(32) ނަމަކީ އެނަމެއް ނިސްބަތްވާ އެއްޗެއް ރަމްޒުކޮށްދޭ ލަފްޒެކެވެ. ކުއްޖާއަށް ނަން ކިޔާއިރު ލަފްޒީ ގޮތުންނާއި މާނައިގެ ގޮތުން ރަނގަޅުނަމެއް ކިޔުމަކީ މުސްތަޙައްބު ކަމެކެވެ. މިއީ މައިންބަފައިން އެމީހުންގެ ދަރީންނަށް އަދާކޮށްދޭން ޖެހޭ ޙައްޤެކެވެ.
(33) ތިރީގައި ބަޔާންކޮށްފައި މިވާ ނަންތަކުން ދަރިފުޅަށް ނަންކިޔުން ސުންނަތްވެގެންވެއެވެ.
- ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ ނަންތައް. ޢަބްދުﷲ އާއި ޢަބްދުއްރަޙްމާން.
- އެއަށްފަހު ﷲ ތަޢާލާގެ ރިވެތި އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެއްގެ ކުރިއަށް عبد ނުވަތަ أمة ލައިގެން ކިޔުން
މިސާލު : ޢަބްދުލްޢަޒީޒު، ޢަބްދުލްމަލިކު.
- އެއަށްފަހު ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ނަންތައް.
މިސާލު : މުޙައްމަދު، އިބްރާހީމް
- އެއަށްފަހު ޞާލިޙުންގެ ނަންތައް : ޞަޙާބީންނާއި ތާބިޢީންގެ ނަންތައް
އެއްވެސް މުސްލިމު ގެއެއްގައި މިއިން އެއްވެސް ނަމެއް (އެއްވެސް ކުއްޖަކަށް) ނުކިޔައި ދޫކޮށްލުމަކީ ރަނގަޅުގޮތެއް ނޫނެވެ.
(34) ޝަރުޢީގޮތުން ޙަރާމްކުރައްވާފައިވާ ނަންތަކުން ކުއްޖާއަށް ނަންކިޔުން ޙަރާމްވެގެންވެއެވެ. އެއީ އަންހެން ކުއްޖެއް ކަމުގައިވިޔަސް އަދި ފިރިހެންކުއްޖެއް ކަމުގައިވިޔަސްމެއެވެ. މިސާލަކަށް :
- މަލިކުލް މުލޫކް (ރަސްގެފާނުންގެ ރަސްގެފާނު)، ސުލްޠާނުއްސަލާޠީން (ސުލްޠާނުންގެ ސުލްޠާނު)
- ﷲ ތަޢާލާއަށް ޚާއްސަ ނަންތައް މިސާލު: الرَّحْمن ، القُدُّوْسُ ، الصَّمَدُ
- ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުވެތިވެވޭ ނަންތައް މިސާލު:
عَبْدُ الكَعْبَةِ (ކައުބާގެ އަޅު)، عَبْدُ الرَّسُوْلِ (ރަސޫލުގެ އަޅު)
- ޔަހޫދީންނާއި ނަޞާރާއިންގެ ޚާއްޞަ ނަންތައް މިސާލު:
جَرْجِس، بُطْرُس, يُوْحَنَّا، شَمْعُوْن، كُوهَيْن [1]
(35) ތުއްތުދަރިފުޅަށް ނަންކިޔާއިރު ކޮންމެހެންވެސް ދުރުހެލިވާންޖެހޭ ނަންތައް
- ޖައްބާރުންނާއި ހައްދުފަހަނައަޅާފައިވާ މީހުންގެ ނަންތައް (މިސާލު : ފިރުޢައުނު ، ޤާރޫނު)
- ޝައިތާނުންގެ ނަންތައް (މިސާލު : ޚިންޒަބް)
- ހަޑިހުތުރު ނަންތަކާއި އަދި ފޫހިކުރުވާ ނަންތައް (މިސާލު : حَرْبٌ ހަނގުރާމަ/ مُرَّة ހިތި / ظَالِمٌ އަނިޔާވެރި/ عاَصِيَة ފާފަވެރިޔާ)
(36) ތުއްތު ދަރިފުޅަށް ކުންޔާއެއްގެ [2] ގޮތުގައި މިވެނި ފިރިހެން/އަންހެން ކުއްޖެއްގެ ބައްޕަ (މިސާލަކަށް: أَبُو عَبْدِ اللهِ) ނުވަތަ މިވެނި ފިރިހެން/އަންހެން ކުއްޖެއްގެ މަންމަ (މިސާލަކަށް: أُمُّ عَبْدِ اللهِ) މިފަދައިން ކިޔުމަކީ ހުއްދަކަމެކެވެ. އެއީ އެކުއްޖާއަށް އިޙްތިރާމްކުރުމަށާއި އެކުއްޖާގެ މަޤާމް އަންގައިދިނުމަށްޓަކައެވެ. އަދި ޚާއްޞަކޮށް އެކުއްޖާގެ ސަލާމަތާ އަދި އެކުއްޖާގެ ފަރާތުން ދަރިފަސްކޮޅެއް އައުމުގެ ހެޔޮ ފާލެއްގެ ގޮތުގައެވެ.
[1] މިފަދަ ނަންތައް މަނާކުރެވިގެންވާ ސަބަބަކީ އެއީ ކާފަރުން އެމީހުންގެ ދަރީންނަށް ކިޔައި އުޅޭ ނަންތަކަށް ވެފައި ކާފަރުންނާއި އެއްގޮތްވުމުން ދުރުހެލިވުމުގެ ގޮތުންނެވެ. (މުތަރުޖިމް)
[2] ކުންޔާއަކީ އަމިއްލަ ނަމާއި ލަޤަބު ފިޔަވާ “އަބޫ” ނުވަތަ “އުންމު” ކުރިއަށް ލައިގެން ކިޔޭ ކޮންމެ ނަމެކެވެ. މިގޮތުން ލަޤަބުތަކާ ޚިލާފަށް، ކުންޔާ ކިޔައި އުޅެނީ، މީހަކަށް މަދަހަކިޔުމުގެ ގޮތުން ނުވަތަ މާތްކޮށްހިތުމުގެ ގޮތުންނެވެ. މަދަހަ ކިޔުމުގެ ގޮތުންވެސް ނުވަތަ މީހަކު ދަށްކޮށް ނިކަމެތިކޮށްލުމުގެ ގޮތުންވެސް ލަޤަބު ކިޔައިފާނެއެވެ. (މުތަރްޖިމު)