އަންހެނުން މޫނު ކަޝްފުކުރުން ހުއްދަކަމަށް ގެންނަ ބައެއް ދަލީލުތަކާއި އޭގެ ރައްދު [1]
ފުރަތަމައީ:
﴿وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا﴾ [سورة النور ٣١]
މާނައީ: “އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ ތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ!”
މި ބަސްފުޅުގެ ތަފްސީރުގައި އިބްނު ޢައްބާސް رضي الله عنهما ވިދާޅުވެފައިވަނީ އެއީ އަންހެނާގެ މޫނާއި ދެ އަތްތިލައާއި އަނގޮއްޓިއެވެ. [مصنف ابن أبي شيبة (3 / 547)]
ދެވަނައީ:
ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
أَنَّ أَسْمَاءَ بِنْتَ أَبِي بَكْرٍ، دَخَلَتْ عَلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَعَلَيْهَا ثِيَابٌ رِقَاقٌ، فَأَعْرَضَ عَنْهَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَقَالَ: «يَا أَسْمَاءُ، إِنَّ الْمَرْأَةَ إِذَا بَلَغَتِ الْمَحِيضَ لَمْ تَصْلُحْ أَنْ يُرَى مِنْهَا إِلَّا هَذَا وَهَذَا» وَأَشَارَ إِلَى وَجْهِهِ وَكَفَّيْهِ. [رواه أبو داود في سننه (4104)، ضعفه الألباني في إرواء الغليل (1795)]
މާނައީ: “އަސްމާ ބިންތު އަބޫބަކްރު، ތުނި ހެދުމެއް ތުރުކުރައްވައިގެން ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް ވަދެވަޑައިގެންނެވިއެވެ. ފަހެ، ރަސޫލުﷲ صلى الله عليه وسلم އެކަމަނާއަށް ފުރަގަސްދެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. “އޭ އަސްމާއެވެ. ހަމަކަށަވަރުން އަންހެނާ ޙައިޟުވެ ބާލިޣުވުމުން މިތަނާއި މިތަން ފިޔަވާ އެހެން ތަނެއް ދެއްކުން ހުއްދަވެގެން ނުވެއެވެ.” އަދި އެކަލޭގެފާނުގެ މޫނުފުޅާއި ދެ އަތްތިލަފުޅަށް އިޝާރާތްކުރެއްވިއެވެ.”
ތިންވަނައީ:
ޢަބްދުﷲ ބުން ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
كَانَ الفَضْلُ رَدِيفَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَجَاءَتِ امْرَأَةٌ مِنْ خَشْعَمَ، فَجَعَلَ الفَضْلُ يَنْظُرُ إِلَيْهَا وَتَنْظُرُ إِلَيْهِ، وَجَعَلَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَصْرِفُ وَجْهَ الفَضْلِ إِلَى الشِّقِّ الآخَرِ … وَذَلِكَ فِي حَجَّةِ الوَدَاعِ. [رواه البخاري (1513) ومسلم (407 – (1334))]
މާނައީ: “އަލްފަޟްލު ރަސޫލުﷲ صلى الله عليه وسلم ގެ ފަހަތްޕުޅުގައި އިންނެވިއެވެ. ފަހެ، ޚަޝްޢަމުގެ އަންހެނަކު އެކަލޭގެފާނުގެ އަރިހަށް އައެވެ. ފަހެ، އަލްފަޟްލު އެ އަންހެންމީހާއަށް ބެލިއެވެ. އަދި އެ އަންހެންމީހާވެސް އެކަލޭގެފާނަށް ބެލިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަލްފަޟްލުގެ މޫނު އަނެއް ފަރާތަށް އަނބުރާލެއްވިއެވެ. … އެއީ ޙައްޖަތުލް ވަދާޢުގައެވެ.”
އެ އަންހެންމީހާގެ މޫނު ކަޝްފުކޮށްފައިވާކަން މި ޙަދީޘުން އެނގެއެވެ.
