[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުއްތާ ގެންގުޅުމާއި ކުއްތާގެ ނަޖިސްކަމާ ގުޅިފައިވާ ބައެއް ޙުކުމްތައް – 2

ތިންވަނައީ: ކުއްތާގެ ނަޖިސްކަން

 

ކުއްތާގެ ނަޖިސް 7 ފަހަރު ދޮވެގެން ނޫނީ ޠާހިރު ނުވެއެވެ. އޭގެ ތެރެއިން 1 ފަހަރު ވެލިން ސާފުކުރަން ޖެހެއެވެ. ފަހެ އޫރުގެ ނަޖިސްކަންވެސް މިކަމުގައި މި ދަރަޖައަކަށް ނުދެއެވެ.

ފަހެ ކުއްތާގެ ހަޑިކަމާއި ނަޖިސްކަމާ އެކުވެސް ބައެއް މުސްލިމުން، ކާފިރުންގެ ދަޅަތަކަށް ހެއްލި، އެއްވެސް ޙާޖަތެއް ނެތި ކުއްތާ ގެންގުޅެއެވެ. އެފަދަ މީހުން އެ ގެންގުޅެ، އެ ބަލަހައްޓާ އެ ސާފުކޮށް ހަދައެވެ. ފަހެ ހުރިހާ ކަނޑެއްގެ ހުރިހާ ފެނަކުން ދޮވުނަސް އެ ޠާހިރުވާނެ ގޮތެއް ނެތެވެ. އެހެނީ އެއީ އޭގެ ޛާތުގައިވެސް ނަޖިސް އެއްޗެއްކަމުގައި އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެއްޗެކެވެ.

އެގޮތުން ޝާފިޢީ މަޛްހަބާއި [1] ޙަންބަލީ މަޛްހަބާއި [2] ޙަނަފީންގެ ތެރެއިން އަބޫ ޔޫސުފާއި މުޙައްމަދު ބުން އަލް ޙަސަންގެ ބަސްފުޅަކީ [3] ކުއްތާގެ ހުރިހާ ބައެއްވެސް ނަޖިސްކަމަށެވެ. އަދި ޙަނަފީންގެ ރައުޔަކީ ކުއްތާ އެއްޗަކުން ބޮއެފިނަމަ އޭގެން ބާކީވާ ބަޔާއި ކުއްތާގެ ގައިގައި ހުންނަ ތެތްކަމަކީ ނަޖިހެއް ކަމުގައެވެ. [4]

 

ކުއްތާ އެއީ ނަޖިސް އެއްޗެއްކަމަށް ގެނެސްފައިވާ ބައެއް ދަލީލުތަކަކީ:

«إِذَا شَرِبَ الكَلْبُ فِي إِنَاءِ أَحَدِكُمْ فَلْيَغْسِلْهُ سَبْعًا» [رواه البخاري (172)]

މާނައީ: “ތިޔަބައިމީހުން ކުރެ މީހެއްގެ ކަންވާރުން (ތަށްޓެއްފަދަ އެއްޗަކުން) ކުއްތާއެއް ބޮއެފިނަމަ، ފަހެ ހަތްފަހަރު އެ ދޮންނާށެވެ.”

އަދިވެސް ޙަދީޘްކުރެއްވިއެވެ.

«طَهُورُ إِنَاءِ أَحَدِكُمْ إِذَا وَلَغَ فِيهِ الْكَلْبُ، أَنْ يَغْسِلَهُ سَبْعَ مَرَّاتٍ أُولَاهُنَّ بِالتُّرَابِ» [رواه مسلم 91 – (279)]

މާނައީ: “ތިޔަބައިމީހުން ކުރެ މީހެއްގެ ކަންވާރުގައި ކުއްތާ ދޫލައިފިނަމަ، އެ ޠާހިރުވާނީ ހަތްފަހަރު ދޮވުމުންނެވެ. އޭގެ ތެރެއިން ފުރަތަމަ ފަހަރު ވެލިން ސާފުކުރާށެވެ.”

 

މި ޙަދީޘްތަކުން ދަލީލު ނަންގަވާފައިވާ ގޮތަކީ:

މި ޙަދީޘްތަކުގައި މިވަނީ ވަކި ޢަދަދަކަށް ދޮވުމަށާއި ވެލިން ސާފުކުރުމަށް އަމުރުކުރައްވާފައެވެ. މި ކަންކަމުން ދަލާލަތު ކުރަނީ ކުއްތާގެ ނަޖިހުގެ ނަޖިސްކަން ބޮޑު ކަމެވެ.

 

އަދި އެހެން ޙަދީޘެއްގައި ވެއެވެ.

أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَصْبَحَ يَوْمًا وَاجِمًا، فَقَالَتْ مَيْمُونَةُ: يَا رَسُولَ اللهِ، لَقَدِ اسْتَنْكَرْتُ هَيْئَتَكَ مُنْذُ الْيَوْمِ، قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ جِبْرِيلَ كَانَ وَعَدَنِي أَنْ يَلْقَانِي اللَّيْلَةَ فَلَمْ يَلْقَنِي، أَمَ وَاللهِ مَا أَخْلَفَنِي»، قَالَ: فَظَلَّ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَهُ ذَلِكَ عَلَى ذَلِكَ، ثُمَّ وَقَعَ فِي نَفْسِهِ جِرْوُ كَلْبٍ تَحْتَ فُسْطَاطٍ لَنَا، فَأَمَرَ بِهِ فَأُخْرِجَ، ثُمَّ أَخَذَ بِيَدِهِ مَاءً فَنَضَحَ مَكَانَهُ، فَلَمَّا أَمْسَى لَقِيَهُ جِبْرِيلُ، فَقَالَ لَهُ: «قَدْ كُنْتَ وَعَدْتَنِي أَنْ تَلْقَانِي الْبَارِحَةَ»، قَالَ: «أَجَلْ، وَلَكِنَّا لَا نَدْخُلُ بَيْتًا فِيهِ كَلْبٌ وَلَا صُورَةٌ» [رواه مسلم 82 – (2105)]

