[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނޭވާހިއްލުމަށް ފަރުވާކުރުމަށް ބޭނުންކުރާ އެކި ބާވަތުގެ ބޭސް ރޯދައަށް ހުރެ ބޭނުންކުރުމުގެ ޙުކުމް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ނޭވާހިއްލުމަށް ފަރުވާކުރުމަށް ގިނަ ވައްތަރުތަކެއްގެ ބޭސް ބޭނުންކުރެއެވެ. އޭގެ ތެރެއިން ބައެއް ބޭސްތަކުން ރޯދަ ގެއްލޭއިރު އަނެއްބައި ބޭސްތަކުން ރޯދައެއް ނުގެއްލެއެވެ. އެގޮތުން އެކަމަށް ފަރުވާކުރުމަށް ބޭނުންކުރާ އެންމެ ފާހަގަކޮށްލެވޭ ބޭސްފަރުވާތަކުގައި ހިމެނެނީ ޕަފަރ (puffers) އާއި އޮކްސިޖަން (oxygen) އާއި ނެބިއުލައިޒަރ (nebulizers) އާއި ކެޕްސޫލް (capsules) އެވެ.

 

ޕަފަރ

ޕަފަރގައި ބޭނުންކުރަނީ ނޭވާލާ ހޮޅިން ބަލިމީހާގެ ފުއްޕާމެއާ ހަމައަށް ފޮނުވާލާ ގޭހެކެވެ. މިއީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫނެވެ. ނުވަތަ އެއާ ވައްތަރު އެއްޗެއްވެސް ނޫނެވެ. ސުޢޫދީ ޢަރަބިއްޔާގެ اللجنة الدائمة ގެ ޢިލްމުވެރިން ފަތުވާދީފައިވަނީ މިފަދަ ބޭހުން ރޯދަ ނުގެއްލޭނެކަމަށެވެ.

 

އޮކްސިޖަން

އޮކްސިޖަނާމެދު ދަންނައެވެ. އެއީ ކާ އެއްޗެއް ނުވަތަ ބޯ އެއްޗެއް ނޫނެވެ. އެހެންކަމުން އޮކްސިޖަން ބޭނުންކުރުމުން ރޯދައެއް ނުގެއްލޭނެއެވެ.

 

ނެބިއުލައިޒަރ

ނެބިއުލައިޒަރއާމެދު ދަންނައެވެ. މިއީ ޢާންމުގޮތެއްގައި ދިޔާ ބޭހެއް ގޭހަށް ބަދަލުކޮށްލާ އާލަތެކެވެ. ގިނަ ފަހަރު މި ބޭސް ހުންނަނީ ސޯޑިއަމް ބޭސް (sodium base) އެއްގައެވެ. މި ބޭސް އެ އާލަތަށް (device އަށް) އެޅުމަށް ފަހު އެ ޖެއްސުމުން ވަރަށް ބާރަށް ވައި ފޮނުވާލައި އެ ބޭސް ގޭހަށް ބަދަލުކޮށްލައެވެ. ދެން އަނގަމަތީ އަޅާ މާސްކެއް ނުވަތަ އަނގައަށް ލައްވާ ހޮޅިއެއްގެ ޒަރީޢާއިން ބަލިމީހާގެ ނޭވާލާ ނިޒާމަށް އެބޭސް ފޮނުވާލައެވެ.

މި ޙާލަތުގައި ފެނާއި ލޮނު ތިކިތައް ބަނޑާ ހަމައަށް ވާސިލު ނުވެ ނުދާނެއެވެ. އަދި ބަލިމީހާއަށް އެކަން ނުވެސް ހުއްޓުވޭނެއެވެ. އެހެންކަމުން ރޯދައަށް ހުރެ މިފަދަ ބޭހެއް ބޭނުންކޮށްފިނަމަ އޭނާގެ ރޯދަ ގެއްލޭނެއެވެ. އަދި އެހެން ދުވަހަކު އެ ރޯދަ ޤަޟާކުރަން ޖެހޭނެއެވެ.

 

ކެޕްސޫލު

ކެޕްސޫލުގައި ބޭސް ހުންނަނީ ހިމުން ކުޑިތަކެއް ގޮތަށެވެ. އެކަމަށް ޚާއްޞަކޮށްފައިވާ އާލަތުން މި ކެޕްސޫލް ފުނޑުފުނޑުކޮށްލާ އޭގެ ތެރޭގައި ހުރި ބޭސްތައް ދޫކޮށްލައެވެ. ދެން މި ބޭސްތައް ބަލިމީހާގެ އަނގައިން އެތެރެއަށް ދަމާލައެވެ. ރޯދައަށް ހުރެ މިފަދަ ކެޕްސޫލް ބޭނުންކުރުމުން އޭނާގެ ރޯދަ ގެއްލޭނެއެވެ. އެއީ އެ ކުނޑިތައް ކުޅާއެކުވެ ބަނޑަށް ވާސިލުވާތީއެވެ.

 

އައްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله އާ ސުވާލުދެންނެވުނެވެ.

ބައެއްމީހުން ނޭވާހިއްލުމުން ރޯދައަށް ހުރެ ޕަފަރ ބޭނުންކުރަން ޖެހެއެވެ. މިކަމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ.

“ބައެއްމީހުންނަށް ނޭވާލުމަށް ދަތިވާ ޙާލަތެއް ކުރިމަތިވެއެވެ. އެއަށް މި ކިޔަކީ ނޭވާހިއްލުމެވެ. – އަޅަމެންނާއި އެފަދަ މީހުންނަށް ﷲ، ހެޔޮ ޞިއްޙަތާއި ޢާފިޔަތު ދެއްވާށިއެވެ! – ފަހެ، މިކަމަށް ދެ ވައްތަރެއްގެ ބޭސް ބޭނުންކުރެއެވެ.

