[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުއްތާ ގެންގުޅުމާއި ކުއްތާގެ ނަޖިސްކަމާ ގުޅިފައިވާ ބައެއް ޙުކުމްތައް – 1

މުޤައްދިމާ

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ކުއްތާއަކީ ނަޖިސް އެއްޗެއްކަން ވަރަށް ގިނަ މުސްލިމުން ދަނެއެވެ. އަދި ކުއްތާ އެއްޗެއްގައި ދޫލައިފިނަމަ އެ އެއްޗެއް ހަތް ފަހަރު ދޮންނަން ޖެހޭކަންވެސް އެނގެއެވެ.

އެހެނަސް ހުޅަނގުގެ ޤައުމުތަކުގައި ކުއްތާއަށް ދީފައިވާ ޤަދަރާ އަދި އެއާމެދު އެބައިމީހުން ބަހައްޓާ ގާތްކަން ފެނި ބައެއް މުސްލިމުންވެސް އެއާމެދު ޝައުޤުވެރިވާ ގޮތް ވެއެވެ. އަދި އޭގެ ކުޅަދާނަކަމުގެ ޢަޖައިބުކުރަނިވި މަންޒަރުތައް ފެނި، ބައެއް މުސްލިމުންވެސް އެ ގެންގުޅުމަށް ބޭނުންވެއެވެ.

މި ލިޔުމުގައި އަލިއަޅުވާލާނީ ކުއްތާއާ ގުޅުން ހުރި ބައެއް ޙުކުމްތަކަށާއި އޭގެ ދަލީލުތަކަށާއި އެކަމާ ގުޅޭ ގޮތުން ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކަށެވެ.

 

 

ފުރަތަމައީ: ކުއްތާ ގެންގުޅުމުގެ ޙުކުމް

 

ކުއްތާ ގެންގުޅުމަކީ ޙަރާމްކަމެކެވެ. މައިމޫނާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ.

أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَصْبَحَ يَوْمًا وَاجِمًا، فَقَالَتْ مَيْمُونَةُ: يَا رَسُولَ اللهِ، لَقَدِ اسْتَنْكَرْتُ هَيْئَتَكَ مُنْذُ الْيَوْمِ، قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ جِبْرِيلَ كَانَ وَعَدَنِي أَنْ يَلْقَانِي اللَّيْلَةَ فَلَمْ يَلْقَنِي، أَمَ وَاللهِ مَا أَخْلَفَنِي»، قَالَ: فَظَلَّ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَهُ ذَلِكَ عَلَى ذَلِكَ، ثُمَّ وَقَعَ فِي نَفْسِهِ جِرْوُ كَلْبٍ تَحْتَ فُسْطَاطٍ لَنَا، فَأَمَرَ بِهِ فَأُخْرِجَ، ثُمَّ أَخَذَ بِيَدِهِ مَاءً فَنَضَحَ مَكَانَهُ، فَلَمَّا أَمْسَى لَقِيَهُ جِبْرِيلُ، فَقَالَ لَهُ: «قَدْ كُنْتَ وَعَدْتَنِي أَنْ تَلْقَانِي الْبَارِحَةَ»، قَالَ: «أَجَلْ، وَلَكِنَّا لَا نَدْخُلُ بَيْتًا فِيهِ كَلْبٌ وَلَا صُورَةٌ» [رواه مسلم 82 – (2105)]

މާނައީ: “ހަމަކަށަވަރުން އެއްދަވަހަކު ﷲ ގެ ރަސޫލާ صلى الله عليه وسلم ވަރަށް ކަންބޮޑުވެވަޑައިގަންނަވާފައި ހުންނެވިއެވެ. ފަހެ، މައިމޫނަތުގެފާނު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! މިއަދު ކަލޭގެފާނު ތިޔަ ހުންނެވީ ޢާންމުކޮށް ފެންނަ ގޮތަކަށް ނޫނެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ރޭގައި ތިމަންކަލޭގެފާނާ، ޖިބްރީލުގެފާނު ބައްދަލުކުރައްވާނެކަމުގެ ވަޢުދުވެވަޑައިގެންނެވިއެވެ. ﷲ ގަންދީ ޙަދީޘްކުރައްވައެވެ. އެކަލޭގެފާނު ދުވަހަކުވެސް (ވަޢުދާ) ޚިލާފުވެވަޑައި ނުގަންނަވައެވެ. ދެން އެދުވަހު އެއްކޮށް އެގޮތުގައި އެކަލޭގެފާނު ހުންނެވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ހިތްޕުޅަށް އަރައިވަޑައިގަތީ އެކަލޭގެފާނުގެ ޓެންޓެއްފަދަ އެއްޗެއްގެ ތެރޭގައިވާ ކުޑަކުއްތާއެއް އުޅުނު ހަނދާނެވެ. ފަހެ އެ ނެރުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. ދެން އެކަލޭގެފާނުގެ އަތްޕުޅުން ފެންފޮދެއް ނަންގަވާފައި އެތަން ދޮވެލެއްވިއެވެ. ހަވީރުވުމުން ޖިބްރީލުގެފާނު ވަޑައިގެންނެވިއެވެ. ފަހެ ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ރޭގައި ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަންނަވާނެކަމުގެ ވަޢުދުވެވަޑައިގެންނެވީމުއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އާދޭހެވެ. އެހެނަސް އެ ގެއެއްގައި ކުއްތާއެއް ނުވަތަ ޞޫރައެއްވާ ގެއަކަށް ތިމަންބޭކަލުން (އެބަހީ: މަލާއިކަތުން) ވެދެވަޑައި ނުގަންނަވަމެވެ.”

