[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ޙުކުމް ނަސްޚުވުމާއި ޖަމްޢުކުރުން – 15

އަށްވަނަ އާޔަތް:

 

އާޔަތުއްސައިފްގެ ނަމުން މަޝްހޫރުވެފައިވާ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. (فَإِذَا انسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ)[1] މާނައީ: “ޙުރުމަތްތެރި މައްސަރުތައް ވޭތުވުމުން، ފަހެ، ތިޔަބައިމީހުންނަށް މުޝްރިކުން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެއުރެން ޤަކުރާށެވެ! އަދި ތިޔަބައިމީހުން އެއުރެން ހިފާށެވެ! އަދި އެއުރެން ޙިޞާރުކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެތަނެއްގައި އެއުރެން އަތުލައިގަތުމަށްޓަކައި، ހުޝިޔާރުވެ ފިލައިތިބޭށެވެ! ފަހެ، އެއުރެން ތައުބާވެ، ނަމާދު ޤާއިމްކޮށް، ޒަކާތްދީ އުޅެފިނަމަ، ދެން އެއުރެން މިނިވަންކަމާއެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.”

މިއާޔަތްވަނީ ކާފިރުންނަށް މަޢާފުކުރުމާއި މަޢާފުދީ ދޫކޮށްލުމާ ބެހޭ އާޔަތްތަކުން މަންސޫޚުވެފައިކަމުގައި ބުނެއެވެ. އޭގެ ތެރޭގައި (وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ)[2] މާނައީ: “އަދި (ދީނާ ދެކޮޅަށް އުފައްދާ) ފިތުނަވެރިކަން ނެތިއްޖައުމަށް ދާންދެން އަދި ދީން، ﷲ އަށް ޚާލިޞްވެއްޖައުމަށް ދާނދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ކުރާށެވެ!” މި އާޔަތާއި، (وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ)[3] މާނައީ: “އަދި އެންމެހާ މުޝްރިކުންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ. އަދި ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ތަޤްވާވެރިންނާ އެކުގައިކަން، ތިޔަބައިމީހުން ދަންނާށެވެ!” މިއާޔަތާއި، (قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ)[4] މާނައީ: “ފޮތް ލިބުނު މީހުންކުރެ، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންނުވާ، އަދި ﷲ އާއި، އެކަލާނގެ ރަސޫލާ ޙަރާމް ކުރެއްވި ކަންތައް ޙަރާމް ނުކުރާ، އަދި ޙައްޤު ދީނަށް ތަބާނުވާ މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ! (އެއީ) އެއުރެން ނިކަމެތިވެ، ދެރަވެގެންވާ ޙާލު، އަމިއްލައަތުން ޖިޒްޔަދީފުމަށް ދާނދެނެވެ.” މިއާޔަތް ހިމެނެއެވެ.

އިސްވެދިއަ ތައުބާ ސޫރަތުގެ 5 ވަނަ އާޔަތް މަންސޫޚު ނުވާކަމުގައި ޢިލްމުވެރިން ކުރެ ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވެފައިވެއެވެ. މުސްލިމުންނަށް ގަދަކަން ލިބި، ވެރިކަމާއި އާރާއި ބާރާއި ހައިބަތު ލިބޭހިނދު ކާފިރުންނާ ކުރިމަތިލައި އެބައިމީހުންނާ ކުރިމަތިލައި ހަނގުރާމަ ކުރުން ނުވަތަ ޖިޒްޔަ ނެގުމަށް ފަހު މުސްލިމުންގެ ވެރިކަމުގެ ދަށުގައި ވުމުގެ ފުރުޞަތު އާޔަތުއްސައިފުން ލިބިދީފައިވެއެވެ. އަދި ހަމަ އެފަދައިން މުސްލިމުން ބަލިކަށިވެ ނިކަމެތިވެއްޖެހިނދު އެބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން މުޝްރިކުންނާ ކުރިމަތިލައި ހަނގުރާމަ ކުރުން މުސްލިމުންނަށް ވެއެވެ. އެހެން އެކަން ނުވެއްޖެނަމަ އެކަން ވަނީ ވަލިއްޔުލްއަމްރުގެ އަތްމަތީގައެވެ. ވެރިމީހާ ބޭނުންވެއްޖެނަމަ އެބައިމީހުންނާ ހަނގުރާމަ ކުރުމެވެ. ނުވަތަ މަޢާފުދީ ދޫކޮށްލުމެވެ. ޢިލްމުވެރިންންގެ ތެރެއިން ވަރަށް ގިނަ ބޭކަލުން ބުރަވެ ވަޑައިގަންނަވާ ގޮތަކީ މިއީއެވެ. އޭގެ ތެރޭގައި އަލްޙާފިޡް އިބްނު ކަޘީރު އާއި ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ހިމެނިވަޑައިގަންނަވައެވެ.

