(22) އެއްވެސް ޙާލެއްގައި އެކަކުގެ ޢަޤީޤާއެއްގައި އެހެންބަޔެއް ބައިވެރިވުމެއް ހުއްދަވެގެން ނުވެއެވެ. ކޮންމެ ކުއްޖަކަށް ބަކަރިއެއް (ކަތިލުން) މެނުވީ ހުއްދަވެގެން ނުވެއެވެ.
މީހެއްގެ ދެ ދަރިން ތިބެ (ޢަޤީޤާގޮތުގައި) ގެރިއެއް ނުވަތަ ޖަމަލެއް ކަތިލާން ބޭނުންވާ މީހާއަށް އޭނާ ކަތިލާ އަޤީޤާއިން ހުއްދަވެގެންވަނީ އޭގެ ތެރެއިން އެއްދަރީގެ މަތިންނެވެ. މިއީ ޢަޤީޤާ، ހަދްޔާއި[1] އުޟްހިޔާއާއި[2] ތަފާތުވާ ކަމެކެވެ. (އެހެނީ ހަދްޔާއި އުޟްހިޔާގައި ގެރިއާއި ޖަމަލުކަތިލުމުގައި އެކަކަށްވުރެ ގިނަ މީހުންނަށް ބައިވެރިވެވޭނެއެވެ.)
މިކަމުގެ ޢިއްލަތަކީ އިމާމު އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވާ ފަދައިން “ޢަޤީޤާގެގޮތުގައި ކަތިލާއެއްޗަކީ ކުއްޖާގެ މަތިން ފިދާއެއްގެ ގޮތުގައި ކަތިލެވޭ އެއްޗަކަށް ވީހިނދު ޝަރުޢުވެގެންވަނީ މުޅިއެތި (އެކަކުގެ މަތިން) ކަތިލުމެވެ. އެއީ ނަފްސެއްގެ ބަދަލުގައި ފިދާއެއްގެ ގޮތުގައި ނަފްސެއް ވުމަށްޓަކައެވެ. ކަތިލާ އެތީގައި ބައިވެރިވުން ހުއްދަނަމަ ކުއްޖާގެ މަތިން ކަތިލިކަތިލުމުގެ މަޤްސަދު ޙާޞިލު ނުވީހެވެ. އެހެނީ ލޭ އޮހޮރުވާލުން (ކަތިލުން)ވަނީ އެކަކުގެ މަތިންނެވެ. ދެން ތިބި ކުދިންނަށް ޙާޞިލުވާނީ އެއިގެން ނެރޭ މަހުގެ (ސަދަޤާތް) އެކަންޏެވެ. ނަމަވެސް ކަތިލުން ޙާޞިލުވާނީ އެކެއްގެ މަތިން ކަތިލުމުންނެވެ.” [3]
(23) އެއްމާބަނޑު ދެ ކުދިން އުފަންވެއްޖެނަމަ އެއް ޢަޤީޤާއިން ދެ ކުދިންނަށް ނުފުދޭނެއެވެ. ކޮންމެ ކުއްޖަކަށްވެސް ވަކިން ޢަޤީޤާ ކަތިލަން ޖެހޭނެކަމާމެދު އެއްވެސް ޚިލާފެއް ނުވެއެވެ.
(24) އުޟްޙިޔާއާއި ޢަޤީޤާ އެއްކަތިލުމެއްގެ ގޮތުގައި ޖަމާކުރުން ހުއްދަވެގެން ނުވެއެވެ. ޢަޤީޤާގެ ގޮތުގައި އުޟްޙިޔާއެއް ހުއްދަވެގެން ނުވެއެވެ. އެއީ ކޮންމެ އަޅުކަމަކަށް (އުޟްޙިޔާ އަދި ޢަޤީޤާ) އޭގެ ޒާތުގައި ވަކި މަޤްސަދެއްވެއެވެ. އަދި ކޮންމެ އަޅުކަމެއްގައިވާ ސަބަބުތައް ތަފާތުވެގެންވެއެވެ. އެއްވެސް އަޅުކަމެއް އަނެއް އަޅުކަމުގެ މަޤާމަކަށް ނާދެވޭނެއެވެ. މިއީ ޝާފިޢީންނާއި މާލިކީންގެ ބަސްފުޅެވެ.