ހަތަރުވަނައީ:
ޖާބިރު ބުން ޢަބްދުﷲ رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ޢީދު ނަމާދުކުރެއްވިއެވެ. އަދި ނަމާދަށް ފަހު، އެކަލޭގެފާނު ޚުޠުބާ ދެއްވިއެވެ. ޚުޠުބާގައި ﷲ އަށް ތަޤުވާވެރިވުމަށާއި އެކަލޭގެފާނަށް ކިޔަމަންވުމުގެ މައްޗަށް ބާރުއެޅުއްވާ މީސްތަކުންނަށް ހަނދުމަކޮށްދެއްވިއެވެ. އެއަށްފަހު، އަންހެނުން ތިބި ތަނުގެ ކައިރިއަށް ވަޑައިގެންނެވިއެވެ. އަދި އެކަނބަލުންނަށްވެސް އެފަދައިން ހަނދުމަކޮށްދެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ.
«تَصَدَّقْنَ، فَإِنَّ أَكْثَرَكُنَّ حَطَبُ جَهَنَّمَ»، فَقَامَتِ امْرَأَةٌ مِنْ سِطَةِ النِّسَاءِ سَفْعَاءُ الْخَدَّيْنِ، فَقَالَتْ: لِمَ؟ [رواه مسلم (4 – (885))]
މާނައީ: “ތިޔަބައިމީހުން ޞަދަޤާތްކުރާށެވެ. ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން (އެބަހީ: އަންހެނުންގެ ތެރެއިން) ގިނަމީހުން ވާހުށީ ނަރަކައިގެ ދަރުކަމުގައެވެ.” ފަހެ، އަންހެނުން ތިބި ތަނުގެ މެދުން، ދެކޮލުގައި ކަޅުކަމެއްހުރި މީހަކު ތެދުވިއެވެ. އަދި އެކަލޭގެފާނަށް ދެންނެވިއެވެ. “އެއީ ކީއްވެ ހެއްޔެވެ؟””
އެ އަންހެންމީހާގެ މޫނު ކަޝްފުކޮށްފައިނުވާނަމަ، އެ އަންހެންމީހާގެ ދެކޮލުގައި ކަޅުކަމެއް ހުރިކަން ނޭނގުނީއެވެ.
މޫނު ނިވާކުރުން ވާޖިބު ނޫން ކަމަށް ވިދާޅުވާ ޢިލްމުވެރިންގެ މައިގަނޑު ދަލީލުތަކަކީ މިއީއެވެ. އަދި މި ނޫނަސް މި މާނައިގައިވާ އެހެން ޙަދީޘްތަކެއްވެސް ވެއެވެ. މިފަދަ ޙަދީޘްތަކުން އެބޭކަލުން ދަލީލުކުރައްވަނީ އެ ޒަމާނުގައި އުޅުއްވި ބައެއް ކަނބަލުންގެ މޫނު އެކި ޙަދިޘާތަކުގައި ކަޝްފުވެފައި ނުވަތަ ކޮށްފައިވާ ކަމަށެވެ.
އިސްވެ ބަޔާންވެދިޔަ މޫނު ނިވާކުރުން ވާޖިބުކަމުގެ ދަލީލުތަކާ މި ދަލީލުތައް ތަޢާރުޟެއް ނުވެއެވެ. އެއީ ދެ ގޮތަކުންނެވެ.
ފުރަތަމަ ގޮތަކީ: މޫނު ނިވާކުރުން ވާޖިބުކަމުގެ ދަލީލުތަކުން އިތުރު ޙުކުމެއް އެނގިގެން ދެއެވެ. އެއީ އުޞޫލު ޢިލްމުވެރިން ބައްލަވާ މިންގަނޑެކެވެ. އެހެނީ އަޞްލަކީ ޝަރުޢީ ޙުކުމެއް އައުމުގެ ކުރިން ކޮންމެ ކަމެއްވެސް އެ އޮތްގޮތުގައި ދެމި އޮތުމެވެ. އެހެނަސް ޝަރުޢީ ޙުކުމެއް އައުމުން އެ އަޞްލު ބަދަލުވެގެން ދެއެވެ. އެ ބަދަލުވެގެންދާ އިރު އެ ބަދަލުވި ޙުކުމުން އިތުރު ޢިލްމެއް ލިބިގެން ދެއެވެ. އެއީ ކުރީގެ ޙުކުމް ފިޔަވާ އެހެން ޙުކުމެއް ޘާބިތުކުރުމެވެ. އެހެންކަމުން ކަމެއް ޘާބިތުކުރާ މީހާ އެކަން ނަފީކުރާ މީހާގެ މައްޗަށް އިސްކަން ދެވެއެވެ.
