[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (25)

ތަރުބިއްޔަތުކުރުމަށް ތައްޔާރުވެފައިވާ ޙާލުގައި އުފަންވެފައިވާ ކުއްޖާއާއި މެދު ކަންކުރުމުގައި މައިންބަފައިންގެ ކިބައިން އެދެވިގެންވަނީ ކޮންކޮން ކަންތައްތަކަކަށް ހެއްޔެވެ؟

ފުރަތަމަ ކަންތައް: ކުއްޖާގެ ފިތުރަޠު ރައްކާތެރިކޮށް ދެމެހެއްޓުން

ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންގެ އެންމެ އިސް ވާޖިބަކީ ދަރިން އިސްލާމްދީނުގެ މަތީގައި ތަރުބިއްޔަތުކުރުމެވެ. ﷲ އެއްކައުވަންތަ ކުރާ މުއުމިނެއްގެ ގޮތުގައި ދަރިފުޅު އުފަންވާ ގޮތުގައި ﷲ ލެއްވުމީ، އެއީ އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. އެކުއްޖެއްގެ ކިބައިގައި ހުރި ކަމެއް ނެތި ދިޔަ ނުދީ ހިފެހެއްޓުމަކީ، ނެތް އެއްޗެއް އަލުން އެކުދިންގެ ކިބައިގައި ހަރުލެއްވުމަށްވުރެ ފަސޭހަކަމެކެވެ. ފިޠުރަތުގެ ސާފުކަން މަތީ އެކުދިން ދެމެހެއްޓޭނީ އެކުދިންގެ ހިތްތަކުގައި ﷲއަށް ތަޤްވާވެރިކަން އަށަގަންނުވާ، ﷲގެ ޢަޒާބަށް ބިރުވެތިވުން އެކުދިންގެ ހިތްތަކުގައި އަށަގަންނުވައިގެންނެވެ. މިގޮތަށް ކަންކުރެވޭނީ އެކުދިންގެ ހާޒިރުގައި ގިނަގިނައިން ﷲގެ މަތިން ހަނދުމަކޮށްގެންނެވެ. މިސާލަކަށް، ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން “بسم الله” ކިޔޭނެއެވެ. ރަނގަޅު ކޮންމެ ކަމެއްވުމުން “الحمد لله” ކިޔާށެވެ. ކޮންމެ ނިޢުމަތެއް ﷲއަށް ނިސްބަތްކުރާށެވެ. އަދި އެކުދިންގެ ތިބޭ ތަންތާނގައި ﷲގެ ދީލަތިވަންތަކަމާއި، ފަޟްލުވަންތަކަމުގެ ވާހަކަ ދައްކާށެވެ. އަހަރެމެންނަށް ފެނުމާއި، އަޑުއިވުމުގެ ޙިއްސު ދެއްވައި، އެކިއެކި ހުނަރުތައް އަހަރެމެންގެ ކިބައިގައި ލައްވާފައިވާ ކަމާއި، އަދި އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރުމުގެ ގޮތުން އެކަލާނގެ މަތިން ގިނަގިނައިން ހަނދުމަންކުރަންޖެހޭނެކަން ބުނެދޭށެވެ. އަދި ނަމާދުކޮށް، އެކަލާނގެ ދެއްވެވި މުދަލުން ޞަދަޤާތްކޮށް އެކަލާނގެއަށް ޝުކުރުވެރިވާންޖެހޭނެކަން ބުނެދޭށެވެ.

