ދަރިން ތަރުބިއްޔަތުކުރުމަކީ ވަރަށް ބުރަ މަސައްކަތެއްތަ؟ ނޫނީ އެއީ، އެކަމުގައި ކާމިޔާބުވުން، ހަމައެކަނި އެކަމުގެ މާހިރުންނަށާއި، ފަންނުވެރިންނަށް އެކަނި ޚާއްސަވެފައިވާ ކަމެއްތަ؟
އަޅުގަނޑަށް އަޑުއިވިފައިވާ އަދި ފެނިފައިވާ މަންޒަރުތަކަށް ބަލާލާއިރު، އަޅުގަނޑަށް ފާހަގަވެފައިވަނީ އަހަރެމެންގެ މައިންބަފައިންނާއި ކާބަފައިންނަށް، ދަރިން ތަރުބިއްޔަތުކުރުމަކީ ވަރަށް ފަސޭހަކަމެއް ކަމަށެވެ. އެމީހުންނަށް، އެމީހުންގެ ދަރިންގެ ޒިންމާތަކާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތެވެ. ކުރީ ޒަމާނުގައިވެސް އަދި ވަރަށް ފަހަކާ ޖެހެންދެންވެސް ގިނަ މައިންބަފައިން އެމީހުންގެ ދަރިން ތަރުބިއްޔަތުކުރަމުން ގެންދިއައީ ވަރަށް ޤުދުރަތީ ގޮތަކަށެވެ. މާބޮޑު ވިސްނުމެއް ފިކުރެއް ނެތިއެވެ. ގިނަ މީހުން އެމީހުންގެ ދަރިން ތަރުބިއްޔަތުކުރަނީ އެމީހުންގެ މައިންބަފައިން އެމީހުން ތަރުބިއްޔަތުކުރި ގޮތަށެވެ. އަދި ދަސްކޮށްދެނީ އެމީހުންނަށް އެމީހުންގެ މައިންބަފައިން ދަސްކޮށްދިން އުޅުމާއި ސުލޫކެވެ. އިތުރު ދިރާސާއެއް ކުރުމަކާ ނުލައެވެ. މައިންބަފައިންގެ ތެރޭގައި އެމީހުންގެ ދަރިންނާމެދު އޯގާތެރިކަމާ އެކީ ކަންތައް ކުރާ މައިންބަފައިންވިއެވެ. އަދި ހަރުކަށިކޮށް ދަރިންނާމެދު މުޢާމަލާތްކުރާ މައިންބަފައިންވެސް ވިއެވެ. އެމީހުންގެ ދަރިންނަށް ރަނގަޅުގޮތް ދަސްކޮށްދޭ އަދި އެކުދިންގެ ކިބައިން ރަނގަޅު ކަންކަން ފެނުމަށް އެދޭ މައިންބަފައިންވިއެވެ. އަދި އެމީހުންގެ ދަރިންނަށް މާބޮޑު އަޅާލުމެއް އަދި މަގުދެއްކުމެއްވެސް ނުދައްކާ މައިންބަފައިންވިއެވެ. މިއީ އެމީހުންގެ ކައިރީގައި ދަރިންތަރުބިއްޔަތުކުރުމުގެ ކަންތައް ހުންނަ ގޮތެވެ. އެމީހުން ނަފްސާނީ ޢިލްމު ނުއުނގެނެއެވެ. އަދި މުޖުތަމަޢާބެހޭ ކަންކަމުގެ ޢިލްމުތަކެއްވެސް ނުއުނގެނެއެވެ. އަދި ގިނަ ފަހަރަށް ދަރިންގެ އިޙުސާސްތަކާ ޝުޢޫރުތަކަށްވެސް ރިޢާޔަތް ނުކުރެއެވެ.
އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ދިން ތަރުބިއްޔަތުންވެސް މިފަދަ ކަންކަން އަޅުގަނޑަށްވަނީ ފާހަގަކުރެވިފައެވެ. ކުރީގެ ދެ ޖީލުގެ ދަރިންނަށް ތަރުބިއްޔަތު ދެވުނުގޮތް، އަޅުގަނޑުގެ ބައްޕައާއި ކާފަ އަދި ގާތްތިމާގެ މީހުންގެ ކިބައިން އަޅުގަނޑަށްވަނީ އަޑުއިވިފައެވެ. އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ކުރީ ޒަމާނުގައި، މައިންބަފައިން އެމީހުންގެ ދަރިން ތަރުބިއްޔަތުކުރުމުގައި އެންމެ އިސްކަމެއް ދީފައިވަނީ ހިތްވަރުގަދަ ފިރިހެނުން ބިނާކުރުމަށެވެ. އަދި އާމްދަނީ ހޯދުމަށް މަސައްކަތްކުރާނެ ހީވާގި މީހުން ބިނާކުރުމަށެވެ. އެހެންކަމުން، ދަރިން ތަރުބިއްޔަތުކުރުމުގައި އެމީހުން އިހުސާސްތަކަށް ރިޢާޔަތްކުރީ ވަރަށް މަދުންނެވެ. އަދި ދަރިންގެ ހިތްލެނބޭ ކަންކަމަށާއި، އެދޭ ކަންކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އަދި ކުދިން ކުޑައިރު ޒިންމާތައް ހަވާލުކޮށް، އެކަންކަން އަދާކުރުވައި، އެކުދިންނާމެދު ތަންކޮޅެއް ހަރުކޮށް ކަންތައްކުރިއެވެ. އެމައިންބަފައިން އެކަމެއް ޙާސިލުކުރަން މަސައްކަތްކުރި އަމާޒަކީ މިއެވެ. (ހިތްވަރުގަދަކަމާއި، އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ޤާބިލުކަން އަށަގެންނެވުމެވެ.) އަދި އެކަން ޙާސިލުކުރުމަށްޓަކައި އެކިއެކި ގޮތްގޮތުން މަސައްކަތްކުރިއެވެ. އެމީހުން މިކަންކަން ޙާސިލުކުރުމަށްޓަކައި ބޭނުންކުރި ވަޞީލަތްތަކުގެ ކޮލިޓީއަށާއި އޭގެ މޮޅު ދެރަކަމަށް އެމީހުން ނުވިސްނައެވެ. ކަންމިހެންހުރި ކަމުގައިވީނަމަވެސް ގިނަ މައިންބަފައިންވަނީ އެމީހުންގެ މި މަސައްކަތުގައި ކާމިޔާބުވެފައެވެ. އަދި އެމީހުންނަށް ހެދިފައިވާ ގޯސްތަކާއެކުވެސް ކާމިޔާބު ފިރިހެނުންނާއި އަންހެނުން، މުޖުތަމަޢަށް ނެރުމުގައި އެމީހުންވަނީ ކާމިޔާބު ހޯދާފައެވެ.
މިޒަމާނުގައި، މައިންބަފައިން، ފަހުގެ އެކިއެކި ތަރުބަވީ އުކުޅުތަކުގެ ބޭނުން ހިފައި، އަދި ދަރިންގެ އިޙުސާސްތަކަށް ރިޢާޔަތްކޮށް، އެކުދިންގެ ދަރަޖައިން ވިސްނުން ގެންގުޅެ އެކުދިން ރަނގަޅަށް ފަހުމުވާން މަސައްކަތްކޮށް ހަދައެވެ. އަދި އެކުދިންނަށްޓަކައި ވަގުތު ހުސްކޮށް، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، އެކުދިން އަޅާ ކޮންމެ ފިޔަވަޅެއް ފަހަތުން ފިޔަވަޅު އަޅަމުން، އެކުދިންގެ ހިތް ލެނބޭ ކަންކަން ބަލައި، އެކުދިންގެ ޝަޚުސިއްޔަތު ދެނެގަނެ އެކުދިން އެދޭ ކަންކަމަކީ ކޮބައިތޯ ބަލައެވެ. މިގޮތަށް ކަންތައްކުރުމުންވެސް އަޅުގަނޑުމެން އެދޭފަދަ ނަތީޖާއެއް ނުނެރެވެއެވެ. އަދި އަޅުގަނޑުމެން ބޭނުންވާފަދަ ޖީލެއް ނުއުފެއްދެއެވެ. އަދި ރިވެތި އަދަބުތައް އަށަގެންފައިވާ، ސާދާ ކުދިން މަދެވެ. އަދި ކުޑަކުދިންގެ މެދުގައި ނަފްސާނީ ބަލިތައްވަނީ ގިނަވެފައެވެ. އެހެންކަމުން، ކުރީގެ މައިންބަފައިން ގެންގުޅުނު ހަރުކަށި ތަރުބަވީ އުކުޅުތަކަކީ، މިޒަމާނުގެ ދިރާސާކުރެވި އަދި ތަޖުރިބާކުރެވިފައިވާ ތަރުބަވީ އުކުޅުތަކަށްވުރެ ފައިދާހުރި، ނަތީޖާ ނެރެދޭ އުކުޅުތަކެއްކަމުގައި ޤަބޫލުކުރުމީ އެންމެ ރަގަޅު ގޮތެއް ނޫންބާވައެވެ؟!
