[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝުކުރުވެރިވާ މީހުން ކޮބާ؟ – 3 –

ޝުކުރުވެރިންނަށް ނަބިއްޔާ صلى الله عليه وسلم ގެ ޘަނާ:

 

ހެނދުނާއި ހަވީރު ނަބިއްޔާ صلى الله عليه وسلم މި ޛިކުރުކުރައްވައެވެ.

((اللَّهُمَّ مَا أَصْبَحَ بِي مِنْ نِعْمَةٍ، أَوْ بِأَحَدٍ مِنْ خَلْقِكَ، فَمِنْكَ وَحْدَكَ لَا شَرِيكَ لَكَ، فَلَكَ الْحَمْدُ وَلَكَ الشُّكْرُ)) [1]

މާނައީ: “އޭ ﷲ! މިއަޅާގެ މައްޗަށް ނުވަތަ އިބައިލާހުގެ މަޚްލޫޤުން ކުރެ މަޚްލޫޤެއްގެ މައްޗަށް ހެނދުނު  އެއްވެސް ނިޢުމަތެއް ލިބިއްޖެނަމަ ފަހެ އެ ނިޢުމަތް ވަނީ އިބައިލާހުގެ ޙަޟުރަތުންނެވެ. އިބައިލާހުގެ އެއްކައުވަންތައެވެ. އިބައިލާހަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. ފަހެ ހުރިހާ ޙަމްދާއި ޝުކުރެއްވަނީ އިބައިލާހަށެވެ.”

އެފަދައިން ހެނދުނު ކިޔައިފި މީހާ، އޭނާގެ ދުވާލުގެ ޝުކުރު އަދާކޮށްފިއެވެ. އަދި އެފަދައިން ހަވީރު ކިޔައިފި މީހާ، އޭނާގެ ރޭގަނޑުގެ ޝުކުރު އަދާކޮށްފިއެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ މިފަދައިން ޚަބަރުދެއްވާފައެވެ.

 

 

ޝުކުރުވެރިކަން ބެހިގެންވާ ބައިތައް:

 

އިމާމް އިބްނު ރަޖަބު ވިދާޅުވިއެވެ.

“އަދި ޝުކުރުވެރިވުންވަނީ ހިތުންނާއި، ދުލުންނާއި، ހަށިގަނޑުގެ ގުނަވަންތަކުންނެވެ.”

ހިތުން ޝުކުރުވެރިވުމަކީ: ނިޢުމަތް ދެއްވި ފަރާތުގެ ނިޢުމަތަށް އިޢުތުރާފުވެ އެފަރާތުގެ ފަޟުލުވަންތަކަމުން ދެއްވި އެއްޗެއްކަމަށް ހިތުގެ އަޑިން ޤަބޫލުކުރުމެވެ.

އަދި ހިތުން ޝުކުރުވެރިވުމުގެ ތެރޭގައި، ނިޢުމަތް ދެއްވިކަމަށްޓަކައި، ﷲ ދެކެ ލޯބިވުން ހިމެނެއެވެ.

ބައެއް ބޭކަލުން ވިދާޅުވެއެވެ.

“މީހަކަށް ހެޔޮކޮށް ހިތި މީހާއަށް ހިތުގެ އަޑިން ލޯބިވެވޭއިރު، އޭނާއަށް އެންމެ ހެޔޮ އެދޭ ފަރާތްކަމުގައިވާ ﷲ ތަޢާލާއަށް، އޭނާގެ ހިތް އެއްކޮށް ނުލެނބުން އެއީ ކޮންފަދަ ޢަޖައިބެއް ހެއްޔެވެ؟”

ދުލުން ޝުކުރުވެރިވުން: ނިޢުމަތްތައް ދެއްވިކަމަށްޓަކައި އެކަމަށް ޘަނާކިޔައި އެކަން ޛިކުރުކޮށް، ޢަދަދުކޮށް، ފައުޅުކުރުން ހިމެނެއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ) [سورة الضحى: 11]

މާނައީ: “އަދި ދަންނައެވެ. ކަލޭގެފާނުގެ ރައްބު ދެއްވި ނިޢުމަތްތަކުގެ ވާހަކައިން ފަހެ، ކަލޭގެފާނު ވާހަކަ ދައްކައި އުޅުއްވާށެވެ.”

ޢުމަރު ބުން ޢަބްދުލް ޢަޒީޒް ދުޢާ ކުރައްވައިރު ވިދާޅުވާކަމުގައި ވެއެވެ.

“اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُبَدِّلَ نِعَمَكَ كُفْرًا، أَوْ أَكْفُرَهَا بَعْدَ مَعْرِفَتِهَا، أَوْ أَنْسَاهَا فَلا أُثْنِيَ بِهَا“.

މާނައީ: “އޭ ﷲ! އިބަ އިލާހުގެ ނިޢުމަތްތަކަށް ކާފިރުވުމުން ރައްތާރިކޮށްދެއްވުމަށް އިބައިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ. ނުވަތަ އެ އެނގުމަށް ފަހު އެއަށް ކާފިރުވުމުން ރައްކާތެރިކޮށްދެއްވުމަށެވެ. ނުވަތަ އެ ނިޢުމަތް ހަނދުމަ ނެތިކޮށްލައި އެނިޢުމަތް ދެއްވިކަމަށްޓަކައި ޘަނާ ކިޔުން ދޫކޮށްލުމުން ރައްކާތެރިކޮށްދެއްވުމަށެވެ.”

ފުޟައިލް ބުން ޢިޔާޟް ވިދާޅުވިއެވެ.

“މީސްތަކުން ބުނެއެޅެއެވެ. ނިޢުމަތްތަކަށް ޝުކުރުވެރިވާ މީހާ ނިޢުމަތްތަކުގެ ވާހަކައިން ވާހަކަދައްކާ ހުއްޓެވެ.”

ފުޟައިލު ބުން ޢިޔާޟާއި އިބްނު ޢުޔައިނާ، ނިޢުމަތްތަކުގެ ވާހަކަ ހަނދުމަކޮށް އެ ވާހަކަތައް ދެއްކުމަށް ރޭގަނޑު އިށީންނަވާ ގޮތަށް ހެނދުނު ވަންދެން ތިއްބަވައެވެ.

ގުނަވަންތަކުން ޝުކުރުވެރިވުން: ގުނަވަންތަކުން ޝުކުރުވެރިވުމަކީ އެއިލާހަށް ކިޔަމަންތެރިވުމަށްޓަކައި މެނުވީ  ނިޢުމަތުގެ ބޭނުން ނުކުރުމާއި އެއިލާހަށް ނުކިޔަމަންތެރިވުމަށް ނިޢުމަތެއްގެ ބޭނުން ކުރުމަށް  ބިރުވެތިވުމެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

(اعْمَلُوا آلَ دَاوُودَ شُكْراً) [سورة سبأ:13]

މާނައީ: “އޭ ދާވޫދުގެފާނުގެ އާލުންނޭވެ! އެކަލާނގެއަށް ޝުކުރުވެރިވުމުގެ ގޮތުން ތިޔަބައިމީހުން ހެޔޮ ޢަމަލުކުރާށެވެ.”

ބައެއް ސަލަފުންގެ ބޭކަލުން ވިދާޅުވެފައިވެއެވެ.

“އެބައިމީހުންގެ މައްޗަށް އެއާޔަތް ބާވާލެއްވުމުން، ނަމާދުކުރުން މަތީގައި މެނުވީ އެބައިމީހުންގެ ވަގުތުތައް ހޭދަ ނުކުރެއެވެ.”

އިބްނުލް މުންކަދިރު ހިންގަވާފައި ވަޑައިގަންނަވަނިކޮށް ޒުވާނަކު އަންހެނަކާ ފޮށޭތަން ފެނިވަޑއިގެން ވިދާޅުވިއެވެ.

“އޭ ކޮއިފުޅާއެވެ! ﷲގެ ނިޢުމަތަށް (ޒުވާންކަމަށް) ޝުކުރުވެރިވާ ގޮތަކީ ތިއީ ހެއްޔެވެ؟”

ޢަޖާއިބުވާކަމަކީ މީހަކަށް ލިބިފައިވާ އެންމެހާ އެއްޗަކީ ﷲ ގެ ނިޢުމަތްތައްކަން އެނގުމަށް ފަހު، އެއިލާހު ނަހީކުރެއްވި ކަންކަމަށް އަރައިގަތުމަށް އެ ނިޢުމަތްތައް ބޭނުންކުރާކަމެވެ!!

=ނުނިމޭ=

__________________

މިއީ ދާރުލް ވަޠަންގެ ރިސާލާއެއް ކަމުގައިވާ (أين الشاكرون)  ގެ ތަރުޖަމާއެކެވެ.

 

މިލިޔުމުގެ އެހެން ބައިތައް

 

[1] السنن الكبرى للنسائي9750، صححه ابن حجر في فتح الباري شرح صحيح البخاري: (11 / 131).