ޙަޔާތްޕުޅު
އުފަންވެވަޑައިގަތުން:
ޤާޟީ ޝުރައިޙު އުފަންވެވަޑައިގަތް ސީދާ އަހަރެއް ޢިލްމުވެރިންގެ ފޮތްތަކުން އެނގެން ނެތް ކަމުގައި ވީނަމަވެސް އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 78 ވަނަ އަހަރުގައެވެ. އަދި އެކަލޭގެފާނުގެ ޢުމުރުފުޅަކީ މަދުވެގެން 108 (ސަތޭކަ އަށެއް) އަހަރު[1] ކަމުގައި ބުނެވެއެވެ. އެހެންކަމުން އެކަލޭގެފާނު އުފަންވެވަޑައިގެންފައިވަނީ ނަބިއްޔާ صلى الله عليه وسلم ރަސޫލުކަމާއިގެން ފޮނުއްވުމުގެ 17 އަހަރު ކުރިން ކަމުގައި ބެލެވެއެވެ. އެއީ ޢީސާ عليه السلام ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ 594 އަހަރު ފަހެވެ.
އިސްލާމްވެވަޑައިގަތުން:
ޤާޟީ ޝުރައިޙު ބޮޑުފުޅުވަމުން އައީ ކިންދާ ޤަބީލާގައެވެ. މިއީ ރޯމު ކަރައިގެ ފާރިސީން ފަދައިން، އިސްލާމްދީނުގެ ކުރީގައި ބޮޑު ޙަޟާރަތެއް އޮތް ޤަބީލާއެކެވެ. މިޤަބީލާއާ ފާރިސީންނާ ގުޅުމެއް ވެއެވެ. އަދި ޔަމަނު ކަރައިގެ ޤަބީލާތަކާވެސް ގުޅުމެއް ވެއެވެ. މުޢާޛު ބުން ޖަބަލު ޔަމަނުކަރައަށް ފޮނުއްވުނު ފަހުން ކިންދާގެ ރަސްގެފާނު އަލްއަޝްޢަޡް ބުން ޤައިސް 60 (ފަސްދޮޅަސް) ވަރަކަށް އަސްވާރުންނާއެކު ނުހަނު ނަލަހެދިގެން މަދީނާއަށް ވަޑައިގެންނެވުމުން، ނަބިއްޔާ صلى الله عليه وسلم އެރަސްގެފާނާ ބައްދަލުކުރެއްވުމަށް އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއެކު ނުކުމެވަޑައިގެންނެވިއެވެ. އެރަސްގެފާނު އިސްލާމްވެވަޑައިގެންނެވުމުން ކިންދާ އަކީވެސް އިސްލާމީ ދައުލަތުގެ ބައެއްކަމުގައިވެގެން ދިޔައެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ފަރާތްޕުޅުން އެތަނަށް ވެރިޔަކު ޢައްޔަންކުރެވިގެން ދިޔައެވެ. ކިންދާގެ ރަސްގެފާނު އިސްލާމްވެ ވަޑައުގަތުމާ ގުޅިގެން ކިންދާގެ ރަށްވެހިން އިސްލާމް ވަމުން ދިޔަދިއުމުގެ ތެރޭގައި ޤާޟީ ޝުރައިޙަށް ވެސް އިސްލާމް ދީނުގެ ހިދާޔަތު ލިބިވަޑައިގެން އިސްލާމްވެވަޑައިގެންނެވިއެވެ. އަދި ޔަމަނުގައި ހުންނެވި މުޢާޛު ބުން ޖަބަލް رضي الله عنه ގެ އަރިހުން ޢިލްމު އުނގެނިވަޑައިގަންނަވަން ފެއްޓެވިއެވެ.
އިސްލާމްވެވަޑައިގަތުމުގެ ފަހުން:
ޤާޟީ ޝުރައިޙު އިސްލާމްވެވަޑައިގަތުމަށް ފަހު ޢިލްމު ޙާޞިލުކުރެއްވުމުގައި މުޢާޛު ބުން ޖަބަލް رضي الله عنه ގެ ދައުރު ނުހަނު ބޮޑުވެފައިވިއެވެ. އަދި އެކަލޭގެފާނު އިސްލާމްވެޑައިގެންފައިވަނީ މުޢާޛުގެފާނުގެ އަތްޕުޅު މައްޗަށްކަމުގައި ވުމީ ދުރުކަމެއް ނޫން ކަމުގައިވެސް މުއައްރިޚުން ވިދާޅުވެއެވެ. އަދި މިދުވަސްތަކުގައި ޢިލްމު އުނގެނި ވަޑައިގެންނެވުމަށް ހުންނެވިއިރު ﷲ ގެ ރަސޫލާ صلى الله عليه وسلم ދުނިޔެ ދޫކުރައްވައި ސުވަރުގެ ވަޑައިގަންވައިފިއެވެ. އަދި އޭގެ ފަހުގައި މީސްތަކުން ދީނުން ބޭރުވެ މުރުތައްދުވާން ފެށުމުން އަދި ޤާޟީ ޝުރައިޙުގެ މަންމާފުޅުވެސް ކައިވެނިފުޅު ބައްލަވާގެންފައިވާތީ، އަބޫބަކުރު رضي الله عنه ގެ ޚިލާފަތުގައި ޤާޟީ ޝުރައިޙު މަދީނާއަށް ހިޖުރަ ކުރެއްވިއެވެ.
[1] وكيع محمد بن خلف بن حيان، أخبار القضاة، (مصر، عالم الكتب)، ص: 364.