[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫނު ބުރުގާ: އިސްލާމްދީނުގެ މަތިވެރި ޝިޢާރެއް – 2

މޫނު ބުރުގާއަކީ ދީނުގެ މަތިވެރި ޝިޢާރެއްކަމަށް ދަލާލަތުކުރާ ޤުރުއާނުގެ ދަލީލުތައް

 

 

* ފުރަތަމަ ދަލީލު:

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ﴾ [سورة النور ‎٣١]
މާނައީ: “އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ ތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވައިކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް ނުވަތަ ބަފައިންނަށް ނުވަތަ ފިރިންގެ ބަފައިންނަށް ނުވަތަ ފިރިހެން ދަރިންނަށް ނުވަތަ ފިރިންގެ ފިރިހެން ދަރިންނަށް ނުވަތަ އަޚުންނަށް ނުވަތަ އަޚުންގެ ފިރިހެން ދަރިންނަށް ނުވަތަ އުޚްތުންގެ ފިރިހެން ދަރިންނަށް ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް ނުވަތަ އަންހެނުންގެ ޢައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާ ހުށިކަމެވެ! އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ.”

 

އަންހެނުން ޙިޖާބުވުން ވާޖިބުކަމަށް މި އާޔަތުން ދަލީލުކުރާ ގޮތް:
ހ. ﷲ ތަޢާލާ ވަނީ މިއާޔަތުގައި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް އަމުރުކުރައްވާފައެވެ. ފަރުޖުތައް ރައްކާތެރިކުރުމަށް ކުރައްވާފައިވާ އަމުރަކީ އެކަމަށް ރައްކާތެރިވުމަށް ބޭނުންވާނެ އެންމެހާ ވަސީލަތްތަކަށްވެސް ކުރައްވާފައިވާ އަމުރެކެވެ. މޫނު ނިވާކުރުމަކީ އެކަމަށް ރައްކާތެރިވުމުގެ ވަސީލަތެކެވެ. އެހެނީ މޫނު ކަޝްފުކުރުމަކީ މޫނަށް ބެލުމަށް މެދުވެރިވާ ސަބަބެކެވެ. އަދި އޭގެ ސަބަބުން ދެމީހެއްގެ މެދުގައި ގުޅުން އުފެދުމަށް މަގުފަހިކުރުވައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«فَزِنَا العَيْنِ النَّظَرُ»
މާނައީ: “ފަހެ، ލޮލުގެ ޒިނޭއަކީ ބެލުމެވެ.”
އެއަށްފަހު ޙަދީޘްކުރެއްވިއެވެ.
«وَالفَرْجُ يُصَدِّقُ ذَلِكَ أَوْ يُكَذِّبُهُ» [رواه البخاري (6612) ومسلم (20 – (2657))]
މާނައީ: “އަދި ފަރުޖު އެކަން ތެދުކުރެއެވެ. ނުވަތަ ދޮގުކުރެއެވެ.”
މޫނު ނިވާކުރުމަކީ ފަރުޖަށް ރައްކާތެރިވުމުގެ ވަސީލަތަކަށްވާ ހިނދު އެކަމަކީ އަމުރުވެވިގެންވާ ކަމެކެވެ. އެހެނީ ކަމަކަށް މަގުފަހިކުރުވާ ވަސީލަތަށް އިސްލާމްދީނުގައި ދެވިފައިވަނީ އެ އަޞްލުގެ ޙުކުމެވެ.

 

