[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަވީއްލުން ދިނުމުގެ މާތްކަން

الحمد لله.

ޒައިދު ބުނު ޚާލިދު އަލްޖުހަނީ ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

)) مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ، غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا)) [رواه الترمذي (807)، وابن ماجه (1746)، وصححه ابن حبان (8 / 216)، والألباني في  صحيح الجامع (6415)]

މާނައީ: “ރޯދަވެރިއަކަށް ރޯދަވީއްލުމެއް ދީފި މީހަކަށް، ރޯދަވެރިޔާއާ އެއްފަދަ އަޖުރު ހުއްޓެވެ. އެއީ ރޯދަވެރިޔާގެ އަޖުރުން އެއްވެސް މިންވަރެއް އުނިވުމަކާއި ނުލައެވެ.”

ޝައިޚުލް އިސްލާމް ވިދާޅުވެފައިވެއެވެ. “ރޯދަވީއްލުން ދިނުމުގެ މުރާދަކީ އެނާއަށް ފުދޭނެ މިންވަރަށް (ކާން) ދިނުމެވެ.” [الاختيارات (ص: 194)]

މީހުންނަށް ކާންދިނުމަކީ ސަލަފުންގެ ބޭކަލުން ވަރަށް ބޮޑަށް ސަމާލުކަންދެއްވި ކަމެކެވެ. އަދި އެއީ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމުގައި އެބޭކަލުން ދެކެވަޑައިގެންނެވިއެވެ.

ބައެއް ސަލަފުންގެ ބޭކަލުން ވިދާޅުވެފައިވެއެވެ.

“10 މީހުންނަށް ދަޢުވަތުދީގެން ކާންދިނުން، އިސްމާޢީލްގެ ދަރިންގެ ތެރެއިން 10 އަޅުން މިނިވަން ކުރުމަށްވުރެ ތިމަންގެ ގާތުގައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ.”

ސަލަފުންގެ ބޭކަލުންގެ ތެރެއިން ގިނަ ބޭކަލުން، އެބޭކަލުންގެ ރޯދަވީއްލުން އެހެން ބޭކަލުންނަށްޓަކައި ދޫކޮށްލައްވައެވެ. އޭގެ ތެރޭގައި ޢަބްދުﷲ ބުނު ޢުމަރު رضي الله عنهما، ދާވޫދު އައްޠާއީ، މާލިކު ބުން ދީނާރު އަދި އަޙްމަދު ބުނު ޙަންބަލް ހިމެނިވަޑައިގަންނަވައެވެ. އަދި އިބްނު ޢުމަރު، ޔަތީމުންނާއި މިސްކީނުންނާއި އެކު މެނުވީ ރޯދަނުވީއްލަވައެވެ.

އަދި ސަލަފުންގެ ބޭކަލުން ރޯދައަށް ހުންނަވާ ޙާލު އެބޭކަލުންގެ އަޚުންނަށް ކާންދިނުމާއި ޚިދުމަތް ކުރެއްވުމުގައި ތިއްބަވައެވެ. އޭގެ ތެރޭގައި އަލްޙަސަން އަދި އިބްނުލް މުބާރަކު ހިމެނިވަޑައިގަންނަވައެވެ.

އަބޫ އައްސިވާރު އަލްޢަދަވީ ވިދާޅުވެފައިވެއެވެ.

“ބަނޫ ޢަދީގެ ފިރިހެނުން ނަމާދުކޮށްއުޅުނީ މި މިސްކިތުގައެވެ. އޭގެ ތެރެއިން އެއްވެސް މީހަކު އެކަނި ރޯދަނުވީއްލައެވެ. އެކީ ރޯދަވީއްލާނެ މީހަކުވެއްޖެނަމަ ރޯދަވީއްލަނީ އެމީހަކާ އެކުއެވެ. ނޫންނަމަ ކާއެއްޗެހި ހިފައިގެން މިސްކިތަށް އައިސް މީސްތަކުންނާއެކު ކައިބޮއި އުޅެއެވެ. އަދި މީސްތަކުން އެމީހުންނާއެކު އެވެ.”

މީސްތަކުންނަށް ކާންދިނުމުގެ އަޅުކަމަކީ އޭގެ ސަބަބުން ގިނަ އެހެން އަޅުކަންތަކަކަށް މަގުފަހިކުރުވާ ކަމެކެވެ. އޭގެ ތެރޭގައި ކާއެތި ދެވޭ މީހުންނާމެދު ލޯތްބާއި ރަޙްމަތްތެރިކަން އުފެދުން ހިމެނެއެވެ. ފަހެ މީގެ ސަބަބުން ސުވަރުގެ ވަނުމަށް މަގުފަހިވެގެންދެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

«لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا» [رواه مسلم (54)]

މާނައީ: “ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަ ހުށްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކުދެކެ ލޯބި ވެއްޖައުމަށް ދާންދެން އީމާންވިކަމުގައި ނުވާނެއެވެ.”

އަދި ހަމަ އެހެންމެ ޞާލިޙުންނާއި އެއް މަޖިލީހެއްގައި އިށީނުމާއި އަދި ތިބާގެ ކާތަކެތިން ލިއްބައިދޭ ބާރުގެ ސަބަބުން އެމީހުންނަށް އަޅުކަންތައްތައް ކުރުމުގައި ވާޤިވެރިވެ، އެކަމުން ތިބާއަށް އަޖުރު ޙާޞިލުވުން ހިމެނެއެވެ.


ލިޔުމުގެ އަޞްލު