ދެވަނަ ގޮތަކީ: މޫނު ކަޝްފުކުރުން ހުއްދަ ކުރާ ދަލީލުތައް، މޫނު ދެއްކުން މަނާކުރާ ދަލީލުތަކާ އެއް ހަމައެއް ނޫނެވެ.
އަންނަނިވި ނުކުތާތަކުން އެކަމަށް ޖަވާބުލިބޭނެއެވެ.
- އިބްނު ޢައްބާސް رضي الله عنهما ގެ ތަފްސީރުގައި ތިން ވަޖުހެއްވެއެވެ.
ހ. އެކަލޭގެފާނުގެ މުރާދަކީ ޙިޖާބުގެ އާޔަތް ބާވައިލެއްވުމުގެ ކުރިންކަމުގައިވުމުގެ އިޙްތިމާލު އެބައޮތެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވެސް ވިދާޅުވެފައިވަނީ އެފަދައިންނެވެ.
ށ. އެކަލޭގެފާނުގެ މުރާދަކީ ފާޅުކުރުން މަނާކުރައްވާފައިވާ ޒީނަތްކަމުގައިވުމުގެ އިޙްތިމާލު އެބައޮތެވެ. އެއީ ފާޅުކުރަންވީ މިންވަރެއް ނޫނެވެ. ފާޅުނުކުރާންވީ ތަންތަނުގެ މިސާލެކެވެ. އިބްނު ކަޘީރު رحمه الله އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވާ ފަދައިންނެވެ. އަޙްޒާބު ސޫރަތުގެ 59 ވަނަ އާޔަތުގެ ތަފްސީރުގައި އެކަލޭގެފާނު ވިދާޅުވެފައިވާ ބަސްފުޅު މި ދެ އިޙްތިމާލަށް ބާރުދެއެވެ. މޫނު ބުރުގާއަކީ ދީނުގެ މަތިވެރި ޝިޢާރެއްކަމަށް ދަލާލަތުކުރާ ޤުރުއާނުގެ ދަލީލުތަކުގެ ތެރެއިން ތިންވަނަ ދަލީލުގައި އެކަން ބަޔާންކޮށްފައިވާނެއެވެ.
ނ. އިސްވެ ދެ އިޙްތިމާލުން ދެ އިޙްތިމާލުވެސް އެއީ އެކަލޭގެފާނުގެ މުރާދުކަމުގައި ނުދެކޭނަމަ، ދެން ބުނަން އޮތީ އެހެން ޞަޙާބީ ބޭކަލަކު އިޢުތިރާޟުކޮށްފިއްޔާ އެ ޞަޙާބީގެ ބަސްފުޅުގެ މައްޗަށް އަނެއް ޞަޙާބީއެއްގެ ބަސްފުޅު ޙުއްޖަތަކަށް ނުވެއެވެ. އެ ޙާލަތުގައި އޮންނާނީ ޤުރުއާނާއި ސުންނަތަށް ރުޖޫޢަވެފައި އޭގެން ބުރަވެވޭ ގޮތަށް ޢަމަލުކުރުމެވެ. މި މައްސަލާގައި އިބްނު ޢައްބާސްގެ ތަފްސީރާއި އިބްނު މަސްޢޫދުގެ ތަފްސީރުގެ ތަޢާރުޟެއްވެއެވެ.
=ނުނިމޭ=
_____________
[1] ބައްލަވާ: رسالة الحجاب للشيخ محمد بن صالح العثيمين (ص: 26 – 35).