[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނަށް އިހާނާތްތެރިކޮށް ހިތުމުގެ ނުބައިކަން

الحمد لله، والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ކީރިތި ޤުރުއާނަކީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. އެފޮތަށް އަޅުގަނޑުމެން މަތިވެރިކޮށް ހިތައި މާތްކޮށް ހިތަން ޖެހޭނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ﴾‏ [سورة الحج: 32]

މާނައީ: “(ކަންހުރިމަގީ) އެއީއެވެ. އަދި ﷲ ގެ ޝިޢާރުތަކަށް (އެބަހީ: ހަދުޔު ކަތިލުމާއި އުޟްޙިޔާ ކަތިލުމާއި ޙައްޖުގެ ޢަމަލުތަކާއި އެނޫންވެސް ދީނީ ޝިޢާރުތަކަށް) މާތްކޮށް ހިތާ މީހާ (ދަންނާށެވެ!) ފަހެ، އެކަންވަނީ ހިތްތަކުގެ ތަޤުވާވެރިކަމުގެ ތެރެއިންނެވެ.”

 

އެހެންކަމުން ކީރިތި ޤުރުއާނަށް އިޙްތިރާމުކޮށް މާތްކޮތް ހިތުމަކީ ވާޖިބެކެވެ. އެހެނީ އީމާންކަން ބިނާވެގެންވަނީ ﷲ ތަޢާލާ މަތިވެރިކުރުމާއި އެއިލާހުގެ ކަލާމްފުޅު މަތިވެރިކުރުމުގެ މައްޗަށެވެ. އަދި ކީރިތި ޤުރުއާނުގެ މުޞްޙަފަށް އިހާނާތްތެރިކޮށް ހިތުމުން އީމާންކަން ނަފީވެގެންދެއެވެ. ކީރިތި ޤުރުއާނަށް މާތްކޮށް ހިތައި އިޙްތިރާމުކުރުމަކީ ވާޖިބެއްކަމާމެދުގައި އިބްނު ޤުދާމާ رحمه الله ވަނީ އިއްތިފާޤު ނަޤުލުކުރައްވާފައެވެ. [حكاية المناظرة في القرآن مع بعض أهل البدع (ص: 49)].

ކީރިތި ޤުރުއާނުގެ މުޞްޙަފަށް އިހާނާތްތެރިކޮށް ހިތައި ކުޑައިމީސްކުރާ މީހާ ކާފިރުވާނެކަމާމެދު ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންވަނީ އިޖްމާޢުވެވަޑައިގެންފައެވެ. އެއީ ބަހުން ނުވަތަ ޢަމަލުން އެކަން ކުރިޔަސްމެއެވެ. ކީރިތި ޤުރުއާނަށް އީމާންވުމުގެ ވާޖިބުކަމާއި އެއަށް މާތްކޮށް ހިތުމާއި މަތިވެރިކޮށް ހިތުމަކީ ކޮންމެ މުސްލިމަކަށްވެސް ޟަރޫރީކޮށް އެނގެން ޖެހޭނެކަމެކެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި ކީރިތި ޤުރުއާނަށް އިހާނާތްތެރިކޮށް ހިތުމަކީ އެމީހެއްގެ އީމާންކަން ނަފީވެގެންދާނޭ ކަމެކެވެ. އަދި މިފަދަ ކަމަކީ ﷲ އަށް ކިޔަމަންތެރިވާ، އެއިލާހުގެ ކަލާމްފުޅަށް މާތްކޮށް ހިތާ މީހެއްގެ ކިބައިން ފެންނާނޭ ކަމެއް ނޫނެވެ. މިފަދަ ކަންކަން ކުރާނީ އެމީހާގެ ޢަޤީދާ ފާސިދުވެފައިވާ ނުބައި މީހެކެވެ.

