ހަވަނައީ: ވެލިން ސާފުކުރުމުގެ ބަދަލުގައި ސައިބޯނިފަދަ އެއްޗަކުން ސާފުކުރުމުން ފުދޭނެ ތަ؟
މިކަމުގައި ޝާފިޢީ މަޛްހަބުގެ ބަސްފުޅަކީ ވެލި ބޭނުންކުރުމަކީ ލާޒިމުކަމެކެވެ. އަދި އޭގެ ބަދަލުގައި އެހެން އެއްޗެއް ބޭނުމެއް ނުކުރެވޭނެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ވަނީ އެ ކަނޑައަޅުއްވައި، އެ ބޭނުންކުރުމަށް އަމުރުކުރައްވާފައެވެ. [1]
ޙަންބަލީ މަޛްހަބުގެ ބަސްފުޅަކީ ވެލީގެ ބަދަލުގައި ސައިބޯނިފަދަ އެއްޗެއް ބޭނުން ކުރެވޭނެއެވެ. [2]
ޒަމާނީ ޢިލްމުތަކުން ޘާބިތުވާ ގޮތުގައި ވެލީގައި ހިމެނޭ (Tetracycline) ފަދަ ބައެއް މާއްދާތަކަކީ ޖަރާސީމުތަކާ ދެކޮޅަށް ބޭނުންކުރާ މާއްދާތަކެކެވެ. އެގޮތުން ކުއްތާގެ ކުޅުގައި ހުންނަ ޖަރާސީމުތަކާ ދެކޮޅަށްވެސް އެ ބޭނުން ކުރެއެވެ. [3]
އަދި ވެލި ނޫން އެއްޗެއް މިކަމުގައި ބޭނުން ނުކުރެވޭނެކަމަށް ބުރަވެވަޑައިގެން ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله ވިދާޅުވިއެވެ.
“1. ނައްޞުގައި ވެލީގެ ވާހަކަ ބަޔާންކުރައްވާފައިވާތީ އެކަމަށް ތަބާވުން ލާޒިމުވެގެންވެއެވެ.
- ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައިވެސް ސައިބޯނީގެ ގޮތުގައި ބޭނުން ކުރި އެކި މާއްދާތައް ހުއްޓެވެ. އެގޮތުން ކުންނާރުފަތް ފަދަ ތަކެތި އެޒަމާނުގައި ބޭނުން ކުރިއެވެ. އެހެނަސް އެކަލޭގެފާނު އެބޭނުން ކުރުމަކަށް އިޝާރާތް ނުކުރައްވައެވެ.
- ކުއްތާގެ ކުޅުގައިވާ ޖަރާސީމުތައް މަރާލާފަދަ މާއްދާއެއް ވެލީގައި ހުރުން އެކަށީގެންވެއެވެ.
- ވެއްޔަކީ ޠާހިރުކުރުމަށް އިސްލާމީ ޝަރީޢަތުގައި ބޭނުން ކުރާ އެއްޗެކެވެ. އެހެނީ ތަޔައްމުމު ކުރާއިރު ފެން ނެތް ޙާލަތުގައި އޭގެ ބަދަލުގައި ވެލި ބޭނުން ކުރެއެވެ… އަދި ފަހަރުގައި މިކަމުގައި އެހެން ބާވަތްތަކާ ވެލި ތަފާތުވުމުން އިޚްތިޔާރުކުރައްވާފައިވުންވެސް އެކަށީގެންވެއެވެ. އަދި އެއީ ޠާހިރުވުމަށް ބޭނުންކުރާ ދެ މާއްދާއިން ކުރެ އެއް މާއްދާއެވެ. އެހެނަސް އެ ނޫން
މާއްދާތައް އެކަމުގައި ތަފާތެވެ. އެހެންކަމުން ޞައްޙަ ގޮތަކީ ވެލީގެ ބަދަލުގައި އެހެން އެއްޗެއް މިކަމުގައި ނުފުދޭނެއެވެ. އެހެނަސް ވެލި ލިބެން ނެތް ޙާލަތެއްގައި – މިއީ ވަރަށް ދުރު ކަމެއް – ހަމައެކަނި ފެނުން ދޮވުމުގެ ބަދަލުގައި ސައިބޯނިފަދަ އެއްޗެއް ބޭނުން ކުރުން ރަނގަޅެވެ. [4]
ނިންމުން
ކުއްތާއާ ގުޅުން ހުރި މިފަދަ ޙުކުމްތައް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވުމުން އެނގިގެން ދަނީ އިސްލާމީ ޝަރީޢަތުގެ ފުރިހަމަކަމާއި ޝާމިލުކަމެވެ. އަދި މި ޝަރީޢަތަކީ ޢާލަމްތަކުގެ ރައްބުގެ ޙަޟްރަތުން ބާވައިލެއްވުނު ރަޙުމަތެއްކަމެވެ.
ދުޢާއަކީ އަޅަމެންނީ މިފަދަ ޙުކުމްތައް އުނގެނި އެގޮތަށް ތަބާވާ ބަޔަކުކަމުގައި ލެއްވުމެވެ.
=ނިމުނީ =
[1] ބައްލަވާ: المجموع للنووي (2 / 600)، وروضة الطالبين له (ص :16).
[2] ބައްލަވާ: المغني لابن قدامة (1 / 74)، والإنصاف للمرداوي (2 / 248).
[3] المضار الصحية لاقتناء الكلاب لد. هشام ابراهيم الخطيب، الوعي الإسلامي – مارس1986م.
[4] الشرح الممتع للعثيمين (1 / 419).