[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބަރުޒަޚުގެ ޙަޔާތް – 4

قَالَ: وَإِنَّ الْعَبْدَ الْكَافِرَ (وفِي رِوَايَةٍ : الفَاجِر) إِذَا كَانَ فِي انْقِطَاعٍ مِنَ الدُّنْيَا، وَإِقْبَالٍ مِنَ الْآخِرَةِ، نَزَلَ إِلَيْهِ مِنَ السَّمَاءِ مَلَائِكَةٌ [غلاظٌ شِدادٌ]، سُودُ الْوُجُوهِ، مَعَهُمُ الْمُسُوحُ [مِنَ النَّار]، فَيَجْلِسُونَ مِنْهُ مَدَّ الْبَصَرِ، ثُمَّ يَجِيءُ مَلَكُ الْمَوْتِ، حَتَّى يَجْلِسَ عِنْدَ رَأْسِهِ، فَيَقُولُ: أَيَّتُهَا النَّفْسُ الْخَبِيثَةُ، اخْرُجِي إِلَى سَخَطٍ مِنَ اللَّهِ وَغَضَبٍ

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ކާފިރުއަޅާ (އެހެން ރިވާޔަތެއްގައި ވަނީ ފާޖިރު އަޅާ) ދުނިޔޭގެ ޙަޔާތުން ވަކިވެ، އުޚުރަވީ ޙަޔާތާ އޭނާ ކުރިމަތިލާ ހިނދުގައި، އޭނާގެ ގާތަށް، އުޑުން މަލާއިކަތުން ފައިބާވަޑައިގަންނަވާނެއެވެ. ހަރުކަށި ގަދަފަދަ މަލާއިކަތުން ތަކެކެވެ. އެ މަލާއިކަތުންގެ މޫނުފުޅު ކަޅުވެގެންވެއެވެ. އެބޭކަލުންގެ އަތްޕުޅުގައި ކެހެރިންވާ ނަރަކައިގެ ލިބާހެއް ވާނެއެވެ. އޭނާގެ ލޮލުކޮޅަށް ފެންނަ ހިސާބަށް އެބޭކަލުން އިށީނދެވަޑައިގެން ތިއްބަވާނެއެވެ. ދެން މަލަކުލްމައުތު ވަޑައިގެން، އެ މީހާގެ ބޮލުގެ ކައިރީގައި އިށީނދެވަޑައިގަންނަވާނެއެވެ. ފަހެ ވިދާޅުވާނެއެވެ. އޭ ނުބައިވެގެންވާ ނަފްސެވެ! ﷲގެ ކޯފާއާއި އެއިލާހުގެ ޢަޛާބު ލިބިގަތުމަށްޓަކައި ނުކުންނާށެވެ.

 

قَالَ: فَتُفَرَّقُ فِي جَسَدِهِ، فَيَنْتَزِعُهَا كَمَا يُنْتَزَعُ السَّفُّودُ [الكثير ُ الشُعب] مِنَ الصُّوفِ الْمَبْلُولِ، [فتُقطَّعُ معها العروقُ والعصبُ]، [فيلعنهُ كلُّ ملكٍ بين السماءِ والأرضِ ، وكُلُّ مَلَكٍ في السماء. وتُغلقُ أبوابُ السماء، ليس من أهلِ بابٍ إلاّ وهمُ يدعون الله ألاّ تَعرجَ روحُه مِنْ قِبَلهم]، فَيَأْخُذُهَا، فَإِذَا أَخَذَهَا لَمْ يَدَعُوهَا فِي يَدِهِ طَرْفَةَ عَيْنٍ حَتَّى يَجْعَلُوهَا فِي تِلْكَ الْمُسُوحِ، وَيَخْرُجُ مِنْهَا كَأَنْتَنِ رِيحِ جِيفَةٍ وُجِدَتْ عَلَى وَجْهِ الْأَرْضِ

