[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޝައިޚް ޢަބްދުއްރަޙްމާން އަލްޢަޖްލާން – رحمه الله

މީސްތަކުންނާއި ހަމައަށް ޢިލްމުގެ ނޫރު ފޯރުކޮށްދިނުމުގެ ބުރަ މަސައްކަތް އަދާކުރެއްވި ޢިލްމުވެރިންގެ ސީރަތް އަޑު އެހުމަކީ އެތަކެއް ބަޔަކު އެދޭނޭ ކަމެކެވެ. އެބޭކަލުންނަކީ ޢިލްމުވެރިކަމުގައްޔާއި އަޅުވެރިކަމުގައިވެސް މީސްތަކުންނަށްވާ ނަމޫނާއެކެވެ. އަދި ހިތްވަރުގަދަކަމުގައްޔާއި މަސައްކަތުގައިވެސް ނަމޫނާވެރި ބައެކެވެ. އެފަދަ ޢިލްމުވެރިންގެ ތެރެއިން އެއްބޭކަލަކީ މަތިވެރިވެގެންވާ ކަޢުބަތު الله ގެފުޅު އެތަނެއްގައިވާ މަސްޖިދުލް ޙަރާމްގެ އެކިއެކި ފަރާތް ފަރާތުން 20 އަހަރު ދުވަހަށްވުރެ ގިނައިން އެބޭކަލެއްގެ އަޑު އިވެމުން ދިޔަ ފަޟީލަތުއް ޝައިޚުލް ޢައްލާމާ ޢަބްދުއްރަޙްމާން ބިން ޢަބްދުالله އަލްޢަޖްލާންއެވެ.

ޝައިޚު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1357 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގެ ޤަޞީމުގެ އަވަށެއްކަމުގައިވާ ޢުޔޫނުލްޖަވާގައެވެ. އެއީ މީލާދީ ގޮތުން 1938 ވަނަ އަހަރެވެ.

 

ތަޢުލީމު ޙާޞިލްކުރެއްވުން:

ޝައިޚުގެ ތަޢުލީމީ ޙަޔާތް އެންމެ ފުރަތަމަ ފެއްޓެވީ ޝައިޚުގެ އުފަން ރަށްކަމުގައިވާ ޢުޔޫނުލްޖަވާގެ އެދުރުގެތަކުންނެވެ.

އޭގެ ފަހުގައި ހިޖުރައިން 1368 ވަނަ އަހަރު ޤަޞީމުގެ އަވަށެއްކަމުގައިވާ ބުރައިދާގެ މަދަރުސަތުލް ފައިޞަލިއްޔާއާއި ގުޅިވަޑައިގަތެވެ. އަދި ހިޖުރައިން 1371 އަހަރު އެ ސްކޫލުން ދަސްވެނިވެވަޑައިގަތެވެ. އެއަށް ފަހު ހިޖުރައިން 1374 ގައި ބުރައިދާގެ މަޢުހަދާއި ގުޅިވަޑައިގަތެވެ. އަދި އޭގެ ފަހުގައި ހިޖުރައިން 1379 ވަނަ އަހަރު ރިޔާޟުގައި ހުންނަ ޖާމިޢަތުލް އިމާމު މުޙައްމަދު ބިން ސުޢޫދުލް އިސްލާމިއްޔާގެ ކުއްލިއްޔަތުއް ޝަރީޢާއަށް ވަދެވަޑައިގެންނެވިއެވެ. އެއަށް ފަހު ހިޖުރައިން 1386 ވަނަ އަހަރު އަލްމަޢްހަދުލް ޢާލީ ލިލްޤަޟާ އަލަށް ހުޅުވިހިނދު އެ މުއައްސަސާއާއި ގުޅިވަޑައިގެންނެވިއެވެ.

 

ޢައްޔަނު ކުރެވިފައިވާ ބައެއް މަޤާމުތައް:

ހިޖުރައިން 1372 ވަނަ އަހަރު މަދަރުސަތުލް ފައިޞަލިއްޔާއިން ދަސްވެނިވުމުން، އަލްއަމީރު ސުޢޫދު ބުން ޢަބްދުލް ޢަޒީޒުގެ އަމުރަށް ހުޅުވި މަދަރުސަތު ޘަރުމަދާ އަލްއިބްތިދާއިއްޔާގެ މުދައްރިސަކަށް ޝައިޚު ޢައްޔަންކުރެވުނެވެ. އެއީ، ބުރައިދާގެ މަޢުހަދުލް ޢިލްމީއާއި ގުޅުމުގެ ކުރިންނެވެ.

 އަދި ހިޖުރައިން 1381 ވަނަ އަހަރު ރިޔާޟުގެ ކުއްލިއްޔަތުއް ޝަރީޢާއިން ދަސްވެނިވުމުގެ 2 އަހަރު ކުރިން މަޢްހަދުލް މަދީނަތުލް ޢިލްމީގެ ޓީޗަރެއްކަމުގައި ޝައިޚް ހަމަޖެއްސުނެވެ. އަދި ހަމަ އެ ދުވަސްވަރު މަސްޖިދުއް ނަބަވީގައިވެސް ކިޔަވާއިދެއްވާ ޓީޗަރެއްކަމުގައި ޝައިޚު ހަމަޖެއްސުނެވެ.

