[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

صحيح مسلم – كتاب الإيمان (އީމާންކަން ނަންގަނެފައިވާ ފޮތް) – 11

9 – އީމާންކަމުގެ ފުރަތަމަ ކަމަކީ لَا إِلَهَ إِلَّا اللهُ ކިޔުންކަން ނަންގަނެފައިވާ ބާބު

 

39 – (24) وحَدَّثَنِي حَرْمَلَةُ بْنُ يَحْيَى التُّجِيبِيُّ، أَخْبَرَنَا عَبْدُ اللهِ بْنُ وَهْبٍ، قَالَ: أَخْبَرَنِي يُونُسُ، عَنِ ابْنِ شِهَابٍ قَالَ: أَخْبَرَنِي سَعِيدُ بْنُ الْمُسَيِّبِ، عَنْ أَبِيهِ، قَالَ: لَمَّا حَضَرَتْ أَبَا طَالِبٍ الْوَفَاةُ جَاءَهُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَوَجَدَ عِنْدَهُ أَبَا جَهْلٍ، وَعَبْدَ اللهِ بْنَ أَبِي أُمَيَّةَ بْنِ الْمُغِيرَةِ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((يَا عَمِّ، قُلْ: لَا إِلَهَ إِلَّا اللهُ، كَلِمَةً أَشْهَدُ لَكَ بِهَا عِنْدَ اللهِ))، فَقَالَ أَبُو جَهْلٍ، وَعَبْدُ اللهِ بْنُ أَبِي أُمَيَّةَ: يَا أَبَا طَالِبٍ، أَتَرْغَبُ عَنْ مِلَّةِ عَبْدِ الْمُطَّلِبِ؟ فَلَمْ يَزَلْ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَعْرِضُهَا عَلَيْهِ، وَيُعِيدُ لَهُ تِلْكَ الْمَقَالَةَ حَتَّى قَالَ أَبُو طَالِبٍ آخِرَ مَا كَلَّمَهُمْ: هُوَ عَلَى مِلَّةِ عَبْدِ الْمُطَّلِبِ، وَأَبَى أَنْ يَقُولَ: لَا إِلَهَ إِلَّا اللهُ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَمَا وَاللهِ لَأَسْتَغْفِرَنَّ لَكَ مَا لَمْ أُنْهَ عَنْكَ»، فَأَنْزَلَ اللهُ عَزَّ وَجَلَّ: ﴿مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَى مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ﴾ [سورة التوبة: 113]، وَأَنْزَلَ اللهُ تَعَالَى فِي أَبِي طَالِبٍ، فَقَالَ لِرَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ﴿إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ﴾ [سورة القصص 56].

 

ސަޢީދު ބުން އަލްމުސައްޔިބު އެކަލޭގެފާނުގެ ބައްޕަގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަބޫ ޠާލިބު މަރަށް ޙާޟިރުވެފައިވަނިކޮށް ﷲ ގެ ރަސޫލާ صلى الله عليه وسلم އޭނާގެ ގާތަށް ވަޑައިގެންނެވިއެވެ. ފަހެ، އޭރު އޭނާގެ ގާތުގައި އަބޫ ޖަހުލާއި ޢަބްދުﷲ ބުން އަބޫ އުމައްޔާ ބުން މުޣީރާ ތިއްބެވެ. ފަހެ، ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އޭ ބޮޑުބޭބޭއެވެ! لَا إِلَهَ إِلَّا اللهُ ކިޔާށެވެ! އެކަލިމައިގެ ޒަރީއާއިން ތިމަންކަލޭގެފާނު ﷲ ގެ ޙަޟްރަތުގައި ކަލޭގެފާނަށްޓަކައި ހެކިވާނަމެވެ.”

ފަހެ، އަބޫ ޖަހުލާއި ޢަބްދުﷲ ބުން އަބޫ އުމައްޔާ ބުންޏެވެ. “އޭ އަބޫ ޠާލިބެވެ! އަބްދުލް މުއްޠަލިބުގެ މިއްލަތް ދޫކޮށްލަނީ ހެއްޔެވެ؟”

ﷲ ގެ ރަސޫލާ صلى الله عليه وسلم އެކަން އޭނާއަށް ހުށަހެޅުއްވުމުގައި ދެމިހުންނެވިއެވެ. އަދި އެކަލޭގެފާނުގެ އެބަސްފުޅު ތަކުރާރުކުރެއްވިއެވެ. އަބޫ ޠާލިބު އޭނާގެ އެންމެ ފަހުބަސް ބުނެފުމަށް ދާންދެނެވެ. އެއީ އޭނާ އެވަނީ ޢަބްދުލް މުއްޠަލިބުގެ މިއްލަތުގައި ކަމެވެ. އަދި لَا إِلَهَ إِلَّا اللهُ ކިޔުމަށް ފުރަގަސް ދިނެވެ. 

