[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުފަންވާ ކުއްޖާގެ ޙުކުމްތަކާ ގުޅޭ 43 ފައިދާ – 7

(13) ޢަޤީޤާގެ ޝަރުޠުތަކަކީ އުޟްޙިޔާގެވެސް ޝަރުޠުތަކެވެ. އެއީ ބަހީމާއެއް (ގެރި ނުވަތަ ބަކަރި ނުވަތަ ޖަމަލު) ކަމުގައިވުމާ އަދި ޝަރުޢީ ގޮތުން އިޢުތިބާރު ކުރެވޭ ޢުމުރެއްގެ އެއްޗެއް ކަމުގައިވުމާ އަދި ކަތިލާ އެއްޗަކީ އެކަތިލުން މަނާކުރާ ހުރިހާ ޢައިބުތަކުން ސަލާމަތްވެފައިވާ އެއްޗެއްކަމުގައިވުމެވެ.

ޖަމަލެއްނަމަ ޝަރުޢީގޮތުން އިޢުތިބާރު ކުރެވޭ ޢުމުރަކީ ފަސްއަހަރު ފުރިހަމަވެފައި ހަވަނަ އަހަރަށްދާ އެއްޗެކެވެ. ގެރިއެއްނަމަ ދެއަހަރު ފުރިހަމަވެފައި ތިންވަނަ އަހަރަށްދާ އެއްޗެކެވެ. ބަކަރިއެއްނަމަ އަހަރެއް ފުރިހަމަވެފައި ދެއަހަރަށްދާ އެއްޗެކެވެ. ކަންބަޅި ބަކަރިއެއްނަމަ ހަމަސްވެފައި ހަތްވަނަމަހަށްދާ އެއްޗެކެވެ.

ޢަވަރުވެގެންގޮސް އޭގެ ޢަވަރުކަން ފާޅުވެ ކަނުވެފައިވާ، ކޮރުވެގެންގޮސް އޭގެ ކޮރުކަން ފާޅުވެފައިވާ، ބަލިވެގެންގޮސް އޭގެ ބަލިކަން ފާޅުވެފައިވާ، އަނަރޫފަވެގެންގޮސް އޭގެ މަސްތައް ވަކިވެގެންގޮސްފައިވާ، އަތްފައި ބުރިވެފައިވާ އަދި މިފަދަ އެހެން ޢައިބެއް ހިމެނޭ އެއްޗެއް ކަތިލުން ހުއްދަވެގެން ނުވެއެވެ.

 

(14) އެންމެ ރަނގަޅު ގޮތަކީ ޢަޤީޤާގެ ގޮތުގައި ކަތިލެވޭ އެއްޗަކީ ބަކަރިއެއްކަމުގައިވުމެވެ. ގެރި އަދި ޖަމަލުކަމުގައި ނުވުމެވެ. އެއީ ރަސޫލާ صلى الله عليه وسلم ކަންތައްކުރެއްވީ އެފަދައިން ކަމަށްވާތީއެވެ.

އަދި ކިއެއް ހެއްޔެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި ޢަޤީޤާގެ ގޮތުގައި ބަކަރި ނޫން އެއްޗެއް ކަތިލުމަކީ ޝަރުޢުވެގެންވާ ގޮތެއް ނޫނެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ ބަކަރިއާއި ގެރި އަދި ޖަމަލުންވެސް ޢަޤީޤާކަތިލުން ހުއްދަވެގެންވާކަމުގައެވެ.

 

(15) ޢަޤީޤާގެ ގޮތުގައި ކަތިލަން އެންމެ ރަނގަޅު އެއްޗަކީ އެއީ އުޟްހިޔާގެ ގޮތުގައިވެސް ކަތިލެވޭ އެންމެ ރަނގަޅު އެއްޗެވެ.

އެއީ ރޫފަ ހެޔޮ، މަސްގިނަ، އުފެދުމުގައި ފުރިހަމަ، ބަލާލަން ކަމުދާ އަދި އެއެއްޗެއް ބަލަހައްޓާމީހާގެ ކައިރި އަގުހުންނަ އެއްޗެކެވެ.

 

(16) (އެއްޗެއް ކަތި ނުލާ) އެ ކަތިލެވޭ އެތީގެ މިންވަރަށް ޞަދަޤާތްކުރުމަށްވުރެ ހެޔޮކަން ބޮޑުވެގެންވަނީ ޢަޤީޤާގެ ގޮތުގައި އެއްޗެއް ކަތިލުމެވެ. އެއީ އެއްޗެއް ކަތިލުމުގެ އަގަށްވުރެ ޞަދަޤާތުގެ މިންވަރު އިތުރުކުރިކަމުގައި ވިޔަސްމެއެވެ.

އެހެނީ ﷲ އަށްޓަކައި ނަޢަމްސޫފިކަތިލައި ލޭއޮހޮރުވާލުމަކީ ޢަޤީޤާގެ މަޤްސަދެވެ. ﷲ ތަޢާލާ ވަޙީކުރައްވެއެވެ.

(قُلۡ إِنَّ صَلَاتِی وَنُسُكِی وَمَحۡیَایَ وَمَمَاتِی لِلَّهِ رَبِّ ٱلۡعَـٰلَمِینَ) (ސޫރަތުލް އަންޢާމު 160)

މާނަ: “ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ ކަތިލެއްވުމާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ.”

 

(17) ސުންނަތްވެގެންވާ ގޮތަކީ ކުއްޖާ އުފަންވި ދުވަހުން ފެށިގެން ހަތްވަނަދުވަހު ޢަޤީޤާކަތިލުމެވެ.

((كُلُّ غُلامٍ مُرْتَهِنٌ بِعَقِيْقَتِهِ تُذْبَحُ عَنْهُ يَوْمَ السّاَبِعِ ويُحْلَقُ رَأْسُه وَ يُسَمَّى)) [1]

މާނަ: “އުފަންވާ ކޮންމެކުއްޖެއްވަނީ އެކުއްޖާގެ ޢަޤީޤާއާއިއެކު ރަޙުނުކުރެވިފައެވެ. އެކުއްޖާގެ މަތިން 7ވަނަދުވަހު ކަތިލެވެއެވެ. އަދި އެކުއްޖާގެ ބޯބޭލެވެއެވެ. އަދި އެކުއްޖާއަށް ނަމެއްކިޔެއެވެ.”

“ޢަޤީޤާއާއެކު ރަޙުނުކުރެވިފައެވެ.” މިބަހުގެ މުރާދަކީ: ޢަޤީޤާއަކީ ފިދާއެކެވެ. އަދި ޝައިޠާނާގެ ކަސްތޮޅުން އެކުއްޖެއް މިނިވަންކޮއްލުމެކެވެ.


މިލިޔުމުގެ އެހެންބައިތައް

 

[1]  رواه أبو داود (2838) ,  والترمذي (1522) ,  والنسائي (4220) , وابن ماجة (3165) , وصححه الألباني.