الحمد لله والصلاة والسلام على حبيبنا محمد صلى الله عليه وسلم. أما بعد:
ފުރަތަމައީ:
ﷲ ގެ ރަސޫލާ صلى الله عليه وسلم ރޭގަނޑާއި ދުވާލު ކީރިތި ޤުރުއާން ކިޔުއްވުން ގިނަކުރެއްވިއެވެ. އަދި އެކަލޭގެފާނު ދަމުނަމާދު ދިގުކުރެއްވިއެވެ. އިމާމު މުސްލިމް (722) ރިވާ ކުރައްވާފައިވާ ގޮތުން އެކަލޭގެފާނު ދަމުނަމާދުގެ އެއް ރަކުޢަތުގައި ބަޤަރާ ސޫރަތާއި އާލް-ޢިމްރާން ސޫރަތާއި އަދި ނިސާ ސޫރަތް ކިޔުއްވިއެވެ.
އަދި ޤުރުއާން ކިޔެވުމަށާއި އަދި ޤުރުއާން އުނގެނުމަށާ އަދި ޤުރުއާން އުނގަންނައިދިނުމަށް އެކަލޭގެފާނުގެ އުންމަތަށް ބާރުއެޅުއްވިއެވެ. ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
»الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَالَّذِي يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ وَهُوَ عَلَيْهِ شَاقٌّ لَهُ أَجْرَانِ « [رواه البخاري (4937)، ومسلم (798)]
މާނައީ: “ކީރިތި ޤުރުއާނު (ހިތުދަސްކޮށް) ރިވެތިކޮށް ރަނގަޅަށް ކިޔަވާމީހާވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާ އެކުގައެވެ. އަދި ދަތި އުނދަގުލާއެކު އަޅައަޅައިގަންނަ ޙާލު (ޤުރުއާނަށް ފަރުވާތެރިވެ) އެކަމަށް މަސައްކަތްކުރާ މީހާއަށް ދެ ދަރުމަ ވެއެވެ.”
އަދި ޢުޘްމާން رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
»خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَهُ« [رواه البخاري (5027)]
މާނައީ: “ތިޔަބައިމީހުންކުރެ އެންމެ ހެޔޮވެގެންވާ މީހަކީ، ޤުރުއާން އުނގެނި އެ ޤުރުއާން އުނގަންނައިދޭ މީހާއެވެ.”
ދެވަނައީ:
- ނަބިއްޔާ صلى الله عليه وسلم ކޮންމެ ރެޔަކާވެސް އަވަހާރަފުޅުލެއްޕެވުމުގެ ކުރިން ސަޖިދަ ސޫރަތާއި މުލްކު ސޫރަތް ކިޔުއްވައެވެ.
ޖާބިރު رضي الله عنه ރިވާކުރެއްވިއެވެ.
»أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ لا يَنَامُ حَتَّى يَقْرَأَ الم تَنْزِيلُ، وَتَبَارَكَ الَّذِي بِيَدِهِ الْمُلْكُ« الترمذي (2892) وصححه الألباني في “صحيح سنن الترمذي “
މާނައީ: “ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم, الۤمۤ تَنْزِيلُ (ސަޖިދަ ސޫރަތް) އަދި تَبَارَكَ الَّذِي بِيَدِهِ الْمُلْكُ (މުލްކު ސޫރަތް) ކިޔަވާވިދާޅު ނުވެ އަވަހާރަފުޅު ނުލައްޕަވައެވެ.”
“أَيْ: لَمْ يَكُنْ عَادَتُهُ النَّوْمَ قَبْلَ قِرَاءَتِهِمَا ” [تحفة الأحوذي (8 / 191)]
މާނައީ: “އޭގެ މާނައަކީ: އެ ދެ ސޫރަތް ކިޔެވުމުގެ ކުރިން އަވަހާރަފުޅު ލެއްޕެވުމަކީ އެކަލޭގެފާނުގެ އާދަފުޅެއް ނޫނެވެ.”
- އިސްރާ ސޫރަތާއި ޒުމަރު ސޫރަތް ކިޔަވާވިދާޅުވުމުގެ ކުރިން އެކަލޭގެފާނު صلى الله عليه وسلم އަވަހާރަފުޅުނުލައްޕަވައެވެ.
ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.
»كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَنَامُ حَتَّى يَقْرَأَ الزُّمَرَ، وَبَنِي إِسْرَائِيلَ« الترمذي (3405) وصححه الألباني في “صحيح سنن الترمذي “
މާނައީ: “ނަބިއްޔާ صلى الله عليه وسلم، ޒުމަރު ސޫރަތް އަދި بَنِي إِسْرَائِيلَ (އިސްރާ ސޫރަތް) ކިޔަވާވިދާޅުވުމުގެ ކުރިން އަވަހާރަފުޅުނުލައްޕަވައެވެ.”
- المعوذات (ފަލަޤި ސޫރަތާއި ނާސި ސޫރަތާއި އަދި އިޚްލާޞް ސޫރަތް)
ޢާއިޝާ رضي الله عنها ގެ ކިބައިން ރިވާވެގެންވެއެވެ.
»أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ، ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا: قُلْ هُوَ اللَّهُ أَحَدٌ وَقُلْ أَعُوذُ بِرَبِّ الفَلَقِ وَقُلْ أَعُوذُ بِرَبِّ النَّاسِ، ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ، يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلاَثَ مَرَّاتٍ« [رواه البخاري (5017)]
މާނައީ: “ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ކޮންމެ ރެޔަކު އެކަލޭގެފާނު އެނދުދާންކޮޅަށް އަރައިވަޑައިގަންނަވާ ހިނދު، ދެއަތްޕުޅުކައިރި ކުރައްވައި އެއަށްފަހު އެއަށް ފުމެލެއްވައެވެ. އެއަށްފަހު އެދެއަތްޕުޅަށް (قُلْ هُوَ اللهُ أَحَدٌ)( قُلْ أَعُوذُ بِرَبِّ الْفَلَقِ) އަދި ( قُلْ أَعُوذُ بِرَبِّ النَّاسِ) ކިޔަވައި ވިދާޅުވުމަށްފަހު އެދެއަތްޕުޅުން، އެކަލޭގެފާނު ކުޅަދާނަވެގެންވި ވަރަކަށް ހަށިކޮޅުގައި ފިރުމާލައްވައެވެ. އެކަލޭގެފާނު ފުރަތަމަ ފައްޓަވަނީ ބޮލާއި މޫނުފުޅުންނެވެ. ދެން ކުރިމައްޗަށް ވާފަދައިން ހަށިކޮޅުގައި އަތްޕުޅުން ފިރުމާލައްވައެވެ. އެފަދައިން ތިންފަހަރު ތަކުރާރު ކުރައްވައެވެ.”
- سورة الكافرون (ކާފިރޫން ސޫރަތް)
ފުރްވަތު ބުނު ނައުފަލް رضي الله عنه އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން ރިވާކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ނައުފަލްއަށް ޙަދީޘްކުރެއްވިއެވެ.
«اقْرَأْ قُلْ يَا أَيُّهَا الْكَافِرُونَ ثُمَّ نَمْ، عَلَى خَاتِمَتِهَا، فَإِنَّهَا بَرَاءَةٌ مِنَ الشِّرْكِ» [رواه أبو داود (5055)، وصححه الألباني في “صحيح سنن أبي داود”]
މާނައީ: “ތިބާ، قل يا أيها الكافرون (ކާފިރޫން ސޫރަތް) ކިޔަވާށެވެ. ދެން އެސޫރަތް ކިޔަވާ ނިމުމުން ނިދާށެވެ. ފަހެ، ހަމަކަށަވަރުން އެއީ ޝިރުކުން ބަރީއަކުރުވާ ސޫރަތެކެވެ.”
- آية الكرسي (ކުރުސި)
އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘެއްގައިވެއެވެ.
»إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الكُرْسِيِّ، لَنْ يَزَالَ عَلَيْكَ مِنَ اللَّهِ حَافِظٌ، وَلاَ يَقْرَبُكَ شَيْطَانٌ حَتَّى تُصْبِحَ« [رواه البخاري (3275)]
މާނައީ: “ތިބާ ނިދަން އޮށޯންނަހިނދު، އާޔަތުލް ކުރުސީ ކިޔަވާށެވެ. ތިބާގެ މައްޗަށް ރައްކާތެރިކޮށްދޭނެ މަލާއިކަތަކު މާތް ﷲގެ ޙަޟްރަތުން، ތިބާއާއެކުގައި ވާނެއެވެ. އަދި ހެނދުނުވަންދެން ޝައިޠާނާ ތިބާއާ ކައިރި ނުވާނެއެވެ.”
=ނުނިމޭ=
______________________________
މިއީ މިލިންކުގައިވާ ލިޔުން އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.