މިނޫންވެސް އެތަކެއް މިސާލެއް މިބާބުގައި ވެއެވެ. މަޢުޟޫގެ ތަނަވަސްކަމާއެކު މިހާ ހިސާބުން ކުރުކޮށްލާނަމެވެ.

 

 

ނިންމުން

 

އިސްވެދިޔަ ވާހަކަތަކުން އެނގި ބަޔާންވެގެންދިޔަ އެންމެ މުހިންމުކަމަކީ ކީރިތި ޤުރުއާނުގެ މުޙްކަމް އެއްވެސް އާޔަތެއް ތަޢާރުޟް ނުވާކަމެވެ. އަދި ދެ އާޔަތެއްގެ މާނަ ތަޢާރުޟުވާކަމުގައި ފެންނަން ހުރި ބައެއް އާޔަތްތައް އެއީ މަންސޫޚުވެފައިވާ އާޔަތްތައްކަމުގައި އުއްމަތުގެ ޢިލްމުވެރިން ނިންމަވާފައި ނުވާކަމެވެ. އަދި މިމައްސަލާގައި އުޞޫލު ފިޤުހުގެ ޢިލްމުވެރިންގެ އުޞޫލުތައް ހަރުދަނާކަމެވެ. މިގޮތުން ބަލާއިރު ތަޢާރުޟުވާކަމުގައި ބޭރުފުށުން ފެންނަންހުރި ބައެއް ދަލީލުތައް އެއީ ނަސްޚުކުރެވިފައިވާ ޙުކުމްތައް ކަމުގައި މިއުޞޫލުތަކުގެ ދަށުން ކަނޑައެޅިފައި ނުވާކަމެވެ.

މި މަޢުޟޫގައި ކީރިތި ޤުރުއާނުގެ އާޔަތްތައް ގެނެސްފައިވަނީ މަޢުޟޫގެ ތަނަވަސްކަމާއި ސުންނަތުން ކީރިތި ޤުރުއާން ނަސްޚުވެފައި ހުރުމުގެ މިސާލުތަކުގެ ގިނަކަމުންނެވެ. ނަމަވެސް މަޢުޟޫގައި ބަޔާންވެދިޔަ ދަލީލަތުން އެނގިގެންދަނީ ކީރިތި ޤުރުއާނުގައި ނަސްޚުވެފައިވާ ކަމުގައި ފެންނަން ނެތް ދަލީލުތަކުގެ ޙުކުމްތަކާމެދު ޝަރުޢުގައި ޢަމަލުކުރެވިފައިވާ ގޮތްތަކެވެ. އެގޮތުން ތަޢާރުޟުވާ ޙާލަތްތަކުގައި ޢަމަލުކުރެވިފައިވާ އުޞޫލުތަކުގެ ތެރޭގައި ދެ ޙުކުމް ޖަމްޢުކުރުމާއި، ދެ ޙުކުމުގެ ތެރެއިން ޚާއްޞަ ޙާލަތްތައް ދެނެގަނެވި ތަޚްޞީޞްކުރުންވެސް ހިމެނިގެންދެއެވެ.

وصلى الله وسلم على نبينا وحبيبنا وقدوتنا محمد وعلى آله وصحبه وسلم تسليما كثيرا إلى يوم الدين. والحمد لله رب العالمين.


[1]  سورة التوبة 5.

[2]  سورة البقرة: 193.

[3]  سورة التوبة: 36.

[4]  سورة التوبة: 29.

 

މިލިޔުމުގެ އެހެން ބައިތައް