މުރުތައްދުވުމުގެ ނުރައްކާތެރިކަން
އިސްލާމީ މުޖުތަމަޢަށް ހުރި ގެއްލުން
ޝަރުޢީ ޞައްޙަ ދަލީލުތަކުންނާއި ފެންނަން ހުރި ހެކިތަކުން އެނގިބަޔާންވެގެންވާ ގޮތުގައި އިސްލާމްދީން ފިޔަވައި ޙައްޤު ދީނެއް ނުވެއެވެ. މި ދީނަށް މީހަކު ވަދެ ދީނުގެ ކަންކަން ފުރިހަމައަށް އެނގި، މި ދީނުގެ ފޮނިކަމާއި މީރުކަން ލިބި މިދީނުގެ ޢަދުލުވެރިކަމާއި ތެދުކަން އެނގި އަދި އޭނާގެ ޙަޔާތަށް މި ދީނުން ނޫރު ލިބިގެން ދިއުމަށްފަހު މި ނޫރުން އެއްކިބާވެ، އަނދިރިކަމާއި ޢަޛާބުގެ ތެރެއަށް ވެއްޓިގަތުމީ ބޮޑުވެގެންވާ އަނިޔާއެއްކަން ކަށަވަރެވެ. އެއީ އޭނާގެ ނަފްސަށާއި އޭނާ ދިރިއުޅޭ އިސްލާމީ މުޖުތަމަޢުގެ އިތުރުން މުޅި އިސްލާމީ އުއްމަތަށް އޭނާ ދިން ނުރައްކަލުގެ މެސެޖެއްކަމުގައި މެނުވީ ނުވާނެއެވެ.
މުސްލިމުން އެބައިމީހުންގެ ދީނުން ބޭރުކުރުމަށް ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އުޅުނު ޔަހޫދީންގެ ބަޔަކު ރޭވިއެވެ. ފަހެ އެމީހުން ރޭވީ ދުވާލުގެ ކުރީކޮޅުގައި އިސްލާމްދީނަށް ވަދެފައި، ދުވާލުގެ ފަހު ކޮޅު އިސްލާމްދީން ދޫކޮށް ދިޔުމަށެވެ. އެބައިމީހުންގެ އެޢަމަލު ކީރިތި ޤުރުއާނުގެ ނައްޞުން ޘާބިތުވެއެވެ. އެފަދަ މީހުންގެ މަޤްޞަދަކީ މުސްލިމުންނަށް އެބައިމީހުންގެ ދީން ދޫކޮށްލުމަށް ހިތްވަރު ދިނުމެވެ. އެހެންކަމުން މުރުތައްދުވާ މީހާގެ މައްޗަށް ރިއްދާގެ ޙައްދު ޤާއިމުކުރުމުން، އެފަދަ ރޭވުންތައް ރާވާ މީހުންނަށް އެ މަގު ބަންދުވެގެން ދެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَقَالَت طَّائِفَةٌ مِّنْ أَهْلِ الْكِتَابِ آمِنُوا بِالَّذِي أُنزِلَ عَلَى الَّذِينَ آمَنُوا وَجْهَ النَّهَارِ وَاكْفُرُوا آخِرَهُ لَعَلَّهُمْ يَرْجِعُونَ﴾ [سورة آل عمران ٧٢]
މާނައީ: “އަހުލުކިތާބީންގެ ތެރެއިން ބަޔަކު (އެއުރެންގެ އަނެއްބަޔަކާ ދިމާޔަށް) ބުންޏެވެ. އީމާންވި މީހުންނަށް ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) ދުވާލުގެ ކުރީކޮޅުގައި ތިޔަބައިމީހުން އީމާންވާށެވެ! ދެން، އެދުވަހުގެ ފަހުކޮޅުގައި ތިޔަބައިމީހުން (އެޔަށް) ކާފިރުވާށެވެ! އެއީ އެއުރެން (އެބަހީ: މުއުމިނުން އެއުރެންގެ ދީނުން) އެނބުރި ރުޖޫޢަވޭތޯއެވެ.”
އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ.
“މިއީ އީމާންކަން ބަލިކަށި މީހުންނަށް އޮޅުވާލަންވެގެން އެބައިމީހުން ރޭވި ރޭވުމެކެވެ. އެހެނީ އެބައިމީހުން (އެބަހީ: ޔަހޫދީން)، އެބައިމީހުންގެ މެދުގައި މަޝްވަރާކުރީ ދުވާލުގެ ކުރީކޮޅުގައި އީމާންކަން ފާޅުކުރާށެވެ. އަދި މުސްލިމުންނާއެކު ފަތިސްނަމާދުކުރާށެވެ. އަދި ދުވާލުގެ ފަހުކޮޅު އައުމުން އެމީހުން އެނބުރި އެމީހުންގެ ދީނަށް ރުޖޫޢަވުމަށެވެ. އޭރުން ޖާހިލުން ބުނާނެއެވެ. އެބައިމީހުން، އެބައިމީހުންގެ ދީނަށް އެނބުރި ރުޖޫޢަ އެވީ އިސްލާމްދީނުގައި ހުރި ޢައިބެއް އެބައިމީހުންނަށް ފެނުނީމައެވެ.” [1]
ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ.
“މުރުތައްދުވާ މީހާ ޤަތުލުކޮށްލުން އެބޭފުޅާގެ އަރިހުގައި ހުއްދަވެގެން ވެއެވެ.–- އެބަހީ: އެމީހާ ޤަތުލުކޮށްލުން އިމާމު އަޙްމަދުގެ އަރިހުގައި ހުއްދަވެގެން ވެއެވެ. – [2] އެއީ އީމާންކަމަށް ފަހުގައި ކާފިރުވެގަތުމުގެ ސަބަބުންނެވެ. އަދި އެއީ ކުފުރުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެއްވެސް މެއެވެ. އެހެނީ އޭނާ ޤަތުލުކޮށް ނުލައިފިނަމަ މި ދީނުގައި ދެން ތިބި ބަޔަކު މި ދީނުން ބޭރުވެގަނެފާނެއެވެ. އެހެންކަމުން އޭނާ ޤަތުލުކޮށްލުމީ މި ދީނާއި މި ދީނުގެ އަހުލުވެރިންނަށް ހުރި ޙިމާޔަތެކެވެ. ދެން ފަހެ އެކަމުގެ ސަބަބުން، މި ދީނުން މީސްތަކުން ނުކުމެގެން ދިއުމާއި އުނިކަންލިބުމުގެ މަގު ބަންދުވެގެންދެއެވެ.” [3]
[1] تفسير ابن كثير (2/ 59).
[2] އެއީ ރިއްދާގެ ޝަރުޠުތައް ހަމަވެ، އެމީހެއްގެ މައްޗަށް މުރުތައްދުގެ ޙުކުމް ޘާބިތުވުމުން ޙާކިމާ ތަންފީޒުކުރަން ޖެހޭ ޙުކުމެކެވެ.
[3] الردة عن الإسلام وخطرها على العالم الإسلامي. ص: 31.