[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޭގަނޑު މީހުން ނިދާފައިތިބޭ ވަޤުތު ޤުރުއާން ކިޔެވުމުގެ މަތިވެރިކަން

الحمد لله.

ރޭގަނޑު ޤުރުއާން ކިޔަވާ މީހާއަށް ޤުރުއާން ޝަފާޢަތްތެރިވާނެކަމަށް ޞައްޙަ ޙަދީޘުން ޘާބިތުވެގެންވެއެވެ. ޢަބްދުﷲ ބުން ޢަމްރު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ، يَقُولُ الصِّيَامُ: أَيْ رَبِّ، مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ، فَشَفِّعْنِي فِيهِ، وَيَقُولُ الْقُرْآنُ: مَنَعْتُهُ النَّوْمَ بِاللَّيْلِ، فَشَفِّعْنِي فِيهِ»، قَالَ: «فَيُشَفَّعَانِ». [رواه أحمد (6626)، وصححه الألباني في جامع الصغير برقم (3882)]

މާނައީ: “ޤިޔާމަތް ދުވަހުން ރޯދައާއި ޤުރުއާން އަޅާއަށް ޝަފާޢަތްތެރިވާނެއެވެ. ރޯދަ ބުނާނެއެވެ. އޭ ރައްބެވެ! ދުވާލުގެ ވަޤުތު ކެއުމާއި ޝަހުވަތުން ތިމަންނަ އޭނާއަށް މަނާކުރީމެވެ. އޭނާއަށްޓަކައި ތިމަންގެ ޝަފާޢަތް ލައްވާނދޭވެ. އަދި ޤުރުއާން ބުނާނެއެވެ. އޭ ރައްބެވެ! ތިމަންނަ އޭނާއަށް ރޭގަނޑުގެ ނިދި މަނާކުރީމެވެ. އޭނާއަށްޓަކައި ތިމަންގެ ޝަފާޢަތް ލައްވާނދޭވެ.”

ރޭގަނޑު ޤުރުއާން ކިޔެވުމުގެ ނިޢުމަތަކީ ކޮންމެ މުސްލިކަމުވެސް އެ ނިޢުމަތަކަށް އެދެންވާނެ ނިޢުމަތެއްކަމުގައި ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«لاَ حَسَدَ إِلَّا فِي اثْنَتَيْنِ: رَجُلٌ عَلَّمَهُ اللَّهُ القُرْآنَ، فَهُوَ يَتْلُوهُ آنَاءَ اللَّيْلِ، وَآنَاءَ النَّهَارِ، فَسَمِعَهُ جَارٌ لَهُ، فَقَالَ: لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ، فَعَمِلْتُ مِثْلَ مَا يَعْمَلُ، وَرَجُلٌ آتَاهُ اللَّهُ مَالًا فَهُوَ يُهْلِكُهُ فِي الحَقِّ، فَقَالَ رَجُلٌ: لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ، فَعَمِلْتُ مِثْلَ مَا يَعْمَلُ». [رواه البخاري (5026)]

މާނައީ: “ދެކަމެއްގައި މެނުވީ ޙަސަދަވެރިވުމެއް ނުވެއެވެ. ﷲ މީހަކަށް ޤުރުއާން އުނގަންނަވައި ދެއްވައި، އެމީހަކު ރެޔާއި ދުވާލު އެ ޤުރުއާން ކިޔަވައެވެ. ދެން އެ އަޑު އަވަށްޓެރިއަކަށް އިވުމުން ބުނެއެވެ. އޭނާއާ އެއްގޮތަށް ޢަމަލުކުރުމަށް، އޭނާއަށް ދެއްވިފަދަ (ނިޢުމަތެއް) ތިމަންނައަށްވެސް ލިބޭނެނަމަ ކޮންފަދަ ހެއްޔެވެ. އަދި ﷲ މީހަކަށް މުދާ ދެއްވައި، އެމީހަކު ޙައްޤުގޮތުގައި އެ މުދާ ހޭދަކުރެއެވެ. ދެން މީހަކު ބުނެއެވެ. އޭނާއާ އެއްގޮތަށް ޢަމަލުކުރުމަށް، އޭނާއަށް ދެއްވިފަދަ (ނިޢުމަތެއް) ތިމަންނައަށްވެސް ލިބޭނެނަމަ ކޮންފަދަ ހެއްޔެވެ.”

(ނޯޓު: މި ޙަދީޘްގައި އައިސްފައިވާ ޙަސަދައިގެ މުރާދަކީ އެހެން މީހަކަށް ލިބިފައިވާ ނިޢުމަތެއް ތިމަންނައަށްވެސް ލިބުމަށް އެދުމެވެ. އެމީހެއްގެ ކިބައިން އެ ނިޢުމަތް ފިލައިދިޔުމަށް އުންމީދުކުރުމެއް ނޫނެވެ. (ބައްލަވާ: الفوائد لابن القيم (ص: 140))

ރޭގަނޑުގެ ވަޤުތު ޤުރުއާން ކިޔެވުމަކީ ޣާފިލުކަމުން މިންޖުކޮށްދޭނެ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

«مَنْ قَرَأَ عَشْرَ آيَاتٍ فِي لَيْلَةٍ لَمْ يُكْتَبْ مِنَ الْغَافِلِينَ» [رواه الحاكم (2041) وقال: “صحيح على شرط مسلم” ، وقال الألباني في صحيح الترغيب والترهيب (640): صحيح لغيره]

މާނައީ: “ރޭގަނޑު ދިހަ އާޔަތް ކިޔަވައިފި މީހަކު ޣާފިލުވީ މީހުންގެ ތެރެއިން ނުލިޔުއްވޭ ހުއްޓެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.

«مَنْ حَافَظَ عَلَى هَؤُلَاءِ الصَّلَوَاتِ الْمَكْتُوبَاتِ لَمْ يُكْتَبْ مِنَ الْغَافِلِينَ، وَمَنْ قَرَأَ فِي لَيْلَةٍ مِائَةَ آيَةٍ كُتِبَ مِنَ الْقَانِتِينَ» [رواه ابن خزيمة في صحيحه (1142) والحاكم (1160) واللفظ له وقال: “صحيح على شرط الشيخين” ، وصححه الألباني في صحيح الترغيب والترهيب (640)]

މާނައީ: “ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެއްޖެމީހާ ޣާފިލުވީ މީހުންގެ ތެރެއިން ނުލިޔުއްވޭ ހުއްޓެވެ. އަދި ރޭގަނޑު ސަތޭކަ އާޔަތް ކިޔަވައިފި މީހަކު ކިޔަމަންތެރިވީ އަޅުންގެ ތެރެއިން ލިޔުއްވޭ ހުއްޓެވެ.”

ތަޤްވާވެރިން ޞިފަކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ.

كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ‎﴿١٧﴾‏ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ‎﴿١٨﴾ [سورة الذاريات]

މާނައީ: “އެބައިމީހުން ނިދާއުޅުނީ ރެގަނޑުން ވަރަށް ކުޑަ ވަޤުތުކޮޅެއްގައެވެ. އަދި ހާރުދަމު ވަޤުތުގައި ފާފަފުއްސެވުމަށް އެދި އެބައިމީހުން ދުޢާ ކުރެއެވެ.”

والله أعلم.

_____________________________

މަޞްދަރު