[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (28)

ހަތަރުވަނަ ކަންތައް: ކުއްޖާއަށް ވާރުތަކޮށްފައި ހުންނަ ނުބައި އާދަތައް ރަނގަޅުކޮށް، ހަމަ މަގަށް އެޅުވުމާއި އަދި ހެޔޮ އާދަތައް އަށަގަންނުވައި އެއާދަތައް ހަރުލެއްވުން

އިންސާނުންނަކީ މަޢުދަން ފަދަ އެއްޗެކެވެ. ކޮންމެ ކުއްޖަކުވެސް އުފަންވެގެން އަންނައިރު އެކުދިންގެ ކިބައިގައި މޮޅެތި ސިފަތައް ހުންނާނެއެވެ. އަދި އުނި ސިފަތައްވެސް ހުންނާނެއެވެ. މިކަމަކީ މިއީ މައިންބަފައިންގެ ކިބައިން ވާރުތަވެގެން އައިސްފައި ހުންނަ ކަންކަމެވެ. އެހެންކަމުން، އެކުދިންގެ ކިބައިގައިވާ މަޢުދަންތައް ނެގުމަކީ މައިންބަފައިން ކުރަންޖެހޭ ކަމެކެވެ. އެއީ އެކުދިންގެ ކިބައިގައިވާ އަގުބޮޑު މަޢުދަންތައް ދެނެގަތުމެވެ. އެއަށްފަހު، މިމަޢުދަންތައް ނެރެ، އޭގެ ވެރިޔާ އަށް އެއިން މަންފާ ލިބޭނެ ގޮތް ބުނެދީ، އޭނާގެ ވެރި ރައްބާއި އޮންނަ ގުޅުމުގައާއި، އަދި އޭނާގެ ގާތްތިމާގެ މީހުންނާއި އޮންނަ ގުޅުންތަކުގައި މީގެ ރަހަމީރުކަން ލިބިގަތުމެވެ.

ދަރިންގެ ކިބައިގައި ހުންނަ ނުރަނގަޅު ސިފަތައް ދެނެގަނެ، އެކަންތަކުން އެކުދިން ދުރުކުރަން މަސައްކަތްކުރަންވާނެއެވެ. އަދި އެންމެ ކުޑައިރުއްސުރެ އެކުދިންގެ ކިބައިން ފެންނަ އައިބުތައް އިސްލާޙުކުރަންވާނެއެވެ. އޭރުން އެކުދިންވެގެން ދާނީ ރަގަޅު ފަރުދުންނަށެވެ. މިކަން ހާސިލުވާނީ ދަރިފުޅުގެ އުޅޭ ނޫޅޭ ގޮތް ރަގަޅަށް ބަލައިގެންނެވެ. ދަރިފުޅުގެ ކިބައިން ރަގަޅުކަމެއް ފެނިއްޖެނަމަ، އެކަން ފާހަގަކޮށްލަންވާނެއެވެ. އަދި ނުބައި ކަމެއް ފެނިއްޖެނަމަ، އެކަމާއި ދެކޮޅަށް ތެދުވެ، އޭގެ މުލުން ލުހެވޭތޯ މަސައްކަތްކުރަންވާނެއެވެ.

ދަރިންގެ އުޅުން ރަނގަޅަށް ބަލައި މޮނީޓަރ ކުރަންޖެހޭނީ އެކުދިން އުފަންވީއްސުރެއިން ފެށިގެން ގޮސް ބާލިޣުވުމަށްފަހުގައި ވެސްމެއެވެ. މިގޮތުން އެކުދިންގެ ސުލޫކަށް ވަރަށް ބޮޑަށް ސަމާލުވާންވާނެއެވެ. އެއީ އެކުދިންގެ ކިބައިގައި ހުރި ގޯސް ސިފަތަކާއި، ރަނގަޅު ސިފަތަކަކީ ކޮބައިކަން ދެނެގަތުމަށެވެ. އަދި އެކުދިންގެ ޚިޔާލާއި ފިކުރު ހުންނަނީ ކިހިނެތްތޯ ބެލުމަށްޓަކައި އެކުދިން ދައްކާ ވާހަކަތައް ދެނެގަންނަންވާނެއެވެ. އަދި އެކުދިންގެ ކިބައިގައިވާ ބާރުތަކަކީ ކޮބައިކަމާއި، ބަލިކަށި ކަންކަމަކީ ކޮބައިކަން ދެނެގަތުމަށްޓަކައި، އެކުދިންގެ ޝަޚުޞިއްޔަތާމެދު ފުންކޮށް ވިސްނާށެވެ. އަދި މިގޮތަށް ވިސްނައި ބަލާއިރު، މަސްތަކާއި އަހަރުތައް ފާއިތުވަމުންދާ ވަރަކަށް އެކުދިންނަށް އަންނަ ބަދަލުތަކަކީ ކޮބައިކަން ދެނެގަންނަންވާނެއެވެ.

