ގައިގެ ތަނެއްގައި ރިއްސާނަމަ ނުވަތަ ތަދުވާނަމަ ކުރާނެ ދުޢާ
عَنْ عُثْمَانَ بْنِ أَبِي الْعَاصِ رَضِيَ اللَّهُ عَنْهُ: »أَنَّهُ شَكَا إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَجَعًا يَجِدُهُ فِي جَسَدِهِ مُنْذُ أَسْلَمَ، فَقَالَ لَهُ النَّبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ضَعْ يَدَكَ عَلَى الَّذِي تَأَلَّمَ مِنْ جَسَدِكَ، وَقُلْ: بِاسْمِ اللَّهِ – ثَلَاثًا -، وَقُلْ – سَبْعَ مَرَّاتٍ -: أَعُوذُ بِاللَّهِ وَقُدْرَتِهِ، مِنْ شَرِّ مَا أَجِدُ وَأُحَاذِرُ «. [رَوَاهُ مُسْلِمٌ]
ޢުޘްމާން ބުން އަބުލް ޢާޞް رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ” އެކަލޭގެފާނު އިސްލާވީއްސުރެ، އެކަލޭގެފާނުގެ ހަށިގަނޑުގައި ތަދެއް އިޙްސާސްކުރެވޭތީ އެކަމުގެ ޝަކުވާ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
“ތިބާގެ ހަށިގަނޑުން ތަދު އިޙްސާސްކުރެވޭ ތަނުގައި ތިބާގެ އަތް ބާއްވާށެވެ. އަދި بِاسْمِ اللَّهِ (މާނައީ: “ﷲ ގެ އިސްމުފުޅުން ފަށަމެވެ.”) 3 ފަހަރު ކިޔާށެވެ. އަދި 7 ފަހަރު މިފަދައިން ކިޔާށެވެ.
أَعُوذُ بِاللَّهِ وَقُدْرَتِهِ، مِنْ شَرِّ مَا أَجِدُ وَأُحَاذِرُ
މާނައީ: “މިއަޅާއަށް އިޙްސާސްމިވާ ކަންތަކާއި މިއަޅާ ބިރުގަންނަ ކަމެއްގެ ނުބައިކަމުން މާތް ﷲ އާއި އެއިލާހުގެ ކުޅަދުންވަންތަކަމުގެ ރައްކާތެރިކަން ހޯދަމެވެ.”
[ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]
ނޯޓް: ނަވަވީ رحمه الله ޞަޙީހު މުސްލިމުގެ ޝަރަޙައިގައި ވިދާޅުވެފައިވެއެވެ. “މިޙަދީޘްގެ މަޤްޞަދަކީ ތަދުވާ ތަނުގައި އަތް ބޭއްވުމަށް ފަހު، ޙަދީޘްގައި އެބަޔާންކުރެވިފައިވާދުޢާ ކުރުން ސުންނަތްވެގެންވާ ކަމެވެ. والله أعلم. “
ބަލިމީހާއަށް ޒިޔާރާތްކުރާއިރު، ބަލިމީހާއަށް ކޮށްދޭންވީ ދުޢާ
(1) كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ عَلَى مَرِيضٍ يَعُودُهُ قَالَ: «لَا بَأْسَ طَهُورٌ إِنْ شَاءَ اللَّهُ». [رَوَاهُ البُخَارِيُّ]
ނަބިއްޔާ صلى الله عليه وسلم ބަލިމީހެއްގެ ގާތަށް ޒިޔާރަތްކުރައްވާހިނދު މި ފަދައިން ޙަދީޘްކުރައްވައެވެ.”
لَا بَأْسَ طَهُورٌ إِنْ شَاءَ اللَّهُ
މާނައީ: “އެއްވެސް މައްސަލައެއް ނެތެވެ. ﷲ އިރާދަކުރެއްވިއްޔާ (މިބައްޔަކީ ތިބާގެ ފާފަތަކުން) ޠާހިރުކޮށްދޭ އެއްޗެކެވެ.” [ރިވާކުރެއްވީ އިމާމް ބުޚާރީ رحمه الله]
(2) كَانَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُعَوِّذُ بَعْضَ أَهْلِهِ، يَمْسَحُ بِيَدِهِ الْيُمْنَى وَيَقُولُ: «اللَّهُمَّ رَبَّ النَّاسِ، أَذْهِبِ الْبَاسَ، اشْفِهِ وَأَنْتَ الشَّافِي، لَا شِفَاءَ إِلَّا شِفَاؤُكَ، شِفَاءً لَا يُغَادِرُ سَقَمًا». [مُتَّفَقٌ عَلَيْهِ]
ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ކަނާތްޕުޅު ބީއްސަވާ، އެކަލޭގެފާނުގެ ޢާއިލާގެ ބައެއް ބޭކަލުންނަށް ރައްކާތެރިކަމަށް އެދި މިފަދައިން ވިދާޅުވެއެވެ.
اللَّهُمَّ رَبَّ النَّاسِ، أَذْهِبِ الْبَاسَ، اشْفِهِ وَأَنْتَ الشَّافِي، لَا شِفَاءَ إِلَّا شِفَاؤُكَ، شِفَاءً لَا يُغَادِرُ سَقَمًا
މާނައީ: “އޭ މީސްތަކުންގެ ވެރި ރައްބެވެ. އޭނާގެ ކިބައިން ގެއްލުން ދުރުކުރައްވާފާނދޭވެ! އަދި އޭނާއަށް ޝިފާދެއްވާނދޭވެ! އިބައިލާހު ދެއްވާ ޝިފާ މެނުވީ އެހެން ޝިފާއެއް ނުވެއެވެ. އެބަލިކަމަށް އެނބުރި އަލުން ނާންނަފަދަ ޝިފާއެއް ދެއްވާނދޭވެ.”
[ރިވާކުރެއްވީ އިމާމް ބުޚާރީއާއި މުސްލިމް رحمهما الله]
މަރަށް ޙާޟިރުވެފައިވާމިހާ ކުރަންޖެހޭ ޛިކުރު
قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «مَنْ كَانَ آخِرُ كَلَامِهِ: لَا إِلَهَ إِلَّا اللَّهُ؛ دَخَلَ الْجَنَّةَ» [رواه أبو داود]
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެމީހެއްގެ އެންމެ ފަހު ބަހަކީ لَا إِلَهَ إِلَّا اللَّهُ ކަމުގައި ވެއްޖެ މީހާ، ސުވަރުގެ ވަންނާނެއެވެ.”
[ރިވާކުރެއްވީ އިމާމް އަބޫ ދާވުދު رحمه الله]
___________________________________
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –