[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤާޟީ ޝުރައިޙް – 1

بسم الله الرحمن الرحيم

 

މުޤައްދިމާ

 

إن الحمد لله نحمده ونستعينه ونستغفره، ونعوذ بالله من شرور أنفسنا ومن سيئات أعمالنا، من يهده الله فهو المهتد، ومن يضلل فلا هادي له. وأشهد أن لا إله إلا الله وحده لا شريك له، وأشهد أن نبينا محمد صلى الله عليه وسلم وعلى آله وصحبه ومن تبعهم بإحسان إلى يوم الدين. أما بعد:

އިސްލާމީ ތާރީޚުގެ ފަތްފުއްތަކުން އެނގެން އޮތްގޮތުގައި ޤާޟީ ޝުރައިޙަކީ އިސްލާމީ ތާރީޚުގައި ޤަޟާއީ ނިޒާމް އޮތް ގޮތް ޤުރުއާނާ ސުންނަތުގެ މައްޗަށް ނުހަނު ރަނގަޅަށް ކުރައްސަވައިލަ ދެއްވައި، އިސްލާމީ ޝަރީޢަތުގައި ޢަދުލު އިންޞާފުގެ ހަމަތަކާއި އުޞޫލުތައް މުޅި ތާރިޚަށް ދައްކަވައިލަދެއްވި، ޤާޟީންގެކުރެ އެންމެ ފުންނާބު އުސް ކަލޭގެފާނެވެ. އެކަލޭގެފާނުގެ މަޝްހޫރުކަން އިތުރުވެގެންދާ މައިގަނޑު ސަބަބަކީ ޤާޟީކަމުގައި އެކަލޭގެފާނު ދިގު މުއްދަތެއް ހޭދަކުރެއްވުމާއި އެކަލޭގެފާނު ކުރެއްވި ޙުކުމްފުޅުތައް ރަނގަޅުކަމުންނެވެ. ޤާޟީ ޝުރައިޙަކީ ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކުރެވުނު ޙަދީޘްތައް ރިވާކުރެއްވި ރާވީންގެ ސިލްސިލާގައިވެސް ހިމެނިވަޑައިގަންނަވާ ބޭކަލެއް ކަމުގައި ވީހިނދު އެކަލޭގެފާނުގެ ސިޔަރަތު ނުހަނު މަޝްހޫރުވެ، ރާވީންގެ ތަރުޖަމާ އެކުލެވިގެންވާ ފޮތްތަކުގައިވެސް އެކަލޭގެފާނުގެ ވަނަވަރު ތަދުވީނު ކުރެވި ރައްކާ ކުރެވިފައި ވެއެވެ. މީގެ އިތުރުން ޙުކުމް ކުރެއްވުމުގައި އެކަލޭގެފާނުގެ ޢިލްމާއި ޙިކުމަތްތެރިކަމާއި ބުއްދިވެރިކަމާއި ވަރަޢަވެރިކަމަށް ބަލައިލައިފިމީހަކު އަޖައިބުވެ އަންތަރީސްކުރުވާހާ ވަރުވެއެވެ. އެކަލޭގެފާނުގެ މަޖިލިސްތަކުގައި ވަނީ ހައިބަތާއީ ޢިއްޒަތާއި ޤަދަރެވެ.

އެހެންކަމުން މި ލިޔުމުގައި ޤާޟީ ޝުރައިޙުގެ ނަންފުޅާއި ނަސަބުފުޅުގެ އިތުރުން އެކަލޭގެފާނުގެ ލަޤަބުފުޅުތަކާއި އެލަޤަބުފުޅުތައް ދެއްވާފައިވަނީ ކޮންކޮން ބޭކަލުންނެއްކަމުގައި ކުރުގޮތަކަށް ބަލާލާފައި ވާނެއެވެ. އަދި އެކަލޭގެފާނުގެ ކުންޔާ އާއި އުފަންވެވަޑައިގަތުމާ މެދުވެސް ޚުލާޞާގޮތެއްގައި އަލި އަޅުވާލާފައި ވާނެއެވެ. އަދި އެކަލޭގެފާނު އިސްލާމްވެ ވަޑައިގަތުމުގެ ކުރީގެ ޙަޔާތްޕުޅާއި އިސްލާމްވެވަޑައިގަތުމުގެ ފަހުން ޙަޔާތްޕުޅު ދިޔަ ގޮތާއި، ޢިލްމީ ޙަޔާތްޕުޅާއި އެކަލޭގެފާނުގެ ޢިލްމީ މަޤާމު ބަޔާންކޮށްފައި ވާނެއެވެ. އަދި އެކަލޭގެފާނު ޤާޟީކަމަށް ޢައްޔަންކުރެވިގެން ދިޔަ ގޮތާއި، ޤާޟީކަމުގައި ހޭދަކުރެއްވި މުއްދަތާއި އެކަލޭގެފާނުގެ ޙުކުމްފުޅުތަކުގައި ޢަދުލުވެރިކަމާއި ނަޒާހާތްތެރިކަން ބެހެއްޓެވި މިންވަރާއި، އެކަލޭގެފާނުގެ ޢިލްމާއި ފިޤުހާއި ޙިކުމަތްތެރިކަމާއި މެދު ނަޤުލުވެފައިވާ ރިވާޔަތްތަކަށް އަލިއަޅުވާލާފައި ވާނެއެވެ. އަދި އެއަށްފަހު އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމުގެ ވާހަކައިން މިލިޔުން ފުރިހަމަކޮށް، ބަޔާންވެދިޔަ މަޢުޟޫތަކާމެދު ޚުލާޞާ ގޮތެއްގައި ވާހަކަ ދެކެވިފައި ވާނެއެވެ.

