ދެވަނަ އާޔަތް:
(كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِن تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالْأَقْرَبِينَ بِالْمَعْرُوفِ ۖ حَقًّا عَلَى الْمُتَّقِينَ)[1] މާނައީ: “ތިޔަބައިމީހުން ކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖެ ހިނދުގައި، އެމީހާ މުދަލެއް ދޫކުރާނަމަ، (އެބަހީ: އެމީހާގެ މިލްކުގައި، މުދަލެއްހުރިނަމަ) ހެޔޮގޮތުގައި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ވަޞިއްޔަތްކުރުން މައްޗަށް ފަރުޟުކުރައްވައިފިއެވެ. (އެކަން އޮތީ) ތަޤްވާވެރިންގެ މައްޗަށް އޮތް ޙައްޤެއް ކަމުގައެވެ.”
މި އާޔަތް މަންސޫޚުވެފައިވާ ކަމުގައި ބުނެވޭ ބަސްފުޅު މަޝްހޫރެވެ. ނަމަވެސް މިއާޔަތް މަންސޫޚު ކުރެވުނީ ކޮން އާޔަތަކުންކަމާމެދު ޚިލާފު އުފެދިފައިވެއެވެ.
- ޙަނަފީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި މިއާޔަތް މަންސޫޚުވެފައިވަނީ ކީރިތި ނަބިއްޔާ صلى الله عليه وسلم ގެ މި ޙަދީޘް ބަސްފުޅުންނެވެ. ((لا وَصِيَّة لِوَارِثٍ))[2] މާނައީ: “ވާރިޘަކަށް ވަޞިއްޔަތްކުރުމެއް ނުވެއެވެ.”
- ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއާޔަތް މަންސޫޚުވެފައިވަނީ ތަރިކައާ ބެހޭ އާޔަތުންނެވެ. އެއީ: (يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ)[3] މާނައީ: “ތިޔަބައިމީހުންގެ ދަރިންނާމެދު، ﷲ ތިޔަބައިމީހުންނަށް އަންގަވަތެވެ. އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބަޔެއް ފިރިހެން ދަރިޔަކަށް ވެއެވެ.” މި އާޔަތުގައި ﷲ ތަޢާލާވަނީ މިކަން ބަޔާންކޮށްދެއްވާފައެވެ. ވަޙީ ކުރައްވާފައިވަނީ: (وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ مِمَّا تَرَكَ إِن كَانَ لَهُ وَلَدٌ)[4] މާނައީ: “އަދި، މަރުވިމީހާގެ ދަރިޔަކު ހުރިނަމަ، އޭނާގެ މަންމަޔާއި، ބައްޕަޔާއި، ދެ މީހުން ކުރެ ކޮންމެ މީހަކަށްމެ، އެ މަރުވި މީހާ ދޫކުޅަ މުދަލުގެ ހަ ބައިކުޅަ އެއްބަޔެވެ.”
މި އާޔަތުގެ ތަފްސީރުގައި އަލްބައިޟާވީ ވިދާޅުވެފައިވެއެވެ. “މި އާޔަތާމެދު އިތުރަށް ބަލާލަން ޖެހެއެވެ. އެހެނީ ތަރިކައިގެ އާޔަތްތަކުގައި އެއްވެސް ފުށުއެރުމެއް ނުވެއެވެ. އަދި ކިއެއް ހެއްޔެވެ. މުޠުލަޤުކޮށް ވަޞިއްޔަތް އިސްކުރަން ޖެހޭކަން އިތުރަށް ކަށަވަރުވެފައިވެއެވެ.”[5]
[1] سورة البقرة: 180.
[2] صحيح البخاري, كتاب الوصايا، باب: لا وصية لوارث. رقم الحديث: 2747. ص: 678.
[3] سورة النساء: 11.
[4] سورة النساء: 11.
[5] ބައްލަވާ: أنوار التنزيل وأسرار التأويل (تفسير البيضاوي). م:2، ص: 63.