ށ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވާ ﴿وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ﴾ އާމެދު ދަންނައެވެ. الجيب އަކީ ހެދުން ބޮލުން ތިރިކުރުމަށް ހުޅުވިފައި ހުންނަ ތަނެވެ. އަދި الخمار އަކީ އަންހެނާގެ ބޯ ނިވާކުރުމަށް ބޭނުންކުރާ ފޮތިގަނޑެވެ. ފަހެ، الخمار އިން الجيب ނިވާކުރުމަށް އަމުރުކުރައްވާފައިވުމުން އެއީ މޫނު ނިވާކުރުމަށް ކުރައްވާފައިވާ އަމުރެކެވެ. އެއީ އެކަމުން މޫނު ނިވާވުން ލާޒިމުވާތީއެވެ. ނުވަތަ އެއިން އެކަމަށް ޤިޔާސްކުރެވޭތީއެވެ. އެހެނީ ކަރާއި މޭމަތި ނިވާކުރުމަށް އަމުރުކުރައްވާފައިވާއިރު، މޫނު ނިވާކުރުން މާ ބޮޑަށް އައުލާވެގެންވެއެވެ. އެއީ އެމީހެއްގެ ރީތިކަން އެންމެ ބޮޑަށް ފާޅުވަނީ މޫނުންކަމުގައި ވާތީއެވެ.

 

ނ. ﷲ ތަޢާލާވަނީ ޒީނަތްތެރިކަން މުޠުލަޤުކޮށް ނަހީކުރައްވާފައެވެ. އެއީ އިޚްތިޔާރެއް ނެތި ފާޅުވާ މިންވަރު މެނުވީއެވެ. އެއީ މިސާލަށް ހެދުމުގެ ބޭރުފުށެވެ. އެއިލާހު ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.
﴿إِلَّا مَا ظَهَرَ مِنْهَا﴾
މާނައީ: “ފާޅުވެގެންވާ ތަން ފިޔަވައެވެ.”
އެކަނބަލުން ފާޅުކުރި ތަން ފިޔަވައޭ ވަޙީ ނުކުރައްވައެވެ. އިބްނު މަސްޢޫދާއި އަލްޙަސަނާއި އިބްނު ސީރީނާ އަދި އެނޫން ބޭކަލުންވެސް ﴿إِلَّا مَا ظَهَرَ مِنْهَا﴾ ގެ ތަފްސީރުގައި ވިދާޅުވެފައިވަނީ އެއީ ތިރިން އަންނަ ފޮތިގަނޑާއި ހެދުމެވެ. އަދި ހެދުމުގެ ތިރިން ފެންނަ ބައެވެ.
ދެން އެއަށްފަހު، އިސްތިޘްނާވާ ބަޔަކު ފިޔަވާ އެހެން އެންމެންނަށް ޒީނަތް ފާޅުނުކުރުމަށް ވަނީ އަމުރުކުރައްވާފައެވެ. މިއިން ދަލީލުކޮށްދެނީ ފުރަތަމަ ޒީނަތާއި ދެވަނަ ޒީނަތް ތަފާތުކަމެވެ. ފުރަތަމަ ޒީނަތަކީ އިޚްތިޔާރަކާ ނުލާ ފާޅުވާ ބޭރުފުށުގެ ޒީނަތެވެ. އެއެއް ނުފޮރުވޭނެއެވެ. ދެވަނަ ޒީނަތަކީ އެތެރެފުށުގެ ޒީނަތެވެ. މޫނު ހިމެނެނީ އޭގެ ތެރޭގައެވެ. މި ޒީނަތަށް ބެލުން ކޮންމެ މީހަކަށް ހުއްދަނަމަ ފުރަތަމަ ޒީނަތުގެ ވާހަކަ ޢާންމުކޮށް ބަޔާންކުރައްވާފައި ދެވަނަ ޒީނަތް އޭގެން އިސްތިޘްނާކުރުމުގެ ފައިދާއެއް ނެތެވެ.

 

