އަވަހާރަވުން
ޤާޟީ ޝުރައިޙު އަވަހާރަވީ ހިޖުރީ ސަނަތުން 78 ވަނަ އަހަރެވެ. އެކަލޭގެފާނު އަވަހާރަވިއިރު ޢުމުރުފުޅުން ނުހަނު ދުވަސްވެފައި ވީއިރުވެސް އެކަލޭގެފާނުގެ ބުއްދިއާއި ޙިކުމަތްތެރިކަން ނަމޫނާއަކަށް ވެފައިވިއެވެ. ޤާޟީ ޝުރައިޙު އަވަހާރަވީ ކިތައް އަހަރުގައި ކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ. މުއައްރިޚުން ބަޔާންކުރައްވާ ގޮތުގައި އެންމެ މަދުވެގެން އެކަލޭގެފާނު 108 (ސަތޭކަ އަށެއް) އަހަރު ދުނިޔޭގައި ހުންނެވިއެވެ. އެކަލޭގެފާނު އަވަހާރަވީއިރު ޢުމުރު ފުޅަކީ 106 (ސަތޭކަ ހައެއް) އަހަރު ކަމުގައްޔާއި 120 (ސަތޭކަ ވިހި) އަހަރު ކަމުގައިވެސް ރިވާޔަތްތަކުގައި އައިސްފައިވެއެވެ. އަދި 60 (ފަސްދޮޅަސް) އަހަރު ޤާޟީކަމުގައި ހުންނެވިކަމުގައި ރިވާވެގެން ވެއެވެ.[1] رحمه الله رحمة واسعة.
ނިންމުން
އިސްވެދިޔަ ވާހަކަތަކުން އެނގި ބަޔާންވެގެންދިޔަ އެންމެ މުހިންމު އެއްކަމަކީ ޤާޟީ ޝުރައިޙުގެ ފިޤުހުވެރިކަމާއި ޢަދުލުވެރިކަމާއި ޙިކުމަތްތެރިކަމެވެ. އަމީރުލްމުއުމިނީންގެ ކުރިފުޅުމަތީގައިވެސް ޘާބިތުވެ ހުންނަވައި ޙައްޤަށް ޙުކުމް ކުރެއްވިކަމެވެ. އަދި އެކަލޭގެފާނުގެ ޢާއިލާއަކަށް ދަރިންނަކަށް ބެއްލެވުމެއް ނެތި ޢަދުލަށް ޙުކުމްކުރެއްވިކަމުން އެކަލޭގެފާނު ނަޒާހާތްތެރިކަން އެނގި ބަޔާންވެގެން ހިނގައްޖެއެވެ. އެކަލޭގެފާނު ޤާޟީކަމަށް ޢައްޔަނު ކުރެވުނީ އެކަލޭގެފާނު އެކަމަށް އެދިގެނެއް ނޫނެވެ. އެކަލޭގެފާނުގެ ފިޤުހުވެރިކަމާއި ޙިކުމަތްތެރިކަން މުއުމިނުންގެ ދެވަނަ ޚަލީފާ ޢުމަރު رضي الله عنه އަށް ފެނިވަޑައިގެންނެވިއެވެ. ޢަލީ رضي الله عنه ވަނީ އެކަލޭގެފާނުގެ އެމަޤާމަށް ލާޢިޤުވެގެންވާކަމުގައި އިޤުރާރުވެވަޑައިގެންފައެވެ. މުސްލިމު އުއްމަތުގެ ބޮޑެތި ބޮޑެތި މުފައްޤިހުންނާއި ޢާލިމުންވަނީ ޤާޟީ ޝުރައިޙަށް ނުހަނު ތަޢުރީފުކޮށްފައެވެ. އެ ތަޢުރީފާއި ޛިކުރުތައް އަބަދުމެ މިދަނީ ކުރެވެމުންނެވެ. އިޚުލާޞްތެރި ތަޤުވާވެރިންގެ ޛިކުރު ތާއަބަދަށް ބިންމަތީގައި ލަހައްޓަވާކަމުގެ އިލާހީ ޤާނޫނުގެ ދަށުންނެވެ.
“ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް
ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތޭ”
رحم الله شريحا رحمة واسعة. وصلى الله وسلم على نبينا وحبيبنا وقدوتنا محمد وعلى آله وصحبه وسلم تسليما كثيرا إلى يوم الدين. والحمد لله رب العالمين. آمين.
*******
މަރާޖިޢު (ރިފަރެންސް)
- أبو نعيم، أحمد بن عبد الله الأصفهاني (430 هـ)، حلية الأولياء وطبقات الأصفياء، دار الكتب العلمية، بيروت.
- ابن الأثير محمد بن محمد بن عبد الكريم بن عبد الواحد الشيباني، الكامل في التاريخ (630 هـ)، دار الكتب العلمية، بيروت.
- أبو القاسم، علي بن الحسن ابن هبة الله بن عبد الله الشافعي (571هـ)، تاريخ مدينة دمشق، دار الفكر، بيروت. (1415هـ – 1995م)
- أبو يوسف يعقوب بن سفيان البسوي (277هـ)، كتاب المعرفة والتاريخ، مكتبة الدار بالمدينة المنورة، السعودية.
- شمس الدين محمد بن أحمد بن عثمان الذهبي (748هـ)، سير أعلام النبلاء، مؤسسة الرسالة، بيروت.
- وكيع محمد بن خلف بن حيان (306هـ)، أخبار القضاة، عالم الكتب، مصر.
- https://www.islamweb.net/ar
- http://hadithportal.com/
- https://www.manarulhudamag.com
- https://www.qssas.com/
- https://www.marefa.org/
- https://islamstory.com/ar
- https://www.alukah.net/
=ނިމުނީ=
[1] وكيع محمد بن خلف بن حيان، أخبار القضاة، (مصر، عالم الكتب)، ص: 364.