[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤާޟީ ޝުރައިޙް – 6

ޤާޟީ ޝުރައިޙުގެ ޤަޟިއްޔާތަކުން

 

ޤާޟީ ޝުރައިޙުވަނީ ޙިކުމަތްތެރިކަމާއި ފިޤުހުވެރިކަމުގައި ވަރަށް ގިނަ ޤާޟީންގެ މައްޗަށް ކުރި ހޯއްދަވާފައެވެ. އެއީ ޢަދުލު އިންޞާފުގެ ހަމަތައް ދެމެހެއްޓެވި، ދައުލަތުގެ ވެރީންގެ ކުރިފުޅުމަތީގައިވެސް ހިތްވަރާއި ޢަދުލުވެރިކަން އިސްކުރެއްވި ބޭކަލެކެވެ.

އެއްދުވަހު ޢަލީގެފާނު ޤާޟީ ޝުރައިޙުއަށް ދެންނެވިއެވެ. ވަރިކޮށްފައިވާ އަންހެނަކު އެއްމަސްދުވަހުގެ ތެރޭގައި ތިންފަހަރު ޙައިޟުވެއްޖެއެވެ. ޤާޟީ ޝުރައިޙު ވިދާޅުވިއެވެ. އެކަމަށް އެކަނބުލޭގެ ދަންނަ ހަތަރު އަންހެނުން ހެކިވެއްޖެނަމަ ޢިއްދަ ހަމަވެއްޖެއެވެ. ޢަލީގެފާނު ވިދާޅުވެއެވެ. ތިވިދާޅުވީ ތެދެކެވެ. [1]

އަދި ޝަޢުބީގެ އަރިހުން ރިވާވެގެން ވެއެވެ. ނަޞާރާއެއްގެ އަތުގައި ޢަލީގެފާނުގެ ދަހަނާއެއް ވަނިކޮށް ފެނިވަޑައިގަތުމުން އެ މައްސަލައާގެން ޤާޟީ ޝުރައިޙުގެ އަރިހަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. ދެންފަހެ ޢަލީގެފާނު ދަންނަވައިފިއެވެ. މިއީ ތިމަންކަލޭގެފާނުގެ ދަހަނާއެކެވެ. ތިމަން މިއެއް ވިއްކައެއްވެސް ނުލަމެވެ. އަދި ހިބައިންނެއްވެސް ނުދެމެވެ. ޝުރައިޙު ދަންނަވައިފިއެވެ. އަމީރުލް މުއުނިމީން އެ ވިދާޅުވާ އެއްޗަކާމެދު ތިބާ ވިދާޅުވަނީ ކީކޭ ހެއްޔެވެ؟ ނަޞްރާނީ ކަލޭގެ ބުންޏެވެ. މިއީ ތިމަންނާގެ ދަހަނާއެކެވެ. ދެން ޢަލީގެފާނާ ދިމާއަށް ޤާޟީ ޝުރައިޙު ބައްލަވައިލެއްވިއެވެ. އަދި ވިދާޅުވިއެވެ. އޭ އަމީރުލްމުއުމިނީންއެވެ. އެއްވެސް ހެއްކެއް ވޭ ހެއްޔެވެ؟ ޢަލީގެފާނު ހިނިވަރުނަ ކުރައްވައި ވިދާޅުވިއެވެ. ކަލޭގެފާނު ތިވިދާޅުވަނީ ރަނގަޅަށެވެ. ތިމަންނާއަށް އެއްވެސް ހެއްކެއް ނެތެވެ. ދެންފަހެ އެއީ ނަޞްރާނީގެ އެއްޗެއްކަމުގައި ޤާޟީ ޝުރައިޙު ޙުކުމް ކުރެއްވިއެވެ. ނަޞްރާނީ ކަލޭގެ ތަންކޮޅަކަށް ގޮސްފައި އެނބުރި އައިސް ބުންޏެވެ. މިއީ ނަބިއްޔުންގެ ޙުކުމްކަމުގައި ތިމަންނާ ހެކިވަމެވެ. އަމީރުލްމުއުމިނީން އެކަލޭގެފާނުގެ ޤާޟީގެ އަރިހަށް ތިމަންނާ ގެންދިއުމުންވެސް ޙުކުމް އެ ކުރީ އެކަލޭގެފާނާ ދެކޮޅަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެއްވެސް އިލާހަކު ނުވާކަމަށާ މުޙައްމަދުގެފާނީ އެކަލާނގެ އަޅާ ކަމަށާ ރަސޫލާކަމަށް ތިމަންނާ ހެކިވެއްޖައީމެވެ. ﷲ ގަންދީ ބުނަމެވެ. މިއީ އަމީރުލްމުއުމިނީންގެ ދަހަނާއެކެވެ. ކަލޭގެފާނު ޞިއްފީން ހަނގުރާމައަށް ލަޝްކަރައިގެން ވަޑައިގެންނެވި މަގުމަތީގައި މިއެތި ވެއްޓުނީއެވެ. ދެންފަހެ ޢަލީގެފާނު ވިދާޅުވިއެވެ. ﷲ ތިބާގެ ކިބައިގައި ދީލަތިކަން ލައްވާށިއެވެ. ތިބާ އިސްލާމްވެވަޑައިގެންފައި ވާތީ މި ތިބާއަށް ދީފީމެވެ. ދެން އެކަލޭގެފާނު އޭނާ އަހަކަށް ސަވާރުކުރުވިއެވެ.”

