ޤާާޟީ ޝުރައިޙުގެ ޙުކުމްފުޅުތަކަށް ލިބިފައިވާ ތަޢުރީފު
- އަލްއިމާމު ޝަޢުބީ ވިދާޅުވެފައިވެއެވެ. “ޤާޟީކަން އެންމެ ބޮޑަށް ދެނެވަޑައިގެން ހުންނެވި އެއް ބޭކަލަކީ ޤާޟީ ޝުރައިޙުއެވެ. ޤާޟީކަމުގައި އެކަލޭގެފާނު، ޢުބައިދާގެފާނު ފަދައެވެ.”
- ޢަލީގެފާނު ވިދާޅުވާތީ ހުބައިރާ އަޑުއެއްސެވިކަމުގައި ރިވާވެގެން ވެއެވެ. “އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން ކުރެ ފަޤީހުން އައިސް ތިމަންކަލޭގެފާނާ ސުވާލު ކުރާށެވެ. ތިމަންކަލޭގެފާނުވެސް ސުވާލު ކުރައްވަން އެބަ ހުއްޓެވެ. ދެން ފަހެ އެދުވަހު މިސްކިތުގެ ހަރިންމަ ފުރެންދެން މީސްތަކުން އެއްވެ އަމީރުލް މުއުމިނީން ޢަލީ رضي الله عنه ގެ އަރިހުން ކަންކަން އޮޅުން ފިލުވުމުގައި ތިއްބެވިއެވެ. ދެން އިރުއޮއްސިއްޖެއެވެ. ޤާޟީ ޝުރައިޙު ފިޔަވައި އެކަކުވެސް އެތާ ނެތެވެ. ދެން ޝުރައިޙު ވަޑައިގެން ޢަލީގެފާނާ ކަކޫ ޖެހޭ ހަމާގައި އިންނަވައި ސުވާލު ކުރައްވަމުން ގެންދެވިއެވެ. ޢަލީގެފާނު ކުރެއްވި ކޮންމެ ސުވާލަކަށް ޤާޟީ ޝުރައިޙު ޖަވާބުދެއްވިއެވެ. ދެންފަހެ ޢަލީގެފާނު މިފަދައިން ބުނާތީ ތިމަންނާ އަޑުއެހީމެވެ. ((قُمْ يَا شُرَيْح فَأَنْتَ أَقْضَى العَرَب))[1] މާނައީ: އޭ ޝުރައިޙުއެވެ. ތެދުވެވަޑައިގަންނަވާށެވެ. ތިބާއީ ޢަރަބީން ކުރެ ޤާޟީކަން އެންމެ ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ކަލޭގެފާނެވެ.”
- އިބްނު ސީރީން ވިދާޅުވެފައިވެއެވެ. “ތިމަންނާ ކޫފާގައި އުޅުނީމެވެ. އެތަނުގައި ފިޤުހު ޢިލްމުވެރިން ކުރެ ގުނައިލެވޭ ހަތަރު ބޭކަލެއް އުޅުއްވިއެވެ. އެއީ ޙާރިޘްއާއި، ދެވަނައަށް ޢުބައިދާ އާއި، ތިންވަނާގައި ޢަލްޤަމާ އަދި ހަތަރުވަނާގައި ޝުރައިޙުއެވެ. ވިދާޅުވިއެވެ. ހަތަރުވަނާގައި ޝުރައިޙު ވީނަމަވެސް ޚިޔާރު ކުރެވެނީ ޝުރައިޙު އެވެ.” [2]
[1] نعيم، أحمد بن عبد الله الأصفهاني، حلية الأولياء وطبقات الأصفياء، (لبنان، دار الكتب العلمية، ط:1، 1409هـ – 1988م)، ج:4، ص: 134.
[2] أبو يوسف، عبد الله بن سفيات البسوي، كتاب المعرفة والتاريخ، (السعودية، مكتبة الدار بالمدينة المنورة، ط:1، 1410هـ)