[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

صحيح مسلم – كتاب الإيمان (އީމާންކަން ނަންގަނެފައިވާ ފޮތް) – 1

كتاب الإيمان (އީމާންކަން ނަންގަނެފައިވާ ފޮތް)

 

 

1- އީމާންކަމާއި އިސްލާމްކަމާއި (ޤަޟާ) ޤަދަރާއި ޤިޔާމަތުގެ ޢަލާމާތްތައް ދެނެގަތުން ނަންގަނެފައިވާ ބާބު

 

އަބުލް ޙުސައިނު މުސްލިމު ބުން އަލްޙައްޖާޖު އަލްޤުޝައިރީ ވިދާޅުވިއެވެ.

“ﷲގެ ވާގިފުޅާއެކު ފަށަމެވެ. ފުދުންތެރިކަމަށް އެދެނީ ހަމައެކަނި އެއިލާހުގެ ޙަޟްރަތުންނެވެ. އަދި ﷲ جل جلاله ގެ ޙަޟްރަތުން މެނުވީ ތައުފީޤު ލިބުމެއް ނުވެއެވެ.”

 

 

1 – (8) حَدَّثَنِي أَبُو خَيْثَمَةَ زُهَيْرُ بْنُ حَرْبٍ، حَدَّثَنَا وَكِيعٌ، عَنْ كَهْمَسٍ، عَنْ عَبْدِ اللهِ بْنِ بُرَيْدَةَ، عَنْ يَحْيَى بْنِ يَعْمَرَ، ح وحَدَّثَنَا عُبَيْدُ اللهِ بْنُ مُعَاذٍ الْعَنْبَرِيُّ – وَهَذَا حَدِيثُهُ – حَدَّثَنَا أَبِي، حَدَّثَنَا كَهْمَسٌ، عَنِ ابْنِ بُرَيْدَةَ، عَنْ يَحْيَى بْنِ يَعْمَرَ، قَالَ: كَانَ أَوَّلَ مَنْ قَالَ فِي الْقَدَرِ بِالْبَصْرَةِ مَعْبَدٌ الْجُهَنِيُّ، فَانْطَلَقْتُ أَنَا وَحُمَيْدُ بْنُ عَبْدِ الرَّحْمَنِ الْحِمْيَرِيُّ حَاجَّيْنِ – أَوْ مُعْتَمِرَيْنِ – فَقُلْنَا: لَوْ لَقِينَا أَحَدًا مِنْ أَصْحَابِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَسَأَلْنَاهُ عَمَّا يَقُولُ هَؤُلَاءِ فِي الْقَدَرِ، فَوُفِّقَ لَنَا عَبْدُ اللهِ بْنُ عُمَرَ بْنِ الْخَطَّابِ دَاخِلًا الْمَسْجِدَ، فَاكْتَنَفْتُهُ أَنَا وَصَاحِبِي أَحَدُنَا عَنْ يَمِينِهِ، وَالْآخَرُ عَنْ شِمَالِهِ، فَظَنَنْتُ أَنَّ صَاحِبِي سَيَكِلُ الْكَلَامَ إِلَيَّ، فَقُلْتُ: أَبَا عَبْدِ الرَّحْمَنِ إِنَّهُ قَدْ ظَهَرَ قِبَلَنَا نَاسٌ يَقْرَءُونَ الْقُرْآنَ، وَيَتَقَفَّرُونَ الْعِلْمَ، وَذَكَرَ مِنْ شَأْنِهِمْ، وَأَنَّهُمْ يَزْعُمُونَ أَنْ لَا قَدَرَ، وَأَنَّ الْأَمْرَ أُنُفٌ، قَالَ: «فَإِذَا لَقِيتَ أُولَئِكَ فَأَخْبِرْهُمْ أَنِّي بَرِيءٌ مِنْهُمْ، وَأَنَّهُمْ بُرَآءُ مِنِّي»، وَالَّذِي يَحْلِفُ بِهِ عَبْدُ اللهِ بْنُ عُمَرَ «لَوْ أَنَّ لِأَحَدِهِمْ مِثْلَ أُحُدٍ ذَهَبًا، فَأَنْفَقَهُ مَا قَبِلَ اللهُ مِنْهُ حَتَّى يُؤْمِنَ بِالْقَدَرِ» ثُمَّ قَالَ: حَدَّثَنِي أَبِي عُمَرُ بْنُ الْخَطَّابِ قَالَ: بَيْنَمَا نَحْنُ عِنْدَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ، إِذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعَرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ، حَتَّى جَلَسَ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ، وَقَالَ: يَا مُحَمَّدُ أَخْبِرْنِي عَنِ الْإِسْلَامِ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «الْإِسْلَامُ أَنْ تَشْهَدَ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلًا»، قَالَ: صَدَقْتَ، قَالَ: فَعَجِبْنَا لَهُ يَسْأَلُهُ، وَيُصَدِّقُهُ، قَالَ: فَأَخْبِرْنِي عَنِ الْإِيمَانِ، قَالَ: «أَنْ تُؤْمِنَ بِاللهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ»، قَالَ: صَدَقْتَ، قَالَ: فَأَخْبِرْنِي عَنِ الْإِحْسَانِ، قَالَ: «أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ»، قَالَ: فَأَخْبِرْنِي عَنِ السَّاعَةِ، قَالَ: «مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ» قَالَ: فَأَخْبِرْنِي عَنْ أَمَارَتِهَا، قَالَ: «أَنْ تَلِدَ الْأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ»، قَالَ: ثُمَّ انْطَلَقَ فَلَبِثْتُ مَلِيًّا، ثُمَّ قَالَ لِي: «يَا عُمَرُ أَتَدْرِي مَنِ السَّائِلُ؟» قُلْتُ: اللهُ وَرَسُولُهُ أَعْلَمُ، قَالَ: «فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ»

