[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބަހުސް ކުރަންވީ މަޢުޟޫތައް އަޅުގަނޑުމެންނަށް ވަރަށް ސާފެވެ.

ﷲ ސުބްޙާނަހު ވަތަޢާލާ ވަޙީކުރެއްވިއެވެ. ” الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَ‌أْفَةٌ فِي دِينِ اللَّـهِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ‌ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ ﴿٢﴾ ” سورة النور2 މާނަ : ” ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ﷲ އަށާއި އާޚިރަތްދުވަހަށް ތިޔަބައިމީހުން އީމާން ވާކަމުގައިވަނީނަމަ ﷲ ގެ ދީނުގައި އެ ދެމީހުންނާމެދު (ﷲ ގެ ހަޟްރަތުން އައިސްފައިވާ ޙުކުމު ދޫކޮށްލުމަށް) އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތް މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ!  “

މިއީ 7 އުޑުމަތިން ކާއިނާތު ޚަލްޤުކުރެއްވި ޙިކުމަތްވަންތަ އިލާހު ، ﷲ ސުބްޙާނަހު ވަތަޢާލާ ، އެއިލާހުގެ އަޅުތަކުން ބިންމަތީގައި ތަންފީޒު ކުރުމަށް ބާވައިލައްވާފައިވާ ޝަރީޢަތުގައި ކަނޑުއަޅުއްވާފައިވާ ހައްދެވެ. މީގައި އެއްވެސް އޮޅުމެއްނެތެވެ. މި ޙައްދުތައް ފަހަނަ އަޅައިދާ މީހުންނަކީ ހަޤީޤީ މާނައިގައި ހައްދުފަހަނައަޅައިދާ މީހުނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” وَمَن يَعْصِ اللَّـهَ وَرَ‌سُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارً‌ا خَالِدًا فِيهَا وَلَهُ عَذَابٌ مُّهِينٌ ﴿١٤﴾ ” سورة النساء  މާނަ : ” އަދި ﷲ ތަޢާލާ އަށާއި އެއިލާހުގެ ރަސޫލާއަށް އުރެދި ، އެއިލާހު ކަނޑައަޅުއްވާފއިވާ ހައްދުތައް ފަހަނައަޅައިދާމީހުން ނަރަކައަށް ވައްދަވާނެތެވެ. އެތާންގައި އެމީހުން ދެމި ހުންނަނިވި ގޮތުގައެވެ. “

ދިވެހި ރާއްޖެއަކީ މުސްލިމު ޤައުމެކެވެ. ﷲ ތަޢާލާގެ ޝަރީޢަތް ހިނގަން ޖެހޭނޭ ޤައުމެކެވެ. ދިވެހި ޤައުމަށް އަމާންކަމާއި ސަލާމަތްކަން ގެނައުމަށް އެ ޝަރީޢަތުގެ ޙުކުމްތައް ތަންފީޒުކުރުންނޫންގޮތެއް ނެތެވެ. އެހެނީ އެ ޝަރީޢަތަކީ އިންސާނުން ޚަލްޤުކުރެއްވި އަދި އެ އިންސާނުންގެ އެންމެހައި ޙަޤީޤަތައް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ ގަދަކީރިތިވަންތަ ﷲ ސުުބްޙާނަހު ވަތަޢާލާގެ ހަޟްރަތުން އައި ޝަރީޢަތެކެވެ. އެ ޝަރީޢަތަކީ ވަކި މީހެއްގެ ދިފާޢުގައި ބާވައިލެއްވުނު ޝަރީޢަތެއްނޫނެވެ. އެހެނެއްކަމަކު ، މުޖްތަމަޢުގެ އަމާންކަމާއި ސަލާމަތްކަން އެންމެ ފުރިހަމަ ގޮތުގައި އެ ޝަރީޢަތުގައި ހިމެނިފައިވެއެވެ. ބިންމަތީގައި ފަސާދަ ކުރާނަމަ އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް ޢުޤޫބާތް އެ ޝަރީޢަތުގައި ކަނޑައެޅިފައިވެއެވެ. މީހަކަށް އަނިޔާކުރުމާއި ކޮށްފައިވާ ކުށަކަށް އަދަބު ދިނުމަކީ މުޅީން ތަފާތު ދެކަމެކެވެ. މި ދެކަންތައް އޮޅުވައިލާން މަސައްކަތް ނުކުރާށެވެ.

އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމް ތަކާއިމެދު ކާފަރުން ނުރުހޭނެކަން ކަށަވަރެވެ. އަދި ކިއެއްހެއްޔެވެ. ފުރިހަމަ މުސްލިމެއްގެ ގޮތުގައި މީހަކު ހުރުމަކަށްވެސް އެބައިމީހުން ނުރުހެއެވެ. ﷲ ތަޢާލާ ގެ މިވަޙީބަސްފުޅު ، ކާފަރުންނާއި މުޢާމަލާތްކޮށްއުޅުމުގައި އަބަދުވެސް ހަނދާން ބަހައްޓަންޖެހޭނެއެވެ. ” وَلَن تَرْ‌ضَىٰ عَنكَ الْيَهُودُ وَلَا النَّصَارَ‌ىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى اللَّـهِ هُوَ الْهُدَىٰ ۗ وَلَئِنِ اتَّبَعْتَ أَهْوَاءَهُم بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ ۙ مَا لَكَ مِنَ اللَّـهِ مِن وَلِيٍّ وَلَا نَصِيرٍ‌ ﴿١٢٠﴾ ” سورة البقرة މާނަ : ” އަދި ޔަހޫދީންވެސް އަދި ނަޞާރާއިންވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބަޢުވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ﷲ ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް ޢިލްމުގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ ހަވާނަފްސުގެ އެދުންތަކަށް ކަލޭގެފާނު ތަބަޢު ވެވަޑައިގެންފިނަމަ ﷲ ގެ ހަޟްރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި ނަސްރުދޭނޭ މީހަކުވެސް ނުވާނެތެވެ.  “

އިންސާނީ ހައްޤުތައް ޙިމާޔަށްކުރާ މީހުންގެ ނަމުގައި ، އަންހެނުންގެ ހައްޤުތައް ހިމާޔަތްކުރާމީހުންގެ ނަމުގައި ނުވަތަ ޑިމޮކްރަސީ ހަރުދަނާކުރުމުގެ ނަމުގައި ދިވެހި މުސްލިމު މުޖުތަމަޢުއަށް އަންނަ ކާފަރުންގެ ހަޤީޤީ ބޭނުމަކީ އިސްލާމީ ވަޙްދަތު ނައްތާލައި މާތްވެގެންވާ އިސްލާމްދީނާއި މީސްތަކުން ދުރުކުރުން ކަމާއިމެދަކު ޝައްކެއްނެތެވެ. އިސްލާމީ ޤައުމެއްގައި މުސްލިމުންގެ މެދުގައި ތިބެގެން އިސްލާމީ ޝަރީޢަތަށް ފުރައްސާރަކުރަން ކެރޭނީ ކިހައި ލަދުހަޔާތް ކުޑަމީހަކަށް ހެއްޔެވެ؟ އެފަދަ މީހަކަށް ދިވެހި ބިމުގައި ފައި އަޅާލުމުގެ ފުރުޞަތުވެސް ދެވިގެން ނުވާނެއެވެ. އެހެނީ ، އަޅުގަނޑުމެންގެ އަޤީދާއާއި ފާޅުކަންބޮޑުގޮތުގައި ކުޅެމުންދަނީއެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ދީނަކަށް އުޅެވޭނެއޭ ކިޔަމުންދާ ބަޔަކު، މުސްލިމުން ޤަބޫލުކޮށްތިބި އިސްލާމީ އަޤީދާއާއި ކުޅެން އުޅުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟

މިފަދަމީހުން ، ދިވެހިރާއްޖޭގައި އިޙްތިރާމް ލިބިގެންވާ މުއައްސަސާތަކަށް ވަދެ އަޅުގަނޑުމެންގެ އަޤީދާއަށް ފުރައްސާރަކުރަމުންދާއިރުވެސް އަޅުގަނޑުމެން އަތްޖަހާލަ ޖަހާލައި ތިބެންވީތޯއެވެ. މިފަދަ މުޖުރިމުންގެ ކިބައި އިސްލާމީ އުއްމަތް ސަލާމަތްކުރުމަކީ މިއަދު ކޮންމެ މުސްލިމަކުވެސް ކުރަންޖެހިފައިވާކަމެކެވެ. އަޅުގަނޑުމެން ބަހުސްކުރަން ޖެހޭ ކަންތަކާއި  ، ކުރަން ނުޖެހޭކަންތައްތައް އަޅުގަނޑުމެނަށް ވަރަށް ސާފެވެ. އެކަންތައް ކިޔައިދޭކަށް މިޤައުމަކަށް އ.ދ އިން ވިޔަސް އަދި އެހެންތާކުންވިޔަސް މީހަކުގެ ބޭނުމެއް ނުޖެހެއެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. ” وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَ‌سُولُهُ أَمْرً‌ا أَن يَكُونَ لَهُمُ الْخِيَرَ‌ةُ مِنْ أَمْرِ‌هِمْ ۗ وَمَن يَعْصِ اللَّـهَ وَرَ‌سُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ” – سورة الأحزاب 36 – މާނަ : ” އަދި ﷲ އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކަނޑައަޅުއްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް، އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ. “

މީސްތަކުން ހައްޤަކައި ނުލައި މަރައި އިއްފަތް ފޭރިގަނެ ، އަންހެނުން ބުރުގާއެޅުމުގެ ސަބަބުން ވަޒީފާއިން ވަކިކުރެވި ، މޫނުބުރުގާއެޅުމުގެ ސަބަބުން ކިޔެވުމުން މަޙްރޫމުކުރެވި މިފަދަ ލާއިންސާނީ ޢަމަލުތައް ހިންގާ މަންޒަރުތައް މިބައިމީހުނަށް ފެންނަަކަމަކަށް ނުވެއެވެ. އެމީހުންގެ ހައްޤުތަކުގެ ދިފާއުގައި ވަކާލާތުކުރާނެ އެއްވެސް ޖަމިއްޔާއެއް އަދި ޖަމާޢަތެއްވެސް ނޯންނަނީބާއެވެ. ފާޙިޝް ކަންތައްތައް ފެތުރޭނެ މަގުތައް ބަންދުވާތީ މިމީހުން ކަންބޮޑުވެގެން އުޅޭކަަހަލައެވެ. އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙައްދެއް ޤާއިމުކުރެވޭކަމަށްޓަކައި އެކަން ހުއްޓުވުމަށް ކޮންމެފަދަ ކަމެއްވެސް މިބައިމީހުން ކޮށްފާނެއެވެ. މީހަކު ކުރާ ކުށަކަށް ދެވޭ އަދަބަކާއި ، މީހަކަށް ކުރެވޭ އަނިޔާއަކީ މުޅީން ތަފާތު ދެކަމެކެވެ. އަނެއްކޮޅުން އެމީހަކީ އަންހެނަކަށްވީތީ ހައްދު ޖަހާކަށް އިސްލާމްދީނުގައި ނޯވެއެވެ. ނަމަވެސް ހައްދުޖަހަން ޖެހެނީ ޒިނޭގެ ނުބައި ޖަރީމާއަށް މީހަކު އަރައިގެންފިކަން ޝަރުޢީ ކޯޓަކަށް ޘާބިތުވެއްޖެ ނަމައެވެ. އެއީ ފިރިހެނަކަށްވިޔަސް އަދި އަންހެނަކަށް ވިޔަސް އެމީހެއްގެ ގައިގައި ހައްދު ޖަހަންޖެހޭނެއެެވެ.

