މުޤައްދިމާ
إن الحمد لله نحمده ونستعينه ونستغفره، ونعوذ بالله من شرور أنفسنا ومن سيئات أعمالنا، من يهده الله فهو المهتد، ومن يضلل فلا هادي له. وأشهد أن لاإله إلا الله وحده لا شريك له، وأشهد أن نبينا محمد صلى الله عليه وسلم وعى آله وصحبه ومن تبعهم بإحسان إلى يوم الدين. أما بعد:
އެއްވެސް ޝައްކެއް ވަސްވާހެއް ނެތް ގޮތުގައި އިސްލާމްދީނަކީ ހުރިހާ ތަނަކަށް ހުރިހާ ޒަމާނަކަށް އެންމެ އަކަށީގެންވާ ދީނެވެ. އަދި މި ޝަރީޢަތަކީ ނިޒާމެއްގެ ގޮތުން ބަލައިފ ިނަމަވެސް މީސްތަކުންގެ ދުނިޔަވީ އަދި އުޚުރަވީ ޙަޔާތް ފުރިހަމަކޮށްދޭ، އޭގައި އެއްވެސް އުނިކަމެއް ނުވާ ޝަރީޢަތެވެ. މި ޝަރީޢަތުގެ ފޮނި މީރުކަން މީސްތަކުންނަށް ލިބިދިނުމަށްޓަކައި އަދި ނިޒާމެއްގެ ގޮތުގައި މި ޝަރީޢަތް ދެމެހެއްޓުމަށްޓަކައި ޙަކީމްވަންތަ ޚަބީރުވަންތަ އިލާހުގެ ޙަޟްރަތުންވަނީ މި ޝަރީޢަތުގައި ހަރުދަނާ އުޞޫލުތަކަކާއި ޤަވާޢިދުތަކެއް ލައްވާފައެވެ. އެހެންކަމުން މީސްތަކުންގެ މަޞްލަޙަތުތައް ނަގަހައްޓައި، ހަމަޖެހުމާއެކު އެމީހުންނަށް ދިރިއުޅެވޭ ފަދަ ޝަރީޢަތެއްކަމުގައި ހެއްދެވުމަށްޓަކައި މި ޝަރީޢަތްވަނީ ޙިމަޔާތްކުރައްވާފައެވެ. އަދި މިދީނަށް ވަނުމަށްފަހު މިދީނުން ބޭރުވެގަންނަ މީހުންނަށް މި ޝަރީޢަތުގައިވަނީ މަރުގެ އަދަބު ކަނޑައަޅުއްވާފައެވެ. ބަޣާވާތުގެ އަހުލުވެރިންނާއި ފިތުނަ ފަސާދަ އުފައްދާ މީހުން މެރުމަށް ދުނިޔަވީ ޤާނޫނުތަކުގައި ކަނޑައަޅާފައި އޮންނަ އޮތުމަށް ވުރެ މިކަމުގެ މުހިންމުކަން ބޮޑުވެގެން ވެއެވެ. އެހެނީ އިސްލާމީ ޝަރީޢަތަކީ ޢާލަމްތަކަށް ހުރި ރަޙުމަތެކެވެ. އަދި މި ޝަރީޢަތާ ޚިލާފުވުމަކީ ބިމުގައި ފަސާދަ އުފެދި، އެންމެހާ މަޚްލޫޤުންނަށް އެކަމުގެ ގެއްލުން ފޯރަމުންދާނޭ ކަމެކެވެ.
މުރުތައްދުވުމުގެ މާނަ
ބަހުގެ ގޮތުން ބަލާއިރު:
ޢަރަބި ބަހުގައި الرِّدَّة މި ލަފްޒު އުފެދިފައިވަނީ ارتَدَّ މި ކަލިމައިންނެވެ. މާނައަކީ ކަމަކުން އެނބުރި ދިއުން ނުވަތަ ބަދަލުވުމެވެ. އެއީ ކުރިން ހުރި ގޮތަށް ނުވަތަ އާ ގޮތަކަށް ވިޔަސްމެއެވެ. މީހަކު އިސްލާމްވުމަށް ފަހު އެދީން ދޫކޮށްފައި އެނބުރި ދިއުމަށް ارْتَدَّ އޭ ބުނެވެއެވެ. އަދި އެކަން ކުރާ މީހާއަށް المُرْتَدّ އޭ ކިޔެއެވެ.[1] ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. (إِنَّ الَّذِينَ ارْتَدُّوا عَلَىٰ أَدْبَارِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْهُدَى ۙ الشَّيْطَانُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ)[2] އާޔަތުގެ މާނައީ: “ހަމަކަށަވަރުން، އެއުރެންނަށް ތެދުމަގު އެނގި ބަޔާންވުމަށް ފަހު، އެއުރެންގެ ފުރަގަހަށް އެނބުރިދިޔަ މީހުންނަށް ޝައިޠާނާ އެކަން ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި އަޖަލުތައް ދިގުވާނެކަމުގެ އެދުން އެއުރެންނަށް ލައިދިނެވެ.”
ޝަރުޢީ އިޞްޠިލާހުގައި:
ޝަރުޢީ އިޞްޠިލާޙުގައި މުރުތައްދުވުމަކީ މުސްލިމަކު އޭނާގެ އިސްލާމްކަން، ނިޔަތުން ނުވަތަ ކުފުރުގެ ބަހަކުން ނުވަތަ ކުފުރުގެ ޢަމަލަކުން ކަނޑައިލުމެވެ. އެއީ މަލާމާތް ކުރުމަކުން ނުވަތަ ޚިލާފުވެގަތުމަކުން ނުވަތަ އިޢުތިޤާދަކުން ވިޔަސްމެއެވެ. [3]
[1] ابن المنظور، محمّد بن مكرَّم، لسان العرب، (ج: 2، فصل الراء، ص: 1622.)
[2] سورة محمد: 25
[3] جريمة الردة وحقوق الإنسان، ص: 11.