 

ޔަޙްޔާ ބުން ޔަޢުމަރުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ބަޞްރާގައި، (ޤަޟާ) ޤަދަރާ ބެހޭގޮތުން (އެބަހީ: އެކަން އިންކާރުކޮށް) އެންމެ ފުރަތަމަ ވާހަކަދެއްކި މިހަކީ މަޢުބަދު އަލްޖުހަނީއެވެ. ތިމަންނާއާއި ޙުމައިދު ބުން ޢަބްދުއްރަޙްމާން އަލްޙިމްޔަރީ ޙައްޖަށް – ނުވަތަ ޢުމްރާއަށް – ދިޔުމަށް ނުކުތީމެވެ. ފަހެ، ތިމަންމެން ބުނީމެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބުންގެ ތެރެއިން ބޭކަލަކާ ބައްދަލުވެއްޖެނަމަ، ޤަދަރާ ބެހޭގޮތުން މިބައިމީހުން ދައްކާ ވާހަކަތަކާމެދު އެބޭކަލަކާ ސުވާލުކުރާނަމެވެ. ފަހެ، ޢަބްދުﷲ ބުން ޢުމަރު ބުން އަލްޚައްޠާބު މިސްކިތް ތެރެއަށް ވެދެވަޑައިގަންނަވަނިކޮށް އެކަލޭގެފާނާ ބައްދަލުކުރުމުގެ ތައުފީޤު ތިމަންމެންނަށް ލިބުނެވެ. ފަހެ، ތިމަންނާއާއި ތިމަންގެ އެކުވެރިޔާ އެކަލޭގެފާނު ވަށައިލީމެވެ. އެކަކު އެކަލޭގެފާނުގެ ކަނާތް ފަރާތުގައެވެ. އަދި އަނެކަކު އެކަލޭގެފާނުގެ ވާތް ފަރާތުގައެވެ. ފަހެ، ވާހަކަ ދެއްކުމަށް ތިމަންގެ އެކުވެރިޔާ ތިމަންނާއާ ހަވާލުކުރާނޭކަމުގައި ތިމަންނައަށް ހީވިއެވެ. ފަހެ، ތިމަން ދެންނެވީމެވެ. އަބޫ ޢަބްދުއްރަޙްމާނެވެ. ހަމަކަށަވަރުން ތިމަންމެންގެ ތެރެއިން ބަޔަކު ފާޅުވެއްޖެއެވެ. އެބައިމީހުން ޤުރުއާން ކިޔަވައެވެ. އަދި ޢިލްމު ޙާޞިލުކުރެއެވެ. އަދި އެމީހުންގެ ކަންކަން ކިޔައިދިނީމެވެ. އަދި ޤަދަރެއް ނުވާކަމަށް އެބައިމީހުން ދަޢުވާކުރާކަމުގައި ބުނީމެވެ. އަދި ކަންކަން ހިނގަނީ ﷲ ތަޢާލާގެ ނިޔާކުރެއްވުމަކާ ނުލާކަމުގައިވެސް އެބައިމީހުން ބުނެއެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ. “ފަހެ، ތިބާއަށް އެބައިމީހުންނާ ބައްދަލުވާހިނދު، ތިމަންކަލޭގެފާނު އެބައިމީހުންގެ ކިބައިން ބަރީއަވެގެންވާކަމުގެ ޚަބަރު އެބައިމީހުންނަށް ދޭށެވެ. އަދި އެބައިމީހުންވެސް ވަނީ ތިމަންކަލޭގެފާނުގެ ކިބައިން ބަރީއަވެގެންކަމުގައި ބުނާށެވެ. ޢަބްދުﷲ ބުން ޢުމަރު، އެއިލާހު ގަންދެއްވާ ހުވާކުރައްވާ ވިދާޅުވަމެވެ. އެބައިމީހުންގެ ތެރެއިން މީހަކު އުޙުދު ފަރުބަދައާ އެއްވަރަށް ރަން ހޭދަކުރިޔަސް، (ޤަޟާ) ޤަދަރަށް އީމާންވެއްޖައުމަށް ދާންދެން ﷲ އެބައިމީހުންގެ ކިބައިން ޤަބޫލުނުކުރައްވާނެއެވެ.”