(25) އުޟްޙިޔާގެ ގޮތުގައި އެއްޗެއް ކަތިލުމަށް ފަހު ސުންނަތްވެގެންވާ ކަންތައްތައް އެއީ ޢަޤީޤާގެ ގޮތުގައި އެއްޗެއް ކަތިލުމަށްފަހުވެސް ސުންނަތްވެގެންވާ ކަންތައްތަކެވެ. އެއީ އޭގެން ބައެއް ކެއުމާއި، ބައެއް ފަޤީރުންނާއި ޙާޖަތްޖެހިފައިވާ މީހުންނަށް ދިނުމާ އަދި އަވަށްޓެރިންނާއި ގާތްތިމާގެ މީހުންނާ އަދި އެކުވެރިންނަށް ދިނުމެވެ.
(26) ޢަޤީޤާގެ ގޮތުގައި ކަތިލެވޭ އެއްޗެއް (ބަޔަކަށް ދޭނަމަ) އެންމެ ރަނގަޅު ގޮތަކީ ރޯކޮށް އޮއްވާ ދިނުމަށްވުރެ ކައްކާފައި ދިނުމެވެ. މިއީ (ދެވޭ މީހާއަށް) ލުއިފަސޭހަ ކޮށްދިނުމެކެވެ. އަދި މިކަމުގައި އިތުރަށް އިޙްސާންތެރިވުމާއި ﷲ ދެއްވި ނިޢުމަތަށް ޝުކުރުވެރިވުން އެކުލެވިގެންވެއެވެ.
(27) ޢަޤީޤާގެ ގޮތުގައި ކަތިލެވޭ އެތި ފަޤީރުންނަށާއި، އަވަށްޓެރިންނަށާއި، ގާތްތިމާގެ މީހުންނަށާ އަދި އެކުވެރީންނަށް ފޮނުވުމާއި ނުވަތަ އެމީހުންނަށް ދައުވަތެއްދީގެން ގެޔަށް ކާންގެނައުންވެސް ހުއްދަވެގެންވެއެވެ. މިކަމުގައި އެމީހަކަށް ފަސޭހަގޮތަކަށް ޢަމަލުކުރެވިދާނެއެވެ.
(28) އެމީހެއް ކަތިލާ އެއްޗަކުން ކެއުމަށް ދައުވަތުދޭންޖެހޭ މެހެމާނުން ގިނަމީހާ، ފިރިހެން ކުއްޖަކަށް ދެބަކަރިއަށް ވުރެ ގިނައިން ކަތިލުމާ އަދި އަންހެން ކުއްޖަކަށް އެއްބަކަރިއަށް ވުރެ ގިނައިން ކަތިލުމަކުން އެއްވެސް މައްސަލައެއް ނެތެވެ. މިގޮތަށް އިބްނުބާޒު ރަޙިމަހުﷲ ފަތުވާ ދެއްވައެވެ.
[1] ހަދްޔަކީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި މިނާގައި ނުވަތަ މައްކާގައި ތަމައްތުއުކޮށް ނުވަތަ ޤިރާނަކޮށް ހައްޖުވާމީހުން ކަތިލާކަތިލުމަށް ކިޔާނަމެކެވެ. (މުތަރުޖިމް)
[2] އުޟްހިޔާއަކީ ﷲއަށް ކުއްތަންވުމަށްޓަކައި އަޟްޙާ ޢީދުދުވަހާއި އައްޔާމުއްތަޝްރީޢުގެ ތެރޭގައި ކަތިލާ ކަތިލުމަށްކިޔާ ނަމެކެވެ.(މުތަރްޖިމް)
[3] تحفة المودود بأحكام المولود (ص 117)