ޔަހޫދީންނާއި ނަޞާރާއިންނަކީ ﷲ ތަޢާލާ ބާވައިލެއްވި ދީންތަކެއްގެ އަހުލުވެރި ބަޔެކެވެ. ﷲ ތަޢާލާ ޔަހޫދީންނަށް ތައުރާތު ބާވައިލެއްވިއެވެ. އަދި ނަޞާރާއިންނަށް އިންޖީލް ބާވައިލެއްވިއެވެ. އެހެންނަމަވެސް އެމީހުންވަނީ އެމީހުންގެ ދީންބަދަލުކޮށް އެމީހުން ހިތަށް އެރިގޮތަކަށް އުޅެންފަށާފައެވެ. ﷲ ތަޢާލާގެ އާޔަތްތައް އެމީހުންގެ އަތުން ބަދަލުކޮށް ކޮށާމަށާފައެވެ. އިސްލާމްދީނަކީ ﷲ ތަޢާލާ މުޅި ޢާލަމްތަކަށް ބާވައިލެއްވި ޝާމިލް ދީނެކެވެ. އެއިލާހުގެ ހަޞްރަތުގައި ހަމައެކަނި ދީނަކީ އިސްލާމްދީން ކަމުގައި އެއިލާހު ވަނީ އަންގަވާފައެވެ. އަދި އިސްލާމްދީން ނޫން އެހެން ދީނެއް އިޚްތިޔާރުކޮށްފި މީހެއްގެ ކިބައިން އެކަން ޤަބޫލް ނުކުރައްވާނެކަން ﷲ ތަޢާލާވަނީ އަންގަވާފައެވެ. އެހެންކަމުން އަޅުގަނޑުމެން މުސްލިމުން ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މިއްލަތަށް ތަބާވެ އިސްލާމްދީން ޤަބޫލްކުރުމުން ޔަހޫދީންނާއި ނަޞާރާއިންވަނީ ހަސަދަވެރިވެފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَدَّ كَثِيرٌ مِّنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّ) މާނައީ: ” ފޮތުގެ އަހުލުވެރިންގެ ތެރެއިން ގިނަމީހުން، އެއުރެންނަށް ޙައްޤު ބަޔާންވެ އެނގުމަށްފަހުގައި، އެއުރެން އަމިއްލައަށް ޙަސަދަވެރިވެގެން، ތިޔަބައިމީހުން އީމާންވުމަށްފަހު އަލުން އަނބުރާ ކާފިރުކަމަށް ރުޖޫޢަކުރެވޭނެނަމައޭ ހިތައި އެކަމަށް އެދުނެވެ. “ އަލްބަޤަރާ 109
ޔަހޫދީން ތައުރާތާއިމެދު ޢަމަލުކުރިގޮތް އިމާމް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ގެންނަވާފައިވެއެވެ. ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައި ވެއެވެ. ((أَنَّ الْيَهُودَ جَاءُوا إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِرَجُلٍ مِنْهُمْ وَامْرَأَةٍ قَدْ زَنَيَا فَقَالَ لَهُمْ كَيْفَ تَفْعَلُونَ بِمَنْ زَنَى مِنْكُمْ قَالُوا نُحَمِّمُهُمَا وَنَضْرِبُهُمَا فَقَالَ لَا تَجِدُونَ فِي التَّوْرَاةِ الرَّجْمَ فَقَالُوا لَا نَجِدُ فِيهَا شَيْئًا فَقَالَ لَهُمْ عَبْدُ اللَّهِ بْنُ سَلَامٍ كَذَبْتُمْ فَأْتُوا بِالتَّوْرَاةِ فَاتْلُوهَا إِنْ كُنْتُمْ صَادِقِينَ فَوَضَعَ مِدْرَاسُهَا الَّذِي يُدَرِّسُهَا مِنْهُمْ كَفَّهُ عَلَى آيَةِ الرَّجْمِ فَطَفِقَ يَقْرَأُ مَا دُونَ يَدِهِ وَمَا وَرَاءَهَا وَلَا يَقْرَأُ آيَةَ الرَّجْمِ فَنَزَعَ يَدَهُ عَنْ آيَةِ الرَّجْمِ فَقَالَ مَا هَذِهِ فَلَمَّا رَأَوْا ذَلِكَ قَالُوا هِيَ آيَةُ الرَّجْمِ فَأَمَرَ بِهِمَا فَرُجِمَا قَرِيبًا مِنْ حَيْثُ مَوْضِعُ الْجَنَائِزِ عِنْدَ الْمَسْجِدِ فَرَأَيْتُ صَاحِبَهَا يَحْنِي عَلَيْهَا يَقِيهَا الْحِجَارَةَ))
މާނައީ: ((” ޒިނޭކޮށްފައިވާ ފިރިހެނަކާއި އަންހެނަކު ގޮވައިގެން ޔަހޫދީން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހަށް އައެވެ. ދެން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން ޒިނޭކުރާ މީހުންނާއި މެދު ތިޔަބައިމީހުން ޢަމަލުކުރަނީ ކިހިނަކުންތޯއެވެ؟” އެބައިމީހުން ބުންޏެވެ. ތިމަންމެން އެމީހުންގެ މޫނަށް ހޫނުފެން ޖަހައި އެމީހުންގެ ގައިގައި ތަޅަނީއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ: ” ތައުރާތުގައި އެމީހުން ރަޖަމުކުރުމަށް އަންގަވާފައި ނުވޭތޯއެވެ؟” އެމީހުންބުންޏެވެ. ތިމަންމެނަށް ތައުރާތުން ނުފެނެއެވެ.”