މިގޮތަށް ދަރިން ތަރުބިއްޔަތުކުރަން މަސައްކަތްކުރާއިރު ހަނދުމަކޮށްލަން ޖެހޭ ނުކުތާއަކީ، އެކުދިން އުފަންވެގެން އަންނައިރު އެކުދިންނަށް ޚާއްސަ ސިފަތަކެއް ލިބިފައިވާ ކަމާއި، އަދި ތިމާ ބޭނުން ހުރިހާ ގޮތަކަށް އެކުދިން ތަރުބިއްޔަތުކުރުމަކީ ވާނެ ކަމެއް ނޫންކަމެވެ. އެގޮތަށް އެކަންވާނަމަ، ކޮންމެ ޤައުމެއްގައި ތިބޭ އެންމެންވެސް ތިބޭނީ އެއް އުއްމަތެއްގެ ގޮތުގައި، އަދި އެއް ޝަޚްޞިއްޔަތެއް ލިބިފައިވާ ބައެއްގެ ގޮތުގައެވެ. އަދި ތިބާގެ ހުރިހާ ކުދިންވެސް ތިބޭނީ އެއް ތައްގަނޑަކަށެވެ. އެހެންނަމަވެސް، ކަން އޮންނަނީ މިގޮތަކަށް ނޫނެވެ. ތިބާގެ ދަރިފުޅަކީ ވަކި ޝަޚްޞިއްޔަތެއް ލިބިފައިވާ ފަރުދެކެވެ. އެހެންކަމުން، އެދަރިފުޅުގެ ގޮތުގައި އުޅެން، އަދި ޠަބީޢަތާއި އެއްގޮތަށް އުޅެން ދޫކޮށްލާށެވެ. (ޝަރުޠަކީ އެދަރިފުޅުގެ ކިބައިގައިވާ ކަންކަމަކީ ޝަރުޢީ ހަމަތަކާ ޚިލާފުނުވާ، އަދި މުޖުތަމަޢުގެ ތެރޭގައި ޤަބޫލުވެވިގެންވާ ކަމަށްވާނަމައެވެ.) އެހެންކަމުން، ތިޔަ މަންމަ/ބައްޕަގެ ދައުރަކީ އެކުޑަ ދަރިފުޅު އުޅުން ހުންނަ ގޮތް ބެލުމެވެ. އެއަށްފަހު، އެދަރިފުޅުގެ ކިބައިން ފެންނަ ގޯސް ކަންތައް ރަގަޅުކޮށް، ދީނާއި އަޚްލާޤު އެދަރިފުޅަށް ދަސްކޮށްދިނުމެވެ.  މާނައަކީ އެދަރިފުޅަކީ އެންމެ ރިވެތި އާދަތައް ލިބިފައިވާ ކުއްޖަކަށް ހެދުމަށްޓަކައި މައިންބަފައިން ގަދަ އަޅައި މަސައްކަތްކުރަންވާނެއެވެ.

ފަސްވަނަ ކަންތައް: ދާއިމީ ގޮތެއްގައި ކުދިންގެ އުޅުން ހުންނަ ގޮތް ބަލައި އެކަމުގައި ސާބިތުވުން، އަދި އެކަންކުރުމުގައި ފަރުވާ ކުޑަކުރުމާއި، ފޫހިކޮށްލުމާ ދުރުވުން

ކުޑަކުދިންނަކީ ގިނަގިނައިން ކަންކަން ހަނދާން ނެތޭ ބައެކެވެ. އަދި ކުޅިވަރާއި މަޖާ ކުރުމުގައި ގިނަ ވަގުތު ހޭދަކުރާ ބައެކެވެ. އަދި އެކުދިންނަށް ކުރަން އަމުރުކުރާ ކަމެއް ކުރުމުގެ ބަދަލުގައި އެކުދިން ބޭނުންވާ ކަމެއް ކުރަން އެކުދިން ތިބެއެވެ. އެހެންކަމުން، އެކުދިންނަށް ހަނދުމަކޮށް ދިނުމުގައި ދެމިހުންނާށެވެ. ހަމަކަށަވަރުން ހަނދުމަކޮށްދިނުން މުއުމިނުންނަށް ފައިދާކުރެއެވެ. މައިންބަފައިން އެކުދިންގެ އުޅުން ހުންނަ ގޮތް ބަލައި، ރަނގަޅު ކުރަންޖެހޭ ކަންތައް ބުނެދިނުމުގައި ފައިތިލަ ސާބިތުކުރުމަކީ، އެކުދިން ތަރުބިއްޔަތުކުރުމުގައި ކާމިޔާބު ލިބުމުގެ ސިއްރެވެ. އަދި އެކުދިންނަށްޓަކައި ހެޔޮ ދުޢާކުރުން މަތިން ހަނދާން ނައްތައި ނުލާށެވެ.

