުއްތިރްމިޛީގެ ޝަރަޙަ ނުނިންމޭނޭކަމަށް ވިދާޅުވެ ކީރިތި ކުރެއްވިއެވެ.

 

=ނުނިމޭ=