ދެން ޢަބްދުﷲ ބުން ސަލާމް ރަޟިޔަﷲ ޢަންހު އެބައިމީހުންނަށް ވިދާޅުވިއެވެ.: ކަލޭމެން ދޮގުހަދައިފިއެވެ. ކަލޭމެންނަކީ ތެދުވެރިން ކަމުގައިވާނަމަ ތައުރާތުގެނެސް ކަލޭމެން އެކިޔަވާށެވެ. ދެން އެމީހުންގެ ތެރެއިން އެމީހުންނަށް ތައުރާތު ކިޔަވައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު (ޢިލްމުވެރިޔަކު) ތައުރާތުގައިވާ ރަޖަމުގެ އާޔަތުގެ މަތީގައި އަތް އަޅައި އޭގެ ކުރީގައާއި ފަހުގައިވާ އާޔަތްތައް ކިޔަވަން ފަށައިފިއެވެ. އަދި ރަޖަމުގެ އާޔަތް ނުކިޔެވިއެވެ. ދެން ޢަބްދުﷲ ބުން ސަލާމް ރަޟިޔަﷲ ޢަންހު އޭނާގެ އަތް އެއާޔަތުގެ މަތިން ނަންގަވާފައި މިއީ ކޯއްޗެއްތޯ އޭނައާއި ސުވާލުކުރިއެވެ.
ދެން އެމީހުންނަށް އެ ފެނުމުން އެއީ ރަޖަމުގެ އާޔަތޭ ބުންޏެވެ. ދެން އެމީހުންގެ ތެރެއިން ޒިނޭކުރި ދެމީހުން މަސްޖިދުއްނަބަވީ ކައިރީގައިވާ މުސްލިމުންގެ ޖަނާޒާ ބާއްވާ ސަރަހައްދާއި ކައިރި ހިސާބެއްގައި ތައުރާތުގައިވާ ގޮތަށް ރަޖަމްކުރެވުނެވެ. ޢަބްދުﷲ ބުން ޢުމަރު ވިދާޅުވިއެވެ. ރަޖަމު ކުރެވުނު ފިރިހެންމީހާ ރަޖަމުކުރެވުނު އަންހެންމީހާއާއި ދިމާލަށް ލެނބި އެ އަންހެނާއާއި ދިމާލަށް އަންނަ ހިލަތަކުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތްކުރާތީ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ.”))
މި ޙަދީޘް ރިވާކުރައްވާފައިވަނީ އިމާމް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ކިތާބުއް ތަފްސީރުގައެވެ. ބާބު (قل فأتوا بالتوراة فاتلوها إن كنتم صادقين)[آل عمران 93] ގައެވެ. މި ޙަދީޘުގައިވާ ޢަބްދުﷲ ބުން ސަލާމްއަކީ ކުރީގައި ޔަހޫދީންގެ ޢީލްމުވެރިއެއްގެ ގޮތުގައި ހުންނެވުމަށްފަހު އިސްލާމްވެވަޑައިގެންނެވި ޞަޙާބީއެކެވެ. މިއަދާއި ޖެހެންދެންވެސް ޔަހޫދީންގެ ތައުރާތުގެ ޞިފްރުއް ލާވިޔީންގެ 20 ވަނަ ޗެޕްޓާގައި ޒިނޭކުރާމީހާ ރަޖަމްކުރަންޖެހޭނެ ކަމާއި ރަޖަމްކުރަންޖެހޭ ގޮތުގެ ތަފްސީލަށްދާންދެން އެބައޮތެވެ.
މިޙަދީޘުން ލިބޭ ޢިބްރަތްތަކުގެ ތެރޭގައި ޔަހޫދީން އެބައިމީހުންނަށް ﷲ ތަޢާލާ ބާވައިލެއްވި ފޮތުގައި އެބައިމީހުން ޢަމަލުކުރަންޖެހޭ ގޮތް އަންގަވާފައި ވަނިކޮށް އެމީހުންގެ ޝަރީޢަތްބަދަލުކޮށް ޒިނޭކުރާ މީހުންގެ މޫނަށް ހޫނުފެންޖަހައި ތަޅަމުންދިޔަކަން އެނގެއެވެ. ހަމަ މިގޮތަށް މިއަދު އަޅުގަނޑުމެން މިދަނީ ކީރިތި ޤުރްއާނާއި ސުންނަތުގައި ޞަރީޙަބަހުން ޒިނޭކުރާ މުޙްޞަން މީހާ ރަޖަމުކުރުމަށާއި ވައްކަންކުރާ މީހާގެ އަތްކަނޑަން އަންގަވާފަވަނިކޮށް އެއާއި ޚިލާފަށް ޙުކުމްކޮށް ޢަމަލުކުރަމުންނެވެ.
ރަސޫލުﷲ ޞައްލްﷲ ޢަލއިހިވަސައްލަމްގެ ޒަމާނުގައި ޔަހޫދީންގެ ޙާލު ހުރީ މިއަދު އަޅުގަނޑުމެން މުސްލިމުން ޙާލު މިހުރި ގޮތަށެވެ. އެހެނީ ކީރިތި ޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތައް ނުވަތަ ސުންނަތް މިއަދުވެސް ރީއްޗަށް އަޅުގަނޑުމެންނަށް ފެންނަށް އެބައޮތެވެ. އަދި މި ދޭތީގައިވެސް ޒިނޭ ކުރާމީހާ (މުޙްޞަން) ރަޖަމު ކުރުމަށް އަންގަވާފައިވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެން އެކަމެއް ނުކުރަމުއެވެ.