[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގައި ޚަތިމުކުރުމަށް ފަހު ދުޢާކުރުމަކީ ބިދުޢައެއް ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعل آله وصحبه أجمعين.

ނަމާދުގައި ޚަތިމު ދުޢާކިޔުމުގައި، ރަސޫލާ صلى الله عليه وسلّم ގެ އަރިހުން ޞައްޙަ ސުންނަތުން ވާރިދުވެފައިވާކަން އެނގޭކަށް ނެތެވެ. އަދި ޞަޙާބީ ބޭކަލުން رضي الله عنهم ގެ އަރިހުން ވާރިދުވެފައިވާކަންވެސް އެނގޭކަށް ނެތެވެ. އެކަމުގައި ވާރިދުވެފައިވަނީ އަނަސްގެފާނު ޤުރުއާން ޚަތިމުކުރައްވާނަމަ އެކަލޭގެފާނުގެ ޢާއިލާގެ ބޭކަލުން އެއްކުރައްވާފައި ދުޢާކުރައްވާ ކަމަށެވެ. [1] އެހެނަސް އެކަލޭގެފާނު އެކަން ކުރައްވާފައިވަނީ ނަމާދުގައެއް ނޫނެވެ. ނަމާދުކުރާއިރު، ސުންނަތުގައި ދުޢާކުރުން ވާރިދުވެފައި ނުވާ މަޤާމެއްގައި ދުޢާކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ނަބިއްޔާ صلى الله عليه وسلّم ޙަދީޘްކުރެއްވިއެވެ.

((صَلُّوا كَمَا رَأَيْتُمُونِي أُصَلِّي)) [صحيح البخاري (631)]

މާނައީ: “ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ނަމާދުކުރާށެވެ.”

ނަމާދުގައި އެފަދައިން ދުޢާކުރުމުން އެއީ ބިދުޢައެއްކަމުގައި ބުނުމާމެދެ ދަންނައެވެ. އެފަދައިން ބުނަމަށް ތިމަން ނޭދެމެވެ. އެއީ ސުންނަތުގެ ޢިލްމުވެރިން އެކަމުގައި ޚިލާފުވެވަޑައިގެންފައިވާތީއެވެ. އެހެންކަމުން މިފަދައިން ސުންނަތް ޖަމާޢަތުގެ ބައެއް ޢިލްމުވެރިން މުސްތަޙައްބުކަމެކޭ ބުނެފައިވާކަމެއްގައި މާ ވަރުގައަށް އިންކާރުކުރުމެއް ނުވެއެވެ. އެހެނަސް އިންސާނާގެ މައްޗަށް އެންމެ އެދެވިގެންވާ ގޮތަކީ ސުންނަތަށް ތަބާވުމުގައި ފަރުވާތެރިވުމެވެ.

ސުންނަތަށް ތަބާވުމުގައި ފަރުވާ ބަހައްޓާ ބައެއް އަޚުން ކުރާ ކަމެއް އޮވެއެވެ. އެއީ ޚަތިމު ދުޢާކިޔާ އިމާމެއްގެ ފަހަތުގައި ނަމާދުކުރަމުން، އެންމެ ފަހު ރަކުޢަތް ގާތްވުމުން އެއީ ބިދުޢައެއްކަމުގައި ބުނެފައި ޖަމާޢަތާ ވަކިވުމެވެ. މިފަދައިން ޢަމަލުކުރުން އެކަށީގެން ނުވެއެވެ. އެއީ ހިތްތައް ބައިބައިވެ ދެކޮޅުވެރިވާ ކަމެކެވެ. އެހެނީ އިމާމުވެރި ބޭކަލުންގެ މެދުގައި މިކަމުގައި ޚިލާފެއް އެބަ އޮތެވެ. ފަހެ ފަތިސް ނަމާދުގައި ޤުނޫތު ކިޔުން މުސްތަޙައްބުކަމުގައި  އިމާމު އަޙްމަދު رحمه الله ދެކެވަޑައި ނުގަންނަވައެވެ. އެއާއެކުވެސް އެކަލޭގެފާނު ވިދާޅުވެއެވެ.
“ފަތިސް ނަމާދުގައި ޤުނޫތު ކިޔާ އިމާމެއްގެ ފަހަތުގައި ނަމާދުކޮށްފިނަމަ އެ އިމާމަށް ތަބާވާށެވެ. އަދި އެ އިމާމުގެ ދުޢާއަށް އާމީން ކިޔާށެވެ.” [2]