އަދިވެސް ރިވާވެގެން ވެއެވެ. ބުޅަލެއްގެ ދަރިއާ މެދު ދެބަސްވެގެން ދެއަންހެނަކު ޤާޟީ ޝުރައިޙުގެ އަރިހަށް އައެވެ. އެކަކު ބުންޏެވެ. އެއީ ތިމަންނާގެ ބުޅަލުގެ ދަރިއެކެވެ. އަނެކަކު ބުނެފިއެވެ. ނޫނެކެވެ. އެއީ ތިމަންނާގެ ބުޅަލުގެ ދަރިއެކެވެ. ޤާޟީ ޝުރައިޙު ވިދާޅުވިއެވެ. މިބުޅަލުގެ ކައިރީގައި އޭތި ބައިންދާށެވެ. އެ ރުއިން ހުއްޓައިލާ، ކައިރައަށް ދިއުމުން ބުއްދޭން ފަށައި ރަނގަޅަށް ބުއްބޮއިފިނަމަ އެއީ އެބުޅަލުގެ ދަރިއެކެވެ. އަދި އެ ބިރުގަނެ ދުވެ ފިލާން ފަށައިފިނަމަ އެއީ އެބުޅަލުގެ ދަރިއެއް ނޫނެވެ. [2]

އަދި ޤާޟީ ޝުރައިޙުގެ ނަޒާހާތްތެރިކަން ބަޔާންކޮށްދޭ ވާހަކައެއް ވެއެވެ. އެއީ އެއްދުވަހެއްގައި އެކަލޭގެފާނުގެ ދަރިފުޅާ އެރަށުގެ ބަޔަކާ މެދު މައްސަލައެއް އުފެދިގެން އައިސް ބުންޏެވެ. މިކަމުގައި ތިމަންނާއަށް ޙައްޤު ލިބޭނެނަމަ އެމީހުންގެ މައްޗަށް ޝަރީޢަތް ކުރުވާނަމެވެ. އެމީހުން ކޮޅަށް މިކަން ނިމޭނެނަމަ ތިމަންނާ އެމީހުންނާ ޞުލްޙަވެދާނަމެވެ. ދެން އޭނާގެ ވާހަކަ ކިޔައިދީ ނިމުނު ހިނދު ޤާޟީ ޝުރައިޙު ދެންނެވިއެވެ. ދާށެވެ. ޝަރީޢަތަށް އަންނާށެވެ. ދެން ދެބަސްވެވުނު މީހުން ގާތަށް އޭނާ ގޮސް ޝަރީޢަތަށް އައުމަށް ބުނުމުން އެމީހުން އެކަމަށް އިޖާބަދީފިއެވެ. އަދި އެމީހުން އައިސް ކަންވެދިޔަގޮތް ޤާޟީ އަރިހުގައި ކިޔައިދީފިއެވެ. އެހިނދުގައި މައްސަލަ ނިމިގެން ދިޔައީ އެމީހުންނާ އެއްކޮޅަށެވެ. ދަރިފުޅާ ދެކޮޅަށެވެ. ދެން ދަރިފުޅު ގެއަށް ގޮސް ބުންޏެވެ. ބައްޕާއެވެ. ތިމަންނާ މުޅީން ފަޟީހަތް ކޮށްފީމުތާއެވެ. ﷲ ގަންދީ ބުނަމެވެ. ބައްޕައާ މިކަމުގައި މަޝްވަރާ ނުކުރެވުނުނަމަ މާ ރަނގަޅުވީއެވެ. އެހިނދުގައި ޢަދުލުވެރި ޤާޟީ ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ. ބިންމަތީގައި ވާހާ އެއްޗަކަށްވުރެ ދަރިފުޅުގެ ލޮބުވެތިކަން ބައްޕައަށް ބޮޑެވެ. އެހެނެއްކަމަކު ދަރިފުޅަށްވުރެ ﷲ ތަޢާލާގެ ޢިއްޒަތްތެރިކަން ބައްޕައަށް މާ ބޮޑެވެ. ޙައްޤުވަނީ އެމީހުންނަށް ކަމުގައި ދަރިފުޅުގެ ގާތުގައި ބުނުމަށް ބައްޕަ ބިރުގަތެވެ. އެކަމުގައި ޞުލްޙަ ޚިޔާރު ކުރިނަމަ އެމީހުންގެ ބައެއް ޙައްޤުތައް ނިގުޅިގެން ދިޔައީހެވެ. ދަރިފުޅުގާތުގައި އެފަދައިން ބުނީ މިހެންވެގެންނެވެ.