ރ. ﷲ ތަޢާލާވަނީ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް އަންހެނާގެ އެތެރުފުށުގެ ޒީނަތް (އެބަހީ: މޫނުފަދަ ތަންތަން) ފާޅުކުރުމުގެ ލުއިކަން ދެއްވާފައެވެ. އެއީ އަޅުންގެ ތެރެއިން ޝަހުވަތްތެރިކަން ނުވާ މީހުންނެވެ. އަދި ކުޑަކުދިންގެ ތެރެއިން ޝަހްވަތްތެރިކަމާ ހަމައަށް ނުފޯރާ އަދި އަންހެނުންގެ ޢައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށްވެސް މެއެވެ. މީގައި ދެކަމެއް ވެއެވެ.
1. މަޙްރަމު ނޫން މީހުންގެ ތެރެއިން މި ދެ ބައިމީހުން ފިޔަވާ އެއްވެސް މީހަކަށް އެތެރެފުށުގެ ޒީނަތް ފާޅު ނުކުރެވޭނެއެވެ.
2. މި ޙުކުމުގެ ޢިއްލަތަކީ ފިތުނަވެރިވެދާނެކަމުގެ ބިރު އޮތުމާއި އެމީހަކާ ނޭދެވޭ ގުޅުމެއް ބަދަހިވުމެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި މޫނަކީ މީސްތަކުން ފިތުނަވެރިކުރުވާ ތަނެކެވެ. އަދި އެ ނިވާކުރުން ވާޖިބުވަނީ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ހުރި މީހަކު ފިތުނަވެރިވެދާނެތީއެވެ.

 

ބ. ﴿وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ﴾ މި ބަސްފުޅުގެ ގެ މުރާދަކީ ފައިގައި އަޅާ ކެވެލިފަދަ ފޮރުވިފައިވާ ގަހަނާ ދެއްކުމަށްޓަކައި އަންހެނާ އޭނާގެ ފައިން ނުޖަހާށެވެ. އަންހެނުންގެ ފޮރުވިފައިވާ ގަހަނާގެ އަޑުއިވި ފިރިހެނުން ފިތުނަވެރިވެދާނެކަމަށްޓަކައި އެބައިމީހުންގެ ފައިތަކުން ޖެހުން މަނާކުރައްވާފައިވާއިރު އެކަނބަލުންގެ މޫނުތައް ކަޝްފުކުރުން ހުއްދަވާނީ ކިހިނެތް ހެއްޔެވެ؟
ފަހެ، އެންމެ ބޮޑު ފިތުނައަކީ ކާކުކަން ނުވަތަ ޒުވާނެއްކަން ނުވަތަ ޢުމުރުން ދުވަސްވީ މީހެއްކަން ނުވަތަ ރީތި މީހެއްކަން ނުވަތަ ހުތުރު މީހެއްކަން ނޭނގުނުކަމުގައިވިޔަސް، އަންހެނާގެ ފައިގައި އަޅާފައި އޮތް ގަހަނާއެއްގެ އަޑު އިވުން ހެއްޔެވެ؟ ނުވަތަ ޒުވާން އަންހެނެއްގެ މޫނުގެ ރީތިކަން ފެނި ދެވަނަ ފަހަރަށްވެސް ބަލައިލަން އެދުން ހެއްޔެވެ؟

 

 

* ދެވަނަ ދަލީލު:

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَالْقَوَاعِدُ مِنَ النِّسَاءِ اللَّاتِي لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَن يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَاتٍ بِزِينَةٍ ۖ وَأَن يَسْتَعْفِفْنَ خَيْرٌ لَّهُنَّ ۗ وَاللَّهُ سَمِيعٌ عَلِيمٌ﴾ [سورة النور ‎٦٠]
މާނައީ: “ކައިވެންޏަކަށް އެދުންނުވާ، މުސްކުޅި އަންހެނުން ޒީނަތްތެރިކަން ފާޅު ނުކުރާގޮތުގައި އެކަނބަލުންގެ ފޭރާން ލުއިކޮށްލުމަކުން އެކަނބަލުންގެ މައްޗަކަށް ކުށެއް ނެތެވެ. (ނަމަވެސް) އެކަނބަލުން ޢިއްފަތްތެރިވުން އެކަނބަލުންނަށް ހެޔޮކަން ބޮޑެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

 

