[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ޙުކުމް ނަސްޚުވުމާއި ޖަމްޢުކުރުން – 12

ފަސްވަނަ އާޔަތް:

މާތް ﷲ ވަޙީކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ)[1] މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ!  ﷲ އަށް ތަޤްވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން އެކަލާނގެއަށް ތަޤްވާވެރިވާށެވެ! އަދި، މުސްލިމުން ކަމުގައިވާ ޙާލުގައި މެނުވީ، ތިޔަބައިމީހުން މަރު ނުވާހުށިކަމެވެ!” މިއާޔަތް ވަނީ މާތް ﷲ ގެ އަންނަނިވި ވަޙީ ބަސްފުޅުން މަންސޫޚު ކުރެވިފައިކަމުގައި ބުނެވެއެވެ. (فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ وَاسْمَعُوا)[2] މާނައީ: “ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ.”

މިއާޔަތް މަންސޫޚުވެފައިވާކަމުގައި ބުނެވެނީ ސަޢީދު ބުން ޖުބައިރާއި އަބުލްޢާލިޔާއާއި ރަބީޢު ބުން އަނަސް ފަދަ ބޭބޭކަލުންނަށް ނިސްބަތްކޮށްފައެވެ. ނަމަވެސް މި ދެ އާތުގައި އެއްވެސް ތަޢާރުޟެއް ނުވެއެވެ. އެހެނީ ފުރަތަމަ އާޔަތުގައި އެވާ ފަދައިން ﷲ ތަޢާލާއަށް ތަޤްވާވެރިވުމަކީ އަމުރުވެވިގެންވާ ކަމެކެވެ. އަދި ދެވަނަ އާޔަތުގައި ބަޔާންވެފައި އެވަނީ އާޔަތުގެ އިތުރު ތަފްޞީލެކެވެ. އެއީ ތަޤްވާވެރިވުމުގައި އެމީހަކަށް ކުޅަދާނަވެގެންވީ އެންމެ ބޮޑަކަށް ތަޤްވާވެރިވުމެވެ. އެހެނީ ﷲ ތަޢާލާ އެއްވެސް ނަފްސަކަށް އެނަފްސަކަށް ކުޅަދާނަވެގެންނުވާ މިންވަރަށް ތަކުލީފު ނުޖައްސަވައެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވަނީ: (لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا)[3] މާނައީ: “ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ.”


[1]  سورة آل عمران: 102.

[2]  سورة التغابن: 16.

[3]  سورة البقرة: 286.

މިލިޔުމުގެ އެހެން ބައިތައް