އަދި އެއްދުވަހެއްގައި ޤާޟީ ޝުރައިޙުގެ ދަރިކަލަކު މީހެއްގެ ކަފީލަކަށްވިއެވެ. އަދި ކަފާލަތު ޤަބޫލުކުރުމުން، އެމީހާ އޭނާގެ ޝަރީޢަތަށް ނައިސް ފިލައިފިއެވެ. އެހިނދުގައި ފިލިމީހާގެ ބަދަލުގައި ޤާޟީގެ ދަރިފުޅު ޖަލަށް ލިއެވެ. އަދި ޤާޟީ ޝުރައިޙުގެ އަމިއްލަ އަތްޕުޅުން ޖަލުގައި އިން ދަރިފުޅަށް ކާތަކެތި ގެންގޮސްދެއްވިކަމުގައި ވެއެވެ. [3]

ޤާޟީ ޝުރައިޙުގެ ޝަރީޢަތުގެ މަޖިލިސްތަކުގައި ފިޤުހުވެރި ޢިލްމުވެރި ބޭކަލުން ބޭތިއްބެވުމަށް ނުހަނު ބޮޑު ސަމާލުކަމެއް ދެއްވިއެވެ. އަދި އެ މަޖިލިސްތަކުގައި މަޑުމައިތިރިކަމާއި ހައިބަތު ނެގެހެއްޓުމަށްވެސް ސަމާލުކަން ބެހެއްޓެވިއެވެ. އެކަލޭގެފާނު ޝަރީޢަތުގައި އިންނަވާއިރު އެކަލޭގެފާނުގެ ކައިރީގައި ދެކަނޑި ބަހައްޓާފައި ހުންނަހެން ޚަޞްމުންނަށް ހީވެއެވެ. އެކަލޭގެފާނުގެ އަރިހުގައި ސިފައިންގެ މީހަކު ހުރެހެވެ. އަދި އެކަލޭގެފާނުގެ ގާތުގައި ދުއްރައެއް ބާއްވާފައި އޮވެއެވެ. [4] އަދި ޤާޟީ ޝުރައިޙު ވިދާޅުވާ ކަމުގައިވެއެވެ. އަނިޔާވެރިން ނަގާލައިފާ ޙައްޤުތައް އެމީހުން ދަންނަ ހުއްޓެވެ. ހަމަކަށަވަރުން އަނިޔާވެރިޔާ އިންތިޒާރު އެކުރަނީ ޢުޤޫބާތަށެވެ. އަދި އަނިޔާ ލިބުނު މީހާ އިންތިޒާރު އެކުރަނީ ކާމިޔާބަށެވެ. [5]


[1] وكيع محمد بن خلف بن حيان، أخبار القضاة، (مصر، عالم الكتب)، ص: 361.

[2] http://www.manarulhudamag.com/212_15/

[3] https://www.qssas.com/story/9542

[4] https://islamstory.com/ar/artical/3408542/%D8%B4%D8%B1%D9%8A%D8%AD-%D8%A7%D9%84%D9%82%D8%A7%D8%B6%D9%8A

[5] أبو نعيم، أحمد بن عبد الله الأصفهاني، حلية الأولياء وطبقات الأصفياء، (لبنان، دار الكتب العلمية، ط:1، 1409هـ – 1988م)، ج:4،  ص: 132.

 

ޤާޟީ ޝުރައިޙް – އެހެންބައިތައް