މި ލިޔުމުގައި ވީހާވެސް ބޮޑަށް ބަލާފައިވާނީ ޢިލްމުވެރިންގެ ފޮތްތަކުން މަޢުލޫމާތު ހޯދައި، ފޮތްތަކުގެ އަޞްލަށް ރުޖޫޢަވެ އެފޮތްތަކުން މަޢުލޫމާތު ނެގުމަށެވެ. ނަމަވެސް އެކަލޭގެފާނުގެ ޤަޟާއީ މަންހަޖާ ބެހޭގޮތުން ލިޔެވިފައިވާ ފޮތްތައް މަދުކަމާ ހުރެ މިލިޔުމުގައި ބޮޑަށް ބެލެވިފައިވަނީ އެކަލޭގެފާނުގެ ވަނަވަރާއި ޚަބަރުތަކާމެދު ރިވާވެފައިވާ ރިވާޔަތްތަކަށެވެ. ﷲ ތަޢާލާ މިއަޅާގެ ކިބައިން މިޢަމަލު ޤަބޫލު ކުރައްވާށިއެވެ. آمين.

وصلى الله وسلم على نبينا محمد وعلى آله وصحبه أجمين. والحمد لله رب العالمين.

***********

 

ޤާޟީ ޝުރައިޙުގެ ނަންފުޅާއި ނަސަބުފުޅު

 

ނަންފުޅު:

އެކަލޭގެފާނުގެ ނަންފުޅަކީ ޝުރައިޙް ބުން އަލްޙާރިޘެވެ. އެއީ شُرَيْحٌ بْنُ الْحَارِثِ بْنِ قَيْسِ بْنِ الْجَهْمِ بْنِ مُعَاوِيَةَ بْنِ عَامِرِ بْنِ الرَّائِشِ بْنِ الْحَارِثِ بْنِ مُعَاوِيَةَ بْنِ ثَوْرِ بْنِ مَرْتَعٍ مِنْ كِنْدَةَ [1] އެވެ.

 

ނަސަބުފުޅު:

ޤާޟީ ޝުރައިޙު ނިސްބަތްވެ ވަޑައިގެންފައި ވަނީ ފާރިސީ ދަރިކޮޅުގެ “ކިންދާ” ޤަބީލާއަށެވެ. އަދި ބައެއް ބޭކަލުން ކިންދާ ދަރިކޮޅުގެ ފަރުޢެއްކަމުގައިވާ ރާއިޝް ޤަބީލާއަށްވެސް އެކަލޭގެފާނު ނިސްބަތްކުރައްވާފައި ވެއެވެ.

 

ލަޤަބުފުޅުތައް:

ޤާޟީ ޝުރައިޙުގެ ޤަޟާއީ ޙަޔާތާއި އެކަލޭގެފާނު އެކަމުގައި އެކަމުގައި ގެންގުޅުއްވި މަންހަޖުގެ ސަބަބުން އެކަލޭގެފާނަށް ތަފާތު ލަޤަބުތައް ދެވިފައި ވެއެވެ. އެގޮތުން އެލަޤަބުތަކަކީ ބައެއްފަހަރު އެކަލޭގެފާނު އެކަމަކަށްޓަކައި ޢައްޔަންކުރެވުނު ކަމަކާ ގުޅިގެން ނުވަތަ އެކަލޭގެފާނުގެ ޢިލްމާއި ފިޤުހުވެރިކަމަށް ނިޞްބަތް ކުރެވިފައިވާ ލަޤަބުތައްކަމުގައި ވެއެވެ. އެގޮތުން ދެވިފައިވާ ބައެއް ލަޤަބުފުޅު ތަކަކީ؛