ޒިނޭގެ ނުބައި ޖަރީމާގެ ނަތީޖާ އަކީ ކޮބައިތޯއެވެ. ރަނގަޅުތަރުބިއްޔަތެއް ނެތި ދަރީންތަކެއް މުޖުތަމަޢުއަށް ގިނަވެގެން ދިޔުމަށް މަގުފަހިވެއެވެ. އެތައް ކުޑަކުދިންނެއް ދިރިހުއްޓާ ވަޅުލެވެނީއެވެ. ކޯސްޓުދަޅުދަޅަށާއި ޑަބިޔާ ޑަބިޔަލަށް ލާފައި އެއްލާލެވެނީއެވެ. ފާހާނާ ވަޅުގަނޑުތަކާއި ކުނިގޮނޑުތަކުން ހޮވާފައި ވަނީ ކިތައްކުދިންތޯއެވެ؟ މިއީ ދިވެހިރާއްޖޭގައި ހިނގަމުން އަންނަ ކަންތައްތަކެވެ. މިކަންތައްތަކާއިމެދު ކަންބޮޑުވެގެން އުޅޭތަނެއް ނުފެނެއެވެ. ތަނެއްގައި ޒިނޭގެ ނުބައި ޖަރީމާ އާއްމުވެއްޖެނަމަ އެތަނެއްގައި ބަލިމަޑުކަން ފެތުރިގެން ދާކަމީ ދުނިޔެވީގޮތުން ބެލިޔަސް ފެންނަމުންދާ ޙަޤީޤަތެކެވެ.

ދިވެހިން އެބައިމީހުން ގަބޫލުކުރާ އުސޫލުތަކެއް ހަދައި އިސްލާމީ ޝަރީޢަތް ޤަބޫލުކޮށް ، އެގޮތުގެ މަތީގައި ތިބުމަކީ އެބައިމީހުނަށް ލިބިގެންވާ މިނިވަން ކަމެއް ނޫންތޯއެވެ؟ ހައްޤެއް ނޫންތޯއެވެ؟ ނަަމަވެސް “މިބައިމީހުން” އައިސް ދިވެހިންގެ ދީނަށާއި އެބައިމީހުންގެ އުސޫލުތަކަށް ހިތުހުރިހައި އެެއްޗެއް ގޮވާއިރުވެސް އަޅުގަނޑުމެން މަޑުން ތިބެންވީތޯއެވެ. އެހެންކަމަށްވާނަމަ އ.ދ ގެ އުސޫލުތައްވެސް ޤަބޫލުނުކުރުމުގެ ހައްޤު އަޅުގަނޑުމެނަށް ލިބިގެން ވާނެނޫންތޯއެވެ؟ އެހެނީ އެމީހުނަަށް އެމީހުން ބޭނުން އެއްޗެއް ޤަބޫލުކޮށް އަދި އެހެންމީހުންގެ އަޤީދާއަށް އެއްޗެހިގޮވައި ފުރައްސާރަކޮށް ހެދެއެވެ. އަދި މިމީހުންގެ ބަހުން ހީވެގެންދަނީ އެހެންމީިހުން ޤަބޫލުކުރަންވީ ވެސް މިބައިމީހުންގެ އަޤީދާއެވެ. އެހެންނަމަވެސް މިއީ ޢަޤީދާގެ މިނިވަންކަަމަށް ގޮވައިލާ މީހުންކަމަށް ދައުވާކުރާ މީހުނެވެ.

ދިވެހިންގެ އިސްލާމީ ވަޙުދާނިއްޔަތު ނައްތާލުމަށް ޢަދާވާތްތެރިން ، އެތެރެއިންނާއި ބޭރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ސަމާލުވާށެވެ. އެމީހުން ދިވެހިންގެ އަޤީދާއަށް ބޮންއަޅަނީއެވެ. ހަޤީޤީ ޓެރަރިސްޓުންނަކީ އެބައިމީހުންކަމާއި މެދަކު ޝައްކެއް ނެތެވެ.

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. ” وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْ‌ضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ ﴿١١﴾ أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُ‌ونَ ﴿١٢﴾ ” سورة البقرة މާނަ : ” އެބައިމީހުންގެ ގާތުގައި ބިންމަތީގައި ފަސާދަ ނުކުރާށޭ ބުނެވިއްޖެނަމަ އެބައިމީހުން ބުނެއެވެ. ތިމަންނަމެންނަކީ އިސްލާޙޫ ކުރާމީހުންނެވެ. ދަންނާށެވެ. ހަމަކަށަވަރުންވެސް ފަސާދަކުރާމީހުންނަކީ ހަމަ އެބައިމީހުންނެވެ. ނަމަވެސް އެބައިމީހުންނަކަށް އެކަމެއް ނޭންގެއެވެ. “