 އަދި ހިޖުރައިން 1386 ވަނަ އަހަރު ރިޔާޟުގައި ހުންނަ ޖާމިޢަތުލް އިމާމު މުޙައްމަދު ބިން ސުޢޫދުލް އިސްލާމިއްޔާގެ ކުއްލިއްޔަތުއް ޝަރީޢާގައި ކިޔަވާއިދެއްވާ ޓީޗަރެއްކަމުގައި ޝައިޚް ހަމަޖެއްސުނެވެ.

ހަމަ އެ ފަދައިން ހިޖުރައިން 1387 ވަނަ އަހަރު އަލްމަޢްހަދުލް ޢިލްމިއްޔާގެ ނާޒިރެއްކަމުގައި ޝައިޚު ހަމަޖެއްސުނެވެ. އަދި ކުއްލިއްޔަތުއް ޝަރީޢާގެ ފަހު އަހަރު ކިޔަވަމުންދިޔަ ދަރިވަރުންގެ ޢަމަލީ ތަރުބިއްޔަތުގެ ޓެސްޓުގެ ކަންތަކުގައި ޝައިޚް ބައިވެރިވެލެއްވިއެވެ.

އަދި ހަމަ އެއާއެކު، ހިޖުރައިން 1389 ވަނަ އަހަރު އެކުވެރި ޢަރަބި އިމާރާތުގައި ހުޅުވި ސަޢޫދީ ޢަރަބިއްޔާގެ ފުރަތަމަ ކޯޓު ހުޅުވަން ޝައިޚު އާއި އޭރު ޤާޟީންގެ ރައީސަކަށް ހުންނެވި އައްޝައިޚް މުޙައްމަދު ބިން އިބްރާހީމް (އާލް ޝައިޚް) ޙަވާލުކުރެއްވިއެވެ.

އަދި ހިޖުރައިން 1393 ވަނަ އަހަރު މަލިކު ފައިޞަލްގެ އަމުރުފުޅަށް ޢަޖްމާން ކޯޓް ހުޅުވައިދެއްވުން ޝައިޚުއާއި ހަވާލުކުރެއްވިއެވެ. އަދި އެތަނުގެ ޤާޟީއަކަށް ހިޖުރައިން 1405 ވަނަ އަހަރާއި ހަމައަށް ޝައިޚް ޢައްޔަނުކުރެއްވިއެވެ. އޭގެ ފަހުގައި މައްކާއިގެ އެންމެ މަތީ ކޯޓުގެ ޤާޟީއަކަށް ޝައިޚު ޢައްޔަނުކުރެވުނެވެ. އަދި ހިޖުރައިން 1410 ވަނަ އަހަރާއި ހަމައަށް ކޯޓްގައި މަސައްކަތް ކުރައްވަމުން މަސްޖިދުލް ޙަރާމްގައި ކިޔަވައިދެއްވަމުން ގެންދެވިއެވެ. އެއަށްފަހު، މަލިކު ފަހުދުގެ އަމުރުފުޅަށް ޤަޞީމް ހިމެނޭ ސަރަހައްދުގެ ކޯޓުތަކުގެ ރައީސެއްކަމުގައި ޝައިޚް ހަމަޖެއްސެވިއެވެ. އަދި ހިޖުރައިން 1420 ވަނަ އަހަރާއި ހަމައަށް އެ މަޤާމުގައި ހުންނެވިއެވެ.

ކުރު މުއްދަތެއްގައި މަސައްކަތްކުރެއްވުމަށް ފަހު ޝައިޚު މަޤާމުން ވަކިވެވަޑައިގަތުމަށް އެދިވަޑައިގަތެވެ. އަދި މަސްޖިދުލް ޙަރާމުގައި ކިޔަވައިދިނުން ކުރިޔަށް ގެންދިޔުމަށްވެސް އެދިވަޑައިގަތެވެ. އަދި ޝައިޚު އެދިލެއްވި ގޮތަށް އެ ފުރުޞަތުދެއްވިއެވެ.

އެއަށްފަހު އުންމުލްޤުރާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާގެ ޤަޟާއާއި ބެހޭ ބައިގައި ކިޔަވާދެއްވިއެވެ.

އަދި އޭގެ ފަހުގައި، މައްކާގެ ދާރުލް ޙަދީޘުލް ޚައިރިއްޔާގައި ކިޔަވައިދެއްވިއެވެ.

އަދި ހިޖުރައިން 1380 ވަނަ އަހަރު ކުއްލިއްޔާގައި ޝައިޚު ކިޔެވި ދުވަސްވަރު، ރިޔާޟުގައި ‘ރޯޔަލް ސިފައިންގެ’ މުދައްރިސެއްގެ ގޮތުގައި ހަމަޖެއްސުނެވެ.

