އިމާމު އަޙްމަދާއި (18054) އަބޫ ދާވޫދު (5079) ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((إِذَا صَلَّيْتَ الصُّبْحَ، فَقُلْ قَبْلَ أَنْ تُكَلِّمَ أَحَدًا مِنَ النَّاسِ: اللَّهُمَّ أَجِرْنِي مِنَ النَّارِ، سَبْعَ مَرَّاتٍ، فَإِنَّكَ إِنْ مِتَّ مِنْ يَوْمِكَ ذَلِكَ، كَتَبَ اللَّهُ لَكَ جِوَارًا مِنَ النَّارِ، وَإِذَا صَلَّيْتَ الْمَغْرِبَ، فَقُلْ قَبْلَ أَنْ تُكَلِّمَ أَحَدًا مِنَ النَّاسِ: اللَّهُمَّ أَجِرْنِي مِنَ النَّارِ سَبْعَ مَرَّاتٍ، فَإِنَّكَ إِنْ مِتَّ مِنْ لَيْلَتِكَ تِلْكَ، كَتَبَ اللَّهُ لَكَ جِوَارًا مِنَ النَّارِ))
މާނައީ: “ފަތިސް ނަމާދުކޮށްފައި އެއްވެސް މީހަކާ ވާހަކަދެއްކުމުގެ ކުރިން ހަތް ފަހަރު ކިޔާށެވެ. “އޭ ﷲ! މިއަޅާ ނަރަކައިން ރައްކާތެރިކޮށްދެއްވާނދޭވެ!” ފަހެ އެދުވަހުގައި ތިބާ މަރުވެއްޖެނަމަ ދަންނައެވެ. ނަރަކައިން ރައްކާތެރިވާނެކަމަށް ﷲ ތިބާއަށްޓަކައި ލިޔުއްވާނެއެވެ.
އަދި މަޣްރިބު ނަމާދުކޮށްފައި އެއްވެސް މީހަކާ ވާހަކަދެއްކުމުގެ ކުރިން ހަތް ފަހަރު ކިޔާށެވެ. “އޭ ﷲ! މިއަޅާ ނަރަކައިން ރައްކާތެރިކޮށްދެއްވާނދޭވެ!” ފަހެ އެރޭގައި ތިބާ މަރުވެއްޖެނަމަ ދަންނައެވެ. ނަރަކައިން ރައްކާތެރިވާނެކަމަށް ﷲ ތިބާއަށްޓަކައި ލިޔުއްވާނެއެވެ.”
މިޙަދީޘަކީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޞައްޙަކޮށް ވާރިދުވެގެން އައިސްފައިވާ ޙަދީޘެއް ނޫނެވެ. [انظر السلسلة الضعيفة للشيخ الألباني رحمه الله (1624)]
އެހެންކަމުން ފަތިސް ނަމާދާއި މަޣްރިބު ނަމާދުގެ ފަހުގައި މިދުޢާ ކިޔުމަކީ ސުންނަތެއް ނޫނެވެ.
އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَنْ سَأَلَ اللَّهَ الجَنَّةَ ثَلاَثَ مَرَّاتٍ قَالَتِ الجَنَّةُ: اللَّهُمَّ أَدْخِلْهُ الجَنَّةَ، وَمَنْ اسْتَجَارَ مِنَ النَّارِ ثَلاَثَ مَرَّاتٍ قَالَتِ النَّارُ: اللَّهُمَّ أَجِرْهُ مِنَ النَّارِ)) [رواه الترمذي (2572) والنسائي (5521)، وهو حديث صحيح، صححه الشيخ الألباني رحمه الله في صحيح الجامع (6275)]
މާނައީ: “ސުވަރުގެއަށް އެދި ﷲ ގެ ޙަޟްރަތުގައި ތިން ފަހަރު ދަންނަވައިފިމީހާ ދަންނާށެވެ. ސުވަރުގެ ދަންނަވައެވެ. “އޭ ﷲ! އޭނާ ސުވަރުގެ ވައްދަވައިދެއްވާނދޭވެ!
އަދި ނަރަކައިން ރައްކާތެރިކޮށްދެއްވުން އެދި (ﷲ ގެ ޙަޟްރަތުގައި) ތިން ފަހަރު ދަންނަވައިފިމީހާ ދަންނާށެވެ. ނަރަކަ ދަންނަވައެވެ. އޭ ﷲ! އޭނާ ނަރަކައިން ރައްކާތެރިކުރައްވާނދޭވެ!”
މިއީ ޞައްޙަ ޙަދީޘެކެވެ. ނަމަވެސް މިފަދައިން ދުޢާ ކުރުމަށް ވާރިދުވެފައި މިވަނީ އެއްވެސް ނަމާދަކާ ނުގުޅުވައެވެ. އަދި ވަކި ވަގުތެއް ޚާއްޞަ ނުކޮށެވެ.
ފަހެ، މުއުމިނުންގެ މައްޗަށް މުސްތަޙައްބުވެގެންވަނީ ގިނަ ގިނައިން ސުވަރުގެ ވައްދަވައިދެއްވުން އެދުމާއި ނަރަކައިން ސަލާމަތްކޮށްދެއްވުން އެދުމެވެ. އެއީ ވަކި ނަމާދެއް ނުވަތަ ވަކި ވަގުތެއް ޚާއްޞަކުރުމެއް ނެތިއެވެ.
والله أعلم .
________________________