އަންހެނުން ޙިޖާބުވުން ވާޖިބުކަމަށް މިއާޔަތުން ދަލީލުކުރާ ގޮތް:
މި އާޔަތުގައި ﷲ ތަޢާލާ އަންގަވާފައި އެވަނީ ކައިވެންޏަކަށް އެދުންނުވާ، މުސްކުޅި އަންހެނުން އެބައިމީހުންގެ ފޭރާން ލުއި ކޮށްލުމަކީ މައްސަލައެއް ނޫންކަމުގައިއެވެ. އެބަހީ: އެކަމުން އެކަނބަލުންނަށް ފާފައެއް ނެތެވެ. ނަމަވެސް މިކަމުގައި ޝަރުޠަކީ އެފަދައިން ފޭރާން ލުއިކޮށްލާ މަޤްޞަދަކީ ޒީނަތްތެރިކަން ފާޅުކުރުންކަމުގައި ނުވުމެވެ. މުސްކުޅިންނަށް މި ޙުކުމް ޚާއްޞަވުމުން ދަލީލުކޮށްދެނީ ކައިވެންޏަށް އެދުންވާ، ޒުވާން އަންހެނުންގެ ޙުކުމް ތަފާތުކަމެވެ. އެ ދެބައިމީހުންގެ ޙުކުމް އެއްގޮތްވާނަމަ ވަކި ބަޔަކަށް މިކަން ހުއްދަކުރެއްވުމުގެ ބޭނުމެއް ނެތެވެ.
﴿غَيْرَ مُتَبَرِّجَاتٍ بِزِينَةٍ﴾
މާނައީ: ” ޒީނަތްތެރިކަން ފާޅު ނުކުރާ ގޮތުގައެވެ.”
މިފަދައިން ވަޙީކުރެއްވުމުން ކައިވެންޏަށް އެދުންވާ، ޒުވާން އަންހެނުން ޙިޖާބުވުން ދަލީލުކޮށްދެއެވެ. އެހެނީ ޒުވާން އަންހެނުން އެކަނބަލުންގެ މޫނުތައް ކަޝްފުކުރުމުން އެބައިމީހުންގެ ޒީނަތްތެރިކަން ފާޅުކޮށް، ފިރިހެނުން އެބައިމީހުންނަށް ބެލުމަށް ހުށަހަޅާލެވުނީއެވެ. މިއާ ޚިލާފަށް ކަންވެގެން ދާނީ ނާދިރު ޙާލަތެއްގައެވެ.

 

 

* ތިންވަނަ ދަލީލު:

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا﴾ [سورة الأحزاب ‎٥٩]
މާނައީ: “އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެ ތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހުކަމުގައި ވޮޑިގެންވެއެވެ.”
މިއާޔަތް ތަފްސީރުކޮށްދެއްވާ، އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.
“أَمَرَ اللَّهُ نِسَاءَ الْمُؤْمِنِينَ إِذَا خَرَجْنَ مِنْ بُيُوتِهِنَّ فِي حَاجَةٍ أَنْ يُغَطِّينَ وُجُوهَهُنَّ مِنْ فَوْقِ رُءُوسِهِنَّ بِالْجَلَابِيبِ، وَيُبْدِينَ عَيْنًا وَاحِدَةً”. [تفسير الطبري (19 / 181)]
މާނައީ: “މުއުމިނުންގެ އަނބިންނަށް ﷲ އަމުރުކުރައްވާފައިވަނީ، ޙާޖަތަކަށްޓަކައި އެކަނބަލުންގެ ގެތަކުން ނުކުންނަހިނދު، އެކަނބަލުންގެ ބޯތަކުގެ މަތިން (ވައްޓާލާ) ޖިލްބާބުތަކުން އެކަނބަލުންގެ މޫނުތައް ފޮރުވުމަށެވެ. އަދި އެއްލޯ ދެއްކުމަށެވެ.”
ޞަޙާބީންގެ ތަފްސީރަކީ ރައުޔަށް ބަހެއް ވިދާޅުވުމުގެ ޖާގަ ނެތް ކަންކަމުގައި ޙުއްޖަތެކެވެ. އަދި ކިއެއް ހެއްޔެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެފަދަ ޙާލަތްތަކުގައި ޞަޙާބީންގެ ތަފްސީރުގެ ޙުކުމަކީ މަރްފޫޢު ޙަދީޘްގެ ޙުކުމެވެ.
އެއް ލޯ ދެއްކުމަށް އިބްނު ޢައްބާސް رضي الله عنهما ވިދާޅުވެފައިވާ ބަސްފުޅުގައި ބަޔާންކުރައްވާފައި އެވަނީ އެއީ ޟަރޫރަތަކަށްޓަކައި ދެއްވާފައިވާ ލުއިކަމެއްގެ ގޮތުގައެވެ. އެއީ ހިނގާ މަގު ބެލުމަށްޓަކައެވެ. ފަހެ، ޙާޖަތެއް ނުވާނަމަ ލޯ ދެއްކުމެއް ނުވެއެވެ.
ޖިލްބާބަކީ ބުރުގާގެ މަތިން (މުޅިހަށިގަނޑާ މޫނު ފޮރުވާލުމަށް) ވައްޓާލާ ފޮތިގަނޑެކެވެ. އެއީ މިހާރު އަބާޔާ އޭ ކިޔާ ފޮތިގަނޑެވެ.