ޚުލާޞާ:

ދަރިންގެ ކިބައިގައި ޠަބީޢީ ގޮތުން ހުންނަ ސިފަތަކަކީ، އޭގެ މުލުން ލުހެލައި އެއްކޮށް ބަދަލުކޮށްލެވޭނެ ސިފަތަކެއް ނޫނެވެ. އަދި ގެއިން ބޭރުން އެކުދިންނަށް ނުބައި އަސަރުކޮށްފާނެ ފަދަ ކަންކަމާއި ޙާލަތްތައް އެއްކޮށް ނައްތާލުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް، މައިންބަފައިންނަށް، އެމީހުންގެ ދަރިންގެ ސިކުނޑިތައް ބައްޓަންކޮށް، އެކުދިން ހިފަހައްޓަންޖެހޭ އުސޫލުތައް ދަސްކޮށްދީ، ކަންކަމާއިމެދު އެކުދިން ވިސްނާގޮތް ބަދަލުކުރުމުގެ ބާރު އެބައޮތެވެ. އަދި ރިވެތި އުސޫލުތަކުގައި އެކުދިން ހިފެހެއްޓުވުމާއި، ރިވެތި އަޚުލާޤުން ޒީނަތްތެރިވުމަށް ހިތްވަރުދީ، އަދި ދިރިއުޅުމުގެ ކަންކަން ވަކި ނިޒާމަކަށް ބައްޓަންކޮށް، ސާފުތާހިރުކަންމަތީ އުޅުމަށް އެކުދިން ހޭނުވޭނެއެވެ. އޭރުން އެކުދިންވާނީ ޞާލިޙު އަދި މުޖުތަމަޢަށް ފައިދާކުރާނެ ބަޔަކަށެވެ. މިކަމަކީ، މިއީ ދަރިންތަރުބިއްޔަތުކުރުމަށް ޚާއްސަ ބާރު ލިއްބައިދޭ ކަމެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަކީ މުޖުތަމަޢުތައް ކުރިއަރައި ދިއުމަށް އޮތް ވަސީލަތެކެވެ.

އެންމެހައި މައިންބަފައިންނޭވެ: މިއީ ތަރުބިއްޔަތުގެ މަސައްކަތުގެ ކުރު ޚުލާސާއެކެވެ. މިހާރު ތިބޭފުޅުން ތަރުބިއްޔަތާމެދު ދެކެނީ އެއީ އެކަމުގައި ކާމިޔާބު ލިބުން ދަތި، އަދި ވަރަށް އުނދަގޫ އަދި ބުރަ މަސައްކަތެއް ކަމުގައިތޯއެވެ؟!

******************************

ޖިބްރީލުގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން، 10ވަރަކަށް މިނިޓު ތެރޭ ދީން އުނގަންނަވައި ދެއްވިއެވެ. ހަމައެގޮތަށް ތަރުބިއްޔަތަކީ ކޮބައިކަން މަދު ފޮޅުވަތްތަކަކުން ބަޔާންކޮށްދެވޭނެއެވެ. އިސްލާމްދީނުގައިވެސް ރުކުންތަކެއްވާ ފަދައިން، އަދި އީމާންކަމުގައިވެސް ރުކުންތަކެއްވާ ފަދައިން، ތަރުބިއްޔަތުގައިވެސް އެއަށް ޚާއްސަ ރުކުންތަކެއްވެއެވެ. އެކަމުގައި ވެސް ހާއްސަ އަސާސުތަކެއްވެއެވެ. އަދި އެއަސާސުތައް ހިފަހައްޓާނެ ތަނބުތަކެއްވެއެވެ. މިކަންކަމަކީ ކޮންމެ މުރައްބީއެއްގެ ކިބައިންވެސް އެންމެ ބޮޑަށް އެދެވިގެންވާ ކަންކަމެވެ. މިއިން އެއްކަމެއް ދޫކޮށްލިއަށް، މުޅި ތަރުބިއްޔަތުގެ މަރުހަލާއަށް ލޮޅުން އަރައި، ދަރިން ތިމާމެންގެ ބާރުގެ ދަށުން ބޭރުވެގެން ހިނގައިދާނެއެވެ.

މަތީގައި ބަޔާންކުރެވުނު އަސާސްތަކަކީ:

  • ((ބިރު)): ދަރިފުޅާއި މެދު ބިރުވެތިވާށެވެ.
  • ((ބާރު): ދަރިންގެ މައްޗަށް އޮންނަ މައިންބަފައިންގެ ބާރު ހިފަހައްޓާށެވެ.
  • ((ލޯބި): ދަރިންނަށް އޯގާތެރިކަމާއި ލޯބިދީ ފުރާލާށެވެ.

ކުރިއަށް ހުރި ބާބުތަކުގައި މިއިން ކޮންމެ ކަމަކަށް އަލިއަޅުވާލެވިފައިވާނެއެވެ.

***************************************

_________________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!