ފަހެ، ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ﷲ ގަންދީ ހުވާކުރައްވަމެވެ. ތިމަންކަލޭގެފާނަށް ނަހީކުރެއްވުމަށް ދާންދެން އެކަލޭގެފާނުގެ ފާފަފުއްސަވައިދެއްވުމަށް އެދި ދަންނަވާނަމެވެ.” ފަހެ ﷲ عَزَّ وَجَلَّ އަންނަނިވި އާޔަތް ބާވައިލެއްވިއެވެ. 

﴿مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَى مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ﴾ [سورة التوبة: 113]

މާނައީ: “ނަބިއްޔާއަކަށްވެސް އަދި އީމާންވި މީހުންނަކަށްވެސް މުޝްރިކުންނަށްޓަކައި ފާފަފުއްސެވުންއެދި ދުޢާކުރެއްވުމެއް ނެތެވެ. އެބައިމީހުންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެސް މެއެވެ. ހަމަކަށަވަރުން އެބައިމީހުންނީ ނަރަކައިގެ އަހުލުވެރިންކަން އެބައިމީހުންނަށް ފާޅުވެ އެނގުމަށްފަހުގައެވެ.”   

އަދި އަބޫ ޠާލިބާ ބެހޭގޮތުން، ﷲ ތަޢާލާ އަންނަނިވި އާޔަތް ބާވާލައްވައި، ﷲ ގެ ރަސޫލާ صلى الله عليه وسلم އަށް ވަޙީކުރެއްވިއެވެ.

﴿إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ﴾ [سورة القصص 56]

މާނައީ: “ހަމަކަށަވަރުން ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެއެވެ. އެހެނެއްކަމަކު ﷲ، އެއިލާހު އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވައެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެއިލާހެވެ.”

 

 

40 – (…) وحَدَّثَنَا إِسْحَاقُ بْنُ إِبْرَاهِيمَ، وَعَبْدُ بْنُ حُمَيْدٍ، قَالَا: أَخْبَرَنَا عَبْدُ الرَّزَّاقِ، أَخْبَرَنَا مَعْمَرٌ، ح وحَدَّثَنَا حَسَنٌ الْحُلْوَانِيُّ، وَعَبْدُ بْنُ حُمَيْدٍ قَالَا: حَدَّثَنَا يَعْقُوبُ وَهُوَ ابْنُ إِبْرَاهِيمَ بْنِ سَعْدٍ، قَالَ: حَدَّثَنِي أَبِي، عَنْ صَالِحٍ، كِلَاهُمَا عَنِ الزُّهْرِيِّ بِهَذَا الْإِسْنَادِ مِثْلَهُ، غَيْرَ أَنَّ حَدِيثَ صَالِحٍ انْتَهَى عِنْدَ قَوْلِهِ: فَأَنْزَلَ اللهُ عَزَّ وَجَلَّ فِيهِ، وَلَمْ يَذْكُرِ الْآيَتَيْنِ، وَقَالَ فِي حَدِيثِهِ: وَيَعُودَانِ فِي تِلْكَ الْمَقَالَةِ، وَفِي حَدِيثِ مَعْمَرٍ مَكَانَ هَذِهِ الْكَلِمَةِ فَلَمْ يَزَالَا بِهِ.

 

ޒުހުރީގެ އަރިހުން މިފަދަ ސަނަދަކުން މިވާހަކަ ރިވާވެގެންވެއެވެ. އަބޫ ޞާލިޙު ރިވާކުރެއްވި ޙަދީޘް ނިމިފައިވަނީ “ފަހެ ﷲ عَزَّ وَجَلَّ އަންނަނިވި އާޔަތް ބާވައިލެއްވިއެވެ.” މި ހިސާބަށެވެ. މި ރިވާޔަތުގައި އެ ދެ އާޔަތް ޛިކުރުކުރައްވާފައި ނުވެއެވެ. އަދި އިތުރަށް ގެންނަވާފައިވަނީ: އެ ދެމީހުން އެ ބަސް ތަކުރާރުކުރަމުން ދިޔައެވެ. އަދި މަޢުމަރުގެ ރިވާޔަތުގައިވަނީ އެ ދެމީހުން މެދު ނުކެނޑި އޭނާ ގާތުގައި ކިޔެވެ. 