ދަރިފުޅަށް ކަމުދާ ކުޅޭ އެއްޗެއް ލިބިއްޖެނަމަ، ނުވަތަ މީރު ކާއެއްޗެއް ލިބިއްޖެނަމަ، ނުވަތަ މެޓައެއް ނުވަތަ ހަދިޔާއެއް ލިބިއްޖެނަމަ ދަރިފުޅަށް ބުނާށެވެ: “ﷲ ދަރިފުޅު ދެކެ ލޯބިވެއެވެ. އެހެންވެ، އެކަލާނގެ ދަރިފުޅަށް ކަމުދާ ކުޅޭ އެއްޗާއި ކާއެއްޗެހި ދެއްވެވީއެވެ.”  އެހެންފަހަރަކު މިގޮތަށް ބުނެވިދާނެއެވެ. “ދަރިފުޅު މަންމަގެ ބަސްއަހާތީ، އޭގެ ބަދަލުގައި ﷲ މިހަދިޔާ ދަރިފުޅަށް ދެއްވެވީއެވެ.” ދަރިފުޅު އެއްޗަކަށް އެދެފިނަމަ، މިފަދައިން ބުނާށެވެ. “ﷲގެ ޙަޟްރަތުން އެދޭށެވެ. އެކަލާނގެއީ އަހަރެމެންނަށް ތަކެއްޗާއި ރިޒްޤު ދެއްވާ ފަރާތެވެ. އެކަލާނގެ އިރާދަފުޅާއެކު މެނުވީ އަހަރެމެންނަށް އެއްވެސް އެއްޗެއް ނުލިބެއެވެ. ދަރިފުޅު ތިއެދޭ ކަންތައް މަންމަ/ބައްޕައަށް ކޮށްދެވޭނީ ﷲ އެކަމަށް ތައުފީޤު ދެއްވައިފިނަމައެވެ. އެހެންވީމާ ﷲއަށް ދުޢާ ކުރާށެވެ.” (ދެން އެއަށްފަހު، ދަރިފުޅު އެއެދުނު އެއްޗެއް އޭނާއަށް ގެނެސްދިނުމަށްފަހު ބުނާށެވެ.) “ދަރިފުޅުގެ ދުޢާ ﷲ އަޑުއައްސަވައި، އަދި އެއިޖާބަ ކުރައްވައި މަންމަމެންނަށް އެކަލާނގެ ރިޒުޤުދެއްވައިފިއެވެ. އެހެންވެ މަންމަމެން ދަރިފުޅުގެ ބޭނުން ފުއްދައި މިދިނީއެވެ.”) އަދި އެއަށް އިތުރުކޮށްލާށެވެ. “ދަރިފުޅު އިޙްސާންތެރިވެ، މަންމައާއި ބައްޕައަށް ކިޔަމަންތެރިވެ، އަދަބުވެރި ކުއްޖަކަށްވާނަމަ، ﷲ ދަރިފުޅަށް ދަރިފުޅު އެދޭ ކަންތަކާއި، ބޭނުންވާ ކަންތައް ފުއްދަވައިދެއްވާނެއެވެ.” އަދި ގޯސްކޮށް އުޅުމުން ބޭނުންވާ ކަންކަމުން މަޙުރޫމުވެގެންދާނެކަން ބުނެދޭށެވެ. “މިއީ ﷲގެ ޙަޟްރަތުން އައި އަދަބެކެވެ.” މިގޮތަށް ބުނެދޭށެވެ. ދަރިފުޅު ނުރުހޭ ކަމެއް ވެއްޖެނަމަ، ނުވަތަ ވޭނެއްގެ އިޙުސާސްކުރެވޭނަމަ ބުނާށެވެ. “ތިކަމުން ސަލާމަތްކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި އެދޭށެވެ.”