ދެން ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ބައްޕާފުޅު ޢުމަރު ބުން އަލްޚައްޠާބު ވިދާޅުވިއެވެ.

އެއް ދުވަހަކު ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ތިމަންބޭކަލުން ތިއްބަވަނިކޮށް، އެތަނަށް ބޭކަލަކު އަތުވެއްޖެއެވެ. އެބޭކަލެއްގެ ފޭރާމުގެ ހުދުކަން ނުހަނު ގަދައެވެ. އަދި އިސްތަށީގެ ކަޅުކަންވެސް އެހާމެ ގަދައެވެ. އެބޭކަލެއްގެ ކިބައިން ދަތުރެއްގެ އަސަރެއް ފެންނާކަށް ނެތެވެ. އަދި ތިމަންބޭކަލުން ކުރެ އެކަކުވެސް އެބޭކަލަކު ދެނެވަޑައިނުގަންނަވަމުއެވެ. ދެން އެބޭކަލަކު ވަޑައިގެން، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އިށީނދެވަޑައިގެންފިއެވެ. އަދި ނަބިއްޔާ  صلى الله عليه وسلم ގެ ކަކޫކޮޅުގައި ކަކޫ ޖައްސަވައި، ދެ އަތްތިލަ (އެބޭކަލެއްގެ) ފަލަމަސްގަނޑު މަތީ ބާއްވަވާފައި ދެންނެވިއެވެ. “އޭ މުޙައްމަދުގެފާނެވެ! އިސްލާމްކަމާ ބެހޭގޮތުން ޚަބަރުދެއްވާށެވެ.“

ފަހެ، ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އިސްލާމްކަމަކީ، ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް  ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކުރުމާއި (މުދަލު)ޒަކާތްދިނުމާއި ރަމަޟާންމަހު ރޯދަހިފުމާ އަދި ކުޅަދާނަވެ އެކަމަށް މަގުފަހިވެއްޖެމީހާ ގެފުޅަށްގޮސް ޙައްޖުވުމެވެ.“

ދެން އެބޭކަލަކު ދެންނެވިއެވެ. “ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ.” (ޢުމަރުގެފާނު ވިދާޅުވިއެވެ.) “އެބޭކަލަކާމެދު ތިމަންބޭކަލުން ޢަޖައިބުވީމެވެ. އެހެނީ އެކަލޭގެފާނާ ސުވާލުކުރެއްވުމަށްފަހު، އެކަލޭގެފާނު އެދެއްވި ޖަވާބަކީވެސް ތެދުފުޅެއްކަމުގައި ވިދާޅުވީތީއެވެ.”

