ފަސްވަނައީ: ކުއްތާ ގެންގުޅުން ނަހީކުރެއްވުމުގެ ޙިކުމަތަކީ ކޮބާ؟ މި ޒަމާނުގައި ކުއްތާއަށް ވެކްސިން ޖެހުމުން އިސްލާމްދީނުގައި ކަނޑައަޅާފައިވާ ޙުކުމަށް އެއްވެސް ބަދަލެއް އަންނާނެތަ؟
އިސްލާމީ ޝަރީޢަތުގައި އަމުރުކުރައްވާފައިވާ ކޮންމެ ކަމެއްގައިވަނީ މުކައްލަފުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތެވެ. އަދި ނަހީކުރައްވާފައިވަނީ އެބައިމީހުންނަށް ގެއްލުން ހުރި ކަންކަމެވެ. އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ކަންކަމުގެ ފަހަތުގައިވާ ބައެއް ޙިކުމަތްތައް މީސްތަކުންނަށް އެނގުން އެކަށީގެންވެއެވެ. އަދި ބައެއް ފަހަރު އެކަން ދެނެގަތުމަށް މީސްތަކުންނަށް ކުޅަދާނަކަން ލިބިގެން ނުވެއެވެ. އަދި ބައެއް ފަހަރު އެކަންކަމުގެ ތެރެއިން ބައެއް ޙިކުމަތްތައް ދެނެގަނެވެއެވެ.
ކުއްތާ ދޫލާފައިވާ ކަންވާރު ދޮވުމަށް އިސްލާމްދީނުގައި އަމުރުކުރައްވާފައިވާ އެއް ސަބަބަކީ އޭގެ ކުޅުގައިވާ ނަޖިހެވެ. އަދި އޭގެން ފެތުރޭ ބަލިތަކެވެ. އަދުގެ ޒަމާނީ ޑޮކްޓަރީ ޢިލްމުގައިވެސް މިކަންވަނީ ބަޔާންވެގެންނެވެ. އެހެންކަމުން އިސްލާމްދީނުގައިވާ އަމުރުފުޅުތަކަށް ބޯލަނބާ މީހަކަށް އެކަންކަމުގެ ޙިކުމަތް ނޭނގުނަސް އެކަމުގެ ފައިދާތައް ލިބިގެންދާނެއެވެ. ހަމައެއާއެކު މިފަދަ ޙިކުމަތްތައް ދެނެގަތުމަށް މަސައްކަތްކުރުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޙުކުމްތަކަށް ޢަމަލުކުރުމުގައި ބަލަންޖެހެނީ އޭގެ ޙިކުމަތް އެނގުމާއި ނޭނގުމަކަށް ނޫނެވެ. އެކަމަށް އަމުރުކުރައްވާފައިވާކަން ނުވަތަ ނަހީކުރައްވާފައިވާކަން މުސްލިމަކަށް އެނގުމުން، އެކަމަށް ބޯލަނބަން ޖެހޭނެއެވެ.
އެގޮތުން އިސްލާމްދީނުގައި އަމުރުކުރައްވާފައިވާ ގޮތަށް، ކުއްތާ ކައިބޮއިފާ ހުންނަ ތަށިތައް، ނުދޮވެ، އޭގައި ކައިބޮއި ހެދުމަކީ ބަލިތައް ޖެހޭ ސަބަބެކެވެ. އަދި ބައެއް ބަލިތައް ޖެހެނީ އެބަލިތައް ޖައްސާ ޖަރާސީމު ކުއްތާގެ ކިބައިގައި ވާތީއެވެ. އަދި ކުއްތާއަށް ބޮސްދީ ހެދުމަކީވެސް އެފަދަ ބަލިތައް ޖެހުން މެދުވެރިވެދާނެ ސަބަބެކެވެ.
ކުއްތާގެ ސަބަބުން ޖެހޭ ބައެއް ބަލިތަކުގެ ތެރޭގައިން އެއް ބައްޔަކީ pasteurella އެވެ. މިއީ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ބައެއް ޙާލަތްތަކުގައި އިންސާނުންނާއި ޖަނަވާރުތަކުގެ ހަށިގަނޑުގެ މައްޗަށް ވެރިވެ ހަށިގަނޑު ބަލިކޮށްލާ ޖަރާސީމެކެވެ.