އަދި މި މައްސަލައާ އެއްގޮތް މައްސަލަތަކުގެ ތެރޭގައި ސުންނަތަށް ތަބާވުމުގައި ފަރުވާތެރި ބައެއް އަޚުން، އެގާރަ ރަކުޢަތަށް ވުރެ ގިނައިން ނުވަތަ ތޭރަ ރަކުޢަތަށް ވުރެ ގިނައިން ތަރާވީޙް ނަމާދުގައި ކުރާ އިމާމެއްގެ ފަހަތުގައި ނަމާދުކުރާއިރު، އެ ޢަދަދަށް ވުރެ ގިނައިން އިމާމު މީހާ ނަމާދުކޮށްފިނަމަ ޖަމާޢަތް ދޫކޮށްލާފައި ދެއެވެ. މިއީވެސް ކުރުން އެކަށީގެންވާކަމެއް ނޫނެވެ. އެއީ ޞަޙާބީ ބޭކަލުން رضي الله عنهم ގެ ޢަމަލުފުޅާ ޚިލާފުކަމެކެވެ. ފަހެ އެހެނީ ޞަހާބީ ބޭކަލުން، ޢުޘްމާނު رضي الله عنه މިނާގައި ނަމާދުތައް ޤަޞްރު ނުކުރައްވާ، ފުރިހަމައަށް ކުރެއްވުމުން އެކަމަށް އިންކާރުކުރެއްވިއެވެ. އެހެނަސް އެކަލޭގެފާނުގެ ފަހަތްޕުޅުގައި އެބޭކަލުން ނަމާދުކުރެއްވިއެވެ. އަދި ނަމާދުތައް ފުރިހަމަކުރެއްވިއެވެ. [3] ފާޅުވެގެން އެނގެން އޮތްކަމަކީ ނަމާދު ޤަޞްރުކުރާ ޙާލަތެއްގައި ނަމާދު ފުރިހަމަކުރުމަކީ ތަރާވީޙް ނަމާދުގައި ތޭރަ ރަކުޢަތަށް ވުރެ އިތުރަށް ކުރުމަށް ވުރެ މާ ބޮޑު މައްސަލައެކެވެ. އެއާއެކުވެސް ޞަޙާބީ ބޭކަލުން ޢުޘްމާނުގެފާނާ ވަކިވެވަޑައި ނުގަންނަވައެވެ. ނުވަތަ އެކަލޭގެފާނާ އެކު ނަމާދުގައި ބައިވެރިވުން ދޫކޮށް ނުލައްވައެވެ. ޝައްކެތްވެސް ނެތް ގޮތުގައި، ސުންނަތަށް ތަބާވުމުގައި އެބޭކަލުން މާ ފަރުވާތެރިވެ ވަޑައިގަންނަވާނެއެވެ. އަދި ރައުޔުގެ ގޮތުންވެސް މާ ރަނގަޅު ވާނެއެވެ. އަދި ޝަރުޢީ ގޮތުން ހިފަހައްޓަން ޖެހޭ ކަންކަމުގައި އަޅުގަނޑުމެންނަށް ވުރެ މާ ބޮޑަށް ހިފަހައްޓަވާނެއެވެ.

ދުޢާއަކީ އަޅަމެން އެންމެންނަކީ ޙައްޤު ގޮތް ފެނި، އެގޮތަށް ތަބާވާ ބަޔަކުކަމުގައި ލެއްވުމެވެ. އަދި ބާޠިލު ބާޠިލުކަމުގައި ދެކި އެއާ ދުރުހެލިވާ ބައެއްކަމުގައި ލެއްވުމެވެ.


މަޞްދަރު: (48 سؤالا في الصيام لفضيلة الشيخ محمد بن صالح العثيمين – رحمه الله – (س: 38)).

 

[1] «كَانَ أَنَسٌ إِذَا خَتَمَ الْقُرْآنَ، جَمَعَ وَلَدَهُ وَأَهْلَ بَيْتِهِ فَدَعَا لَهُمْ» [رواه الدارمي (3517) بسند صحيح وهو موقوف على أنس] މާނައީ: “އަނަސްގެފާނު ޤުރުއާން ޚަތިމުކުރައްވައިފިނަމަ، އެކަލޭގެފާނުގެ ދަރިދަރިކަލުންނާއި ގޭގެ އަހުލުވެރިން އެއްކުރައްވާފައި އެބޭކަލުންނަށް ދުޢާކުރައްވައެވެ.” އަދި އަލްޙަކަމު ވިދާޅުވިއެވެ. “ޚަތިމުކުރުމަށް ފަހު މުޖާހިދުވެސް އެފަދައިން ދުޢާކުރައްވައެވެ.” [رواه الدارمي (3525) وإسناده صحيح] އެހެނަސް އެބޭކަލުންގެ އަރިހުން ވަކި ދުޢާއެއް ވާރިދުވެފައި ނުވެއެވެ. އެހެންކަމުން އެމީހަކު އެދޭކަމަށް ދުޢާ ކުރެވިދާނެއެވެ.

[2]  الإنصاف للمرداوي (2/174).

[3] ބައްލަވާ:  صحيح أبي داود للألباني (6/ 206) والفتاوى الكبرى لابن تيمية (2/ 252) والقواعد النورانية له (ص: 46) ومجموع الفتاوى له (22/ 407) (22/ 437).