[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމް މުސްލިމް – رحمه الله –

ނަންފުޅާއި ލަޤަބުފުޅު:

އެއީ އަލްއިމާމު އަލްޙާފިޡް އަލްމުޖައްވިދު އަލްޙުއްޖަތުއްޞާދިޤު، އަބުލް ޙުސައިން، މުސްލިމު ބުން އަލްޙައްޖާޖު ބުން މުސްލިމު ބުން ވަރުދު ބުން ކައުޝާޛު އަލްޤުޝައިރިއްޔު އަންނައިސާބޫރިއްޔުއެވެ.

ޤުޝައިރުއަކީ ޢަރަބި ޤަބީލާއަކަށް ކިޔާނަމެކެވެ. އަދި ނައިސާބޫރަކީ ޚުރާސާނުގެ އެންމެ ރީތި ރަށްތަކުގެ ތެރެއިން މަޝްހޫރު އެއްރަށެވެ. އެތަނުގައި ހެޔޮކަމާއި ޢިލްމު އެކުލެވިގެންވެއެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 206 އަހަރުގައެވެ. އެއީ މީލާދީ ގޮތުން 821 ވަނަ އަހަރެވެ.

 

ޅަފަތުގެ ދުވަސްވަރާއި ބޮޑުފުޅުވުން:

އިމާމު މުސްލިމު ބޮޑުފުޅުވީ ތަޤުވާވެރިކަމާއި ޢިލްމާއި ކާމިޔާބީގެ ގެއެއްގައެވެ. އެހެނީ އެކަލޭގެފާނުގެ ބައްޕާފުޅު ޙައްޖާޖު ބުން މުސްލިމު އަލްޤުޝައިރިއްޔުއަކީ ޢިލްމަށް ލޯބިފުޅުކުރެއްވި ބޭކަލެކެވެ. އަދި ޢިލްމުވެރިންގެ މަޖްލިސްތަކަށް ޙާޟިރުވި ބޭކަލެއްވެސްމެއެވެ. އީމާން ތެރިކަމާއި އުފާވެރިކަމުގެ އެފަދަ ޖައްވެއްގައި އިމާމު މުސްލިމު ބޮޑުފުޅުކުރައްވާ ތަރުބިއްޔަތުކުރެއްވިއެވެ. އިމާމު މުސްލިމު (رحمه الله تعال) ޢިލްމު ޙާޞިލްކުރުމުގެ ދަތުރުފުޅު ޢުމުރުފުޅުން ވަރަށް ކުޑައިރު ފައްޓަވައިފިއެވެ. ޙަދީޘް އަޑުއައްސަވަން ފެއްޓެވިއިރު އެކަލޭގެފާނުގެ ޢުމުރުފުޅުން ބާރަ އަހަރަށް ވުރެ ބޮޑެއްނުވާނެއެވެ.

ޛަހަބީ ވިދާޅުވިއެވެ.

“އެކަލޭގެފާނު ފުރަތަމަ ޙަދީޘް ހިތުދަސްކުރައްވާ ކިއުއްވަން ފެއްޓެވީ ޢުމުރުފުޅުން އަށާރަ އަހަރުގައި ޔަޙްޔާ ބިން ޔަޙްޔާ އައްތަމީމީގެ އަރިހުންނެވެ. އަދި ޢުމުރުފުޅުން ވިހި އަހަރުގައި ޙައްޖުގެ އަޅުކަން އަދާކުރެއްވިއެވެ. އޭރު އެކަލޭގެފާނުގެ ތުނބުޅިފުޅުވެސް ނުފަޅައެވެ.”

 

އިމާމު މުސްލިމުގެ ޝައިޚުން:

އިމާމު މުސްލިމު رحمه الله تعال ގެ ވަރަށް ގިނަ ޝައިޚުން ވެއެވެ. އެގޮތުން އެކަލޭގެފާނުގެ ޝައިޚުންގެ ޢަދަދު 220 އަރައެވެ. އެކަލޭގެފާނު މައްކާގައި عبد الله بن مسلمة القعنبي އަށް ޙަދީޘްފުޅުތައް ކިޔައިދެއްވިއެވެ. އަދި އެއީ އެކަލޭގެފާނުގެ އެންމެ ބޮޑު ޝައިޚެވެ. އަދި ކޫފާއާއި ޢިރާޤާއި މައްކާއާއި މަދީނާ އަދި މިޞްރުގެ ޝައިޚުންގެ އަރިހުންވެސް ކިޔަވައި ވިދާޅުވިއެވެ. އެކަލޭގެފާނުގެ ޝައިޚުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޭކަލުންނަކީ:

– يحيى بن يحيى النيسابوري

– قتيبة بن سعيد

– سعيد بن منصور

– أحمد بن حنبل

– إسحاق بن راهويه

– أبو خيثمة زهير بن حرب

– أبو كريب محمد بن العلاء

– أبو موسى محمد بن المثنى

– هناد بن السري

– محمد بن يحيى بن أبي عمر

– محمد بن يحيى الذهلي

– البخاري

– عبد الله الدَّارِمِي

– إسحاق الكوسج

 

އިމާމު މުސްލިމުގެ ދަރިވަރުން:

– علي بن الحسن بن أبي عيسى الهلالي މިއީ އެކަލޭގެފާނުގެ ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ދަރިވަރެވެ.