އެއް ބޭހަކީ: ކެޕްސޫލްއެވެ. މިއިން ރޯދަ ގެއްލޭނެއެވެ. އެއީ މި ބޭހަކީ ކުނޑިތަކެއް ގޮތަށް ހުންނަ، ބަނޑަށް ވާސިލުވާ އެއްޗަކަށް ވުމުންނެވެ. ޟަރޫރީ ޙާލަތެއްގައި މެނުވީ ރޯދަވެރިޔަކު މިފަދަ ބޭހެއް ބޭނުންކޮށްގެން ނުވާނެއެވެ. ޟަރޫރީ ޙާލަތެއްގައި މިބޭސް ބޭނުންކޮށްފިނަމަ، އޭނާގެ ރޯދަ ގެއްލޭނެއެވެ. އެދުވަހުގެ ބާކީބައި އޭނާ ކައިބޮއެ ހަދާނީއެވެ. އަދި އެދުވަހުގެ ރޯދަ ފަހުން އެހެން ދުވަހެއްގައި ޤަޟާކުރާނީއެވެ. އަދި މިބަލީގައި އެފަދަ ޙާލަތު އަބަދު އަބަދު ދިމާވާ މީހަކު ނަމަ، އޭނާ ކަންތައްކުރާނީ އުމުރުން ދުވަސްވެ މުސްކުޅިބަލީގައިވާ މީހާ ފަދައިންނެވެ. އެއީ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމެވެ. އެފަދަ މީހަކު ރޯދަހިފުން ވާޖިބެއް ނޫނެވެ.

ދެވަނަ ވައްތަރަކީ: ނޭވާހިއްލުމަށް ފަރުވާކުރުމަށް ބޭނުންކުރާ ގޭހެކެވެ. މީގައިވަނީ ހަމައެކަނި ވައެކެވެ. (އޮކްސިޖަންއެވެ.) އެވައިން ބަލިމީހާގެ ނޭވާލާ ނިޒާމުގެ ހުޅުވާލަދެއެވެ. އަދި އޭނާއަށް ނޭވާލުމަށް ފަސޭހަވެއެވެ. މިއިން ރޯދައެއް ނުގެއްލޭނެއެވެ. ރޯދަވެރިޔާއަށް މި ބޭނުންކުރެވިދާނެއެވެ. އަދި އޭނާގެ ރޯދަ ޞައްޙަވާނެއެވެ.”

[مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (19 / 210)، السؤال رقم: (159)]

އަދިވެސް ޝައިޚާ ސުވާލުދެންނެވުނެވެ.

ނޭވާހިއްލާމީހަކަށް އޮކްސިޖަން ގުޅައިގެން މެނުވީ ޤުރުއާން ނުކިޔެވެއެވެ. އޭނާއަށް ރޯދަމަހު ދުވާލު އޮކްސިޖަން ގުޅިދާނެ ހެއްޔެވެ؟

ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ.

“އޮކްސިޖަން ބޭނުންކުރުން ޟަރޫރީ ޙާލަތެއް ނުވާނަމަ އެންމެ ރަނގަޅީ އޮކްސިޖަން ބޭނުން ނުކުރުމެވެ. ރޯދައަށް ހުރެ އޮކްސިޖަން ގުޅައިގެން މެނުވީ ޤުރުއާން ނުކިޔެވޭނަމަ އޭނާ އެކަންކުރުމަށް އޮކްސިޖަން ގުޅާކަށް ނުޖެހޭނެއެވެ. ނަމަވެސް ބައެއް ބަލިމީހުން ބުނެއެވެ. “އަހަރެންނަށް މި ބޭނުންކުރުން ހުއްޓާލެވޭކަށް ނެތެވެ. އަހަރެން މި ބޭނުން ނުކުރާނަމަ ނޭވާ ނުލެވިދާނެކަމުގެ ބިރު އެބައޮތެވެ.” ފަހެ، އަޅުގަނޑުމެން ބުނަމެވެ. މި ޙާލަތުގައި އޮކްސިޖަން ބޭނުންކުރުމުގައި މައްސަލައެއް ނެތެވެ… މިއީ ނޭވާލާން ފަސޭހަކޮށްދޭ އެއްޗެކެވެ. އެހެންކަމުން މި ބޭނުންކުރުމުގައި މައްސަލައެއް ނެތެވެ.

ނަމަވެސް ނޭވާހިއްލާ މީހުން ބޭނުންކުރާ ބޭސް ގުޅައެއް (ކެޕްސޫލެއް) ހުރެއެވެ. އޭގައި ހުންނަނީ ކުނޑިއެކެވެ. ވާޖިބު ރޯދައެއް ހިފާ މީހާ، މި ބޭސް ބޭނުންކުރުން ހުއްދައެއް ނުވާނެއެވެ. އެއީ މި ބޭސް ކުޅާ އެކުވެ ބަނޑަށް ވާސިލުވާތީއެވެ. މި ޙާލަތުގައި ރޯދަ ގެއްލޭނެއެވެ. މަޖުބޫރުވެގެން ރޯދަވެރިޔަކު މިބޭސް ބޭނުންކޮށްފިނަމަ އޭނާގެ ރޯދަ ގެއްލޭނެއެވެ. އަދި އޭނާ ފަހުން އެ ރޯދަ ޤަޟާކުރާނީއެވެ. އަބަދު އަބަދު މިފަދަ ބޭހެއް ބޭނުންކުރަން މަޖުބޫރުވެފައިވާ މީހާ ރޯދަ ނުހިފާ، ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭނީއެވެ. والله أعلم.”

[مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (19 / 212 – 213)، السؤال رقم: (163)]

____________________

މަޞްދަރު