[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫނު ބުރުގާ: އިސްލާމްދީނުގެ މަތިވެރި ޝިޢާރެއް – 9

އަންހެނުންނަށް މިނިވަންކަން ހޯދައިދިނުމުގެ ނަމުގައި ފެށުނު ހަރަކާތްތަކުގެ މިސްރާބު ބަދަލުވަމުންދާ ގޮތް

 

އަންހެނުންނާ ގުޅުންހުރި ކަންކަމުގެ ނަމުގައި މިބައިމީހުން ފެށި މަސައްކަތް މިވަނީ އެހެން ހަރުފަތަކަށް ގެންގޮސްފައެވެ. އެއީ އިސްލާމީ އުންމަތް ފަސާދަކުރުމުގެ މަސައްކަތެވެ. އެގޮތުން ޢާންމު ދިރިއުޅުމުގެ ކަންކަމާއި ޚަބަރުފަތުރާ ވަސީލަތްތަކުގައާއި ތަޢުލީމު އުނގެނުމުގެ ތެރެއިންނާ އަދި ވަޒީފާގެ މާހައުލުގައިވެސް މިބައިމީހުންގެ މަސައްކަތްތައް ފެނެއެވެ.

 

މި ލިޔުމުގައި އެބައިމީހުން ގޮވާލާ ބައެއް ކަންކަމުގެ މިސާލުތަކަށް އަލިއަޅުވާލާނަމެވެ.

 

* ޢާންމު ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން:

– މޫނު ކަޝްފުކުރުމަށް ގޮވާލުން. މިއީ އަންހެނާގެ ޙިޖާބު އޭނާގެ މުޅި ހަށިގަނޑުން ބޭލުމަށް ޙާލުގެ ދުލުން ގޮވާލެވޭ ގޮވާލުމެކެވެ. އެގޮތުން މުސްލިމު އަންހެނުން މިއަދު އަޅާ ހެދުންތައް ވެގެންގޮސްފައިވަނީ އޭގެ ޒާތުގައިވެސް ފިތުނަވެރި ހެދުންތަކަކަށެވެ. އެބައިމީހުންގެ ހެދުންތައް ދަނީ ކުރުވަމުންނެވެ. އަދި ހަށިގަނޑުގެ ވަނާތައް ފާޅުވެ، ގަޔަށް ބާރުވަމުންނެވެ. އަދި ތުނިވެގެންގޮސް މުޅި ހަށިގަނޑު ފެންނަފަދައެވެ. މީގެ އިތުރުން ފިރިހެނުންގެ ހެދުމާ އެއްގޮތަށް އަދި ކާފިރުންގެ ހެދުމާ އެއްގޮތަށް ހެދުން އަޅަންވެސް ފަށައިފިއެވެ.

– ގެތަކުގައި އަދި ޢާންމު ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ހިލޭ ފިރިހެނުންނާ މަސްހުނިވުން.

– ދިރިއުޅުމުގެ ހުރިހާކަމެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަން ޖެހޭނެކަމަށް ގޮވާލުން. މިއީ މަގުތަކުގައާއި ޢާންމު ތަންތަނުގައި އަންހެނުން ޒީނަތްތެރިކަން ފާޅުކޮށް މޫނު ކަޝްފުކުރުމަށް މަގުފަހިވާ ކަމެކެވެ.

– ޢިޖުތިމާޢީ ކަންކަމާއި ކޮމިޓީތަކާއި ބޯޑުތަކާއި މަޖުލިސްތަކާއި ހަފްލާތަކާ އަދި މިނޫންވެސް މިފަދަ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އޮންނަން ޖެހޭނެކަމަށް ގޮވާލުން. މިއީ އަންހެނުން ޒީނަތްތެރިވެ ސެންޓު ޖަހައިގެން ފިރިހެނުން ތެރެއަށް ނުކުތުމަށް ގޮވާލެވޭ ގޮވާލުމެކެވެ. އަދި ހިލޭ ފިރިހެނުންނާ މަސްހުނިވެ އަތާ އަތް ޖޯޑުކޮށް ސަލާމްކުރުން ފަދަ ކަންކަން ޢާންމުވާ ސަބަބެކެވެ.

– އަންހެނުން އެބައިމީހުންގެ މަޙްރަމުންގެ ބެލުމުގެ ދަށުން ނެރެ މިނިވަންކުރުން. އެގޮތުން މަޙްރަމަކާ ނުލާ ދަތުރުކުރެވެން ޖެހޭނެކަމަށާއި މަޙްރަމެއް ނެތިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ތަޢުލީމު ޙާޞިލުކުރެވެން ޖެހޭނެކަމަށް މިބައިމީހުން ބުނަމުން ދެއެވެ.

– ހިލޭ ފިރިހެނުންނާއެކު އެކަހެރިވުން. ކައިވެނިކުރުމަށް ޚިޠުބާކުރެވިފައިވާ ދެ މީހުން އެކަނި ބައްދަލުކޮށް ސަލާންގަލާން ކޮށްއުޅުމަކީ މައްސަލައެއް ނޫން ކަމަށް މިބައިމީހުން ދެކެއެވެ. ނަމަވެސް މިފަދައިން ހުޅުވޭ ދޮރުތަކަކީ އެއަށްވުރެ ބޮޑު ފިތުނައަކަށް މަގުފަހުކުރުވާ ކަންކަމެވެ.

– ކުޅިވަރުތަކަށް އަންހެނުން ނެރުމަށް ގޮވާލުން. އެގޮތުން ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންގެ ޓީމުތައް ހަދާ ފުޓުބޯޅަ މުބާރަތްތަކާއި އެހެނިހެން މުބާރާތްތައް ބޭއްވުމަށް ގޮވާލައެވެ. އަދި ޢާންމު ތަންތަނުގައި އެއްވެސް ލަދުވެތިކަމެއް ނެތި، ހިލޭ ފިރިހެނުންގެ ކުރިމަތީގައި އެފަދަ ކުޅިވަރުތައް ކުޅެ އުޅެއެވެ. އަދި ހިލޭ ފިރިހެނުންނާ މަސްހުނިވެގެންވެސް ބައެއް ކުޅިވަރުތައް މިހާރު ކުޅެ އުޅެއެވެ.

 

* ޚަބަރުފަތުރާ ވަސީލަތްތަކުގައި:

– ނޫސް މަޖައްލާތަކުގައި އަންހެނުންގެ ފޮޓޯ ޖެހުން.

– ޒީނަތްތެރިކަން ފާޅުކޮށް ޓީވީ ޕްރޮގްރާމުތަކަށް އެރުން.

– ދެ ޖިންސި މަސްހުނިވެ ފިލްމު ކުޅުން.

 

* ތަޢުލީމު އުނގެނުމުގެ ތެރެއިން:

– ދެ ޖިންސު އެއްކޮށްގެން ކިޔަވައި ދިނުން.

– އެއްވެސް ޟަރޫރަތަކާ ނުލާ ފިރިހެނުން އަންހެނުންނަށް ކިޔަވައިދިނުން އަދި އަންހެނުން ފިރިހެނުންނަށް ކިޔަވައިދިނުން.

– ފިރިހެން ކުދިންނެކޭ އެއްފަދައިން އަންހެން ކުދިން ލައްވާވެސް ސްކޫލުތަކުގައްޔާއި ޢާންމުތަންތަނުގައި ފުޓުބޯޅަފަދަ ކުޅިވަރުތައް ކުޅުވުން.

 

* ވަޒީފާގެ މާހައުލުގެ ތެރެއިން:

– ފިރިހެނުންނާ އެއްވެސް ތަފާތުކުރުމެއް ނެތި އަންހެނުންނަށްވެސް ހުރިހާ ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލުން.

– އަސްކަރިއްޔާގައި ފިރިހެނުންނާ އެއް ހަމައެއްގައި އަންހެނުންނަށްވެސް ފުރުސަތު ދިނުމަށް ގޮވާލުން.

– ޝަރުޢީ ދާއިރާގައި ފިރިހެނުންނާ އެއް ހަމައެއްގައި އަންހެނުންނަށްވެސް ފުރުސަތު ދިނުމަށް ގޮވާލުން. އެގޮތުން ޤާޟީކަމަށް އަންހެނުން އިސްކުރުން ހިމެނެއެވެ. އަދި އިސްލާމްދީނުގައި އަންހެނުންނަށް އަދާ ނުކުރެވޭނެކަމަށް ކަނޑައަޅުއްވާފައިވާ މަޤާމުތަކަށް އަންހެނުން ނެރެ، ދީނީ ގޮތުން އެއީ މައްސަލައެއް ނޫންކަމަށް ދެއްކުމަށް އެބައިމީހުންނަށް ތަބާވާ ޢިލްމުރިން ލައްވާ ދަރުސްދީ، ފޮތްތަކާއި ލިޔުންތައް ލިޔުއްވުން ހިމެނެއެވެ. އަދި އެފަދަ ކަންކަމާމެދު ދީނުގައި އައިސްފައިވާ ނައްޞުތައް ތައުވީލުކޮށް މާނަ ފުރޮޅައެވެ.

 

މިފަދަ ކަންކަމުގެ ލިސްޓު ވަރަށް ދިގެވެ. މިއީ ނިމުމެއް އޮތް ކަމެއް ނޫނެވެ. ދުޢާއަކީ މިފަދަ މަކަރުވެރިންގެ މަކަރުވެރި ރޭވުންތަކާއި އެބައިމީހުންގެ ނުބައިކަމުން އެންމެހާ މުސްލިމުން ސަލާމަތްކޮށްދެއްވުމެވެ.

 

=ނުނިމޭ=

 


 

މި ލިޔުމުގެ އެހެންބައިތައް