– محمد بن عبد الوهاب الفرَّاء މިއީ އިމާމު މުސްލިމުގެ ޝައިޚެކެވެ. ނަމަވެސް އެކަލޭގެފާނުގެ ޞަޙީޙުގައި މި ޝައިޚުގެ ކިބައިން ރިވާކުރައްވާފައެއް ނުވެއެވެ.

– الحسين بن محمد القباني

– أبو بكر محمد بن النضر بن سلمة الجارودي

– علي بن الحسين بن الجنيد الرازي

– صالح بن محمد جزرة

– أبو عيسى الترمذي

– أحمد بن المبارك المُسْتَمْلِي

– عبد الله بن يحيى السرخسي القاضي

– نصر بن أحمد بن نصر الحافظ

 އަދި މީގެ އިތުރުންވެސް އެތަކެއް ދަރިވަރުންނެއް ވެއެވެ.

 

އިމާމު މުސްލިމު ލިޔުއްވި ފޮތްތައް:

އިމާމު މުސްލިމު رحمه الله تعال ވަނީ ވަރަށް ގިނަ ފޮތްތަކެއް ލިޔުއްވާފައެވެ. އޭގެ ތެރެއިން ބައެއް ފޮތްތައް ފެންނާކަށް ނެތެވެ. އަދި އަނެއްބައި ފޮތްތައް ވަނީ ގެއްލިފައެވެ. ފެންނަން ހުރި ފޮތްތަކުގެ ތެރޭގައި:

صحيح مسلم މިއީ އެކަލޭގެފާނުގެ އެންމެ މަޝްހޫރު ފޮތެވެ.

– كتاب التمييز.

– كتاب العلل.

– كتاب الوُحْدَان.

– كتاب الأفراد.

– كتاب الأَقْران.

– كتاب سؤالاته أحمد بن حنبل.

– كتاب عمرو بن شعيب.

– كتاب الانتفاع بأُهُبِ السِّباع.

– كتاب مشايخ مالك.

– كتاب مشايخ الثوري.

– كتاب مشايخ شعبة.

– كتاب من ليس له إلا راوٍ واحد.

– كتاب المخضرمين.

– كتاب أولاد الصحابة.

– كتاب أوهام المحدثين.

– كتاب الطبقات.

– كتاب أفراد الشاميين.

 

އިމާމު މުސްލިމަށް ޢިލްމުވެރިން ކިޔުއްވާފައިވާ ޘަނާ:

– أبو قريش الحافظ ވިދާޅުވިއެވެ.

“محمد بن بشار ވިދާޅުވަނިކޮށް ތިމަންނަ އަޑުއެހީމެވެ. ދުނިޔެ ހިތުދަސްކުރެއްވީ ހަތަރު މީހުންނެވެ؛ ރައްޔުގައި އުޅުއްވި أبو زرعة އާއި، ނައިސާބޫރުގައި އުޅުއްވި مسلم އާއި، ސަމަރުގަންދުގައި އުޅުއްވި عبد الله الدَّارِمِي އާއި، ބުޚާރާގައި އުޅުއްވި محمد بن إسماعيل އެވެ.”

– أبو عبد الله الحاكم ގެ އަރިހުން ވާރިދުވެގެންވެއެވެ. محمد بن عبد الوهاب الفراء ވިދާޅުވިއެވެ.

“مسلم بن الحجاج ވަނީ މީސްތަކުންގެ ޢިލްމުވެރިޔާކަމުގައެވެ. އަދި ޢިލްމު ރައްކާތެރިކުރެއްވި ކަންޒެއްކަމުގައެވެ.”

– الحافظ أبو علي النيسابوري ވިދާޅުވިއެވެ.

“ޙަދީޘް ޢިލްމުގައި އިމާމު މުސްލިމުގެ ފޮތަށް ވުރެ ޞައްޙަ ފޮތެއް އުޑު ދަށުގައި ނުވެއެވެ.”

– صديق بن حسن القنوجي (صاحب أبجد العلوم) ވިދާޅުވިއެވެ.

“الإمام مسلم بن الحجاج القشيري البغدادي އަކީ ޙަދީޘްފުޅުތައް ހިތުދަސްކުރެއްވި އެއް އިމާމެވެ. އެންމެ ބޮޑަށް ދެނެވަޑައިގަންނަވާ މުޙައްދިޘެވެ. ބުޚާރީއަށްފަހު ޚުރާސާނުގައި ހުރި ޙަދީޘް ޢިލްމުގެ އިމާމެވެ.”

–  أحمد بن سلمة ވިދާޅުވިއެވެ.

“أبو زرعة އާއި أبو حاتم އެ ދެބޭކަލުންގެ ޒަމާނުގައި އިމާމު މުސްލިމުގެ އަރިހަށް ޞައްޙަ ޙަދީޘް ހޯއްދެއްވުމަށް ވަޑައިގަންނަވާތީ ދެކެވަޑައިގަތީމެވެ.”

 

އަވަހާރަވުން:

އިމާމު މުސްލިމު އަވަހާރަވީ ޢުމުރުފުޅުން 55 އަހަރުގައެވެ.

އަވަހާރަވީ އަދި ފަސްދާނުލެވުނީ ހިޖުރައިން 261 (މީލާދީ ގޮތުން 875) ވަނަ އަހަރު ނައިސާބޫރުގައެވެ.

رحمه الله سبحانه رحمة واسعة، وجزاه عن المسلمين خير الجزاء.


މަޞްދަރު