އަހަރެމެންނާއެކު ﷲ އަބަދުވެސް ވޮޑިގެންވެއެވެ. އެކަލާނގެ އަހަރެމެންގެ އެންމެހާ ކަންކަން ބައްލަވާ އަދި އައްސަވާވޮޑިގެންވެއެވެ. އަދި އެންމެހައި ކަންކަން ބަލަހައްޓަވައެވެ. ކޮންމެ ކަމެއް ކުރިމަތިވިއަސް އަހަރެމެން އެހީއާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. “احفظ الله تجده تجاهك” ﷲއަށް (އެކަލާނގެ އަމުރުފުޅުތަކަށް) ރައްކާތެރިވާށެވެ. އޭރުން އެކަލާނގެ ތިބާގެ ގާތުގައިވަނިކޮށް ފެންނާނެއެވެ.” ކުޑަކުއްޖާ އޭނާގެ ކޮންމެ އުނދަގުލެއްގައިވެސް، އެކަމަކަށް ވާރިދުވެފައިވާ ދުޢާކިޔާނަމަ، އެކަމެއް ﷲގެ އިރާދަފުޅުން ފަސޭހަވެގެންދާނެއެވެ. ޤުދުސީ ޙަދީޡެއްގައިވާ މިބަސްފުޅުގެ ރިވެތިކަމާއެވެ. “ما زال عبدي يتقرب إلي بالنوافل حتى أحبه” މާނައަކީ: “ތިމަންރަސްކަލާނގެ އަޅާ، އެއަޅާ ދެކެ ތިމަންރަސްކަލާނގެ ލޯބިވެވޮޑިގަންނަވަންދެން ސުންނަތް އަޅުކަންތައް ކުރުމުން ތިމަންރަސްކަލާނގެއާއި ކުއްތަންވުމުގައި ދެމިހުރެއެވެ.” ކޮންމެ ދުވަހަކު، ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމަށް ދަރިންނަށް ހަނދުމަކޮށްދޭށެވެ. ދަރިފުޅަށް ނުލިބުނު އެއްޗެއް/ކަމަކާއި މެދު ހިތާމަކުރުމުން ދުރުހެލިކުރުވުމަށާއި، ﷲ ދެއްވި އެއްޗަކަށް ބޮޑާވެގަތުމުން ދުރުކުރުމަށްޓަކައި، ދިމާވާ ކޮންމެ ކަމެއްގައި ދަރިފުޅުގެ ހިތް ޤަޟާޤަދަރަށް ގުޅުވާށެވެ. ދަރިފުޅު ކުރި ދުޢާއެއް އިޖާބަ ނުވުމުން، ނުވަތަ ނުރުހޭ ކަމެއް ކުރިމަތިވުމުން އެކަމާއި ރުހި ޤަބޫލުވެ، ﷲ ތިމަންނާއަށް ދެރަ ގޮތެއް މެދުވެރި ނުކުރައްވާނެކަން ޤަބޫލުކުރާނެއެވެ. އަދި އުނދަގޫތަކަށްފަހު ފަސޭހަކަންވާކަން ދަންނާނެއެވެ. މިހުރިހާ ކަމަކުން ކުއްޖާގެ އީމާންކަން ވަރުގަދަވެ، ﷲއާއި މެދު އޮންނަ ގުޅުން ވަރުގަދަވެގެންދާނެއެވެ. އަދި އެކަލާނގެވާ ހުށީ އެކުއްޖާގެ ދަތިއުދަނގުލުގައްޔާއި، ފަސޭހަވަގުތުގައި އެފަރާތަށް ކުއްތަންވާ ފަރާތަށެވެ. އަދި އުފަލާއި ހިތާމައިގައި އެކަލާނގެ މަދަދު އެދަރިފުޅާއެކު ވާނެއެވެ.

ސިއްރާއި ފާޅުގައި ދޮގުހެދުމާއި މަކަރުހެދުން ފަދަ އެންމެހައި ނުބައިކަންކަމުން ދަރިން ދުރުކުރަން މަސައްކަތްކުރާށެވެ. އެހެނީ މީހުންނަށް ސިއްރުވިއަސް ﷲ ބައްލަވައި އަދި އައްސަވާވޮޑިގެންވެއެވެ. އަދި ފާފަތަކަށް އަރައިގަތުމަކީ ﷲގެ ކޯފާއަށް ހުށަހެޅޭ ކަމެއްކަން ބުނެދޭށެވެ. އަދި ހަދިޔާއާއި، ރީތި ހެދުމާއި، މަޖާ ދަތުރުތަކަށް ފާފައިގެ ސަބަބުން ހުރަސްއެޅޭނެ ކަމަށް ބުނެދޭށެވެ. އެހެނީ ﷲގެ ކޯފާ އައިސްފިނަމަ އަހަރެމެންނަށް އެއިން ސަލާމަތްނުވެވޭނެއެވެ.

ދަރިންގެ ފިޠުރަތު ސާފުވެއްޖެނަމަ، އެކުދިން ތަރުބިއްޔަތު ކުރުމުގައި ދެން އޮތް މަރުހަލާއަށް ދިއުމަކީ މައިންބަފައިންނަށް ފަސޭހަކަމަކަށް ވެގެންދާނެއެވެ.

____________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!