[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ޙުކުމް ނަސްޚުވުމާއި ޖަމްޢުކުރުން – 1

މުޤައްދިމާ

 

إن الحمد لله نحمده ونستعينه ونستغفره، ونعوذ بالله من شرور أنفسنا ومن سيئات أعمالنا، من يهده الله فهو المهتد، ومن يضلل فلا هادي له. وأشهد أن لاإله إلا الله وحده لا شريك له، وأشهد أن نبينا محمد صلى الله عليه وسلم وعلى آله وصحبه ومن تبعهم بإحسان إلى يوم الدين. أما بعد:

އުޞޫލީ ޤާޢިދާއެއްގައި ވަނީ “لا يصار إلى النسخ إلا عند تعذر الجمع بين الأدلة” (ދަލީލުތައް ޖަމްޢުކުރެވެން އޮއްވާ އެއިން ދަލީލެއް ނަސްޚުވެފައިވާ ކަމުގައި ނުބެލުން) މިފަދައިންނެވެ. އެހެންކަމުން މި ލިޔުމުގައި އަޅުގަނޑު ބަލާލާފައި މިވަނީ ނަސްޚުވުމާއި ޖަމްޢުކުރުމުގެ ޝަރުޠުތަކާއި ނަސްޚުވީކަމުގެ ދަލީލެއް ފެންނަން ނެތް ޙާލަތުގައި ޢަމަލުކުރާ ފިޤުހީ އުޞޫލުތަކުގެ މައްޗަށެވެ.

މިމަޢުޟޫއަށް ފައިޞަލާކުރުމުގައި މައިގަނޑު ފޮތެއްކަމުގައި އަޅުގަނޑު ބަލާފައި ވާނީ އަލްއިމާމު ޒަރްކަޝީ ލިޔުއްވާފައިވާ البحر المحيط މިފޮތެވެ. މިއީ އުޞޫލުފިޤުހުގައި ޢުމްދާއެއް ނުވަތަ މައިތަނބެއް ކަމުގައި ބެލެވޭ ފޮތެކެވެ. މީގެ އިތުރުން މިމައްސަލަ ދިރާސާ ކުރުމަށްޓަކައި ވަރަށްގިނަ ފޮތްތަކާއި ބައެއް ވެބްސައިޓްތަކުންވެސް މަޢުލޫމާތު ނެގިފައިވާނެއެވެ. އެކަންކަމުގެ ތަފްޞީލް ބަޙުޘްގެ މަރުޖިޢުގައި ހިމަނާފައި ވާނެއެވެ.

މިބަޙުޘް ފުރިހަމަކުރުމުގައި މިމަޢުޟޫގައި ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތަކުން މަޢުލޫމާތު ހޯދައި، ފޮތްތަކުގެ އަޞްލަށް ރުޖޫޢަވެ އެފޮތްތަކުން މަޢުލޫމާތު ނެގުމަށް ވަރަށްބޮޑަށް އިސްކަންދީފައިވާނެއެވެ. ﷲ ތަޢާލާ މިއަޅާގެ ކިބައިން މިޢަމަލު ޤަބޫލު ކުރައްވާށިއެވެ. آمين.

وصلى الله وسلم على نبينا محمد وعلى آله وصحبه أجمين. والحمد لله رب العالمين.

***********

 

ނަސްޚުގެ ތަޢާރަފް

 

ޢަރަބި ބަހުގައި النسخ:

ޢަރަބި ބަހުގައި “النسخ” ދެ މާނައެއްގައި ބޭނުންކުރެވެއެވެ.

ފުރަތަމައީ: ކަމެއް އުފުއްލެވުން ނުވަތަ ނައްތައިލުމެވެ. އެއީ:

  • އެހެން އެއްޗެއް އޭގެ މަޤާމަށް ގެނައުމަކާ ނުލައި ނައްތައިލުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (فَيَنسَخُ اللَّهُ مَا يُلْقِي الشَّيْطَانُ ثُمَّ يُحْكِمُ اللَّهُ آيَاتِهِ)[1] މާނައީ: “ފަހެ، ﷲ، ޝައިޠާނާ ވައްދާ ވަސްވާސްތެރިކަން ނެތިކުރައްވަތެވެ. ދެން ﷲ، އެކަލާނގެ އާޔަތްތައް ޘާބިތުކޮށްދެއްވަތެވެ.”
  • ކަމެއް ބާޠިލްކޮށްލައި ނައްތައިލުމެވެ. އަދި އެހިނދުގައި އެހެންކަމެއް އޭގެ މަޤާމަށް އާދެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا)[2] މާނައީ: “ތިމަންރަސްކަލާނގެ ނަސްޚުކުރައްވައިފި އާޔަތެއް، ނުވަތަ ތިމަންރަސްކަލާނގެ ހަނދުމަނައްތަވައިފި އާޔަތެއްގެ ބަދަލުގައި، އެއަށްވުރެ ހެޔޮ ނުވަތަ ހަމަ އެފަދަ އާޔަތެއް ތިމަންރަސްކަލާނގެ ގެނެސްދެއްވާ ހުށީމެވެ.”

ހަމަމިމޭރުމުން ބަދަލުކުރުންވެސް ނަސްޚުގެ މާނާގައި ބޭނުން ކުރައްވާފައި ވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَإِذَا بَدَّلْنَا آيَةً مَّكَانَ آيَةٍ ۙ وَاللَّهُ أَعْلَمُ بِمَا يُنَزِّلُ)[3] މާނައީ: “އެއް އާޔަތެއްގެ ތަނަށް، އެހެން އާޔަތެއް ތިމަންރަސްކަލާނގެ ބަދަލުކުރައްވައި ގެންނަވައިފި ހިނދު، ﷲ އެކަލާނގެ ބާވައިލައްވާ ތަކެތި މޮޅަށް ދެނެވޮޑިގެންވެތެވެ.”

ދެވަނައީ: އެއްތަނުން އަނެއްތަނަށް ގެންދިއުމެވެ. އެއީ އަޞްލު އޮތްގޮތަށް އޮތުމާއެކު އެއްތަނުން އަނެއް ތަނަށް ނުވަތަ އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ)[4] މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތައް (މަލާއިކަތުން މެދުވެރިކުރައްވައި) ލިޔުއްވީމެވެ.”[5]


[1]  سورة الحج: 52.

[2]  سورة اليقرة: 106.

[3]  سورة النحل: 101.

[4]  سورة الجاثية: 29.

[5]  نسخ وتخصيص وتقييد السنة النبوية للقرآن الكريم. ص: 56.

 

މިލިޔުމުގެ އެހެން ބައިތައް