[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤާޟީ ޝުރައިޙް – 4

ޢިލްމުގެ މައިދާނުގައި ޤާޟީ ޝުރައިޙު

 

ޢިލްމީ މަޤާމު:

ޤާޟީ ޝުރައިޙު ވަރަށް ދިގު ޢުމުރެއް ހޭދަކުރެއްވިއެވެ. 3 ފަންތިއެއްގެ މުފައްޤިހުންނާ އެކަލޭގެފާނާ ބައްދަލުވެވަޑައިގެންނެވިއެވެ. އެއީ އެކަލޭގެފާނުގެ އުސްތާޛުންކަމުގައިވި މާތް ޞަޙާބީންނާއި، އެކުގައި އުޅުއްވި ތާބިޢީ ބޭކަލުންނާއި، އެކަލޭގެފާނުގެ ދަރިވަރުން ކަމުގައިވި ތާބިޢީން ކުރެ ޅަ ބޭކަލުންނެވެ. ޝުރައިޙު، ޤާޟީކަމަށް ޢައްޔަނުކުރެއްވި އެންމެ ފުރަތަމަ ބޭކަލަކީ ޢުމަރު رضي الله عنه އެވެ. ޤާޟީ ޝުރައިޙާ ބެހޭގޮތުން ޢުމަރުގެފާނު ވިދާޅުވެފައި ވެއެވެ. “މިފަދަ ބޭކަލުންނަށް މެނުވީ ޤާޟީކަމެއް ނުވެއެވެ.” ދެން ފަހެ ކޫފާގެ ޤާޟީކަމަށް އެކަލޭގެފާނު ޢައްޔަންކުރައްވައި ފޮނުއްވިއެވެ. ޢަލީގެފާނަށް އެކަލޭގެފާނުގެ ޢިލްމީ ފެންވަރާއި ޙިކުމަތާއި ފިޤުވެރިކަން ފެނިވަޑައިގެން ވިދާޅުވިއެވެ. “سُبْحَانَ اللهِ، رَجُلٌ مِنْ أَهْلِ الجَنَّة” [1] މާނައީ: “سُبْحَانَ اللهِ އެވެ. ސުވަރުގޭގެ އަހުލުވެރިއެކެވެ.”

 

މުޖުތަހިދެއް:

ޤާޟީ ޝުރައިޙަކީ ޢިލްމުގެ މައިދާނުގައި ނުހަނު ފުންނާބުއުސް ބޭކަލެއް ކަމުގައިވެ، އެކަލޭގެފާނުގެ ޒަމާނުގައިވަނީ މުޖުތަހިދެއްގެ ދަރަޖައަށް ވާޞިލުވެފައެވެ. އެކަލޭގެފާނުގެ އަމިއްލަ ރައުޔަށް އިޖުތިހާދު ކުރެއްވުމަށް ޤާޟީ ޝުރައިޙަށް ޢުމަރުގެފާނު ދަންނަވާފައިވުމުން މިކަން އެނގިގެން ދެއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. “مَا وَجَدْتَّ مِنْ كِتَابِ اللهِ فَالْزِمِ السُّنَّة، فَإِن لَمْ يَكُ فِي السُّنَّةِ فَاجْتَهِدْ رَأْيَكَ” [2] މާނައީ: “ﷲ ގެ ފޮތާއި ސުންނަތުން ފެންނަން އޮތް ގޮތަށް ކަލޭގެފާނު ޙުކުމްކުރައްވާށެވެ. ސުންނަތުން ފެނިވަޑައިނުގެންފިނަމަ ތިބާގެ ވިސްނެވުމަށް އިޖުތިހާދު ކުރައްވާށެވެ.”

އުޞޫލީ މައްސަލައެއް މިތާ ޛިކުރުކޮށްލާނަމެވެ. ތާބިޢީ ބޭކަލެއްގެ ޚިލާފު ވަނިކޮށް ޞަޙާބީ ބޭކަލުންގެ އިޖުމާޢަކީ ޙުއްޖަތެއް ކަމުގައި ބެލެވޭނެތޯ އުޞޫލު ފިޤުހުގައި ޢިލްމުވެރިން ބަހުޘްކުރައްވައެވެ. މިމައްސަލާގައި ޚިލާފުވާ ބޭކަލުންގެ ދަލީލުތަކުގެ ތެރޭގައި ޤާޟީ ޝުރައިޙުގެ އިޖުތިހާދުތައް ޢިލްމުވެރިން ގެންނަވާ ޙުއްޖަތް ޤާއިމުކުރައްވާފައި ވެއެވެ. މިކަމުން އެކަލޭގެފާނުގެ ޢިލްމީ ފެންވަރާއި ޢިލްމުގެ މައިދާނުގައި އެކަލޭގެފާނުގެ މަޤާމު ވަރަށް ރަނގަޅަށް އެނގި ބަޔާންވެގެން ދެއެވެ.

 

ރާވީއެއް:

ޤާޟީ ޝުރައިޙަކީ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތައްވެސް ރިވާކުރައްވާފައިވާ ރާވީއެކެވެ. ރާވީންގެ ސިލްސިލާގައި އެކަލޭގެފާނަށް ދެވިފައިވަނީ “ثِقَة” އެއްގެ މަޤާމެވެ. އެބަހީ ހިތުދަސްކުރުމުގެ ވަރުގަދަކަމާއި ހަނދާންގަދަކަމުގައި އިތުބާރުކުރެވޭ ބޭކަލެއްކަމުގައި ބަލައިގަނެވިފައިވުމެވެ. އެކަލޭގެފާނުވަނީ ޢުމަރުގެފާނުގެ އަރިހުންނާއި ޢަލީގެފާނުގެ އަރިހުންނާއި ޢަބްދުﷲ ބުން މަސްޢޫދުގެ އަރިހުންނާއި މުޢާޛު ބުން ޖަބަލު–رضي الله عنهم ފަދަ މަޝްހޫރު އެތަކެއް އަޞްޙާބުންނެއްގެ އަރިހުން ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތައް ރިވާކުރައްވާފައެވެ.

 

ޝާޢިރެއް:

ޤާޟީ ޝުރައިޙުގެ ޒަމާނަކީ ބަސް މޮށުންތެރިކަމުގައި މީސްތަކުން ވާދަވެރިވެ އުޅުން ޒަމާނެކެވެ. އެގޮތުން ޤާޟީ ޝުރައިޙަކީ ޅެންވެރިކަމުގެ ފަންނުގައިވެސް އެޒަމާނުގައި އަރައިހުންނެވި ބޭކަލެކެވެ. ބަލާޣާތްތެރިކަމާއި ފަށުވިކަމުގައި އެކަލޭގެފާނުގެ ޅެންތަކުން މީސްތަކުން އަޖައިބުވެ އަންތަރީސް ކުރުވައެވެ. އެކަލޭގެފާނު ބެހޭގޮތުން އިބްރާހީމުއްނަޚަޢީ ވިދާޅުވެފައިވެއެވެ. “كَانَ شُرَيْحًا شَاعِرًا مُعْجِبًا” [3] މާނައީ: “ޝުރައިޙަކީ އަންތަރީސް ކުރުވާފަދަ ޅެންވެރިއެކެވެ.”


[1] وكيع محمد بن خلف بن حيان، أخبار القضاة، (مصر، عالم الكتب)، ص: 361.

[2]  وكيع محمد بن خلف بن حيان، أخبار القضاة، (مصر، عالم الكتب)، ص: 357.

[3] وكيع محمد بن خلف بن حيان، أخبار القضاة، (مصر، عالم الكتب)، ص: 367.