ކީރިތި ޤުރުއާނުގެ މުޞްޙަފުގައި ހަޑި އެއްޗެހި ހާކައި، އެއަށް އިހާނާތްތެރިކޮށް ހިތުމުގެ ޤަޞްދުގައި އެ ވީދުމަކީ ބޮޑުވެގެންވާ ކުފުރެކެވެ. އަދި މުސްލިމަކު އެކަންކޮށްފިނަމަ އެއީ އިސްލާމްދީނުގެ މިއްލަތުން އެމީހަކު ބޭރުވެ، މުރުތައްދުވާ ފަދަ ޢަމަލެކެވެ. އަދި ނުރައްކާތެރި ފާފައެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

 وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ ‎﴿٦٥﴾‏ لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ ‎﴿٦٦﴾ [سورة التوبة: 65 – 66]

މާނައީ: “ހަމަކަވަރުން ކަލޭގެފާނު އެބައިމީހުންނާ ސުވާލުކުރައްވައިފިނަމަ، އެބައިމީހުން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން ތިމަންމެން ހަމައެކަނި އެކަންކަމާމެދު ވާހަކަދައްކާލައި ސަމާސާ ކޮށްލީއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ ﷲ އާއި އެއިލާހުގެ އާޔަތްތަކާ އަދި އެއިލާހުގެ ރަސޫލާއަށް ހެއްޔެވެ؟ [65] ތިޔަބައިމީހުން ޢުޛުރު ނުދައްކާށެވެ! ތިޔަބައިމީހުން އީމާންވުމަށް ފަހު، ތިޔަތިބީ ކާފިރުވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންއިލާހު ޢަފޫކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންއިލާހު ޢަޛާބު ދެއްވާނަމެވެ. އެއީ ހަމަކަށަވަރުން އެބައިމީހުން ކުށްވެރި ބަޔަކުކަމުގައި ވީކަމަށްޓަކައެވެ. [66]”

 

އިމާމުއް ނަވަވީ رحمه الله ވިދާޅުވިއެވެ.

“ކީރިތި ޤުރުއާނަށް މާތްކޮށް ހިތަންޖެހޭނެކަމާއި އެ ރައްކާތެރިކުރަން ޖެހޭނެކަމާމެދު މުޅި އުންމަތްވަނީ އިޖުމާޢުވެފައެވެ. އަދި އެއާމެދު ނުވަތަ އޭގެ ބަޔަކާމެދު ކުޑައިމީސްކޮށް ހިތައިފި މީހަކު ނުވަތަ ހަޑި ތަނެއްގެ ތެރެއަށް އެ އެއްލާލައިފި މީހަކު ނުވަތަ އޭގައިވާ ޚަބަރަކަށް ނުވަތަ ޙުކުމަކަށް އިންކާރުކޮށްފިމީހަކު ނުވަތަ އޭގައި ޘާބިތުކޮށްފައިވާ ކަމެއް ނަފީކޮށް ނުވަތަ ނަފީކޮށްފައިވާ ކަމެއް ޘާބިތުކޮށްފި މީހަކު ނުވަތަ އޭގައި އައިސްފައިވާ އެއްޗެއް ދަނެހުރެ އެއިން ކަމަކާ މެދު ޝައްކުކޮށްފި މީހަކު ކާފިރުވާނެއެވެ.” [المجموع (2 / 170)].

 

އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“ކީރިތި ޤުރުއާނާމެދު ކުޑައިމީސް ޢަމަލެއްކުރާމީހަކު ކާފިރުވެ، އެމީހެއްގެ ލޭ ހުއްދަވާނޭ ކަމާމެދު ޢިލްމުވެރިންވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. އެއީ މިޘާލަކަށް ނަޖިސްތަނެއްގެ ތެރެއަށް އެ އެއްލާލުމެވެ. ނުވަތަ އެއަށް އިހާނާތްތެރިވުމުގެ ގޮތުން އޭގައި ފައިން ޖެހުމެވެ.” [مجموع الفتاوى (8 / 425)].

 

އަލްޚަޠީބުލް ޝިރްބީނީ رحمه الله ވިދާޅުވިއެވެ.