އަދިވެސް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنِ اقْتَنَى كَلْبًا، لَيْسَ بِكَلْبِ مَاشِيَةٍ، أَوْ ضَارِيَةٍ، نَقَصَ كُلَّ يَوْمٍ مِنْ عَمَلِهِ قِيرَاطَانِ» [رواه البخاري (5480)] 

މާނައީ: “ޖަނަވާރުތައް ބެލެހެއްޓުމަށްޓަކައި ނުވަތަ ޝިކާރަކުރުމަށްޓަކައި މެނުވީ، ކުއްތާއެއް ގެންގުޅޭ މީހާ ދަންނައެވެ. އޭނާ ކުރާ (ހެޔޮ) ޢަމަލުން ކޮންމެ ދުވަހަކު ދެ ޤީރާޠު މަދުވަމުން ދާނެއެވެ.”

މިއީ ޙާޖަތަކާ ނުލާ ކުއްތާ ގެންގުޅުމުގެ ޢުޤޫބާތެވެ.

ޤީރާޠަކީ އަޖުރާއި ޘަވާބުގެ ބޮޑު މިންވަރެކެވެ. އަދި އެ މިންވަރުގެ ޘަވާބު އުނިވާކަން ބަޔާންކުރައްވާފައިވުމުން، އޭގެން ދަލީލު ކުރަނީ އެކަމުގެ ޙަރާމްކަމަށެވެ.

 

 

ދެވަނައީ: ކުއްތާ ގެންގުޅުމަށް ހުއްދަ ދެއްވާފައިވާ ބައެއް ޙާލަތްތައް

 

ވަރަށް މަދު ޙާލަތެއްގައި މެނުވީ ކުއްތާ ގެންގުޅުން އިސްލާމްދީނުގައި ހުއްދަކުރައްވާފައި ނުވެއެވެ.

އެ ޙާލަތްތަކަކީ:

– ޝިކާރަކުރުމުގައި ބޭނުން ކުރުން

– ދަނޑުތައް ބަލެހެއްޓުން

– ގެރިބަކަރި ފަދަ ޖަނަވާރުތައް ރައްކާތެރިކުރުން

 

 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنِ اقْتَنَى كَلْبًا، لَيْسَ بِكَلْبِ مَاشِيَةٍ، أَوْ ضَارِيَةٍ، نَقَصَ كُلَّ يَوْمٍ مِنْ عَمَلِهِ قِيرَاطَانِ» [رواه البخاري (5480)] 

މާނައީ: “ޖަނަވާރުތައް ބެލެހެއްޓުމަށްޓަކައި ނުވަތަ ޝިކާރަކުރުމަށްޓަކައި މެނުވީ، ކުއްތާއެއް ގެންގުޅޭ މީހާ ދަންނައެވެ. އޭނާ ކުރާ (ހެޔޮ) ޢަމަލުން ކޮންމެ ދުވަހަކު ދެ ޤީރާޠު މަދުވަމުން ދާނެއެވެ.”

އަދި ބައެއް ރިވާޔަތްތަކުގައި ދަނޑުތައް ބަލަހައްޓާ ކުއްތާވެސް އިސްތިޘްނާ ކުރައްވާފައިވެއެވެ. [1]

އަދި މިކަންކަމަށް ޤިޔާސްކުރައްވާފައި، ބޮޑެތި މަޞްލަޙަތު ހުރި ކަންކަމުގައިވެސް ކުއްތާ ބޭނުން ކުރެވިދާނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ މިސާލަކަށް ފުލުހުން މަސްތުވާތަކެތި ހޯދުމަށް ކުރާ މަސައްކަތުގައި އެ ބޭނުންކުރުމެވެ. [2]

 

= ނުނިމޭ =

 


 

[1] ބައްލަވާ: صحيح مسلم 56 – (1574).

[2] ބައްލަވާ: شرح صحيح مسلم للنووي (10 / 340).

 

މި ލިޔުމުގެ އެހެން ބައިތައް