މާނައީ: “ހަމަކަށަވަރުން އެއްދަވަހަކު ﷲ ގެ ރަސޫލާ صلى الله عليه وسلم ވަރަށް ކަންބޮޑުވެވަޑައިގަންނަވާފައި ހުންނެވިއެވެ. ފަހެ، މައިމޫނަތުގެފާނު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! މިއަދު ކަލޭގެފާނު ތިޔަ ހުންނެވީ ޢާންމުކޮށް ފެންނަ ގޮތަކަށް ނޫނެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ރޭގައި ތިމަންކަލޭގެފާނާ، ޖިބްރީލުގެފާނު ބައްދަލުކުރައްވާނެކަމުގެ ވަޢުދުވެވަޑައިގެންނެވިއެވެ. ﷲ ގަންދީ ޙަދީޘްކުރައްވައެވެ. އެކަލޭގެފާނު ދުވަހަކުވެސް (ވަޢުދާ) ޚިލާފުވެވަޑައި ނުގަންނަވައެވެ. ދެން އެދުވަހު އެއްކޮށް އެގޮތުގައި އެކަލޭގެފާނު ހުންނެވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ހިތްޕުޅަށް އަރައިވަޑައިގަތީ އެކަލޭގެފާނުގެ ޓެންޓެއްފަދަ އެއްޗެއްގެ ތެރޭގައިވާ ކުޑަކުއްތާއެއް އުޅުނު ހަނދާނެވެ. ފަހެ އެ ނެރުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. ދެން އެކަލޭގެފާނުގެ އަތްޕުޅުން ފެންފޮދެއް ނަންގަވާފައި އެތަން ދޮވެލެއްވިއެވެ. ހަވީރުވުމުން ޖިބްރީލުގެފާނު ވަޑައިގެންނެވިއެވެ. ފަހެ ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ރޭގައި ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަންނަވާނެކަމުގެ ވަޢުދުވެވަޑައިގެންނެވީމުއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އާދޭހެވެ. އެހެނަސް އެ ގެއެއްގައި ކުއްތާއެއް ނުވަތަ ޞޫރައެއްވާ ގެއަކަށް ތިމަންބޭކަލުން (އެބަހީ: މަލާއިކަތުން) ވެދެވަޑައި ނުގަންނަވަމެވެ.”

 

މި ޙަދީޘުން ދަލީލު ނަންގަވާފައިވާ ގޮތަކީ:

ކުއްތާ އުޅުނު ތަން އެކަލޭގެފާނު ދޮންނެވިއެވެ. އެއީ ޠާރިހު ތަނެއްކަމުގައިވާނަމަ އެތަން ދޮވުމުގެ ޙާޖަތެއް ނުވެއެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“ކުއްތާގެ ނަޖިސްކަމާ ގުޅޭ ގޮތުން ތިން ބަސްފުޅެއް ވެއެވެ.

ފުރަތަމައީ: އެއީ ޠާހިރު އެއްޗެކެވެ. އޭގެ ކުޅުވެސް އެއީ ޠާހިރު އެއްޗެކެވެ. މިއީ މާލިކީންގެ ބަސްފުޅެވެ.

ދެވަނައީ: އެއީ ނަޖިސް އެއްޗެކެވެ. އޭގެ ކެހެރިވެސް ނަޖިހެވެ. މިއީ ޝާފިޢީ މަޛްހަބާއި އިމާމުގެ އަޙުމަދުގެ އަރިހުން އައިސްފައިވާ އެއް ރިވާޔަތެވެ.

ތިންވަނައީ: އޭގެ ކެހެރި ޠާހިރެވެ. އެހެނަސް އޭގެ ކުޅު ނަޖިހެވެ. މިއީ އަބޫ ޙަނީފާގެ މަޛްހަބެވެ. އަދި އިމާމުގެ އަޙުމަދުގެ އަރިހުން އައިސްފައިވާ އަނެއް ރިވާޔަތެވެ. އަދި މިއީ މިކަމުގައި އެންމެ ޞައްޙަ ބަސްފުޅެވެ.

އޭގެ (ކުޅު ފިޔަވައި) ހަށިގަނޑުގައިވާ ތެތްކަން ހެދުމެއްގައި ނުވަތަ އިންސާނެއްގެ ހަށިގަނޑުގައި ޖެހިއްޖެނަމަ އެ ނަޖިހެއް ނުވާނެއެވެ.” [5]

 

= ނުނިމޭ =

 


 

[1] ބައްލަވާ: المجموع للنووي (2/ 567)، و الأم للشافعي (1/18)، الحاوي الكبير للماوردي (1/13).

[2] ބައްލަވާ:  الفروع لابن مفلح (1/314)، الإنصاف للمرداوي (1/310).

[3]  ބައްލަވާ:  البحر الرائق لابن نجيم (1/106)، وبدائع الصنائع للكاساني (1/63).

[4]  ބައްލަވާ:  حاشية ابن عابدين (1 / 204).

[5] مجموع الفتاوى ( 21 / 530 ).

 

މި ލިޔުމުގެ އެހެން ބައިތައް