[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުލްޙިދުންގެ އޮޅުންބޮޅުން

ތިބާ 10 ބުރީގެ އިމާރާތެއް އަޅައިފިއެވެ. ކޮންމެ ފަންގިފިލާއަކު 3 އެޕާރޓްމަންޓެއެވެ. ކޮންމެ އެޕާރޓްމަންޓަކު 4 ކޮޓަރިއެވެ. ހުރިހާ މަސައްކަތެއް ނިމުނުތަނާ އިމާރާތުގެ 120 ކޮޓަރީގެ ތެރެއިން 1 ކޮޓަރިއާ މެދު ޝައްކު އުފެދިއްޖެއެވެ.

ކަރަންޓު ވަޔަރިންގ ކުރެވިފައި ހުރީ ރަނގަޅަށް ހެއްޔެވެ؟
ނަރުދަމާގެ ނިޒާމު ލެވިފައިވަނީ ރަނގަޅަށްބާއެވެ؟
ބޮކި، ފަންކާ، އޭސީ ފަދަ ސާމާނު ލެވުނީ ރަނގަޅަށްބާއެވެ؟

އިސާހިތަކު އިމާރާތް އެއްކޮށް ތަޅާލައި އަލުން އިމާރާތްކުރުމަށް ތިބާ ނިންމައިފީމުއެވެ.

މިއީ ރެނޭ ޑިސްކާރޓޭސްގެ އުސޫލެވެ.

އޭނާގެ މައިގަނޑު އުސޫލަކީ ކިރިޔާވެސް ޝައްކެއްގެ ތެރެއަށް ވެއްޓޭ ޤަބޫލުކުރުމަކީ ބުހުތާނެއްކަމުގައި ނިންމުމެވެ.

އަދި މިއީ މިއަދު މުލްޙިދު (އޭތިސްޓު) ކަމުގެ އޮޅުންބޮޅުން ތެރެޔަށް ވަންނަ ގިނަ މީހުންނަށްވެސް ވާގޮތެވެ. އިމާރާތެއްގެ އެންމެ ކޮޓަރިއެއްގެ ފުރިހަމަކަމާމެދު ޝައްކުވުމުން މުޅި އިމާރާތް ފުނޑުކޮށްލަން ބުނާ މީހާއަކީ މޮޔައެކޭ ބުނެވިދާނެއެވެ. އަމިއްލަ ޖާހިލުކަމުގެ ސަބަބުން އިސްލާމް ދީނުގެ އެންމެ ކަމަކާމެދު ޝައްކުވުމުން އިސްލާމް ދީނަކީ ބާތިލޭ ބުނާ މީހާވެސް މިފަދައެވެ.

ޝައްކުގެ އަސްލަކީ ޖާޙިލުކަމެވެ.
ޔަޤީންކަމުގެ އަސްލަކީ އެނގުމެވެ.

އިސްލާމް ދީނުގެ އެއްވެސް ކަމަކާއި މެދު ޝައްކު އުފެދިއްޖެ މީހެއްނަމަ، އެމީހަކަށް އޮތީ ޢިލްމުވެރިން ގާތުން އަހައިގެން އުނގެނުމެވެ. ޖާހިލުކަމާއި ޝައްކު ދުރުކުރާ ޢިލްމު ޙާޞިލްކުރުމެވެ.

ޝައްކުބައްޔަށްވާ ފަރުވާއަކީ އިޚްލާސްތެރިކަމާއި އެކު ޙާޞިލްކުރާ ޢިލްމެވެ.

އަދި ހުރިހާ ޢިލްމެއްވެސް ޙާޞިލްވަނީ 3 ގޮތަކުންނެވެ.

1) ޙިއްޞުތަކުން: ފެނުމާއި، އިވުމާއި، އިޙުސާސްވުމުންނެވެ. މިސާލު: މީހަކު ތިމަންނާ އަތުގައި މިއޮތީ ފޮތެކޭ ބުނެފިނަމަ، އޭނާއަށް އެ ފޮތް އެބަ ފެނެއެވެ. އަދި އަތުން އިޙްސާސްވެއެވެ. ވީމާ އޭނާއަށް އެކަން އެނގެއެވެ.

2) ޤިޔާސް (އަޅާކިޔުން): އަހަރެން، އަޙުމަދަކީ އިންސާނެކޭ ބުނެފިނަމަ، އެއީ އެހެން ހުރިހާ މީހުންނާވެސް އޭނާ އެއްގޮތްވީމައެވެ.

3) ނަޤުލު (ފޯރުން): ޙިއްސުތަކުން ދެނެނުގަނެވުނު ކަންތައްތަކާއި، ޤިޔާސް ނުކުރެވޭ ކަންކަމުގައި، އެންގެން އޮންނަ ގޮތަކީ އެނގޭ މީހަކު އެ ޢިލްމު ކިޔާދީ ފޯރުކޮށް ދިނުމެވެ. މިސާލު: މީހަކު ތިމަންނާއަށް ދަރިޔަކުވެޔޭ ބުނެއްޖެނަމަ، އަދި އަހަރެންމެންނަށް އެދަރިޔަކު ލޮލުން ނުދެކޭ ހާލު ޤިޔާސްކޮށްގެން ދެނަނުގަނެވޭނެއެވެ. އެކަން އެނގެނީ އޭނާ އެދިން ޚަބަރުންނެވެ. ނަޤުލު ކުރެވޭ ޚަބަރު ޤަބޫލުކުރުން ވަނީ އިތުބާރުކުރެވޭ ތެދުވެރިންގެ ކިބައިންނެވެ.

އަހަރެމެންގެ ވަށައިގެން މިވާ އާޔަތްތަކާއި ހެކިތަކާއިމެދު ވިސްނައިގެން، ޙިއްސުތައް މެދުވެރިވެ ﷲ ވޮޑިގެންވާކަން ދެނެގަތުމަކީ އަހަރެމެންގެ ފިތުރަތުގައި އެކަލާނގެ ލައްވާފައިވާ އުސޫލެވެ.

ނަމަވެސް ﷲގެ ސިފަފުޅުތަކާއި އިސްމުފުޅުތަކާއި، އެކަލާނގެ އަހަރެމެން ހެއްދެވި ސަބަބާއި ދުނިޔޭގައި އަހަރެމެން އުޅެން އެކަލާނގެ އަމުރުކުރައްވާ ގޮތް އެނގެނީ އެއިލާހުގެ ޙަޟްރަތުން ތެދުވެރި ޚަބަރު ފޯތުކޮށްދޭ މީހެއްގެ ފަރާތުންނެވެ. ސަބަބަކީ މިކަންކަން އަހަރެމެންގެ ޙިއްސުތަކުން ދެނެ ނުގަނެވޭތީއެވެ. އަދި އެއިލާހާ ވައްތަރު އެއްވެސް އެއްޗެއް ނުވާތީ ޤިޔާސްވެސް ނުކުރެވޭތީއެވެ. އެހެންކަމުން މިކަންކަން ދެނެގަނެވޭނެ ހަމައެކެނި ގޮތަކީ ނަބިއްޔުންނާއި ރަސޫލުންގެ ޒަރިއްޔާއިންނެވެ.