 

 

* ހަތަރުވަނަ ދަލީލު:

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿لَّا جُنَاحَ عَلَيْهِنَّ فِي آبَائِهِنَّ وَلَا أَبْنَائِهِنَّ وَلَا إِخْوَانِهِنَّ وَلَا أَبْنَاءِ إِخْوَانِهِنَّ وَلَا أَبْنَاءِ أَخَوَاتِهِنَّ وَلَا نِسَائِهِنَّ وَلَا مَا مَلَكَتْ أَيْمَانُهُنَّ ۗ وَاتَّقِينَ اللَّهَ ۚ إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ شَهِيدًا﴾ [سورة الأحزاب ‎٥٥]
މާނައީ: “އެކަނބަލުންގެ (އެބަހީ: ރަސޫލާގެ އަނބިއަނބިކަނބަލުންގެ) ބަފައިންނާ މެދުގައްޔާއި އެކަނބަލުންގެ ފިރިހެން ދަރިންނާ މެދުގައްޔާއި އެކަނބަލުންގެ އަޚުންނާ މެދުގައްޔާއި އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރީންނާ މެދުގައްޔާއި އެކަނބަލުންގެ އުޚްތުންގެ ފިރިހެން ދަރިންނާ މެދުގައްޔާއި މުއުމިނު އަންހެނުންނާ މެދުގައްޔާއި އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނާ މެދުގައި (ފަރުދާ ނުކުރެއްވިޔަސް) އެކަނބަލުންގެ މައްޗަކަށް ކުށެއް ފާފައެއް ނެތެވެ. އަދި ތިޔަކަނބަލުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް މޮޅަށް ހެކިވެވޮޑިގެންވާ އިލާހުކަމުގައި ވޮޑިގެންވެއެވެ.”
މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ.
“لما أمر تبارك وتعالى النِّسَاءَ بِالْحِجَابِ مِنَ الْأَجَانِبِ، بَيَّنَ أَنَّ هَؤُلَاءِ الْأَقَارِبَ لَا يَجِبُ الِاحْتِجَابُ مِنْهُمْ، كَمَا اسْتَثْنَاهُمْ في سورة النور “. [تفسير ابن كثير (6 / 404)]
މާނައީ: “ހިލޭ ފިރިހެނުންގެ ކުރިމަތީގައި ޙިޖާބުވުމަށް ﷲ تبارك وتعالى އަމުރުކުރެއްވިއިރު ބަޔާންކުރައްވާފައިވަނީ އިސްތިޘްނާކޮށްފައިވާ ގާތްތިމާގެ މީހުންގެ ކުރިމަތީގައި ޙިޖާބުވާން ނުޖެހޭނެކަމެވެ. އެއީ ނޫރު ސޫރަތުގައި އިސްތިޘްނާކޮށްފައިވާ ފަދައިންނެވެ.”

 

 

ދެން އަންނަ ބައިގައި ގެނެސްދޭނީ މޫނު ބުރުގާއަކީ ދީނުގެ މަތިވެރި ޝިޢާރެއްކަމަށް ދަލާލަތުކުރާ ސުންނަތުގެ ދަލީލުތަކެވެ.

 


މި ލިޔުމުގެ އެހެންބައިތައް

 

މަޞްދަރު