މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله އާ ސުވާލު ދެންނެވުނެވެ.
“ދަތުރެއްގައި ވަނިކޮށް ބަންގީގެ އަޑު އިވުމުން އަހުރެންގެ މައްޗަށް ވާޖިބުވެގެންވަނީ މިސްކިތުގައި ނަމާދުކުރުން ހެއްޔެވެ؟ އަހުރެން މަޑުކޮށްގެން ހުންނަތަނުގައި ނަމާދުކުރުމުން ރަނގަޅުވާނެ ހެއްޔެވެ؟”
ޖަވާބުގައި ޝައިޚް ވިދާޅުވިއެވެ.
“ތިބާ މަޑުކޮށްގެން ހުންނަ ތަނުގައި ހުއްޓާ ބަންގީގެ އަޑު އިވިއްޖެނަމަ ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ މިސްކިތަށް ޙާޟިރުވުމެވެ. މިސްކިތުގެ ޖަމާޢަތް ދޫކޮށްލުމުގެ ހުއްދަދެއްވުން އެދި ނަބިއްޔާ عليه الصلاة والسلام ގެ އަރިހަށް ދިޔަ މީހަކަށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«هَلْ تَسْمَعُ النِّدَاءَ بِالصَّلَاةِ؟» قَالَ: نَعَمْ، قَالَ: «فَأَجِبْ» [رواه مسلم (653)]
މާނައީ: “ބަންގީގެ އަޑު އިވޭ ހެއްޔެވެ؟” އެމީހާ ދެންނެވިއެވެ. “އާއެކެވެ.” ޙަދީޘްކުރެއްވިއެވެ. “ފަހެ (ބަންގިއަށް) އިޖާބަ ދޭށެވެ.”
އަދިވެސް ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.
«مَنْ سَمِعَ النِّدَاءَ فَلَمْ يَأْتِهِ، فَلَا صَلَاةَ لَهُ، إِلَّا مِنْ عُذْرٍ» [رواه ابن ماجه (793)، وصححه الألباني في صحيح وضعيف سنن ابن ماجه]
މާނައީ: “ބަންގީގެ އަޑު އިވިފައި، ފަހެ ޢުޛުރަކާ ނުލާ އޭނާ ނަމާދަށް ނުގޮސްފިނަމަ އޭނާއަށް ނަމާދެއް ނުވެއެވެ.”
މި ޙުކުމަކީ ދަތުރުވެރިންނަށް ޚާއްޞަ ޙުކުމެއްކަން އަންގައިދޭނެ ދަލީލެއް ނެތެވެ. އެއީ މިސްކިތަށް ޙާޟިރުވުމަށް، ދަތުރުގެ މަސްލަހަތާ ފުށުއަރާފަދަ ޢުޛުރެއްވާ ޙާލަތެއްގައި މެނުވީއެވެ. އެއީ މިސާލަކަށް އަރާމުކުރުމަށް ނުވަތަ ނިދުމަށް ބޭނުންޖެހިފައިވުމުގެ ސަބަބުން ނިދުމަށްޓަކައި އޭނާ މަޑުކޮށްގެން ހުންނަ ތަނެއްގައި ނަމާދުކުރުމެވެ. ނުވަތަ މިސްކިތަށް ދިއުމުން އިމާމު ލަސްވުމުން ޤަމަތް ދިނުން ލަސްވެ، ފުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ނުދެވި ދަތުރު ފާއިތުވެދާނެކަމުގެ ބިރުއޮތް ނަމައެވެ. ނުވަތަ މިނޫންވެސް މިފަދަ ޙާލަތްތަކުގައެވެ.”
[مجموع فتاوى ورسائل الشيخ ابن عثيمين (١٥ / ٤٢٢)]