ޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله އާ ސުވާލު ދެންނެވުނެވެ. ޤުރްއާން ކިޔެވުމުގެ ކުރިންނާ އަދި ފަހުން މުޞްޙަފުގައި ބޮސް ދިނުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
ޖަވާބުގައި ޝައިޚް ވިދާޅުވިއެވެ.
“މީހަކު ޤުރްއާނަށް ބޮސްދޭނަމަ އެއީ އޭނާ ﷲ عز وجل ގެ ފޮތަށް މާތްކޮށް ހިތުމުގެ ގޮތުން ކުރާކަމެކެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲ ތަޢާލާގެ ފޮތަށް މާތްކޮށް ހިތުމަކީ އެންމެ މަތިވެރިވެގެންވާ ކުއްތަންވުންގެ ގޮތުން ކުރެވޭނެ ކަންކަމުގެ ތެރެއިން އެންމެ މަތިވެރި އެއް ކަމެވެ. އެހެނީ ހަމަކަށަވަރުން ﷲ ތަޢާލާގެ ފޮތަކީ އެކަލާނގެ ކަލާމްފުޅެވެ. ޤުރްއާނުގައި މިވަނީ އެކަލާނގެ އިއްވެވި ބަސްފުޅެވެ. ޖިބްރީލްގެފާނު އެކަލާނގެ ޙަޟްރަތުން އެއްސެވިއެވެ. ދެން ފަހެ، އެ ބަސްފުޅާއިގެން ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް ފައިބާވަޑައިގެންނެވިއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَإِنْ أَحَدٌ مِّنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَامَ اللَّـهِ﴾ [سورة التوبة 6]
މާނަ: “އަދި މުޝްރިކުންގެ ތެރެއިން އެއްވެސް މީހަކު، ކަލޭގެފާނުގެ އަރިހުން ރައްކާތެރިކަމަކަށް އެދިއްޖެނަމަ ފަހެ، އެމީހަކު ﷲ ގެ ކަލާމްފުޅު އަހައިފުމަށް ދާނދެން އެމީހަކަށް ރައްކާތެރިކަން ދެއްވާށެވެ! ދެންފަހެ، އަމާންކަން ލިބިގެންވާ ތަނަކާ ހަމައަށް އެމީހަކު ގެންގޮސްދެއްވާށެވެ! އެއީ ހަމަކަށަވަރުންވެސް އެބައިމީހުންނީ ނުދަންނަ ބަޔެކެވެ.”
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ ﴿١٩٢﴾ نَزَلَ بِهِ الرُّوحُ الْأَمِينُ ﴿١٩٣﴾ عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ ﴿١٩٤﴾ بِلِسَانٍ عَرَبِيٍّ مُّبِينٍ ﴿١٩٥﴾ [سورة الشعراء 192 – 195]
މާނަ: “ހަމަކަށަވަރުން އެ ޤުރްއާނަކީ ޢާލަމްތަކުގެ ރައްބު ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ. ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ ޤުރްއާނާއިގެން ފައިބައިވަޑައިގަތީ ޖިބްރީލްގެފާނެވެ. އެއީ (މީސްތަކުންނަށް) އިންޛާރުކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ. (އެ ޤުރްއާން ބާވައިލެއްވީ) ބަޔާންވެގެންވާ ޢަރަބި ބަހުންނެވެ.”
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
﴿إِنَّا أَنزَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ﴾ [سورة يوسف 2]
މާނަ : “ހަމަކަށަވަރުން ތިމަންއިލާހު އެ ފޮތް ބާވައިލެއްވީ ޢަރަބި ބަހުން އޮތް ޤުރައާނެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށްޓަކައެވެ.”
ފަހެ، ކީރިތި ޤުރްއާނަކީ ޙަޤީޤަތުގައިވެސް އެކަލާނގެ ކަލާމްފުޅެވެ. އަދި އެޤުރްއާނުގައި އެވަނީ އެކަލާނގެ ބަސްވަޙީކުރައްވާފައެވެ. އަދި ޖިބްރީލްގެފާނު އެކަލާނގެ ހަޟްރަތުން އެޤުރްއާން އަޑުއެއްސެވިއެވެ. އަދި ޖިބްރީލްގެފާނު އެ ޤުރްއާނާއިގެން ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ފައިބައިވަޑައިގެން އެކަލޭގެފާނުގެ ހިތްޕުޅަށް ފޯރުކޮށްދެއްވިއެވެ.
ފަހެ، ޤުރްއާނަށް މާތްކޮށް ހިތުންވަނީ ﷲ عز وجل އަށް މާތްކޮށް ހިތުމުގެ ތެރެއިންނެވެ. ނަމަވެސް ﷲ ތަޢާލާއަށާއި، އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށާއި އެކަލާނގެ ބާވާލެއްވި ފޮތްތަކަށް މާތްކޮށް ހިތުމުގައިވަނީ ރަސޫލާ صلى الله عليه وسلم އަށް ހެޔޮގޮތުގައި ތަބާވުމެވެ. އިންސާނާ އޭނާގެ ހަވާނަފްސަށް ތަބާވުމެއް ނޫނެވެ. މި ޤާޢިދާއަކީ އިންސާނާ އެއާމެދު ފަރުވާތެރިވާން ޖެހޭ ޤާޢިދާއެކެވެ. އެއީ ﷲ ތަޢާލާއަށާއި، އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށާ އަދި އެކަލާނގެ ބާވާލެއްވި ފޮތްތަކަށް މާތްކޮށް ހިތުމުގައިވަނީ ރަސޫލާ صلى الله عليه وسلم އަށް ހެޔޮ ގޮތުގައި ތަބާވުމެވެ. އިންސާނާ ރަސޫލުﷲ صلى الله عليه وسلم އަށް ތަބާވުމަކީ ﷲ ތަޢާލާއަށް މާތްކޮށް ހިތުމާއި އަދި އެކަލާނގެ ދެކެ ލޯބިވުން ހާމަކޮށްދޭ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ﴾ [سورة آل عمران 31]
މާނަ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ އަށް اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބާވާށެވެ! އޭރުން ﷲ، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.”
