الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد
އިސްލާމްދީނުގެ ނޫރު މިބިންމަތިން ފޮހެލުމަށް މަސައްކަތް ކުރާ ކާފިރުންނާއި، އެބައިމީހުންގެ އަޢުވާނުންކަމުގައިވާ މުނާފިޤުން، ރެއާއި ދުވާލު އެބައިމީހުންގެ އެމަސައްކަތް ކުރިޔަށް ގެންދާކަމީ އެންމެން ދަންނަ ބޮޑުސިއްރެކެވެ. ނަމަވެސް ރާވައި ޕްލޭންކުރެވިގެން، އެބައިމީހުން ކުރިޔަށް ގެންދާ މިކަންތަކަށް ސަމާލުވެވެނީ ވަރަށް މަދުބަޔަކަށެވެ. ނަތީޖާއަކަށްވަނީ އެބައިމީހުންގެ މަޅީގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ޖެހުމެވެ.
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ހިތުގެ އަޑިން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އިސްލާމްދީނާއި ދެކޮޅަށް އެމީހުން ގެންނަ ޝުބުހަތަކަކީ އެއްވެސް ބުރަދަނެއް ހުރި އެއްޗެއްނޫންކަމެވެ. އަދި އެހުރިހާ ޝުބުހައަކަށްވެސް ފުރިހަމަ ޖަވާބު އިސްލާމްދީނުގައި ވާކަމެވެ. އެވެނި މިވެނި މީހަކަށް އެއަށް ޖަވާބުދޭން ނޭނގުން އެއީ އިސްލާމްދީނުގައި އެއަށް ޖަވާބެއް ނެތްކަމުގެ ދަލީލެއް ނޫނެވެ. އެހެނީ އެއްވެސް މީހަކީ ހުރިހާ އެއްޗެއް ދަންނަ މީހަކަށް ނުވާނެއެވެ.
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ޝައިޠާނާގެ އަޢުވާނުން ފަތުރަމުންދާ ޝުބުހަތަކާއި މެދު ސަމާލުވާށެވެ. ޢަޤީދާ ރައްކާތެރި ކުރާށެވެ. ﷲގެ ފޮތާއި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ގޮތުގައި ކޮލުދަތްތަކުން ހިފަހައްޓާށެވެ. ފިތުނައިގެ މިޒަމާނުގައި ދީނުގައި ހިފަހައްޓައިގެން ހުރުމަކީ ފަސޭހަކަމެއް ނޫންކަން ދަންނާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. يَأْتِيْ عَلَى النَّاسِ زَمَانٌ الصَّابِرُ فِيْهِمْ عَلَى دِيْنِهِ كَالْقَابِضِ عَلَى الْجَمْرِ ( رواه الترمذي و صححه الألباني ) ” ޒަމާނެއް އަންނާނެއެވެ. އެހިނދުން، މީސްތަކުންގެ ތެރެއިން ދީންމަތީ ޘާބިތުވެ ހުންނަމީހާއީ، އަނގުރު އަލިފާންގަނޑެއްގައި ހިފަހައްޓައިގެން ހުންނަ މިހެއްގެ މިޘާލުގައިވާ މީހެކެވެ.”
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެންގެ މަޤްޞަދު ހިތްމައްޗަށް ގެންނާށެވެ. އަޅުގަނޑުމެންގެ މަންޒިލް މަތިން ހަނދާން ނައްތައިނުލާށެވެ. އެތަނަށް ވާޞިލްވުމަކީ ފަސޭހަކަމެއް ނޫންކަން ދަންނާށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. أَمْ حَسِبْتُمْ أَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُمْ مَثَلُ الَّذِينَ خَلَوْا مِنْ قَبْلِكُمْ مَسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّى يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَى نَصْرُ اللَّهِ أَلا إِنَّ نَصْرَ اللَّهِ قَرِيبٌ (البقرة: 214) ” ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންނަށް ކުރިމަތިވި ކަންތައް ތިޔަބައިމީހުންނާ ހަމަޔަށް ނައިސްވަނިކޮށް، ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުންއަރައިގެން ދިޔައެވެ. ﷲގެ ނަޞްރު އަންނާނީ، ފަހެ ކޮންއިރަކުން ބާވައޭ، ރަސޫލާއާއި އެކަލޭގެފާނުގެ އަރިހުގައި ތިބި އީމާންވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. ދަންނާށެވެ! ހަމަކަށަވަރުން، ﷲގެ ނަޞްރުވަނީ ދާދި ގާތުގައެވެ.”