******************************
މިއަދު އަޅުގަނޑުމެންނަށް، ދަރިން ތަރުބިއްޔަތުކުރުމާބެހޭ ގޮތުން އެނގޭ މިންވަރަށް، ކުރީގެ މީހުންނަށް ކަންކަން ނޭނގެއެވެ. އަދި އަޅުގަނޑުމެން ދަސްކޮށްފައިވާ މިންވަރަށް ކަންކަން ދަސްކޮށްފައި ނުވެއެވެ. އަޅުގަނޑުމެން ހޯދާފައިވާ ވަރަށް، ތަރުބަވީ އެކިއެކި ވަސީލަތްތަކާއި، އުސްލޫބުތައް އެމީހުން ހޯދާފައި ނުވެއެވެ. އެހެންނަމަވެސް، މި މައިދާނުގައި އަޅުގަނޑުމެންނަށްވުރެ ބޮޑަށް އެމީހުންވަނީ ކާމިޔާބު ހޯދާފައެވެ. އަވަށުގެ އެންމެންގެ ކިބައިގައި ރީތި އުސޫލުތައް ހަރުލާފައި ހުރެއެވެ. އަދި ނާދިރު ފަހަރެއްގައި މެނުވީ އެފަދަ ކަންކަމާ ޚިލާފުވާ ކުދިންގެ އަޑު އިވިފައެއްނުވެއެވެ. ޢިލްމެއްނެތި ވަރަށް ގިނަ މަންމައިން އެމީހުންގެ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރިއެވެ. ލިޔަންކިޔަން ނުދަންނަ ބައްޕައިން، ނިކަމެތި ކުޑަކުދިން ބާރުގަދަ ފިރިހެނުންގެ ގޮތުގައި ތަރުބިއްޔަތުކުރިއެވެ. އަދި ބިރުގަންނަ، ނުކެރޭ ކުދިން ހިތްވަރުގަދަ ފިރިހެނުންގެ ގޮތުގައި ތަރުބިއްޔަތުކުރިއެވެ. އަދި ދަހި ކުދިންގެ ކިބައިން ދީލަތިކަމުގެ ސިފަ ނެރުނެވެ. މިހެންކަންއޮތްއިރު، މިއަދު އަޅުގަނޑުމެންނަށް، ހުރިހާ ޢިލްމަކާއި ވަސީލަތްތައް ފުރިހަމަވެފައިވާ ޙާލު، އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ނުދެވެނީ ކީއްވެ ހެއްޔެވެ؟ އަދި ދަރިން ތަރުބިއްޔަތު ކުރާނެ ގޮތުގެ ގިނަ ގުނަ އިރުޝާދުތަކާއި، އާލާތްތައް ލިބެން ހުރި އިރުގައި، މިކަމަކީ އުނދަގޫ ކަމަކަށް ވެފައި މިވަނީ ކީއްވެބާއެވެ؟ އަދި ކުރީގެ މީހުންގެ ތަޖުރިބާތައްވެސް އަޅުގަނޑުމެންނާ ހަމައަށް ލިބިފައިވާއިރުގައިވެސް މިކަމަކީ އެހާ އުނދަގޫ ކަމަކަށް މިވަނީ ކީއްވެ ހެއްޔެވެ؟
ޒަމާން ބަދަލުވެ، އާ މަންމައިންނާ ހަމައަށް ދަރިންތަރުބިއްޔަތު ކުރުމާބެހޭ ކަންކަން ހުށަހެޅިފައިވާ ގޮތް މިއީ މިގޮތަށް ކަންތައް މެދުވެރިވާން ޖެހުނު ސަބަބު ކަމުގައި ވެދާނެއެވެ. ދަރިން ތަރުބިއްޔަތު ކުރުމާބެހޭ ގޮތުން ގިނަގުނަ ބަޙުޘްތައް ހަދައި، މި މައުޟޫއުގައި ގިނަ ގުނަ ފޮތްތައް ލިޔެވި، އަދި ގިނަ ކޯސްތައް ހަދައި، އަދި ޔުނިވާސިޓީތަކުގައި މިމައުޟޫއަށް ކިޔަވައިދެވި، ދަރިން ތަރުބިއްޔަތުކުރުމަށް މިހާ ބޮޑު އަހައްމިއްޔަތުކަމެއް ދިނުމުގެ ސަބަބުން ދަރިން ތަރުބިއްޔަތުކުރުމާމެދު މާތް އަދި މަތިވެރި ނަޒަރަކުން ދެކެވެއެވެ. އަދި މީހުންގެ ހިތްތަކުގައި މިކަމާއިމެދު ފަސްޖެހުމެއް، ނުވަތަ ބިރުވެރިކަމެއް އުފެދެއެވެ. އަދި ދަރިން ތަރުބިއްޔަތުކުރުމަކީ ވަރަށް ބުރަ ކަމެއްކަމުގައި ދެކެން ފަށައެވެ! މިއަދު އެކިއެކި ޢިލްމުތަކުގައި ކުރިއަރައި، ދަރިން ތަރުބިއްޔަތުކުރުމަކީވެސް ޚާއްސަ ޢިލްމަކަށްވުމުން، މިމައިދާނުގައި ކުރިއަށް ދިއުން އެއީ ބޮޑު ކަމެއްކަމުގެ އިހުސާސްކުރެވެއެވެ. އަދި ގިނަ މައިންނާއި ބަފައިންގެ ހިތްތަކުގައި ބިރުވެތިކަން އުފެދެއެވެ. އަދި ދަރިން ތަރުބިއްޔަތުކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫންކަމަށް އެމީހުންނަށް ޤަބޫލުކުރެވެން ފަށައެވެ!