“އެ ޢަމަލެއް ކުރުމުން ކާފިރުވާ ޢަމަލަކީ ޤަޞްދުގައި ދީނަށް ފުރައްސާރަކުރުން ނުވަތަ ދީނުގެކަމަކަށް އިންކާރުކުރުމެވެ. މިސާލަކަށް ހަޑިތަނެއްގެ ތެރެއަށް މުޞްޙަފު އެއްލާލުމާއި ބުދަކަށް ސަޖިދަކުރުން ފަދަ ކަމެކެވެ.”  [مغني المحتاج  (4 / 176)]

 

އެހެންކަމުން މުސްލިމަކު ކީރިތި ޤުރުއާނުގެ މުޞްހަފަށް އިހާނާތްތެރިކޮށް ހިތުމަކީ އެމީހަކު މުރުތައްދުވާނޭ ކަމެކެވެ. އެކަމާމެދު ފިޤުހުވެރިންވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.

އެފަދަ މީހެއްގެ މައްޗަށް މުރުތައްދެއްގެ ޙުކުމް ޤާއިމުކުރުމުގެ ކުރިން ތައުބާ ލައިދިނުން ހުއްޓެވެ.

އެކަން އެނގިގެންދަނީ ޢުމަރުގެފާނުގެ ޚިލާފަތުގައި ހިނގައި ދިޔަ ޙާދިޘާއަކުންނެވެ. ޢުމަރުގެފާނުގެ ދުވަސްވަރުގައި މީހަކު މުރުތައްދުވުމުން އޭނާއަށް ތައުބާ ލައިނުދީ ޤަތުލުކުރެވުނެވެ. އެކަމާ ބެހޭގޮތުން ޢުމަރުގެފާނު ވިދާޅުވިއެވެ.

“أَفَلَا حَبَسْتُمُوهُ ثَلَاثًا، وَأَطْعَمْتُمُوهُ كُلَّ يَوْمٍ رَغِيفًا، وَاسْتَتَبْتُمُوهُ لَعَلَّهُ يَتُوبُ، وَيُرَاجِعُ أَمْرَ اللَّهِ؟” ثُمَّ قَالَ عُمَرُ: “اللَّهُمَّ إِنِّي لَمْ أَحْضُرْ، وَلَمْ آمُرْ، وَلَمْ أَرْضَ إِذْ بَلَغَنِي”. [رواه مالك في الموطأ (16) وحسنه الألباني في التعليقات الرضية (3 / 342)]

މާނައީ: “ތިން ދުވަސްވަންދެން ފަހެ އޭނާ ބަންދުކޮށްފައި، ކާންދީފައި ތައުބާ ލައިދިންނަމައެވެ. ފަހަރުގައި އޭނާ ތައުބާވެ، ﷲގެ އަމުރުފުޅަށް ރުޖޫޢަވީހެވެ.” ދެން އެއަށް ފަހުގައި ވިދާޅުވިއެވެ. “އޭ ﷲ! ހަމަކަށަވަރުން އެކަންކުރިއިރު ތިމަން ޙާޟިރު ނުވަމުއެވެ. އަދި އެކަމަށް އަމުރެއްވެސް ނުކުރައްވަމެވެ. އަދި އެކަމުގެ ޚަބަރު (އެބަހީ: ތައުބާ ލައިދިނުމުގެ ކުރިން މުރުތައްދެއްގެ ޙުކުމް ޤާއިމުކުރުމުގެ ޚަބަރު) ލިބުމުން އެކަމާ މެދު ނުރުހުނީމެވެ.”

 

އަލްޚަޠީބުލް ޝިރްބީނީ رحمه الله ވިދާޅުވިއެވެ.

“ފިރިހެނަކު ވިޔަސް އަދި އަންހެނަކު ވިޔަސް މުރުތައްދުވެއްޖެއްޔާ އެމީހަކަށް ތައުބާ ލައިދިނުމަކީ ވާޖިބެކެވެ. އެއީ މުސްލިމުންގެ ގޮތުގައި ވީހިނދު އެބައިމީހުންނަކީ ޙުރުމަތް ލިބިގެންވާ ބައެކެވެ. އަދި ފަހަރުގައި އޮޅުމެއް އެރީކަމުގައިވުންވެސް އެކަށީގެންވެއެވެ. އެހެންނަމަ އެ އޮޅިފައިވާކަމެއް އޮޅުން ފިލުވައި ދިނުމަށް މަސައްކަތް ކުރާނީއެވެ. އެހެނީ ގިނަ ފަހަރު މީސްތަކުން މުރުތައްދުވަނީ އޮޅުމެއް އަރައިގެންނެވެ. މުރުތައްދުވާ މީހަކަށް ތައުބާ ލައިދިނުން ޢުމަރުގެފާނުގެ ޢަމަލުފުޅުން ޘާބިތުވެއެވެ.” [مغني المحتاج (4 / 180)].