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ފަހެ، އެ ފުރާނަ ހަށިގަނޑުން ނުނިކުންނަންވެގެން ކޮޅުކޮޅަށް ދުއްވައިގަންނާނެއެވެ. ތެތްކުރެވިފައިވާ ކެހެރިގަނޑަކުން ތޫނު ދަގަނޑުގަނޑެއް ދަމާ ނެރޭހެން، ހަށިގަނޑުގެ ނާރުތަކުން ފުރާނަ ވީދާލައިގެން، (މަލަކުލްމައުތު) އެ ފުރާނަ ނެރުއްވާނެއެވެ. އުޑާއި ބިމާ ދެމެދުގައިވާ އެންމެހާ މަލާއިކަތުން އޭނާއަށް ލަޢުނަތް ލެއްވުން އެދި ދަންނަވާނެއެވެ. އަދި އުޑުގައިވާ ކޮންމެ މަލާއިކަތަކުވެސްމެއެވެ. އަދި އުޑުގެ ދޮރުތައް (އޭނާއަށް) ބަންދުކުރެވޭނެއެވެ. އެބޭކަލުންގެ އަރިހުން އެ ފުރާނަ މައްޗަށް ނޭރުއްވުމަށް އެދި، ﷲ ތަޢާލާގެ ޙަޟްރަތުން ދުޢާ ނުދަންނަވާ، އެއްވެސް ދޮރުކޮޅެއްގެ މަލާއިކަތެއް ނުވާނެއެވެ. ފަހެ، (މަލަކުލްމައުތު) ފުރާނަ ހިއްޕަވާނެއެވެ. ފަހެ، ފުރާނަ ހިއްޕެވުމަށް ފަހު، އެސްފިޔަޖަހާލާހާ ހިނދުކޮޅަކަށްވެސް، އެކަލޭގެފާނުގެ އަތްޕުޅުގައި އެ ފުރާނަ ނުބާއްވަވާ، (ނަރަކައިން ގެންނެވި) ކެހެރިންވާ ލިބާހުގެ ތެރެއަށް އެ ފުރާނަ ލައްވާނެއެވެ. އަދި ދުނިޔޭގެ ބިމުގައިވާ އެންމެ ނުބައި ވަސް އެ ފުރާނައިން ނުކުންނަ ހުއްޓެވެ.

 

فَيَصْعَدُونَ بِهَا، فَلَا يَمُرُّونَ بِهَا عَلَى مَلَأٍ مِنَ الْمَلَائِكَةِ، إِلَّا قَالُوا: مَا هَذَا الرُّوحُ الْخَبِيثُ؟ فَيَقُولُونَ: فُلَانُ بْنُ فُلَانٍ – بِأَقْبَحِ أَسْمَائِهِ الَّتِي كَانَ يُسَمَّى بِهَا فِي الدُّنْيَا، حَتَّى يُنْتَهَى بِهِ إِلَى السَّمَاءِ الدُّنْيَا، فَيُسْتَفْتَحُ لَهُ، فَلَا يُفْتَحُ لَهُ، ثُمَّ قَرَأَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ﴿لَا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ وَلَا يَدْخُلُونَ الْجَنَّةَ حَتَّىٰ يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ﴾ [1] فَيَقُولُ اللَّهُ عَزَّ وَجَلَّ: اكْتُبُوا كِتَابَهُ فِي سِجِّينٍ، فِي الْأَرْضِ السُّفْلَى،  [ثم يُقال: أعيدُوا عَبْدِي إلى الأرضِ فأنّي وعدتُهم أنّي منها خلقتُهم ، وفيها أعيدُهم ، ومنها أُخرجهم تارةً أخرى]، فَتُطْرَحُ رُوحُهُ [مِنَ السَّمَاءِ] طَرْحًا [حتى تقعَ في جسدِه] ثُمَّ قَرَأَ: ﴿وَمَن يُشْرِكْ بِاللَّـهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ﴾ [2] فَتُعَادُ رُوحُهُ فِي جَسَدِهِ