ﷲ ތަޢާލާގެ ދީނުގައި ނެތްކަމެއް ދީނުގެ ތެރެއަށް ވައްދައިފިމީހަކު ދަންނައެވެ. ހަމަކަށަވަރުން އޭނާ ﷲ ތަޢާލާދެކެ ލޯބިވުމާއި އެކަލާނގެއަށް މާތްކޮށް ހިތުމުގައި އުނިކޮށްފިއެވެ. އެއީ އޭނާ ހެދި ބިދުޢައާއި އެއްވަރަށެވެ.
މިޤާޢިދާއަށް ބިނާކޮށް ބުނަމެވެ. ޤުރައާން ކިޔެވުމުގެ ކުރިންނާއި ކިޔަވައި ނިމުމަށްފަހު ނުވަތަ ހަމައެކަނި ކިޔެވުމުގެ ކުރިން ނުވަތަ ހަމައެކަނި ކިޔެވުމުގެ ފަހުން ނުވަތަ ޝަރުޢުކުރައްވާފައި ނުވާ، އެނޫންވެސް އެހެން ޙާލަތެއްގައި މުޞްޙަފުގައި ބޮސްދިނުމަކީ ބިދުޢައެކެވެ. ފަހެ، ރަސޫލުﷲ صلى الله عليه وسلم ގެ ޒަމާނުގައި، ޤުރްއާނުގެ މިންވަރެއް ލިޔެފައިވާ އެއްޗެއްގައި ބޮސްދެއްވިކަން އެނގޭކަށް ނެތެވެ. އަދި ޞަޙާބީންގެ ޒަމާނުގައި ޤުރުއާން ޖަމާކުރުމަށް ފަހުވެސް އެބޭކަލުން މުޞްޙަފުގައި ބޮސްދެއްވިކަން އެނގޭކަށް ނެތެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެންމެ ހެޔޮވެގެންވާ ޙިދާޔަތަކީ މުހައްމަދު صلى الله عليه وسلم ގެނެސްދެއްވި ޙިދާޔަތެވެ. އަދި ބިދުޢައެއް ހަދައި، އެއީ ކިތަންމެ ރީތިކަމެއް ކަމުގައި ދެކުނަސް އެކަންތައް ވެގެންދަނީ ހަޑިހުތުރުކަމެއްގެ ގޮތުގައެވެ. އަދި އެއީ ޙިދާޔަތްކަމުގައި އޭނާ ދެކުނަސް އެއީ މަގުފުރެދުމެކެވެ. އަދި އެކަމުގައި ޘަވާބުވާކަމަށް އޭނާއަށް ހީވިކަމުގައިވިޔަސް އެކަންތައްވަނީ ނަރަކާގައެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ.
((وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ)) [رواه أبو داود وصححه الألباني]
މާނަ: “އަދި (ދީނުގައި) އަލަށް ތަޢާރަފުކުރެވޭ ކަންތައްތަކަށް ރައްކާތެރިވާށެވެ. ފަހެ، ހަމަކަށަވަރުން (ދީނަށް ތަޢާރަފުކުރެވޭ) ކޮންމެ އާކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.”
ޤުރްއާން ކިޔެވުމުގެ ކުރިންނާއި ކިޔެވުމަށް ފަހުގައި އަދި އެނޫންވެސް މުނާސަބަތެއްގައިވިޔަސް މުޞްޙަފުގައި ބޮސްދިނުމާ ގުޅޭގޮތުން ސުވާލުކުރި ފަރާތަށް، މި ޙަދީޘްގެ މައްޗަށް ބިނާކޮށް، އަހުރެން ނަސޭހަތްތެރިވަމެވެ. އޭގައި ﷲ އަންގަވާފައިވާ އެއްޗަކަށް އީމާންވެ، ﷲ ކުރައްވާފައިވާ އަމުރުފުޅުތަކަށް ޢަމަލުކޮށް، ނަހީކުރައްވާފައިވާ ކަންތައްތައް ދޫކޮށްލުން، މުޞްޙަފަށް މާތްކޮށް ހިތުމަށް ފުދެއެވެ. އަދި އިންސާނާގެ ތެދުވެރިކަމާއި ﷲ عز وجل އަށް އިޚްލާޞްތެރިވުމާ އަދި ރަސޫލާ صلى الله عليه وسلم ގެ ރިސާލަތަށް އެމީހަކު ހެކިވެއްޖެކަން ދަލީލުކޮށްދޭ ކަމަކީ މިއީއެވެ. އަދި ޤުރުއާނަށް މާތްކޮށް ހިތުމުގެ ޙަޤީޤަތަކީވެސް މިއީއެވެ. މުޙައްމަދު صلى الله عليه وسلم އަކީ ﷲ ގެ ރަސޫލާކަމަށް ހެކިވާ ހެކިވުމަށް ޢަމަލުކުރުމަކީ ކީރިތި ރަސޫލާ عليه الصلاة والسلام ޝަރުޢުކުރެއްވި ގޮތް ނޫން ގޮތަކަށް ﷲ އަށް އަޅުކަން ނުކުރުމެވެ.”
__________________________
فتاوى نور على الدرب للشيخ محمد بن صالح العثيمين (2 / 195 – 197).