އަދި ހިޖުރައިން 1386 ވަނަ އަހަރު ރިޔާޟުގައި ހުންނަ މަޢުހަދުލް ޚިދުމަތުލް އިޖްތިމާޢާގައި ކިޔަވައިދެއްވުމަށް ޝައިޚް ޢައްޔަނުކުރެއްވިއެވެ.

ހަމަ އެހެންމެ މިސްކިތްތަކުންނާއި ރޭޑިއޯ އަދި ޖަމުޢިއްޔާތަކުން އިންތިޒާމުކުރާ ޢިލްމީ ބަދަލުވުންތަކާއި ޖަލްސާތަކުގައި މައްކާ، ޖިއްދާ، ރިޔާޟު، ޤަޞީމު އަދި އެކުވެރި ޢަރަބި އިމާރާތުގައި މަސައްކަތްކުރެއްވި ދުވަސްތަކުގައި ބައިވެރިވެލެއްވިއެވެ.

އަދި ހިޖުރައިން 1421 ވަނަ އަހަރުން ފެށިގެން 1428 ވަނަ އަހަރާއި ހަމައަށް ރިޔާޟުގެ އިޛާޢަތުލް ޤުރްއާނުލްކަރީމްގެ ރޭޑިއޯ ޕްރޮގްރާމްގައި ބައިވެރިވެލައްވާ ސުވާލުތަކަށް ފޯނުން ޖަވާބުދެއްވިއެވެ.

އަދި އިސްލާމް ޓުޑޭ ސައިޓުގައި ކުރެވިފައިވާ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމުގައިވެސް ޝެއިޚުވަނީ ބައިވެރިވެލައްވާފައެވެ.

ޝައިޚު އަވަހާރަވަންދެން ވެސް ގެންދެވީ މަސްޖިދުލްޙަރާމުގައި ކިޔަވައިދެއްވަމުންނެވެ. އެގޮތުން މަސްޖިދުލްޙަރާމުގައި ކިޔަވައިދެއްވުމުގައި ގާތްގަނޑަކަށް 30 އަހަރު ހޭދަކުރެއްވިއެވެ.

 

ކިޔަވާ ދެއްވި އުސްތާޛުން:

އެތަކެއް ޢިލްމުވެރިންގެ އަރިހުން ޝައިޚު ޢިލްމު ޙާޞިލުކުރެއްވިއެވެ. އޭގެ ތެރޭގައި:

1. عبد العزيز بن باز.

2. عبد الله بن حميد.

3. محمد الأمين الشنقيطي.

4. عبد الرزاق عفيفي.

5. صالح الخريص.

6. صالح بن إبراهيم البليهي.

7. محمد بن عبد الله السبيل.

8. عبد الله بن عبد الرحمن الغديان.

9. عبد الله السايح.

10. صالح الناصر.

11. علي الضالع.

12. حمود بن عقلا.

13. إبراهيم العبيد.

14. إبراهيم العمار.

15. علي البراهيم المشيقح.

16. إبراهيم العبيد.

17. صالح السكيتي.

18. محمد المرشد.

19. عبد الرحمن الدخيل.

20. مناع بن خليل القطان.

21. عبد القادر شيبة الحمد.

22. عطية محمد سالم.

23. عبد الحكيم سرور

 

ޝައިޚު ކިޔަވާ ދެއްވާފައިވާ ފޮތްތައް:

1- تفسير ابن كثير رحمه الله.

2- تيسير العلام شرح عمدة الأحكام.

3- سبل السلام شرح بلوغ المرام.

4- كتاب فتح المجيد شرح كتاب التوحيد.

5- العقيدة الواسطية لشيخ الإسلام ابن تيمية.

6- الروض المربع.

7- السلسبيل.

8- الكافي في الفقه الحنبلي.

9- عدة الباحث في الفرائض.

10- الرحبية.

11- التحقيقات المرضية في المباحث الفرضية.

12- الرحيق المختوم في السيرة النبوي

 

ޝައިޚު އަވަހާރަވީ 25 ރަމަޟާން 1442 (7 މެއި 2021) ވީ ހުކުރު ދުވަހުގެ ހެނދުނު މައްކާގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 85 އަހަރެވެ. އަދި ޝައިޚުގެ މައްޗަށް ކަށުނަމާދު ކުރެވުނީ އެދުވަހުގެ ހުކުރު ނަމާދުގެ ފަހުގައި އަލްމަސްޖިދުލްޙަރާމްގައެވެ. އަދި ފަސްދާނުލެވުނީ މައްކާގެ ޝުހަދާއުލްޙަރަމް ޤަބުރުސްތާނުގައެވެ.

ޝައިޚުގެ ފާފަފުއްސަވާ، ރަޙުމަތް ލައްވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ! އާމީން.

___________________________

މަޞްދަރު