ތިންވަނަ އާޔަތް:
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ)[1] މާނައީ: “ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޒިރުވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!”
އިސްވެދިއަ އާޔަތުގައި ﷲ ތަޢާލާ ވަނީ ރަމަޟާންމަހުގައި ޙާޟިރުވެތިބި އެންމެންގެ މައްޗަށް ރޯދަ ވާޖިބު ކުރައްވާފައެވެ. އެއަށްފަހު އެކަލާނގެ ވަނީ އެކަމަށް ކުޅަދާނަވެގެން ނުވާ މީހާއަށް އިޚްތިޔާރެއް ދެއްވައިފައެވެ. އެއީ ފިދުޔަ ދިނުމަށް ފަހު ރޯދަ ނުހިފައި ދޫކޮށްލުމުގެ އިޚްތިޔާރެވެ. ވަޙީކުރައްވާފައިވަނީ: (وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ ۚ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ)[2] މާނައީ: “އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) ފިދުޔަދިނުމެވެ. (ފިދުޔައިގެ މިންވަރަކީ) މިސްކީނަކަށް ކާންދޭ މިންވަރެވެ. ފަހެ، تطوّع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ.”
[1] سورة البقرة: 185.
[2] سورة البقرة: 183.