އެބޭކަލަކު ދެންނެވިއެވެ. “ފަހެ އީމާންކަމާއި ބެހޭގޮތުން ޚަބަރުދެއްވާށެވެ.”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ﷲއަށާއި އެއިލާހުގެ މަލާއިކަތުންނަށާއި އެއިލާހު ބާވައިލެއްވި ފޮތްތަކަށާއި އެއިލާހުގެ ރަސޫލުބޭކަލުންނަށާ އަދި އާޚިރަތްދުވަހަށް އީމާންވުމެވެ. އަދި ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.“

ދެން އެބޭކަލަކު ދެންނެވިއެވެ. “ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. ފަހެ އިޙުސާންތެރިކަމާ ބެހޭގޮތުން ޚަބަރުދެއްވާށެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ތިބާއަށް، ﷲ ފެންނަ ފަދައިން އެއިލާހަށް އަޅުކަންކުރުމެވެ. ފަހެ ތިބާއަށް އެއިލާހު ނުފެނުނަސް އެއިލާހު ތިބާ ދެކެވޮޑިގެންވެއެވެ.”

އެބޭކަލަކު ދެންނެވިއެވެ. “ޤިޔާމަތްވާނެ ވަގުތާ ބެހޭގޮތުން ޚަބަރުދެއްވާށެވެ.” އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “ސުވާލު ކުރެވުނު ފަރާތަށް، ސުވާލު ކުރި ފަރާތަށް ވުރެ ބޮޑަށް އެކަމާ ބެހޭގޮތުން އެނގިގެން ނުވެއެވެ.” (އެބަހީ: އެ ދެ ބޭކަލުންކުރެ އެއްވެސް ބޭކަލަކަށް އެކަން އެނގިގެން ނުވެއެވެ.)

ދެން އެބޭކަލަކު ދެންނެވިއެވެ. “ޤިޔާމަތުގެ ޢަލާމާތްތަކާ ބެހޭގޮތުން ޚަބަރުދެއްވާށެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ، އަޅު އަންހެނާ އޭނާގެ ސާހިބު ކަމަނާ ވިހެއުމެވެ. އަދި ހުސްފަޔާ، އޮރިޔާމުން، ފަޤީރު ޙާލުގައި، ބަކަރި ހުއިހައްޕާ އުޅޭ މީހުން ޢިމާރާތްތައް އުސްކުރުމުގައި ވާދަކުރާތަން ތިބާއަށް ފެނުމެވެ.”

(ޢުމަރުގެފާނު) ވިދާޅުވިއެވެ. ދެން އެބޭކަލަކު ވަޑައިގަތުމަށްފަހު، ދިގުމުއްދަތެއް ފާއިތުވިއެވެ. ފަހެ އެކަލޭގެފާނު ތިމަންކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. “އޭ ޢުމަރުގެފާނެވެ. ސުވާލުކުރެއްވީ ކޮން ބޭކަލަކުކަން އެނގިލައްވާތޯއެވެ؟”

ތިމަންކަލޭގެފާނު ދެންނެވީމެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެއިލާހުގެ ރަސޫލާއެވެ.

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ ހަމަކަށަވަރުން އެއީ ޖިބުރީލުގެފާނެވެ. އެކަލޭގެފާނު ތިޔަބޭކަލުންގެ އަރިހަށް އެވަޑައިގަތީ، ތިޔަބޭކަލުންނަށް ތިޔަބޭކަލުންގެ ދީން އުނގަންނައިދެއްވުމަށްޓަކައެވެ.”