  • القَاضِي (ޤާޟީ): އެކަލޭގެފާނުގެ ވަނަވަރު ޛިކުރު ކުރެވިފައިވާ ގިނަ ފޮތްތަކުގައި އެކަލޭގެފާނަށް ދެވިފައިވަނީ “ޤާޟީ” ގެ ލަޤަބެވެ. އެއީ ޙުކުމްކުރުމުގައި އެކަލޭގެފާނުގެ ޢިލްމާއި ޙިކުމަތްތެރިކަމާއި ބެއްލެވި ކަންކަމާއި ބެހެއްޓެވި ނަޒާހަތްތެރިކަމާއި ގުޅިގެންނެވެ. ޢަލީގެފާނު ވިދާޅުވިކަމުގައި ރިވާވެގެން ވެއެވެ. ‘ޤާރީވެރިން ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ.’ އެހިނދު މިސްކިތުގެ ޙަރިންމަ ތެރެއަށް އެމީހުން އެއްވިއެވެ. ޢަލީގެފާނު ދެންނެވިއެވެ. ‘ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ ވަކިވުމުގެ ވަޤުތު ކައިރިވެއްޖެއެވެ.’ ދެންފަހެ މިވެނި އެވެނި ކަމެއްގައި ކަލޭގެފާނު ވިދާޅުވަނީ ކީކޭތޯ މީސްތަކުން އެކަލޭގެފާނާ ސުވާލުކުރަން ފަށައިފިއެވެ. ދެން މީސްތަކުން އެތަނުން ދިޔަހިނދު އެތަނުގައި ހުންނެވީ ޝުރައިޙު އެކަންޏެވެ. ދެން ދެބޭކަލުން އެއްބޭކަލަކު އަނެއްބޭކަލެއްގެ އަރިހުން ސުވާލުތައް ކުރައްވަން ފައްޓަވައިފިއެވެ. ދެބޭކަލުން ވަކިވާން ވުމުން ޢަލީގެފާނު ވިދާޅުވިއެވެ. ((اذْهَبْ فَأَنْتَ مِنْ أَقْضَى العَرَب))[2] މާނައީ: “ވަޑައިގަންނަވާށެވެ. ކަލޭގެފާނަކީ ޢަރަބީންގެ ތެރެއިން ޤާޟީކަން އެންމެ ދެނެހުރި ބޭފުޅާއެވެ.”
  • قَاضِي المِصْرَيْن (ދެރަށުގެ ޤާޟީ): އެއީ އެކަލޭގެފާނު ކޫފާ އާއި ބަޞަރާގެ ޤާޟީކަން ކުރެއްވުމުން ދެވިފައިވާ ލަޤަބުފުޅެކެވެ. އެކަލޭގެފާނު އެދެރަށުގެ ޤާޟީކަމުގައި ޖުމްލަ 60 (ފަސްދޮޅަސް) އަހަރު [3] ހުންނެވިކަމުގައި ވިއެވެ.
  • الإِمَام (އިމާމު): އަލްއިމާމު އިބްނުލް މުފްލިޙް އަލްޙަންބަލީ، ޤާޟީ ޝުރައިޙަށް މިނަމުން މުޚާޠަބުކުރައްވާފައި ވެއެވެ.
  • الفَقِيْه (ފިޤުހުވެރިޔާ): އަލްއިމާމުއްޛަހަބީ އެކަލޭގެފާނުގެ ސިޔަރަތުގައި ((هُوَ الفَقِيْهُ أَبُوْ أُمَيَّة شُرَيْحٌ بْنُ الحَارِث))[4] “އެއީ ފިޤުހުވެރިޔާ ޝުރައިޙު ބުނުލްޙާރިޘް…” ކަމުގައި ނަންގަނެފައި ވެއެވެ.

 

ކުންޔާ:

އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައި ވަނީ “އަބޫ އުމައްޔާ” މިކުންޔާއިންނެވެ. ނަމަވެސް އެކަލޭގެފާނުގެ ސިޔަރަތު ފޮތްތަކުގައި “އަބޫ ޢަމްރު” އަދި “އަބޫ ޢަބްދުއްރަޙްމާން” ފަދަ ކުންޔާތައް މަދުން ނަމަވެސް ދެވިފައިވާތީ ފެންނަން އެބައޮތެވެ.

 


[1] http://hadithportal.com/index.php?show=bab&bab_id=3375&chapter_id=8&book=802&page=10

[2] أبو يوسف يعقوب بن سفيان  البسوي، كتاب المعرفة والتاريخ، (المدينة المنورة، مكتبة الدار بالمدينة المنورة، ط 1، 1431هـ) ج: 2، ص: 588.

[3] وكيع محمد بن خلف بن حيان، أخبار القضاة، (مصر، عالم الكتب)، ص: 364.

[4] شمس الدين محمد بن أحمد بن عثمان الذهبي، سير أعلام النبلاء، (بيروت، مؤسسة الرسالة، ط 1، 1409هـ) ج:4 ص: 100.

 

ޤާޟީ ޝުރައިޙް – އެހެންބައިތައް