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! އާދޭސްކޮށްފައި ބުނަމެވެ. ﷲއަށް ޝަރީކު ނުކުރާށެވެ. އެއީ އަޅުގަނޑުމެންގެ މަންޒިލާއި ހަމަޔަށް ވާޞިލުވުމަށްވާ ބޮޑު ހުރަހެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ (المائدة: 72) “ﷲއަށް ޝަރީކުކުރާ މީހާ ދަންނާށެވެ! ފަހެ ހަމަކަށަވަރުން ﷲ އޭނައަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އެމީހުން އުޅޭނެތަނަކީ ނަރަކައެވެ. އަނިޔާވެރިންނަށް ނަޞްރުދޭނޭ ހަމައެކަކުވެސް ނުވެއެވެ.”
ޝިރުކުކުރުމަކީ، ހަމައެކަނި ﷲފިޔަވައި އެހެން ފަރާތަކަށް ސަޖިދަ ކުރުން ކަމަށް ހީނުކުރާށެވެ. ﷲގެ އަމުރުފުޅުތަކާއި ޚިލާފަށް ކަންތައް ނިންމޭ ހިނދު އެޔަށް ރުހި އުޅުމަކީވެސް ޝިރުކުކުރުމެވެ. ދީނާރާއި ދިރުހަމަށް ސަޖިދަކުރަނީ ކާކުތޯއެވެ. ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުގައި، ދީނާރާއި ދިރުހަމުގެ އަޅުންނަށް ހަލާކުވާކަމަށް ބަޔާންކުރައްވާފައިވެއެވެ. އެއީ ﷲގެ ޛިކުރަށްވުރެ، އަދި އެއިލާހުގެ ދީނުގައި އައިސްފައިވާ ކަންތަކަށް ވުރެ އެދީނާރާއި ދިރުހަމަށް އޭނާ އިސްކަން ދިނީމައެވެ.
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ނޭނގިތިބެވެސް އަޅުގަނޑުމެންނަށް މިހާރަކަށް އައިސް މިކުރެވެނީ ކުލައަށް އަޅުކަމެވެ. އާދޭސްކޮށްފައި ބުނަމެވެ. ކުލައަށާއި، ޖަމާޢަތަށާއި، ޕާރޓީއަށް އަޅުކަންކުރާ ބަޔަކަށް ނުވާށެވެ. ދީނަށް އިސްކަން ދޭށެވެ. ހެޔޮނުވާނެއެވެ. ﷲއަށް ބިރުވެތިވާށެވެ. މިގޮތުގައި ތިއްބާ މަރުއައިސް ބައްދަލުކޮށްފިނަމަ ފާފަނުފުއްސެވޭ މީހުންގެ ތެރެއިން ވެދާނޭ ކަމަށް ބިރުވެތިވާށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَى إِثْمًا عَظِيمًا (النساء : 48) “ހަމަކަށަވަރުން، ﷲ އެއިލާހަށް ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، ﷲއަށް ޝަރީކު ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ.”
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ﷲގެ މަގަށް ރުޖޫޢަވާށެވެ. ދެދުނިޔޭގައިވެސް ފަލާޙާއި ކާމިޔާބު ލިބޭނީ އޭރުންނެވެ. ﷲއީ އެއިލާހުގެ މަގަށް ރުޖޫޢަވެ ތައުބާވާ އަޅުންގެ ފާފަފުއްސަވާ އިލާހުކަން ދަންނާށެވެ. قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ (زمر : 53) ” ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙުމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެހާ ފާފަތައްފުއްސަވާ އިލާހެވެ. ހަމަކަށަވަރުން އެއިލާހީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.”