މިއަދު ދަރިން ތަރުބިއްޔަތު ކުރުންވެފައި މިވަނީ ނަޒަރިއްޔާއަކަށެވެ. އަދި އެކަމަށް ވަކި ޤަވާއިދުތައް ކަނޑައެޅި، އެކަމާގުޅޭ ފޮތްތައްވަނީ ލިޔެވިފައެވެ. އަދި ދަރިން ތަރުބިއްޔަތުކުރަންވީ ގޮތް ދަސްކޮށްދޭ ކޯސްތަކާއި، އެކި މަޖައްލާތައް މިވަނީ ގިނަވެފައެވެ. އަދި މިކަމަށް ޚާއްސަ އިޖްތިމާޢީ މަސައްކަތްތެރިންނާއި، މައިންބަފައިންނަށް އިރުޝާދު ދިނުމަށް އާއިލީ ކްލިނިކްތައް ވަނީ ހެދިފައެވެ. އަދި ދަރިން ތަރުބިއްޔަތު ކުރާނެ ގޮތް ދަސްކޮށްދޭ ދަރުސްތައް ގަންނަން ލިބެން ހުރެއެވެ. އަދި ލައިބްރަރީތައް ވަނީ، މިފަދަ މައުޟޫތަކުގެ (“ދަރިފުޅު ތަރުބިއްޔަތު ކުރާނީ ކިހިނެއް؟”، “ދަރިން ތަރުބިއްޔަތުކުރުމުގައި މައިންނަށް ހެދޭ ގޯސްތައް”، “އިސްލާމްދީނުގައި ދަރިން ތަރުބިއްޔަތުކުރުން”) ފޮތްތަކުން ފުރިފައެވެ. އަންހެނުން އެއްވާ މަޖްލިސްތަކަށް ބަލާލިއަސް ފެނިގެންދަނީ ގިނަ މައިން ތިބެނީ ދަރިން ތަރުބިއްޔަތުކުރުމުގެ ޒިންމާ ރަނގަޅަށް އަދާ ނުކުރެވިދާނެތީ އެކަމުގެ ހާސްކަމުގެ މަތީގައެވެ. އެއިން ކޮންމެ އަންހެނަކުވެސް ސުވާލުކުރަނީ ދަރިން ތަރުބިއްޔަތުކުރާނެ އެންމެ ރަނގަޅު ގޮތާ ބެހޭގޮތުންނެވެ. ސުވާލަކީ، ދަރިން ތަރުބިއްޔަތުކުރުމަކީ މިވަރަށް ކަންބޮޑުވެ، ހާސްވާންޖެހޭ ކަމެއްބާވައެވެ؟
އެހެންކަމުން މިއުފެދޭ ސުވާލަކީ، ދަރިން ތަރުބިއްޔަތުކުރުމަކީ، މައިންބަފައިން އެކަމާމެދު ކަންބޮޑުވެ ހާސްވާ ވަރުގެ އުނދަގޫ، ދަތި ކަމެއް ހެއްޔެވެ؟
އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއާއި ލިބިފައި ހުރި ދީނީ ޢިލްމުގެ މައްޗަށް ބުރަވެ، އަޅުގަނޑު ބުނާނީ ދަރިން ތަރުބިއްޔަތުކުރުމަކީ ވަރަށް ބޮޑު އަދި ބުރަ ޒިންމާއެކެވެ. އަދި އެކަމުގައި ގިނަ ގޮންޖެހުންތައް ހުރި ކަމެކެވެ. އެހެނަސް އެއީ ދަތި އުނދަގޫ، އަދި އެކަމުގައި ކާމިޔާބު ނުވެވޭ ވަރުގެ ކަމެއް ނޫނެވެ. އަދި މިއީ މައިންބަފައިންނަށް އަދާކުރެވޭނެ މަސްއޫލިއްޔަތެކެވެ. އަދި ހުރިހާ މައިންބަފައިންގެ ކިބައިގައިވެސް މި ޒިންމާ އަދާކުރުމުގެ ޤާބިލުކަން ހުންނާނެއެވެ. ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ ބުރަ، އެހެނަސް ކުރެވޭނެ ކަމެކެވެ.
******************************************
_______________________________