 

 

2 – (…) حَدَّثَنِي مُحَمَّدُ بْنُ عُبَيْدٍ الْغُبَرِيُّ، وَأَبُو كَامِلٍ الْجَحْدَرِيُّ، وَأَحْمَدُ بْنُ عَبْدَةَ قَالُوا: حَدَّثَنَا حَمَّادُ بْنُ زَيْدٍ، عَنْ مَطَرٍ الْوَرَّاقِ، عَنْ عَبْدِ اللهِ بْنِ بُرَيْدَةَ، عَنْ يَحْيَى بْنِ يَعْمَرَ، قَالَ: لَمَّا تَكَلَّمَ مَعْبَدٌ بِمَا تَكَلَّمَ بِهِ فِي شَأْنِ الْقَدَرِ أَنْكَرْنَا ذَلِكَ، قَالَ: فَحَجَجْتُ أَنَا وَحُمَيْدُ بْنُ عَبْدِ الرَّحْمَنِ الْحِمْيَرِيُّ حَجَّةً، وَسَاقُوا الْحَدِيثَ بِمَعْنَى حَدِيثِ كَهْمَسٍ وَإِسْنَادِهِ، وَفِيهِ بَعْضُ زِيَادَةٍ وَنُقْصَانُ أَحْرُفٍ.

 

ޔަޙްޔާ ބުން ޔަޢުމަރުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޤަދަރާ ބެހޭގޮތުން މަޢުބަދު ދެއްކި ވާހަކަތައް ދެއްކުމުން ތިމަންމެން އެއަށް އިންކާރުކުރީމެވެ.

ވިދާޅުވިއެވެ. ފަހެ، ތިމަންނާއާއި ޙުމައިދު ބުން ޢަބްދުއްރަޙްމާނު އަލްޙިމްޔަރީ ޙައްޖުވީމެވެ. އަދި ކަހްމަސްގެ ޙަދީޘް އެމާނައިގައި އެސަނަދުން ރިވާކުރެއްވިއެވެ. އަދި ބައެއް އުނިއިތުރު ވެއެވެ.

 

 

3 – (…) وحَدَّثَنِي مُحَمَّدُ بْنُ حَاتِمٍ، حَدَّثَنَا يَحْيَى بْنُ سَعِيدٍ الْقَطَّانُ، حَدَّثَنَا عُثْمَانُ بْنُ غِيَاثٍ، حَدَّثَنَا عَبْدُ اللهِ بْنُ بُرَيْدَةَ، عَنْ يَحْيَى بْنِ يَعْمَرَ، وَحُمَيْدِ بْنِ عَبْدِ الرَّحْمَنِ قَالَا: لَقِينَا عَبْدَ اللهِ بْنَ عُمَرَ، فَذَكَرْنَا الْقَدَرَ، وَمَا يَقُولُونَ فِيهِ، فَاقْتَصَّ الْحَدِيثَ كَنَحْوِ حَدِيثِهِمْ، عَنْ عُمَرَ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَفِيهِ شَيْءٌ مِنْ زِيَادَةٍ وَقَدْ نَقَصَ مِنْهُ شَيْئًا.

 

ޔަޙްޔާ ބުން ޔަޢުމަރާއި ޙުމައިދު ބުން ޢަބްދުއްރަޙްމާންގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެބޭކަލުން ވިދާޅުވިއެވެ. “ތިމަންމެންނަށް ޢަބްދުﷲ ބުން ޢުމަރާ ބައްދަލުވިއެވެ. ފަހެ، ތިމަންމެން ޤަދަރާ ބެހޭގޮތުން އެބައިމީހުން ދައްކާ ވާހަކަތައް ކިޔައިދިނީމެވެ.” ފަހެ، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޢުމަރު رضي الله عنه ގެ އަރިހުން ކުރީ ރިވާޔަތްތަކަ އެއްގޮތަށް ކުދި ތަފާތުތަކާ އެކު އެބޭކަލުން ރިވާކުރެއްވިއެވެ.

 

 

4 – (…) وحَدَّثَنِي حَجَّاجُ بْنُ الشَّاعِرِ، حَدَّثَنَا يُونُسُ بْنُ مُحَمَّدٍ، حَدَّثَنَا الْمُعْتَمِرُ، عَنْ أَبِيهِ، عَنْ يَحْيَى بْنِ يَعْمَرَ، عَنِ ابْنِ عُمَرَ، عَنْ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِنَحْوِ حَدِيثِهِمْ.

 

މި ސަނަދުންވެސް ކުރީ ރިވާޔަތްތަކާ އެއްގޮތް ގޮތަކަށް މިޙަދީޘް ރިވާކުރައްވާފައިވެއެވެ.