 

އަދި ޝައިޚު އަލްބާނީ رحمه الله ވިދާޅުވިއެވެ.

“ތައުބާ ލައިދިނުމަކީ ވާޖިބެއްކަމާމެދު ޢިލްމުވެރިންވަނީ ޚިލާފުވެވަޑައިގެންފައެވެ. ބޮޑަށް ބުރަވެވެނީ ޙައްދު ޤާއިމުކުރުމުގެ ކުރިން އިސްލާމްދީނަށް ދަޢުވަތު ދިނުމަކީ ވާޖިބެއްކަމުގައެވެ. އެއީ ޝިރުކުގެ އަހުލުވެރިންނަށް ނަބިއްޔާ صلى الله عليه وسلم ދަޢުވަތު ދެއްވި ގޮތަށެވެ…

ފަހެ ކޮންމެ ކާފިރަކާ މެދުވެސް އެފަދައިން ޢަމަލުކުރުން ޘާބިތުވެގެންވެއެވެ. އެހެންކަމުން މުރުތައްދުވާ މީހާއަށްވެސް ބުނާނީއެވެ. އިސްލާމްދީނަށް ރުޖޫޢަ ނުވެއްޖެނަމަ (ޙައްދެއްގެ ގޮތުގައި) ތިބާ ޤަތުލުކުރެވޭނެއެވެ.” [التعليقات الرضية (3 / 343)].

 

ތައުބާވުމަށް އޭނާއަށް ނަސޭޙަތްތެރިވުމުން އޭނާގެ މައްޗަށް މުރުތައްދެއްގެ ޙައްދު ޤާއިމުކުރުމެއް ނުވެއެވެ.  އޭނާ ތަޢުޒީރުކުރާނީއެވެ. ނުވަތަ ދޫކޮށްލާނީއެވެ. އަދި ތައުބާނުވެއްޖެނަމަ އޭނާގެ މައްޗަށް ޙައްދު ޤާއިމުކުރާނީއެވެ. ޙަދީޘް ބަސްފުޅުގައި އައިސްފައިވެއެވެ.

«مَنْ بَدَّلَ دِينَهُ فَاقْتُلُوهُ» [رواه البخاري (6922)]

މާނައީ: “އެމީހެއްގެ ދީން ބަދަލުކޮށްފިމީހާ (އެބަހީ: މުރުތައްދުވެއްޖެ މީހާ ދަންނައެވެ.) ފަހެ އޭނާ ޤަތުލުކުރާ ހުށިކަމެވެ.”

 

ތައުބާވެ އިސްލާމްދީނަށް ރުޖޫޢަވެއްޖެ މީހާގެ ތައުބާ ޤަބޫލުކުރެވޭނެއެވެ. އަދި މުރުތައްދެއްގެ ޙުކުމް ޤާއިމު ނުކުރާނެއެވެ. މުރުތައްދުންގެ މައްޗަށް ޙުކުމް ޤާއިމުކުރާނީ މުސްލިމުންގެ ވެރިޔާއެވެ. ނުވަތަ އޭނާގެ ނާއިބެވެ. އެއީ ޝަރުޢީ ކޯޓަކުން އެޙުކުމް ޘާބިތުކުރުމަށް ފަހުގައެވެ. އެފަދަ ޝަރުޢީ ޙުކުމްތައް ތަންފީޛުކުރުމަކީ ވެރިމީހާގެ ޒިންމާއެކެވެ. އަދި އެކަމުގައި ފަރުވާ ކުޑަކުރުމަކީ އޭނާ ފާފަވެރިވެ، ޤިޔާމަތް ދުވަހު އެކަމާމެދު އޭނާއާ ސުވާލުވެވޭނެ ކަމެކެވެ.


މަޞްދަރު: (1)، (2)