އަދި އަނެއް ބައްޔަކީ ޕެރެސައިޓުން ޖެހޭ ބައްޔެކެވެ. މިއީ އިންސާނުންނާއި ޖަނަވާރުތަކަށްވެސް ޖެހޭ ބައްޔެކެވެ. މި ބަލީގައި ގޮހޮރާއި ފުރަމެއާއި ބަނޑަށް އަސަރުކުރެއެވެ. މި ބަލި ޖެހެނީ tapeworm އިންނެވެ. މި ފަނީގެ ދިގުމިނަކީ 2 – 9 މިލިމީޓަރެވެ. އޭގައި ތިން ބައި ހިމެނެއެވެ. އެއީ ބޮލަކާއި ކަރަކާ އަދި ބޮލުގައިވާ ހަތަރު suckers އެވެ. މީގެ ބޮޑެތި ފަނި ދިރިއުޅެނީ ކުއްތާއާއި ބުޅަލާއި ކާޅުފަދަ ޖަނަވާރުގެ ގޮހޮރުގައެވެ. އިންސާނުންގެ ގަޔަށް މި ފަނިއަރަނީ މިފަދަ ޖަނަވާރު ގެންގުޅޭ މީހުން އެއެއްޗެއްސަށް ބޮސްދީ ހެދުމުންނެވެ. ނުވަތަ އެ އެއްޗެހި ބޮއެފަ ހުންނަ ތަށިން ބުއިމުންނެވެ. [1]
ކުއްތާ ގެންގުޅުން ނަހީކުރެއްވުމުގައި މި ނޫން އެހެން ސަބަބުތައް ހުރުންވެސް އެކަށީގެންވެއެވެ. އަދި ކުއްތާ ގެންގުޅުން ނަހީކުރައްވާފައިވާ ދަލީލުތަކުގައިވެސް އޭގެ ހުރިހާ ސަބަބެއް ބަޔާންކުރައްވާފައި ނުވުންވެސް އެކަށީގެންވެއެވެ.
އެހެންކަމުން އަދުގެ ޒަމާނީ ވެކްސިންތަކުގެ ސަބަބުން ކުއްތާގެ ފުށުން އަރާ ބަލިތަކަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިފައިވިޔަސް އެއީ ކުއްތާ ގެންގުޅުން ނަހީކުރެއްވުމާއި އޭގެ ނަޖިސްކަމަށް ބަދަލު އަންނާނެ ޙުކުމެއް ނޫނެވެ. އެކަން ޝަރުޢުކުރައްވާފައިވަނީ މި ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ، ކައުނުގައިވާ ހުރިހާ އެއްޗެއް ޚަލްޤުކުރެއްވި ޢާލަމްތަކުގެ ރައްބެވެ.
އަދި އެ ވެކްސިންތަކަކީ ހުރިހާ ކުއްތާއަކަށް ޢާންމު، ހުރިހާ ބަލިތަކަށާއި ޙާލަތްތަކަށް ޔަޤީން އެއްޗެއް ނޫނެވެ. މިފަދަ ކަންކަމުގައި އިންސާނާގެ ޢިލްމު ކިތަންމެ ތަނަވަސްވިޔަސް އެއީ އަބަދުވެސް އޭގައި އުނިކަމެއްވާ، އިތުރު ދިރާސާތަކުގެ ސަބަބުން ބަދަލުވަމުންދާ އެއްޗެކެވެ. އަދި ހަމައެއާއެކު ކުއްތާ ގެންގުޅުން ނަހީކުރެއްވުމުގެ އެހެން ޢިއްލަތެއްވެސް ވެއެވެ. އެގޮތުން މި ލިޔުމުގެ ކުރީ ކޮޅުގައި ބަޔާންވެގެން ދިޔަ ފަދައިން އެ ގެއެއްގައި ކުއްތާއެއްވާ ގެއަކަށް މަލާއިކަތުން ވަދެވަޑައި ނުގަންނަވާނެކަން ޞައްޙަ ޙަދީޘްގައި ވާރިދުވެފައިވެއެވެ.
ޚުލާޞާއަކީ އަދުގެ ޒަމާނީ ބޭސްފަރުވާއާއި ވެކްސިންގެ ސަބަބުން ކުއްތާ ގެންގުޅުމާއި އޭގައި އަތްލުން ނަހީކުރައްވާފައިވާ ޙުކުމަށް ބަދަލެއް ނާދެއެވެ.
= ނުނިމޭ =
[1] ބައްލަވާ: أمراض الحيوانات الأليفة التي تصيب الإنسان للدكتور علي إسماعيل عبيد السنافي.