 

 

41 – (25) حَدَّثَنَا مُحَمَّدُ بْنُ عَبَّادٍ، وَابْنُ أَبِي عُمَرَ، قَالَا: حَدَّثَنَا مَرْوَانُ، عَنْ يَزِيدَ وَهُوَ ابْنُ كَيْسَانَ، عَنْ أَبِي حَازِمٍ، عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِعَمِّهِ عِنْدَ الْمَوْتِ: ((قُلْ: لَا إِلَهَ إِلَّا اللهُ، أَشْهَدُ لَكَ بِهَا يَوْمَ الْقِيَامَةِ))، فَأَبَى، فَأَنْزَلَ اللهُ: ﴿إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ﴾ [سورة القصص: 56] الْآيَةَ.

 

އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ބޮޑުބޭބެއަށް، އޭނާގެ މަރުގެ އާލާސްކަންފުޅުގައި ވަނިކޮށް ޙަދީޘްކުރެއްވިއެވެ. “لَا إِلَهَ إِلَّا اللهُ ކިޔާށެވެ! އެކަލިމައިގެ ޒަރީއާއިން ތިމަންކަލޭގެފާނު ކަލޭގެފާނަށްޓަކައި ޤިޔާމަތް ދުވަހުން ހެކިވާނަމެވެ.” ފަހެ އެކަމަށް ފުރަގަސް ދިނުމުން، ﷲ ތަޢާލާ އަންނަނިވި އާޔަތް ބާވައިލެއްވިއެވެ.

﴿إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ﴾ [سورة القصص: 56]

މާނައީ: “ހަމަކަށަވަރުން ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެއެވެ.”

 

 

42 – (…) حَدَّثَنَا مُحَمَّدُ بْنُ حَاتِمِ بْنِ مَيْمُونٍ، حَدَّثَنَا يَحْيَى بْنُ سَعِيدٍ، حَدَّثَنَا يَزِيدُ بْنُ كَيْسَانَ، عَنْ أَبِي حَازِمٍ الْأَشْجَعِيِّ، عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِعَمِّهِ: ((قُلْ: لَا إِلَهَ إِلَّا اللهُ، أَشْهَدُ لَكَ بِهَا يَوْمَ الْقِيَامَةِ))، قَالَ: لَوْلَا أَنْ تُعَيِّرَنِي قُرَيْشٌ، يَقُولُونَ: إِنَّمَا حَمَلَهُ عَلَى ذَلِكَ الْجَزَعُ لَأَقْرَرْتُ بِهَا عَيْنَكَ، فَأَنْزَلَ اللهُ: ﴿إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللهَ يَهْدِي مَنْ يَشَاءُ﴾ [سورة القصص: 56].

 

އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ބޮޑުބޭބެއަށް ޙަދީޘްކުރެއްވިއެވެ. “لَا إِلَهَ إِلَّا اللهُ ކިޔާށެވެ! އެކަލިމައިގެ ޒަރީއާއިން ތިމަންކަލޭގެފާނު ކަލޭގެފާނަށްޓަކައި ޤިޔާމަތް ދުވަހުން ހެކިވާނަމެވެ.” ފަހެ އޭނާ ބުންޏެވެ. ޤުރައިޝުން (ތިކަމުގެ ސަބަބުން) ތިމަންނާއަށް ޢައިބު ކިޔާ، (އިސްލާމްވީ) ކެތްތެރިކަން ކުޑަވެގެންނޭ ނުބުނާނެނަމަ، އެކަލިމައަށް އިޤުރާރުވެ ކަލޭގެފާނުގެ ލޮލަށް ފިނިކަން ގެނެސްދިނީމުއެވެ. ފަހެ ﷲ ތަޢާލާ އަންނަނިވި އާޔަތް ބާވައިލެއްވިއެވެ.

﴿إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللهَ يَهْدِي مَنْ يَشَاءُ﴾ [سورة القصص: 56].

މާނައީ: “ހަމަކަށަވަރުން ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެއެވެ. އެހެނެއްކަމަކު ﷲ، އެއިލާހު އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވައެވެ.”

_______________________

صحيح مسلم