އަހަރެން ޤުރްއާންދެކެ ލޯބިވީ މާމަގެ ސަބަބުން…
ކުއްޖަކު ކިޔައިދިނެވެ.
އަހަރެން ޤުރްއާނަށް ލޯބި ޖެއްސުވީ މާމައެވެ. ޤުރްއާން ހިތުދަސް ކުރުމަށް މާމަ އަހަންނަށް ހިތްވަރުދިނީ ވަރަށް މޮޅު ގޮތަކަށެވެ. މާމަ ގާތަށް އައިސް ހިތުދަސްކޮށްފައި ހުރި ބައެއް ބައިތައް ކިޔަވަން ބުނާނެއެވެ. ކިޔަވާ ގަޑީގައި މާމަ މަޑުމައިތިރިކަމާއެކު އަޑުއަހަން އިނދެއެވެ. އަދި އިތުރަށް ކިޔެވުމަށް ވެސް ބައެއްފަހަރު ބުނެއެވެ. ކިޔަވާ ނިމުމުން ބައެއްފަހަރު ހަދިޔާ ދެއެވެ. އަނެއްބައި ފަހަރު ބޮލަށް ބޮސްދެއެވެ. އަދި ބުނެއެވެ. “ދަރިފުޅު މިއަދު މާމަ އުފާކޮށްދީފިއެވެ. މާތް ﷲ ދަރިފުޅު ވެސް އުފާކޮށްދެއްވާށި!” އަދި ބައެއް ފަހަރު ބުނެއެވެ. “މާމަ ވެސް ދަރިފުޅު ފަދައިން ޤުރްއާން ދަސްކުރެވޭނަމަ ހާދަ ރަނގަޅެއެވެ. އެކަމަކު މާމަ މިހާރު މިވަނީ މުސްކުޅިވެފައެވެ. ޤުރްއާން ދަސްކުރަން މާމައަކަށް އެހާ ފަސޭހައެއް ނޫނެއެވެ. އެހެންވީމަ ދަރިފުޅަށް ތިޔަ ލިބިފައިވާ ފުރުޞަތު ގެއްލުވާނުލައްޗެވެ!”
އަނެއްބައި ފަހަރު ބުނެއެވެ. “މާމަގެ ހިތް މިއަދު މިވަނީ ނުތަނަވަސް ވެފައެވެ. މާމަގެ ހިތްހަމަ ޖެހޭތޯ ޤުރްއާން ކިޔަވާލަދޭށެވެ. ޤުރްއާނަކީ ހިތާމަވެރިކަމުގެ ފަރުވާއެވެ.” އަހަރެންނާ ޤުރްއާނާމެދު އޮންނަ ގުޅުން ވަރުގަދަކުރުވަމުން ދިޔައީ މިގޮތަށެވެ. އެހެންވެ އަހަރެން ވެސް ދެރަވެ ހިތް ނުތަނަވަސްވާ ވަގުތުތަކުގައި ކިޔަވަނީ ޤުރްއާނެއެވެ.
އަހަރެން އަލަށް ޤުރްއާނުން ބައެއް ހިތުދަސްކޮށްފި ނަމަ އެ ބައި މާމައަށް ކިޔައިދޭން އެދެއެވެ. އަދި އަލަށް ދަސްކުރާބަޔަށް މާ ގިނަ ހަދިޔާދެއެވެ.
ބައެއް ފަހަރު މަންމަ ރުޅި އަންނަ ކަމެއް ކުރެވުނީމަ މާމަ އަހަރެންގެ ދިފާއުގައި އާދެއެވެ. އަދި މަންމަ ގާތުގައި އަހަރެން ޤުރްއާން ހިތުދަސްކުރާކަމަށްޓަކައި މާފު ކޮށްދިނުމަށް އެދެއެވެ. އަދި އަހަރެން ހާފިޒަކަށް ވާނެ ކަމަށް ވެސް ބުނެއެވެ.
މާމަ ވީ އަހަރެންގެ ޙަޔާތުގެ އެންމެ ބޮޑު މުދައްރިސަށެވެ. މާމަ އަހަރެން ޤުރްއާނަށް ލޯބިޖެއްސުވިއެވެ. މާމަ ބުނެ އުޅެއެވެ. “މާމަގެ ޙަޔާތުގައި އެންމެ ދެކެން ބޭނުންވާ ދުވަހަކީ ދަރިފުޅު ހާފިޒަކަށްވާ ދުވަހެއެވެ.”
ކަންތައްވީ ވެސް އެގޮތަށެވެ. މާތް ﷲ ގެ ވާގިފުޅާއެކު އަހަރެން ޤުރްއާން އެއްކޮށް ހިތުދަސް ކުރީމެވެ. އެ ދުވަހު މާމަ އަހަރެންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. ދުވަހަކު ވެސް އަހަރެން އެ ވަގުތު ކޮޅެއް ހަނދާނެއް ނުނެތޭނެއެވެ. އެއީ މާމަ އުފަލުން އެންމެ ފުރަތަމަ ރުއި ދުވަހެއެވެ. އަދި އެންމެ ފަހުން ވެސް ރުއި ދުވަހެވެ. އެދުވަހު މާމަ އަޅައިގެން އިން ރަން އަނގޮޓި ނެގިއެވެ. އަދި ހަދިޔާއެއްގެ ގޮތުގައި އަހަރެންނަށް ދިނެވެ. އެއީ އަހަރެންގެ ޙަޔާތުގައި ލިބުނު އެންމެ އަގުހުރި ހަދިޔާއެވެ. އެ އަނގޮޓިއަކީ މި ފަނާވަނިވި ދުނިޔޭގައި މާމަގެ އަތުގައި އޮތް އަގުހުރި ހަމައެކަނި އެތި ކަމުގައި ވެސް ބުނެވިދާނެއެވެ.
މިއަދު، ދިހަ އަހަރު ފާއިތުވި ފަހުން، އޭރު މާމަ ކަންތައްކުރި ގޮތާމެދު ވިސްނާލުމުން އަހަންނަށް އެނގުނީ މާމައަކީ ވަރަށް ވިސްނުންތޫނު މީހެއްކަމެވެ. މާމަ ތައްޔާރުވަމުން ދިޔައީ މާމަގެ އާޚިރަތުގެ ޙަޔާތަށެވެ. ފާއިތުވެ މި ދިޔަ ދިހަ އަހަރު އަހަރެން ކިޔެވި ކޮންމެ އާޔަތަކަށް މާމައަށް އޭގެ ޘަވާބާއި އަޖުރު ލިބޭނެއެވެ. އެއީ އަހަރެން ޤުރްއާން ކިޔެވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މާމަކަމުގައި ވާތިއެވެ. އަދި އަހަރެންގެ އުމުރުގައި ބާކީ އޮތް ދުވަސް ތަކުގައި ކިޔަވާ ކޮންމެ އާޔަތަކަށް ވެސް މާތް ﷲ ގެ އިރާދަފުޅާއެކު މާމައަށް އޭގެ އަޖުރު ލިބޭނެއެވެ.
އަހަރެންގެ ޙަޔާތުގައި ބައްދަލުވި އެންމެ ލޯބިވާ މާމައަށް، މާތް ﷲ ރަޙްމަތް ލައްވާށި!
މަޞްދަރު: 70 طريقة تجعل أبناءك يحبون القران- د. عبد الله محمد عبد المعطي