[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ޙުކުމް ނަސްޚުވުމާއި ޖަމްޢުކުރުން – 6

ނަސްޚުގެ މިޘާލުތައް ކީރިތި ޤުރުއާނުން

 

ކީރިތި ޤުރުއާނުގައި ތިލާވަތު ކުރެވޭ އާޔަތްތަކެއްކަމުގައިވިޔަސް، ބައެއް އާޔަތްތައް ނަސްޚުވެފައިވާ އެބަވެއެވެ. މި މަބްޙަޘްގައި މި ބަލައިލަނީ ކީރިތި ޤުރުއާނުން ފެންނަން ހުރި ނަސްޚުގެ ބައެއް މިޘާލުތަކަށެވެ.

 

1- ނަބިއްޔާ صلى الله عليه وسلم އަށް ސިއްރުވާހަކައެއް ދެންނެވުމުގެ ކުރިން ޞަަދަޤާތެއް ކުރުން:
ނަބިއްޔާ صلى الله عليه وسلم އަށް ސިއްރުވާހަކައެއް ދެންނެވުމުގެ ކުރިން ޞަދަޤާތެއް ކުރުމަށް މާތް ﷲ އަމުރު ކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (يَا أَيُّهَا الَّذِينَ آمَنُوا إِذَا نَاجَيْتُمُ الرَّسُولَ فَقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ރަސޫލާއަށް ސިއްރުވާހަކައެއް ދަންނަވާނަމަ، ތިޔަބައިމީހުން އެ ވާހަކަ ދެންނެވުމުގެ ކުރީގައި (ފަޤީރުންނަށް) ޞަދަޤާތެއް ކުރާހުށިކަމެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ޠާހިރު ކަންބޮޑުމެއެވެ. ފަހެ، ތިޔަބައިމީހުންނަށް ޞަދަޤާތެއް ކުރާނޭ އެއްޗެއް ނުލިބުނުނަމަ، ފަހެ، ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.”
އަދި މިސޫރަތުގެ ޖެހިގެން އޮތް އާޔަތުގައި ﷲ ތަޢާލާ ވަނީ މިޙުކުމް މަންސޫޚު ކުރައްވައިފައެވެ. ވަޙީކުރެއްވީ (أَأَشْفَقْتُمْ أَن تُقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَاتٍ ۚ فَإِذْ لَمْ تَفْعَلُوا وَتَابَ اللَّهُ عَلَيْكُمْ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا اللَّهَ وَرَسُولَهُ ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ) މާނައީ: “ތިޔަބައިމީހުން ރަސޫލާއަށް ސިއްރުވާހަކައެއް ދެންނެވުމުގެ ކުރިން ޞަދަޤާތެއް ކުރުމަށް ބިރުގަތީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް އެކަންތައް ނުކުރެވުނު ހިނދު، ﷲ ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލައްވައިފިއެވެ. ފަހެ، ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ! އަދި ޒަކާތް ދޭށެވެ! އަދި ﷲ އާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! ﷲ އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

 

2- ހަނގުރާމަ ކުރުމުގައި ލުއިދެއްވުން:
ކާފިރުންނާ ކުރިމަތިލައި ހަނގުރާމަ ކުރުމުގައި ﷲ ތަޢާލާ އެންމެ ފުރަތަމަ ބާވައިލެއްވި އާޔަތްތަކުގައި ވަނީ ކާފިރުންނާ ކުރިމަތިލުމުގައި މުސްލިމުންގެ 20 މީހުންނަށް ކާފިރުންގެ 200 މީހުންގެ މައްޗަށް ގަދަވެގަނެ ހަނގުރާމަކުރެވިދާނެކަމުގައެވެ. އެއީ ކޮންމެ 10 މީހަކަށް ކާފިރުންގެ 100 މީހުންނާ ހަނގުރާމަ ކުރެވުމެވެ. ވަޙީކުރައްވާފައިވަނީ (يَا أَيُّهَا النَّبِيُّ حَرِّضِ الْمُؤْمِنِينَ عَلَى الْقِتَالِ ۚ إِن يَكُن مِّنكُمْ عِشْرُونَ صَابِرُونَ يَغْلِبُوا مِائَتَيْنِ ۚ وَإِن يَكُن مِّنكُم مِّائَةٌ يَغْلِبُوا أَلْفًا مِّنَ الَّذِينَ كَفَرُوا بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ) މާނައީ: “އޭ ނަބިއްޔާއެވެ! (ދީނުގެ ދިފާޢުގައި) ހަނގުރާމަކުރުމަށް މުއުމިނުތަކުންނަށް ކަލޭގެފާނު ހިތްވަރުދެއްވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކެތްތެރި ވިހި މީހުން ތިބިނަމަ (ކާފިރުންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އަދި ތިޔަބައިމީހުންކުރެ، ސަތޭކަމީހުން ތިބިނަމަ، ކާފިރުވި މީހުންގެ ތެރެއިން އެއްހާސްމީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އެހެނީ އެއުރެންނަކީ ނުވިސްނޭ ބަޔެކެވެ.”
އެއަށްފަހު މާތް ﷲ ވަނީ މިޙުކުމް މަންސޫޚު ކުރައްވައި މުސްލިމުންގެ 100 މީހުންނަށް، 200 ކާފިރުންނާ ހަނގުރާމަ ކުރެވޭނެކަން ބަޔާންކުރައްވާ ލުއިކޮށްދެއްވައިފައެވެ. އެއީ މުސްލިމުންގެ ކޮންމެ މީހަކަށް ކާފިރުންގެ 2 މީހުންނާ ހަނގުރާމަ ކުރެވުމެވެ. ވަޙީކުރައްވާފައިވަނީ: (الْآنَ خَفَّفَ اللَّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا ۚ فَإِن يَكُن مِّنكُم مِّائَةٌ صَابِرَةٌ يَغْلِبُوا مِائَتَيْنِ ۚ وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُوا أَلْفَيْنِ بِإِذْنِ اللَّهِ ۗ وَاللَّهُ مَعَ الصَّابِرِينَ) މާނައީ: “މިހާރު، ﷲ ތިޔަބައިމީހުންގެ ކިބައިން ލުއިކުރައްވައިފިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ބަލިކަށިކަމެއްވާކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، ތިޔަބައިމީހުންކުރެ، ކެތްތެރި ސަތޭކަ މީހުން ތިބިނަމަ، (އެއުރެންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އަދި ތިޔަބައިމީހުންކުރެ އެއްހާސް މީހުން ތިބިނަމަ (އެއުރެންގެ) ދެހާސް މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. ﷲ ގެ އިޒުނައާކުގައެވެ. ﷲ ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.”


މިލިޔުމުގެ އެހެން ބައިތައް