ފަހެ އެބޭކަލުން އޭނާގެ ފުރާނަ ހިއްޕަވައިގެން އުޑަށް އަރުއްވާވަޑައިގަންނަވާއިރު (މިފަދައިން) ވިދާޅުނުވާ އެއްވެސް މަލާއިކަތުންގެ ޖަމާޢަތެއްގެ ކައިރިން، އެބޭކަލުން ހުރަސް ނުކުރައްވާނެއެވެ. މިއީ ކޮންފަދަ ނުބައި ފުރާނައެއް ހެއްޔެވެ؟ އެބޭކަލުން ދަންނަވާނެއެވެ. (މިއީ) އެވެނި މިވެނި މީހެއްގެ ދަރިއެކެވެ. ދުނިޔޭގައި އޭނާއަށް ގޮވައިއުޅުނު އެންމެ ނުބައި ނަމަކުން، މަލާއިކަތުން އެ މީހަކަށް މުޚާތަބު ކުރައްވާނެއެވެ. (މައްޗަށް އަރުއްވަމުން ގޮސް) ދުނިޔޭގެ އުޑާ ހަމައަށް ފޯރުމުން، އޭނާއަށް އުޑުގެ ދޮރުކޮޅު ހުޅުއްވައިދެއްވުމަށް އެބޭކަލުން އެދޭނެއެވެ. ފަހެ، އޭނާއަށްޓަކައި (އުޑުގެ ދޮރުކޮޅުތައް) ނުހުޅުވޭނެއެވެ.

ދެން އެއަށްފަހު ރަސޫލާ صلى الله عليه وسلم (މިއާޔަތް) ކިޔަވާ ވިދާޅުވިއެވެ.

﴿لَا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ وَلَا يَدْخُلُونَ الْجَنَّةَ حَتَّىٰ يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ﴾  [سورة الأعراف 40]

މާނަ: “އެއުރެންނަށްޓަކައި އުޑުގެ ދޮރުކޮޅުތައް ހުޅުވިގެން ނުދާ ހުށްޓެވެ. އަދި ތިނޯހުގެ ފަގަޔަށް ޖަމަލު ވަދެއްޖައުމަށް ދާންދެން އެއުރެން ސުވަރުގެއަށް ނުވަންނަ ހުށްޓެވެ.”

ފަހެ ﷲ عَزَّ وَجَلَّ ވަޙީކުރައްވާނެއެވެ. އޭނާގެ (ޢަމަލުތަކުގެ) ފޮތް، އެންމެ އަޑީގައިވާ ބިމުގައި، ސިއްޖީންގައި (އެބަހީ: ނަރަކަވަންތަވެރިންގެ ޢަމަލުތައް ލިޔުއްވޭ ތަނުގައި) ލިޔުއްވާށެވެ. ދެން އެއަށްފަހު ވަޙީކުރައްވާނެއެވެ. ތިމަންއިލާހުގެ އަޅާ ބިމަށް ރައްދުކުރައްވާށެވެ. ހަމަކަށަވަރުން (އެއީ) އެބައިމީހުންނަށް ތިމަންއިލާހު ކުރައްވާފައިވާ ވަޢުދުފުޅެކެވެ. އެބައިމީހުން ހެއްދެވީ އެ ބިމުންނެވެ. އަދި އެބައިމީހުން އަނބުރާ އިޢާދަކުރައްވާހުށީވެސް އެ ބިމަށެވެ. އަދި ދެވަނަ ފަހަރަށް އެބައިމީހުން ނެރުއްވާހުށީވެސް އެ ބިމުންނެވެ. ދެންފަހެ އުޑުން އެ ފުރާނަ އެއްލައިލެވޭނެއެވެ. އޭނާގެ ހަށިގަނޑަށް އު ފުރާނަ ލެއްވުމަށެވެ. އެއަށްފަހު (ނަބިއްޔާ صلى الله عليه وسلم މިއާޔަތް) ކިޔަވާ ވިދާޅުވިއެވެ.

﴿وَمَن يُشْرِكْ بِاللَّـهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ﴾ [سورة الحج 31 ]

މާނައީ: “އަދި ﷲ އަށް ޝަރީކުކުރާ މީހާ ދަންނާށެވެ! ފަހެ އެ މީހާ އުޑުން ވެއްޓި، ދޫނިތައް އެ މީހާ ޖަހައިގަނެގެން ގެންދާ ނުވަތަ ވައިގެ ބާރުން ދުރުތަނަކަށް ވެއްޓިގެންދާ މީހެއްފަދައެވެ.”

ފަހެ އޭނާގެ ފުރާނަ ގެނެސް ހަށިގަނޑަށް އަލުން އަނބުރާ އިޢާދަކުރެވޭނެއެވެ.

= ނުނިމޭ =


މިލިޔުމުގެ އެހެންބައިތައް

 

[1]  سورة الأعراف 40

[2]  سورة الحج 31