ނަސްޚުގެ ޙިކްމަތް
ﷲ ތަޢާލާ ނިންމަވާ ކޮންމެ ކަމެއްގައި ނުހަނު މަތިވެރި ޙިކްމަތްތަކެއް ވެއެވެ. އޭގެ ތެރެއިން އަޅުތަކުންނަށް ދޭހަވެފައިވާ ޙިކްމަތްތައް ނުހަނު މަދެވެ. އެގޮތުން ނަސްޚު ކުރެއްވުމުގެ ބައެއް ޙިކްމަތްތަކަކީ ކޮބައިތޯ ބަލާލާއިރު:
- ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ލުއިކޮށްދެއްވައި ކަންކަން ފަސޭހަކޮށްދެއްވާ ތަނަވަސްކޮށްދެއްވާކަމީ އެކަލާނގެ ރަޙްމަތްވަންތަކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (يُرِيدُ اللَّهُ أَن يُخَفِّفَ عَنكُمْ)[1] މާނައީ: “ﷲ އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ.” އެގޮތުން ނަސްޚުގެ ޙުކުމްގައި އިސްވެދިޔަ ފަދައިން ހަނގުރާމާގައި ﷲ ތަޢާލާ ދެއްވި ލުޔާ އެކުގައި އެކަލާނގެ ވަޙީކުރައްވާފައިވަނީ (الْآنَ خَفَّفَ اللَّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًاۚ فَإِن يَكُن مِّنكُم مِّائَةٌ صَابِرَةٌ يَغْلِبُوا مِائَتَيْنِ)[2] މާނައީ: ” މިހާރު، ﷲ ތިޔަބައިމީހުންގެ ކިބައިން ލުއިކުރައްވައިފިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ބަލިކަށިކަމެއްވާކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، ތިޔަބައިމީހުން ކުރެ، ކެތްތެރި ސަތޭކަ މީހުން ތިބިނަމަ، (އެއުރެންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ.” މިފަދައިންނެވެ.
- ﷲ ތަޢާލާގެ އިލާހީ ޙިކްމަތްތަކުގެ ތެރޭގައި ޝަރުޢު ކުރެއްވުމުގައި ގިންތިތައް ލައްވާފައިވުން ހިމެނެއެވެ. އެހެނީ ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ފާޅުވެގެން އައީ މައްކާގައެވެ. އެތަނުގެ އަހުލުވެރިންނަކީ ބާވާލެއްވުނު ފޮތެއްގެ އަހުލުވެރިންނެއް ނޫނެވެ. އެބައިމީހުން ޢަމަލުކުރަމުން ދިޔައީ ކާބަފައިން ދައްކާފައިވާ ގޮތްތަކަށެވެ. ދިރިއުޅުމުގެ ނިޒާމެއް ނެތް ބައެއްގެ ގާތަކަށް ޝަރުޢީ ޙުކުމްތައް އެކީ އެއްފަހަރާ އައިނަމަ އެއުފުލުމަށް އެބައިމީހުން ނުކުޅެދުންތެރިވެދާނެތެވެ. އެގޮތުން ރާ ޙަރާމްކުރެއްވުމުގެ މަރުޙަލާތަކަށް ބަލައިލުމުން އެކަމުގައި ﷲ ތަޢާލާ 04 (ހަތަރެއް) ގިންތިއެއް ލައްވާފައިވާތީ ފެނެއެވެ.
(ހ) އެންމެ ފުރަތަމަ އެކަލާނގެ ވަނީ ރަލަކީ ހެޔޮ ރަނގަޅު އެއްޗެއް ނޫންކަން އަންގަވާފައެވެ. އެއީ ކަދުރުންނާއި މޭބިސްކަދުރުން އެބައިމީހުންނަށް ހެޔޮ ރިޒްޤުގެ އިތުރުން މަސްތުވުން ލިބޭކަމުގައި ބަޔާންކޮށްދެއްވައިގެންނެވެ. (وَمِن ثَمَرَاتِ النَّخِيلِ وَالْأَعْنَابِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَعْقِلُونَ)[3] މާނައީ: “އަދި ކަދުރު ރުކުގެ މޭވާއާއި، މޭބިސްކަދުރުން މަސްތުވާ ބުއިންތަކާއި، ރަނގަޅު ކާތަކެތި ތިޔަބައިމީހުން ބޭނުންކުރަމުއެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް، އެކަމުގައި ހެއްކެއްވާކަން ކަށަވަރެވެ.” މިއާޔަތާމެދު ވިސްނައި ފިކުރުކުރި މީހަކަށް ރާ މިވަނީ ހެޔޮ ރަނގަޅު ރިޒްޤުގެ ތެރެއިން މާތް ﷲ ވަކިކުރައްވާފައިކަން އެނގިގެން ދެއެވެ.
(ށ) ދެން ﷲ ތަޢާލާ ވަޙީ ކުރެއްވީ ރާ އަކީ އެކަމުގައި ދުނިޔަވީ ގޮތުން ލިބޭ މަންފާއަށް ވުރެ މާބޮޑުވެގެންވާ ފާފައެއް އެކުލެވިގެންވާ އެއްޗެއް ކަމުގައެވެ. (يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ ۖ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِن نَّفْعِهِمَا)[4] މާނައީ: “ރާއާއި ޖުވާކުޅުމާމެދު އެއުރެން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށްވުރެ، އެ ދެކަމުގެ ފާފަވެރިކަން މާބޮޑެވެ.”
(ނ) ދެން އެއަށްފަހު ﷲ ތަޢާލާ އެންގެވީ މަސްތުވެގެން ތިބޭ ޙާލު ނަމާދު ކޮށްގެން ނުވާނެކަމަށެވެ. (ياأَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ حَتَّىٰ تَعْلَمُوا مَا تَقُولُونَ)[5] މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭޙާލު ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ!”
(ރ) ދެން އެއަށްފަހު ﷲ ތަޢާލާ، ރާ އެކީ އެކައްޗަކަށް ޙަރާމްކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ)[6] މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބުހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.”
- އަޅުތަކުން ކިޔަމަންތެރިވޭތޯ އިމްތިޙާން ކުރެއްވުންވެސް މީގައި ހިމެނެއެވެ. މީގެ މިސާލަކީ ﷲ ތަޢާލާ އެކަލާނގެ އަޅާ އަދި ރަސޫލާ އިބްރާހީމް عليه السلام އަށް އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން މާތް ﷲ އަށް ޤުރުބާން ކުރެއްވުމަށް އަމުރު ކުރެއްވި ކުރެއްވުމެވެ. އަދި އެކަލާނގެ އެކަން ނަސްޚު ކުރައްވާ ޖަނަވާރެއްގެ ޤުރުބާނީއަށް އެކަން ބަދަލު ކުރެއްވިއެވެ. އަދި އެއަށްފަހު ވަޙީ ކުރެއްވީ (إِنَّ هَٰذَا لَهُوَ الْبَلَاءُ الْمُبِينُ)[7] މާނައީ: “ހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ އިމްތިޙާނުކަން ކަށަވަރެވެ.”
[1] سورة النساء: 28.
[2] سورة الأنفال: 66.
[3] سورة النحل: 67.
[4] سورة البقرة: 219.
[5] سورة النساء: 43.
[6] سورة المائدة: 90.
[7] سورة الصافات: 106